މިއީވެސް ހަމަ ވެދާނެގޮތެއް!

Loading

Facebook
Twitter
WhatsApp

ހިނިތުންވުމާއި ހިނިއައުމާއި އަދި ހުނުމަކީ ސިއްޙީ ފައިދާތަކެއް އެކުލެވޭ ކަމެއްމަކުގައި އެކަމުގެ ތަޖްރިބާކާރުން ބުނެ އުޅެއެވެ. އެހެންނަމަވެސް މިތިން ޙާލަތަކީ ވަރަށް ތަފާތު ތަޖްރިބާއެކެވެ. ހިނިތުންވުމަށް މެދުވެރިވާ ސަބަބަކީ ކޮންމެހެން ހޭންޖެހޭ ސަބަބެއްނޫނެވެ. ހަމައެފަދައިން ހިނިއައުމާއި ހުނުމުގައިވެސް ވަރަށްގިނަފަހަރަށް ޙާލަތު ތަފާތެވެ.

ޢާންމުގޮތެއްގައި މީހުންނަށް ހެނވެނީ ކޮންމެވެސް މަޖާކަމަކާއި ގުޅިގެންނެވެ. ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެފަދަ ހެއްވާ މަޖާ ހާދިސާ މެދުވެރިވެފައި ވާކަމަށް ކިޔާއުޅެއެވެ. މިސާލަކަށް ރިއްސަށް ލޯލުން ރަސްގެފާނަށް ހަނދު ވެދުން ކުރުން އަނދިރިހިއްކުން ފަދަ އެތައް ވާހަތަކެއް ދެކެވެއެވެ. މީހުން ހެއްވަން ބޭނުންކުރާ ވާހަކަތަކަކީ ކޮންމެހެން ތެދުވާހަކަ ތަކަކަށް ވާކަށްވެސް ނުޖެހެއެވެ.

މިއަދުގެ ލިއުމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިހާރު ހިނގަމުންމިދާ ތަރައްގީ އާއި ތަމައްދުންގެ ގޮތުން ކުރިއަރާފައިމިވާ ޒަމާނުގައި ހިނގާފައިވާ ބައެއް ހެއްވާޒާތުގެ ވާހަކައެވެ. ތާރީޚީގޮތުން ލިޔެވިފައިހުރި ހާގީގީ ވާހަކަތަކެކެވެ.

ޖޯން ޖޯސެފް މާރލިންއަކީ ރޯލަރ ސްކޭޓް އީޖާދުކުރިމީހާއެވެ. އެއީ 1760 ގެ އަހަރުތަކުގައެވެ. ބުނެވޭގޮތުގައި މާރލިން ބޭނުންވީ އެކަމަށްޓަކައި ތައްޔާރުކުރެވިފައިވާ ޚާއްސަ ރަސްމިއްޔާތެއްގައި އޭނާގެ މި އީޖާދު ވަރަށް މަޖާގޮތަކަށް ދައްކާލާށެވެ. އެކަމަށްޓަކައި ތައްޔާރުކުރި ޚާއްސަ ހެދުމުގައި ފޮނިދައްކާލަންވެގެން އޭނާ ގެންގުޅޭ ވަޔަލިންވެސް އަތުންހިފައިގެން މިޔުޒިކްކުޅެމުން ރޯލަރ ސްކޭޓަށް އަރާ ދުއްވާލިތަނާ ސްޕީޑް ކޮންޓްރޯލް ކުރަންނޭނގިގެން އުޅެނިކޮށް ގޮސް ޖެހުނީ އެތާގައި ބަހައްޓާފައިހުރި 500 ޕައުންޑުގެ އަގުހުރި ބޮޑު މޫނުބަލާ ލޯގަޑެއްގައެވެ.

ޖެހުނުލެއް ބާރުކަމުން ލޯގަނޑުވެސް ފުނޑުފުނޑުވެ މީހާ ޒަޙަމްވެ ވަޔަލިންގަނޑުވެސް ފުނޑުފުނޑުވީއެވެ. މިއިން ދަސްވި ފިލާވަޅަކީ ދިވެހިންގެ ތެރޭގައި ބޭނުންކޮށް އުޅޭ ހަރު ބަހެކެވެ. ފޮތް އެދުރެއް ނުވާނެއެވެ. ވަރަށްބޮޑު ތެދެކެވެ. ފޮތްކިޔަވައިގެން ފާސްވިޔަކަސް އަދި މޮޅުމީހަކަށް ނުވެވޭނެއެވެ. މިއީ އަޅުގަނޑުމެންގެތެރޭގައި ތިއްބެވި ބޮޑެތި ފާސްތައް އޮތް ބޭފުޅުންނަށް އަޅުގަނޑު ބުނި ކުޑައިމީސް ބަހެއްނޫނެވެ. ކިޔެވި އެއްޗެއް ހެޔޮގޮތުގައި ބޭނުންކުރެވޭނީ ބޭނުންކުރަން އެނގިގެންނެވެ.

2017 ވަނައަހަރު އެމެރިކާގެ ޑެޓްރޮއިޓްގައި މަސްތުވާތަކެތީގެ ވަބާ ބޮޑުވެގެން ފުލުހުންގެ އެންމެ އިސްކޮށް ހުރިމީހާ ގަސްދުކުރީ މޮޅުގޮތަކަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އަތުލައިގަތުމަށެވެ. މި ވިސްނުމުގައި މަސްތުވާތަކެތި ގަންނަން ބޭނުންވާ ބަޔަކަށް ހެދިގެން ފުލުހުންތަކެއް ނެރުނެވެ. ހަމައެއާއެކު މަސްތުވާތަކެތި ވިއްކާ ބަޔަކަށް ހެދިގެންވެސް ސިއްރުން ފުލުހުންތަކެއް ނެރުނެވެ. ކަންދިމާވިގޮތުން މި ދެގުރޫޕް ބައްދަލުވެ މާރާމާރީ ހިންގައި އެތައްބަޔަކު ޒަޚަމް އަރުވާލިއެވެ. ފުލުހުންގެ ވެރިޔާ ބުނިކަމަށްވަނީ މުޅި ޙަޔާތުގައިވެސް މިވަރުގެ ހެއްވާކަމެއް މިހާރުގެ ބަހުންނަމަ ކަޑަކަމެއް ނުކުރެވޭ ކަމުގައެވެ. ލިބިފައިހުރި ޢިލްމާއި ހުނަރު އެންމެ ހެޔޮގޮތުގައި ބޭނުން ނުކުރެވުމުން މިއީ ދިމާވަމުންދާ ގޮތެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ބައެއް ސިޔާސީ ބޭފުޅުންނަށްވެސް ބައެއްފަހަރު ދޫ އޮޅިގެން ބުނެވޭ އެއްޗެހި އެހެންމީހުން ތަރުޖަމާ ކޮށްދޭންޖެހޭ ފަހަރުވެސް އަންނަފަދައިންނެވެ.

ފިނިހަނގުރާމައިގެ ދުވަސްވަރު ރަޝިއާއަށް ޖާސޫސްކޮށްދޭ އެފް.ބީ.އައި.ގެ އޭޖެންޓަކު ޙަރަކާތްތެރި ވާކަމަށް ޝައްކު ކުރެވިގެން އެމީހަކާބެހޭ މަޢުލޫމާތު ހޯދަން ޙަވާލުކުރެވުނީ އެ ކަންތައް ހިންގާ މީހާއަށެވެ. އެންމެފަހުން އޭނާއަތުލާ ގަނެވުނީ ކުރީގެ ކޭ.ޖީ.ބީ. އޭޖެންޓަކަށް 7 މިލިއަން ޑޮލަރު ދީގެންނެވެ. ކަމުގެ އެންމެބޮޑެތި ތަޖްރިބާކާރުން ނަށްވެސް ވާވަރަކީ މިއެވެ. މީހުންގެ ގޮތްގަނޑު ދެނެގަތުމަކީވެސް ހުނަރެކެވެ. ތިމާގެ ކިބައިގާ މީހުންގެ ގޮތްގަނޑު ދެނެގަތުމުގެ ހުނަރު އެބަހުއްޓޭ ހީކޮށްގެން ދާދިމިދާކަށްދުވަހު ނުވިތާކަށް ގާނޫނާއި ގަވައިދުތައް ބަދަލުކޮށްގެންވެސް ތިމާގެ ގާއިމްމަގާމުކަން ދިނީމާވީގޮތް ދިވެހިންނަށް އޮތީ ފެނިފައެވެ.

1977 ވަނައަހަރު ރައީސް ޖިމީ ކާރޓަރ ޕޯލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ވާހަފުޅު ތަރުޖަމާ ކޮށްދިނުމުގައި ހިނގާދިޔަ ކަންތައްތަކަކީވެސް އެނގެން ބޭނުން ކަންތައްތަކެކެވެ. ރައީސްގެ ވާހަކަފުޅުގައި ޕޯލެންޑުގެ ރައްޔިތުން ކުރިމަގު ބިނާކުރުމުގައި އެދޭގޮތްތައް އޮޅުންފިލުވަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވުމުން ތަރުޖަމާނަށް ބުނެވުނީ ރައީސް ކާރޓަރ ޕޮލޭންޑުގެ ޝަހުވާނީ ގޮތްގަނޑު އޮޅުންފިލުވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ. ބުނެވޭގޮތުގައި މިތަނުގައި އިނގިރޭސިބަހުގެ ”ޑިޒާޔަރ“ މިއޮތީ ޕޯލެންޑުގެ ބަހަށް އަކުރުން އަކުރަށް ތަރުޖަމާ ކުރެވިފައެވެ. އަދި ޕޯލެންޑަށް ވަޑައިގެންނެވުނު ކަމަށްޓަކައި އުފާފުޅުކުރައްވާކަން ހާމަކުރެއްވި ޖުމުލަ ތަރުޖަމާނަށް ބުނެވުނީ ޕޯލެންޑްގެ ޖިންސީ ގުނަވަނުގައި ރަނގަޅަށް ހިފާއްޓާލަން ލިބުނުކަމަށްޓަކައި އުފާފުޅުކުރައްވާ ކަމަށެވެ.

މިކަހަލަ އެތައް ނުރަނގަޅު ތަރުޖަމާތަކެއް ކުރެވިގެންދިޔަކަމަށްވެއެވެ. މިވާހަކަތައް ލިއުމުގައި އެކަށީގެން ނުވާބަހެއް ލިޔެވިފައިވާނަމަ ކިއުންތެރިންގެ އަރިހުން މަޢާފް އެދެމެވެ. އަޅުގަނޑަށް އެ ބަސްތަކުގެ ބަދަލުގައި ބޭނުންކުރާނެ އެއަށްވުރެން ލުއި ބަހެއް ނޭގޭތީވެ އެބަސްތައް ބޭނުން ކުރެވުނީއެވެ. ހަމަކަށަވަރުން އެމެރިކާގެ ރައީސްގެ ތަރުޖަމާނަކަށް ޚިޔާރު ކުރެވޭނީ އެކަމަށް ގާބިލު މީހެކެވެ. އެކަމަކު މިއޮތީ ގޯސްހެދިފައެވެ.

އިނގިރޭސި ބަސް އެނގުނަސް އެނގެންވާވަރަށް އަދި އެނގެންވާގޮތަށް ނޭންގުނީއެވެ. އަޅުގަނޑުމެންގެ ދިވެހި ބަހަށް މިހާރު ވަމުން މިދާގޮތުން މިކަހަލަ ލަނޑެއް ނުލިބި ސަލާމަތްވޭތޯ ބަލަން ޖެހެއެވެ. ފަހަރެއްގައި ސަރުކާރުގެ އިސްބޭފުޅަކު ޗައިނާއަށް ވަޑައިގަތުމުން މޮޅުކޮށްލަންވެގެން ޗައިނާއިން ދިވެހިބަސް ތަރުޖަމާކުރާނެ މީހަކު ހޯދައިފަނަމަ މިއީ ވެދާނެގޮތެކެވެ.

އެމެރިކާގެ ރައީސް ޖޯރޖް ވޯޝިންގްޓަން އަކީ މޮޅު ލިއުންތެރިއެއްނޫނެވެ. އެހެންކަމުން އޭނާގަސްދުކުރެއްވީ އެދުވަސްވަރުގެ މަޝްހޫރު ލިއުންތެރިޔަކު ކަމަށްބެލެވޭ ޖޭމްސް މެޑިސަންގެ ބޭނުންކުރެއްވުމަށެވެ. އަދި އިންތިޚާބުވެ ވަޑައިގަތުމާއެކު ކޮންގްރެސް އާއެކު މަސައްކަތް ކުރެއްވުމަކީ އުފާފުޅެއްކަން ހާމަކޮށް ރައީސް ފޮނުއްވި ސިޓީފުޅު ލިޔަން ޙަވާލުކުރެއްވީ ޖޭމްސް މެޑިސަން އަށެވެ. ކަންދިމާވިގޮތުން ރައީސްގެ ސިޓީފުޅަށް ޖަވާބު ދިނުމަކީ އާދައިގެކަމަކަށް ނުބެލެވޭތީ ކޮންގްރެސްގެ ފަރާތުންވެސް ޚިޔާރުކުރެއްވީ ޖޭމްސް މެޑިސަން ލައްވާ ޖަވާބު ތައްޔާރުކުރުމަށެވެ. ކޮންމެއަކަސް ކޮންގްރެސްގެ ސިޓިފުޅު ލިބިވަޑައިގަތުމުން އޭގެ އިބާރާތްތަކުގެ ފުރިހަމަކަމުން އެ ސިޓީއަށް ޖަވާބު ލިއުއްވުމަށްޓަކައި އަނެއްކާ މެޑިސަންއާއި ޙަވާލުކުރެއްވިއެވެ.

އެސިޓީ ކޮންގްރެސްއަށް ލިބުމުން ރައީސަށް ޝުކުރު ދެންނެވުމުގެ ގޮތުން ސިޓީއެއް ލިޔަން ކޮންގްރެސްއިން ގަސްދުކުރި ހިނދު އަނެއްކާވެސް ބޭނުންކުރެއްވީ ޖޭމްސް މެޑިސަން އެވެ. ދިވެހިން ބުނެ އުޅޭފަދައިން މޮޅުމީހަކު ހަމަމޮޅުވާނެއެވެ. ގޮނޑަކަށް އެއްލާލާފައިއޮތަސް ޖަވާހިރެއް ވާނީ ހަމަ ޖަވާހިރަކަށެވެ.

 

 

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް