ސަރުކާރުން ތެލުގެ ސަބްސިޑީއަށް ހޭދަކުރާ އަދަދު އިތުރުކުރުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ގޮވާލައިފި އެވެ.
ބީކޭއެމްޔޫއިން ބުނީ ތެލަށް ކުރާ ހަރަދު ބޮޑުވުމުގެ ސަބަބުން މަސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. އެ ޔޫނިއަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަހައްފުރަން ބިރު ބޮޑުވެއްޖެ ކަމަށާ މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ނުހަދާ މަސްވެރިންނަށް އަޅަލުން މުހިންމުކަމަށެވެ.
“ ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ. ދޯނިފަހަރު މަހައްފުރަން ބިރުބޮޑުވެއްޖެ. މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ނުހައްދަވާ މި ސިނާއަތަށް އަޅާލުން މުހިންމު“ ބީކޭއެމްގެ ޓްވީޓްގައި ބުނެފައި ވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ޓެގްކޮށް ކޮށްފައިވާ މި ޓްވީޓްގައި ނިންމާލައިފައިވަނީ ސަބްސިޑީ އިތުރުކުރުމަށް ގޮވާލަމުންނެވެ.
”ތެލުގެ ސަބްސިޑީ އިތުރުކޮށްދެއްވަން ގޮވާލަން“ ޓްވީޓްގައި ވެއެވެ.
ދުނިޔޭގެ ބާޒާރުގައި މިއަހަރުގެ ކުރީކޮޅު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 70 ޑޮލަރުގަ އެވެ. މިހާރު އެ އަގު އުޅެނީ 121 ޑޮލަރުގަ އެވެ. އެއާއެކު ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑުކުރުމާއި ގުޅިގެން އެކިފަރާތްތަކުން އަންނަކީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން ދައުލަތުން ތެލުގެ ސަބްސިޑީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.