މިއަހަރުގައި ފުރަތަމަ ހިފާ ފުރިހަމަ ރަތް ހަނދުކޭތަ، މަޝްހޫރު ނަމުން ނަމަ ”ބްލަޑް މޫން“ މިރޭ ހިފާނެ ކަމަށް އެމެރިކާގެ ޖައްވީ ކަންތައްތަކާ ބެހޭ އިދާރާ ”ނާސާ“ އިން ބުނެފިއެވެ.
މި ކޭތަ އެއްގަޑިއިރަށް ވުރެ ދިގުދެމިގެންދާނެކަމަށް ނާސާއިން ބުނެއެވެ. މި ކޭތަ ހަނދުކޭތަ އެމެރިކާއާއި އެފްރިކާ އަދި ހުޅަނގު ޔޫރަޕްގެ ގިނަ ގައުމުތަކަށް ފެންނާނެ ކަމަށް އެމެރިކާގެ ސްޕޭސް އެޖެންސީން ބުނެފައި ވެއެވެ. ނަމަވެސް ރާއްޖެއަށް މިރީތި ހަނދުކޭތަ ނުފެންނާނެކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ. އަދި އަވައްޓަރި އިންޑިޔާ އަށް ވެސް މި ކޭތަ ނުފެންނާނެއެވެ.
ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ.
ހަނދު ކޭތަ ހިފާއިރު ނުވަތަ ބްލަޑް މޫން އެއްގައި ހަނދު ރަތް ކުލައިން ފެންނަ ސަބަބަކީ އިރާއި ހަނދުގެ ދެމެދަށް ދުނިޔެ ވަނުމުންނެވެ. އެކަމުގެ ސަބަބުން ހަނދަށް އެޅިގެންދާ އިރުގެ ދޯދި ދުނިޔޭގެ ޖައްވުގައި ޖެހި ރިވެރި (ރިފްރެކްޓް) ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެ ގޮތަށް ރިވެރި ވެގެން ދަނީ ރަތް ކުލައިގެ ދޯދިތަކެވެ. ކޭތަ ހިފާ ވަގުތު ހަނދު ރަތް ކުލައިން ފެންނަ ސަބަބަކީ އެއީއެވެ.
”ސުޕާ ރެޑް ބްލަޑް މޫން“ އެންމެ ފަހުން ހިފާފައިވަނީ 2019 އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.