ފާއިތުވި ހަފްތާ ބަންދުގައި ހުޅަނގު ސުދާންގެ ކުރްދުފާން ޕްރޮވިންސްގައި ހުންނަ ބޭނުން ނުކުރާ ރަންނަގާ ވަޅުގަނޑެއްގެ ތެރެއަށް ފަސް އެޅި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަން އެ ގައުމުގެ ސްޓޭޓް-ރަން މައިނިންގް ކޮމްޕަނީން ހާމަކޮށްފިއެވެ.
އެ ގައުމުގެ މިނެރަލް ރިސޯސް ކޮމްޕަނީގެ ތަރުޖަމާނު، އިސްމާއިލް ޓިއްސޫ ބުނެފައިވާ ގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ އަދަދުވަނީ 38 އަށް އަރާފައެވެ. އަދި މި ހާދިސާގައި މައިންގައި ވަޅުލެވިފައިވާ މީހުންގެ ޖުމުލަ އަދަދު ޔަޤީނެއް ނުވެއެވެ.
އަންގާރަ ދުވަހު ސޫދަނީސް މިނެރަލް ރިސޯސް ކޮމްޕަނީއިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކުން އެނގޭ ގޮތުގައި ފަސްއެޅުނު އެ މައިނަކީ ސުދާންގެ ވެރި ރަށުގެ ދެކުނަށް 400 މޭލު ދުރުގައި އޮންނަ ފޫޖާ ކިޔާ އަވަށުގައި ހުންނަ ބޭނުން ނުކުރާ މައިނެކެވެ.
އެ ކޮމްޕަނީން ބުނެފައިވާ ގޮތުގައި އެ މައިނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ފެންނާތީ އެމައިން ވަނީ ބަންދުކޮށްފައެވެ. އަދި މައިނަށް ވަނުން ހުއްޓުވުމަށްޓަކައި ސިފައިންވެސް ޙަރަކާތްތެރި ވެފައިވެއެވެ. ނަމަވެސް މި ހާދިސާގައި މަރުވި މީހުން އެތަނަށް ވަދެފައި ވަނީ ސިފައިން އެ ތަން ދޫކޮށް ދިޔުމުންނެވެ. ރައްކާތެރިކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ރަންނަގާ މައިންތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގުމަކީ ސުދާންގައި އާއްމު ކަމެކެވެ.