ސައޫދީ އަރަބިޔާއަށް މަސައްކަތް ކުރަން ގޮސްހުރި ތައިލޭންޑް މީހަކު ސައޫދީ ޝާހީ ގަޑުވަރަކުން މީގެ ތިރީސް އަހަރު ކުރިން ގިނަ އަދަދެއްގެ އަގުބޮޑު ގަހަނާތަކަކާ ޖަވާހިރު ވަގަށް ނެގުމާގުޅިގެން ދެގައުމުގެ ދެމެދު އޮތް ގުޅުންތައް ކެޑިފައި އޮތުމަށްފަހު ޚާރިޖީ ގުޅުންތައް އަލުން ގާއިމު ކުރުމަށް ނިންމައިފިއެވެ.
މިކަމަށް އެއްބަސް ވެފައިވަނީ ތައިލޭންޑްގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އުޗާ ސައޫދީ އަރަބިޔާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭންނެވެ. މިދަތުރުފުޅުގައ ބޮޑުވަޒީރު ޕްރަޔުތު ޗަން އުޗާ ވަނީ ސައޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައި މީގެ ތިރީސް އަހަރު ކުރިން ހިނގި އެހާދިސާޔަށް މައާފަށް އެދި ވަޑައިގެންފައެވެ.
އެ ދެބޭފުޅުން މަޝްވަރާކުރެއްވި އެހެން ކަންތައްތަކުގެ ތެރޭގައި ދެގައުމު ދެމެދު އިގުތިސާދީ ގުޅުންތައް ބަދަހި ކުރުމަށް އެއްބަސްވެވަޑައިގެންފައި ވެއެވެ. މިގޮތުން ދެގައުމު ދެމެދު އަލުން ވައިގެ ދަތުރުތައް ފެށުމަށާއި ތައިލޭންޑްގެ މަސައްކަތްތެރިން އަލުން ސައޫދީ އަރޭބިޔާއަށް ވަޒީފާ އަދާކުރަން ދިއުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.
ތައިލޭންޑާއި ސައުދީ އަރަބިއްޔާގެ ގުޅުން 1990ވަނަ އަހަރު ހީނަރުވީ ސައުދީ އަރަބިއްޔާގެ ޝާހީ ގަނޑުވަރުގައި މަސައްކަތްކުރި ތައިލޭންޑް މީހަކު 20 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެތި ވަގަށް ނެގުމުންނެވެ. އެ ވައްކަން ރާވައި ހިންގުމުގެ ތުހުމަތު ކުރެވިފައި ވަނީ ތައިލޭންޑުގެ ސަރުކާރާއި ސަލާމަތީ ބާރުތަކުގައި އޭރު މަސައްކަތްކުރި ބައެއްގެ މައްޗަށެވެ. ނަމަވެސް މިމީހުންގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.
ވަގަށް ނެގި ބަޔެއް ތަކެތި އަދިވެސް ފެނިފައެއް ނުވެއެވެ. އޭގެތެރޭގައި އޭގެ ދެވަނައެއްނެތް ކަމަށް ބުނާ އަގުބޮޑު ނޫ ޖަވާހިރެއްވެސް ހިމެނެއެވެ. ވައްކަމުގެ މިހާދިސާއަށް ފަހު ތައިލޭންޑުގައި 1 ރޭ މަތިން ތަފާތު 3 ސަރަޙައްދަކުން ސަޢުދީ ޢަރަބިއްޔާގެ 3 ޑިޕްލޮމެޓުން މަރާލެވިފައިވެއެވެ. އެއާއެކު 2 ގައުމުގެ ޚާރިޖީ ގުޅުން ވަނީ ކެނޑިފައެވެ.