އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ކެންޓަކީ އަށް އެރި ތޫފާނަކީ މޭޖާ ފެޑަރަލް ޑިޒާސްޓާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
ރައީސް ބައިޑެން އެ ގޮތަށް ކަނޑައެޅުއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ ތޫފާން އެސަރަހައްދަށް އެރިތާ ދެ ދުވަސް ފަހުންނެވެ.
އެމެރިކާއަށް އެރި ތޫފާނުގައި 30 ނަގޫރޯޅި އެ ގައުމުގެ އެކި ސަރަހައްދުތަކަށް އަރާފައިވެއެވެ. އަދި މި ތޫފާނުން ލިބިފައިވާ ގެއްލުން އަދިވެސް ބަލައި ނުނިމޭކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ މައުލޫމާތު ދީފައެވެ. ތޫފާނުގައި މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު ވަނީ 61 އަރާފައެވެ. ތޫފާނުން ލިބުނު ގެއްލުން އޮޅުން ފިލުވުމުގެ ތެރޭގައި މި އަދަދު މަތިވުން އެކަށީގެންވާކަމަށް ކެންޓަކީގެ ގަވަނަރ، އޭންޑީ ބަޝިއާރު ވިދާޅުވިއެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 100 އަށްވުރެ އިތުރުވުން އެކަށީގެންވާކަމަށް ވެސް އޭނާ ލަފާކުރެއްވިއެވެ.
މި ކާރިސާއާކީ މޭޖާ ފެޑެރަލް ޑިސާސްޓަރެއްގެ ގޮތުގައި ރައީސް އިއުލާނު ކުރެއްވުމާ ގުޅިގެން ސަރުކާރުގެ ފެޑެރަލް އެމަޖެންސީ މެނޭޖްމެންޓް އޭޖެންސީން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ކާރިސާގައި ގެއްލުން ލިބުނު މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދިނުމާއި ލޯނު ދޫކުރުމާ ބެހޭ މަސައްކަތްތައް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.