އައްޑޫސިޓީ ހިތަދޫން 500 ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިކަމަށް ފުރުސަތު ހުޅުވައިލީ ރޭ ވަރަށް ދަންވި ފަހުން ކުރި އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫން 1500 އަކަފޫޓްގެ 500 ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ކެޓަގަރީ A ޚާއްސަކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ރައްޔިތުންނަށެވެ. އެއީ 450 ގޯއްޗެވެ. ކެޓަގަރީ B ޚާއްސަކޮށްފައިވަނީ ހިތަދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ. އެއީ 50 ގޯއްޗެވެ.
ގޯއްޗަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 23 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭއިރު, ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 05 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހިތަދޫ އަވަށު އޮފީހުންކަމަށް އިއުލާނުގައިވެއެވެ.
މި ހަފުތާގެތެރޭގައި ވަނީ އައްޑޫ ސިޓީގެ ފޭދޫންނާއި މީދޫންނާއި ހުޅުދޫން ވެސް ގޯތި ދޫކުރަން ނިންމައި ފުރުސަތު ހުޅުވައިލާފައެވެ. އެކަމަށް ހުޅުވައިލީ ވެސް ދަންވަރުއެވެ. އެ ގޮތުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.