އަމީނީ މަގުގައި ތާރުއަޅައި މަގު ހެނދުމަށް ގަސްތައް ކަނޑަމުން އަންނާތީ ކޯޓަށް މައްސަލަ ވައްދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ދެއްވައިފިއެވެ.
އަމީނީ މަގު ހެދުމަށް އެ މަގުން ގަސްތައް ކަނޑާތީ އެކަމާ މީގެ ކުރިންވެސް ނުރުހުންފާޅުކޮށްފައިވާ ރައީސް ނަޝީދު މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުގައި އިންނަވާ ވިދާޅުވީ އެ ނޫން ގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށާ ނޫނީ އަމިއްލަ ހައިސިއްޔަތުން ކޯޓަށް ވަޑައިގަންނަވަން ޖެހިދާނެކަމަށެވެ.
”އަޅުގަނޑު އުއްމީދު ކުރަން އެ ކުންފުނިން އިންނާއި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން މިކަމާ އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް. އެހެން ނޫންނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ވަޑައިގަތުން ނޫން ގޮތެއް ނެތް،“ ނަޝީދު ވިދާޅުވި އެވެ.
ވާރޭވެހޭއިރު އާންމުކޮށް ވަރަށްބޮޑަށް ފެންބޮޑުވެ ރައްޔިތުންނަށް ބޮޑު އުދަގޫތަކާ ކުރިމަތިވަމުންދިޔަ އަމީނީމަގު ތާރުއަޅައިގެން އެ އުދަގީތަކަށް ހައްލުގެނައުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކޯޕަރޭޝަނެއް ކަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރުޑީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. ހަތް މަސް ދުވަހުގެ ތެރޭ މަސައްކަތްނިންމާގޮތަށް އާރުޑީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާއެވެ.
މަޝްރޫއުގެ މަސައްކަތް ފެށުމާއެކު އާރްޑިސީން ވަނީ އަމީނީ މަގުގައި ހުރި ބައެއް ގަސްތައް ނަގާފައެވެ. އާރްޑީސީން ބުނެފައިވަނީ ގަސްތައް ކެޑުން އެ ކޯޕަރޭޝަންވެސް ތާއީދު ނުކުރާ ކަމަށާ ނަމަވެސް އަމީނީމަގުން ކަނޑާ ގަސްތަކަކީ މަގުހެދުމަށް ކޮންމެހެން ކަނޑަންޖެހިގެން ކަނޑަމުން އަންނަ ގަސްތަކެއް ކަމަށެވެ. އަދި ކަނޑާލާ ގަސްތަކަށް ގަހެއް އިންދުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ. އަދި ނެގި ގަސްތައް ގެންދާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ހަދަމުންދާ ކުޑަގިރި އަށް ކަމަށްވެއެވެ.
އަމީނީ މަގުން ގަސްތައް ކަނޑަމުން ދާތީ ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ މަޖިލީސް ޖަލްސާއެއްގައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިމަހުގެ 20 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަގެއް ހެދުމަށް ނަގާނީ ދެތިން މަސް ކަމަށާއި އެމަކު ގަހެއް ރަނގަޅަށް ހެދުމަށް 20 އަކަށް އަހަރު ނަގާނެ ކަމަށެވެ. އެހެންވެ ގަސް ނުކަނޑާ މަގު ހެދޭނެ ގޮތެއް ހޯދުމަށް އާރްޑީސީއާއި މާލޭ ސިޓީ ކައުންސިލް އިދާރާއަށް އެ ދުވަހު ވެސް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.