އެމެރިކާގެ ސިޔާސީ މަސްރަޙުގައި ނަސާރާދީން މުހިންމު ދައުރެއް ކުޅެމުން ގެންދިޔަނަމަވެސް ގައުމުގެ ޒުވާނުންގެ މެދުގައި ދީނުގެ އަހަންމިއްޔަތު ދަނީ ކުޑަވަމުންކަން ދިރާސާތަކުން ހާމަވެއްޖެއެވެ.
އެމެރިކާއަށް މިއަދު ކުރިމަތިލާން ޖެހިފައިމިވަނީ ދީނެއް ގަބޫލުނުކުރާ ރައްޔިތެއް ގެންގުޅޭށެވެ. ދިރާސާތަކުން ހާމަވެގެންދާ ގޮތުން އެމެރިކާގައި ކޮންމެ އަހަރަކު އެތައް ހާސް ފައްޅިއެއް ބަންދުކުރަން އެބަޖެހެއެވެ.
ފައްޅިއަށް ދާނެ މީހަކު ނުވާތީއެވެ. ކޯވިޑް 19 ގެ ފަހުން މިއަދަދު އިތުރު ވެގެން ދާން ފަށައިފިކަމުގައި ބުނެއެވެ. 2019 ވަނަ އަހަރު މީހުންނުދާތީ ގާތްގަނޑަކަށް 4500 ފައްޅި ބަންދުކުރަންޖެހުނެވެ. މީގެ ތެރޭގައި ފަހުން މީހުން އަންނާނެކަމަށް ބަލާފައި ވަގުތީގޮތުން ބަންދުކުރަންޖެހުނު ފައްޅިތައް ނުހިމެނެއެވެ.
ފާއިތުވެގެން މިދާ ތިންއަހަރުދުވަހުގެ ތެރޭގައި ބަންދުކުރަންޖެހުނު ފައްޅިތަކުގެ ނިސްބަތް 2019 އަށްވުރެން ގިނަވާނެ ކަމަށް ބެލެވެއެވެ. ވަރަށް ގިނަ ފައްޅިތައް މިހާރު ވިއްކަން ހުށައަޅާފައިވެސް އެބަހުއްޓެވެ.
އެމެރިކާގެ ގިނަ ރައްޔިތުން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މިހާރު ބުނަމުންގެންދަނީ އެމީހުންނަށް ދީނެއް ބޭނުން ނޫން ކަމަށެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އެވްރެޖް ގޮތެއްގައި ފައްޅިތަކަށް ދިޔައީ އެތަންތާގެ ކެޕޭސިޓީގެ %85 އެވެ. ނަމަވެސް 2022 ގައި އެ އަދަދު އުޅެނީ %67 ގައެވެ. ބައެއް ޒުވާނުން ދެކޭގޮތުގައި ފައްޅިއަށް ދިއުމަކީ ބޭނުން ކަމެއް ނޫނެވެ.
މީގެ ކުރިން ހައިސްކޫލްގައި ކިޔަވާކުދިންގެ ތެރެއިން ކޮންމެ 22 ކުއްޖެއްގެ ތެރެއިން 18 ކުދިން ގަވައިދުން ފައްޅިއަށް ދިޔަނަމަވެސް މިހާރު އެ އަދަދު އުޅެނީ 10 އަކުން 3 ގައެވެ. އެކުދިން ދެކޭގޮތުގައި ފައްޅިތަކުން އެމީހުންގެ ބޭނުންތައް ފުއްދާދިނުމަށް ކުރެވިދާނެ ކަމެއް އޮތްކަމަށް ގަބޫލެއް ނުކުރެވެއެވެ.
2020 ވަނައަހަރުގެ ދިރާސާތަކުގައި އެމެރިކާގައި %64 އަކީ ނަސާރާދީނުގެ އަހުލުވެރިންނެވެ. އެހެންނަމަވެސް މިހާރު އަންދާޒާ ކުރެވޭގޮތުގައި 2027 ވަނައަހަރާ ހަމަޔަށްދާއިރު އެމެރިކާގައި ނަސާރާ ދީނަށް ތަބާވާ މީހުންގެ ނިސްބަތަކީ %50 ކަމުގައި ވާނެއެވެ. ނުވަތަ އެއަށްވުރެންވެސް މަދުވާނެއެވެ.
އެމެރިކާގައި މީހުންނުދާތީ ފައްޅިތައް ބަންދުކުރަން ޖެހިފާ އޮތް ކަމުގައިވިޔަސް ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާމީހުން އަދިވެސް ވަރަށް ގިނައެވެ.