ނިއުކްލިއަރ ހަތިޔާރުގެ ވާހަކައަކީ އަޅުގަނޑުމެންނަށް އިވިއިވި ހުންނަ ވާހަކަތަކެކެވެ. ގިނަފަހަރަށް އެވާހަކަތައް އެއްކަންފަތުން ވަދެ އަނެއް ކަންފަތުން ބޭރުވެގެންދަނީ މަޖާ ހިނިގަނޑަކާ ވެސް އެކުގައެވެ. އޭގެ ނުރައްކާތެރި ކަމާމެދު ކުޑަކޮށްވެސް ވިސްނާލާކަށް ބޭނުމެއް ނުވާކަހަލައެވެ.
އެކަމަކުވެސް އެކަމުގެ ނުރައްކާތެރިކަން އެނގޭ މީހުން، ސައެންސްވެރިން އެ ގެންދަނީ އެމީހުންގެ ޒިންމާ މުޅި އިންސާނިއްޔަތަށް ފޯރުކޮށްދެމުންނެވެ. ވިސްނާ ފިކުރުކޮށް އެފަދަ ޙާލަތަކުން ދުނިޔެއާއި އެތަނުގައި ދިރިއުޅޭ އެންމެހާ ދިރިހުރުންތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ވިހާވެސް ގިނަ މަގުތަކެއް ހޯދަން ޖެހޭ ކަމަށްބުނެ އާދޭސް ކުރަމުންނެވެ.
ދުނިޔޭގެ މަޝްރަހަށް އަންނަމުންމިދާ ނުރައްކާތެރި ބަދަލުތަކުގެ ސަބަބުން އެއްވެސް ދެގައުމެއްގެ ދެމެދުގައި ނިއުކްލިއަރ ހަނގުރާމައެއް ފެށިއްޖެނަމަ މުޅިދުނިޔެ އަނެއްކާވެސް އައިސް އޭޖަކަށް ދާނެކަމަށް ސައިންސްވެރިން އިންޒާރުދީފިއެވެ. އެފަދަ ޙާލަތެއްގައި އުފެދޭ އަލިފާނުގެ ކޮޅިގަނޑުތަކެއްގެ ސަބަބުން ކަޅު ދުންތަކެއް އުފެދި އެ ދުންތައް އެތައް ހާސް މޭލަކަށް ފެތުރި އިރުގެ އަލިކަން ދުނިޔެއަށް ގެއްލިގެން ދާނެއެވެ.
ނިއުކްލިއަރ ގޮވުމަކާއެކު ފުރަތަމަ މަސްދުވަހުގެ ތެރޭގައި މުޅިދުނިޔޭގެ ފިނިހޫނުމިން އެވްރެޖްގޮތެއްގައި ފެރެންހައިޓުގެ 13 ޑިގްރީ ތިރިއަށް ވެއްޓޭނެއެވެ. މިއީ އައިސް އޭޖްގައި ފިނިހޫނުމިން ހުރި ވަރަށްވުރެން ތިރިއަށް ވެއްޓުމެކެވެ. މިގޮތަށް ދުނިޔޭގެ ފިނިހޫނުމިން ދަށަށް ދާންފެށުމާއެކު ގިނަ ސަރަޙާއްދު ތަކެއްގެ ކަނޑުގައި ފުންމިން 6 ފޫޓާހަމަޔަށް 6 މިލިއަން އަކަކިލޯމީޓަރަށް ގަނޑުފެން އުފެދިގެންދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބެއިޖިންގެ ބަނދަރާއި ކޯޕެންހޭގަން އަދި ސެއިންޓް ޕީޓަރސްބާރގް ފަދަ ބަނދަރުތަކަކަށް ވަދެނުކުތުން ބަންދުވާނެއެވެ.
އަދި މިއުފެދޭ ގަނޑުފެން އުތުރު ހެމިސްފަޔަރގެ ސަރަޙައްދަށް ފެތުރި އާގުބޯޓުފަހަރުގެ ދަތުރުތައް ހުއްޓުމަކަށް އައިސް ގިނަ ޝަޙަރުތަކަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަގުވެސް ބަންދުވެގެން ދާނެއެވެ.
އިރުން ލިބޭ އަލި ފަނޑުވުމާއި ކަނޑުގެ ފިނިހޫނުމިން ދަށްވުމުގެ ސަބަބުން ޚާއްސަ ގޮތެއްގައި އާރޓިކް ކަނޑާއި އުތުރު އެޓްލާންޓިކް އަދި އުތުރު ޕެސިފިކް ކަނޑުގެ ދިރުންތަކަށް ކާނާ ލިބޭނެ މަގު ބަންދުވުމުން އެ ކަނޑު ތަކުގެ ދިރުންތަކަށް ބަނޑުހައިހޫނުކަން ފެތުރިގެންދިއުމުގެ ނަތީޖާއަކަށް ވާނީ މަސްވެރިކަމުގެ ސިނާއަތު ނެތިގެން ދިއުމެވެ.
ދުނިޔެ މިފަދަ ޙާލަތަށް ވެއްޓުނަ ނުދިނުމަށްޓަކައި ކުރެވެންއޮތް ކޮންމެ ކަމެއް ކުރަން އެބަޖެހެއެވެ. ނިއުކްލިއަރ ގޮއްވާލާނީ އިންޑިއާއި ޕާކިސްތާނުން ނުވަތަ ނޭޓޯއާއި ރަޝިޔާއިން ކަމެއް ނޭންގެއެވެ. އެކަމަކުއެކަން ހުއްޓުވަން އެބަ ޖެހެއެވެ. ނިއުކްލިއަރ ދުންގަނޑު ޖައްވުތެރެއަށް ފެތުރިގެން ދާއިރު ވަކި ގައުމެއް އިސްތިސްނާއެއް ނުވާނެއެވެ. އެއީ މުޅިދުނިޔެ އެފުށްމިފުށަށް ޖެހިދާނެ ފަދަ ޙާލަތެކެވެ.
މިއީ ނިއުކްލިއަރ ގޮވުމެއް ގޮއްވާލައިފިނަމަ ދުނިޔެއަށް މެދުވެރިވެދާނެ ނާމާންކަން ދެނެގަތުމަށް ފުރަތަމަ ފަހަރަށް ކުރެވުނު ތަފްސީލީ ތަޙްގީގިކަމަށް ސައެންސްވެރިން ބުނެއެވެ. އެމެރިކާއާއި ރަޝިޔާއިން މިފަދަ ކުރިމަތިލުމެއް މެދުވެރިކޮށްފިނަމަ އެއީ 4،400،100 ކިލޯޓަނުގެ މިސައިލް އެކުލެވޭ ހަތިޔާރު ކަމަށް ބަލާށެވެ. އަދި އިންޑިއާ އާއި ޕާކިސްތާނުގެ ކުރިމަތި ލުމެއްނަމަ އޭގެ ދިހަގުނަ މަދުވެދާނެކަމަށް ބެލެވެއެވެ. މިތަޙްގީގުން ހާމަވެގެން ދިޔަގޮތުގައި އެންމެ ކުޑަ މިންވަރެއް އަންދާޒާ ކުރިއަސް އޭގެ މާނައަކީ 11 ބިލިއަނާ 103 ބިލިއަނާ ދެމެދުގެ އަދަދެއްގެ ކަޅުދުން ޖައްވުގެ ތެރެއަށް ފެތުރިގެންދާނެއެވެ.
ސުޕަރ ޕަވަރތަކުން މިފަދަ ގޮއްވުމެއް ގޮއްވާލުމުގެ ނަތީޖާއަކަށްވާނީ ކުރިން މި ބުނި އަދަދުގެ ތިންގުނަ އިތުރަށް ކަޅުދުން ޖައްވުގެތެރެއަށް ފެތުރި އަދި އިރުގެ އަލިކަންވެސް މާ ބޮޑަށް މާދިގުމުއްދަތަކަށް ގެއްލިގެން ދިއުމެވެ. އަދި ކަނޑުތަކުގެ އަޑީގައި އުފެދިފާހުރި ގަނޑުފެންތައް މައްޗަށް އެރުމަށްޓަކައި އެތައް ސަތޭކަ އަހަރެއް ނަގާނެއެވެ. ހަމައެއާއެކު އާރޓިކް ކަނޑުގައި އުފެދޭ ގަނޑުފެން ހަމަޔަކަށް އެޅުމަށް އެތައްހާސް އަހަރެއް ނަގާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ދުނިޔެ އަނެއްކާވެސް ގަނޑުފެނުގެ ޒަމާނަކަށް ބަދަލުވެގެންދިއުމެވެ. މިކަންތައް ދެކެން ދުނިޔެއަށް އޮވެވޭކަށް ނެތެވެ. ސަބަބަކީ އެ ޙާލަތުގައި އެއްވެސް މީހަކު އިސްތިސް ނުވާނެތީއެވެ.
މީގެކުރިން ސައެންސް ވެރިންގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް 1980 ގެ އަހަރުތަކުގައި ދުނިޔޭގެ ބޮޑެތިބާރުތަކުން ޔުނައިޓެޑް ނޭޝަންސް ގެ ޒަރީޢާއިން ނިއުކްލިއަރ ހަތިޔާރު މަނާކުރުމުގެ މުޢާހަދާއެއް ފާސްކުރިއެވެ. މިހާރު މިކުރެވުނު ދިރާސާތަކުގެ އަލީގައި ހާމަވެގެން ދިޔަ ކަންތަކުގެ ސަބަބުން އިތުރު ގައުމުތަކުން އެމުއާހަދާ ގަބޫލުކުރާނެކަމަށް އުންމީދުކުރާކަމަށް ސައެންސްވެރިން ބުނެއެވެ.
ރަޝިޔާއާއި ޔޫކްރެއިންގައި ހިނގަމުންދާ ކުރިމަތިލުންތަކާއި ގުޅިގެން ނިއުކްލއަރ ހަތިޔާރު ބޭނުންކުރަންޖެހިއްޖެ ޙާލަތެއްގައި އެކަންވެސް ކުރާނެކަމަށް ރަޝިޔާއިން ދެމުންގެންދާ އިންޒާރާ މެދު ފަރުވާކުޑަކޮށްލައިގެން ތިބެވޭކަށް ނޯންނާނެއެވެ.
One Response
މިއީ ބޮޑުވެގެންވާ މުސީބާތަކަށްވާނެ. އެކަމަކު މި މުސީބާތާވެސް ކުރިަތިލާން ޖެހޭނެ.