ސްކައުޓު ހަރަކާތުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ސްކައުޓް ހަރަކާތުގެ ތެރެއިން ދަސްވާ ދިރިއުޅުމުގެ ހުނަރުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ޖަމްބަރީ އޮން ދަ އެއަރ-ޖަމްބަރީ އޮން ދަ އިންޓަރނެޓް (ޖޮޓާޖޮޓީ) 2022، ރާއްޖޭގައި ރަސްމީ ގޮތުން މިއަދު ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކައުޓް ހަރަކާތަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތި ކުރިއަރަމުން އަންނަ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ހަރަކާތްކަމާއި، އަދި އެ ހަރަކާތް އެގޮތުގައި ކުރިއަރައިދަނީ ޤައުމުތަކާއި، މުޖުތަމަޢަށް އަދި ވަކިވަކި ފަރުދުންނަށްވެސް މި ހަރަކާތުގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާތީކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިއަދު ފެށުނު ޖަމްބަރީއާ އެކުވެސް ރާއްޖޭގެ އެކި ރަށްރަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންގެ މެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން އުފެދިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ކުދިންނަށް ޒިންމާދާރުވާން ދަސްވުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްވުން ފަދަ އެތައް ފައިދާތަކެއް ސްކައުޓް ހަރަކާތުން ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދިރިއުޅުމުގައި ޚަރަދު ކުޑަކުރުމާއި، ރަނގަޅުގޮތުގައި ކުނިމެނޭޖްކުރުމާއި، ވެށި ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.
ޖޮޓާޖޮޓީ 2022 ރާއްޖޭގައި ރަސްމީގޮތުން ހުޅުވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމެޗަރ ރޭޑިއޯ މެދުވެރިކޮށް ސްރީލަންކާގައި ތިބި ސްކައުޓުންނަށް މެސެޖެއް ފޮނުއްވާފައެވެ.
ޖޯޓާޖޯޓީ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ޢުމުރުފުރާތަކުގެ ސްކައުޓުން އިންޓަރނެޓް އަދި ރޭޑިއޯ މެދުވެރިކޮށް ގުޅުވާލައިދޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. ކޮންމެ އޮކްޓޫބަރު މަހެއްގައި ބާއްވާ މި ހަރަކާތް މިއަހަރު ބާއްވަނީ މި އޮކްޓޫބަރު މަހުގެ 14 އިން 16 އަށެވެ. މި ހަރަކާތުގައި 172 އަށްވުރެ ގިނަ ޤައުމުތަކުން ދެ މިލިޔަނަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެއެވެ.
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިހަރަކާތް ރާއްޖޭގައި މިއަދު ފެށިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންނަށްވެސް ވަރޗުއަލްކޮށް މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ.