ރާއްޖެއަށް އެތެރެކުރާ ލޮލަށް އަޅާ ބޭހެއް ކަމަށް އެލާސައިން އައި ޑްރޮޕްސްގެ ބެޗެއްގައި ޑިފެކްޓެއް ހުރުމުން އެ ބޭސް ބޭނުންނުކުރުމަށް އަންގައިފިއެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މެލޭޝިޔާގެ ކުންފުންޏަކުން އުދައްފާ އެލާސައިން އައި ޑްރޮޕްސްގެ ބެޗް ނަންބަރު 200230L, 200827L, 193033L ,200608L ,200607L, 200825L ގައި ޑިފެކްޓެއް ހުރިކަމަށް މެލޭޝިޔާގެ ޑްރަގް ރެގިއުލޭޓަރީއިން އަންގާފައިވާ ކަމަށެވެ.
އެ ބެޗްތަކުގެ ތެރެއިން 193033L އާއި 200607L ރާއްޖެއަށް ޑިސްޓްރިބިއުޓް ކޮށްފައިވާ ކަމަށް މެލޭޝިޔާގެ ޑްރަގް ރެގިއުލޭޓަރީން އަންގާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެބޭހަކީ އެމްއެފްއޭޑީއޭގައި ރަޖިސްޓްރީކޮށް ރާއްޖެއަށް އިމްޕޯޓް ކުރުމަށް ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމަނާފައިވާ ބޭހެކެވެ. އެހެންވެ، އެ ބޭސް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި ގުޅިގެން ޑިފެކްޓް ހުރި ބެޗްތައް މާކެޓުން ނަގަމުން ގެންދާނެ ކަމަށާއި އެ ބޭސް ބޭނުންކުރާ ފަރާތްތަކުން ތަކުންވެސް ޑިފެކްޓްހުރި ބެޗްތޯ ޗެކްކޮށް ބޭސް ބޭނުންނުކުރުމަށް ވަނީ އަންގާފަ އެވެ.
”ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލު ކަމެއްދީގެ ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ“ އެމްއެފްއޭޑީއޭން ބުންޏެވެ.
އެމްއެފްއޭޑީއޭން ބުނީ އެ ބޭސްތަކާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ގުޅައި މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ.