ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން އިދިކޮޅު ޕީޕީއެމް / ޕީއެންސީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފިއެވެ.
ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އާޒިމް ޖުޑިޝަރީ އަށް ފާޑުކިޔާ ނުފޫޒު ފޯރުވާ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ މިއަދު ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ތާހިރު ތަނަކަށް ރާއްޖެ ހަދަން ތިބީ ފަނޑިޔާރުން ކަމަށާއި އެހެން ނަމަވެސް ފަނޑިޔާރުންގެ އަމަލުތަކާމެދު ސުވާލު އުފެދޭ ކަމަށެވެ.
އަދި ރައީސް އަބްދުއް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރަން ސުޕްރީމްކޯޓުން ނިންމި ނިންމުމަކީ ދެކޮޅު ނުޖެހޭ ނިންމުމެއް ކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ އާޒިމް ވިދާޅުވީ ދައުލަތުގެ 100 މިލިއަނަށް ވުރެ ގިނަ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ވަންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް އިއްތިފާގުވާއިރު ސުޕްރީމް ކޯޓުގެ ހުކުމަކީ އަޖައިބުވެ އަންތަރީސް ވާވަރުގެ ހުމުކެއް ކަމަށެވެ.
އެހެންކަމުން މުއައްސަސާތަކުގެ ވެރިން ބަދަލު ކޮށްގެން ވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
”[ރައީސް ޔާމީން] ދޫކޮށްލައިގެން ދޭދޭ ގައުމުތަކާ ޖައްސަމުން ބޭނުން ރަށަކަށް އަރަށް ފުރުސަތު ދޭންވީތޯ. ނޫން ރައްޔިތުން ބުނީ އެކަންކަން އަޅުގަނޑުމެން ހުއްޓުވާށޭ. ފަނޑިޔާރުން އެކަން ނުކޮށްފިއްޔާމު އަޅުގަނޑުމެން މިތިބި ވަކިކުރަން ޖެހުނު ކޮންމެ ބަޔަކު ވަކިކުރަން ނުކުމެ ތައްޔާރަށް. އެ ހެޔޮ އެންޓި ކޮރަޕްޝަން ކޮމިޝަން ކަމަށް ވިޔަސް އެ ހެޔޮ ސިވިލް ސާވިސް ކޮމިޝަން ކަމަށް ވިޔަސް އެ ހެޔޮ އިލެކްޝަން ކޮމިޝަން، ޖުޑީޝިއަލް ސިވިލް ސާވިސް ކޮމިޝަން ކަމަށް ވިޔަސް އެ ގެންނަން ޖެހުނު ބަދަލެއ ގެނެސްގެން“ އާޒިމް ވިދާޅުވި އެވެ.
އާޒިމްގެ ވާހަކަފުޅާއި ގުޅިގެން އިނިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީ އާއި ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުކުރާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމަށާއި، އަދި އެމީހުން ބޭނުންވާ ގޮތަށް ހުކުމް ނުކުރާ ފަނޑިޔާރުން ވަކި ކުރާނެ ކަމަށް އާޒިމް ވިދާޅުވެފައިވާ ކަމަށެވެ.
އާޒިމްގެ ވާހަކަފުޅަކީ ރާއްޖޭގެ ޝަރުއީ ދާއިރާ ހިސޯރުން ކަމަށް އިދިކޮޅުން ވަނީ ސިފަކޮށްފައިވެ އެވެ.
އިދިކޮޅުން މުސްތަގިއްލު މުއައްސަސާތަކަށާއި ދިވެހި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އާޒިމަށާއި އެމްޑީޕީއަށް ގޮވާލާފަ އެވެ.
އާޒިމްގެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ކޯލިޝަނުން ބުންޏެވެ.
One Response
Hithan undiagnosed viyasindia out govaane