ލޯބީގެ މަންޒިލު-13

Loading

Facebook
Twitter
WhatsApp

http://sandhaanu.today/17119/

* * * *

ރާމް އެއްވެސް ކެތްތެރިކަމެއް ނެތި ގޭގެ ދޮރު ކައިރީގައި މަޑުމަޑުން ކުރުކާލިކަނޑަމުން ދިޔައެވެ. ސަރޫޕުގެ މަންމަ މަރުނާލުނީ އާއި ކޮއްކޮ ޕްރީތީ އާއި ޖިޔޯތީގެ މަންމަ ދުރުގާ ވެސް އެ ގޭގައި ތިއްބެވެ. އެ އެންމެން ވެސް ތިބީ ކޮންމެވެސް ކަމަކާ ހާސްވެ ކަންބޮޑުވެފައެވެ. އެކަމަކު ރާމް މާބޮޑަށް ހާސްވެދާނެތީ އެއިން އެކަކުވެސް ހާސްވެ ކަންބޮޑުވުމުގެ އަސަރެއް ފާޅެއް ނުކުރެއެވެ.

ޕްރީތީ ކުއްލިއަކަށް މަރުނާލުނީއާ ދިމާއަށް ބަލާލާފައި ސުއާލުކުރިއެވެ. ”މަންމާ! ބޭބެއަށް ބަހައްޓާފައި ހުރި ކާއެއްޗެތި ހޫނުކޮށްލަންތަ؟“

”ދަރިފުޅަށް ނޭނގެނީތަ އޭނާ ގެއަށް އައިސް ފުރަތަމަ ބޯން އުޅޭނީ ސައި.“

”އެހެން ވެއްޖެއްޔާ ސައި ހަދަންވީއެއްނު!“ ދުރުގާ ބުނެލިއެވެ.

އެ މީހުން ވާހަކަދައްކަން ފެށުމުން ރާމް ހުއްޓި އެ މީހުންނާ ދިމާއަށް އެނބުރި ބަލާލާފައި ބުންޏެވެ. ”ކަލޭމެން ތިޔަ ގޮތަށް ވާހަކަ ދައްކަނީ އަހަރެންގެ ހިތަށް ހަމަޖެހުމެއް ގެނެސް ދޭންކަން އަހަންނަށް އެބަ އެނގޭ.“

ރާމް ދެއްކި ވާހަކައިގެ ޖަވާބުގައި ބުނާނެ އެއްޗެއް ޕްރީތީ އާއި މަރުނާލުނީއަކަށް ނޭނގުނެވެ. ނަމަވެސް ދުރުގާ ވަރަށް ހިތްހަމަ ޖެހޭ ރާގަކަށް ބުނެލިއެވެ. ”މިއީ ވަކި މީހެއްގެ ހިތްހަމަޖައްސައިދީ އުފާކުރުވަން ދައްކާ ވާހަކައެއް ނޫން! ދެން މާގިނައިރެއް ނުވަނީސް ސަރޫޕް އަތުވެދާނެ.“

”އޭނާ ގެއަށް ނައިސް މިހާ ގިނައިރު ވީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގޭ.“

”ސަރޫޕަކީ މިހާރު ކުޑަ ކުއްޖެއް ނޫން! އޭނާއަކީ ޒުވާން ފިރިހެނެއް. ދިރިއުޅުމުގައި އޭނާއަށް މިއަދު ލިބުނު ވަރުގެ އުފަލެއް އެހެން މީހަކަށް ލިބިއްޖެނަމަ އެ މީހަކު ފިލައިގެން އުދުހިގަންނާނެ.“

”ތަނަކަށްދާން ބޭނުންނަމަ އޮފީހުން ނިކުމެގެން ދިޔައިރު މަށަށް އަންގާލާފައި ދިޔަނަމަ ކިހާ ރަނގަޅުވީސް …!“

”ކަލޭ އަދިވެސް ބޭނުން ވަނީ ކަލޭގެ އަތުގެ ކުޑަވާއިނގިލީގައި ހިފައިގެން އޭނާ ލައްވައި ހިންގަވަން ދޯ!“ ދުރުގާ ހީލާފައި ބުނެލިއެވެ.

”ކޮންމެ އެއްޗެކޭ ކަލޭމެން ކިޔަސް އަހަރެންގެ ހިތް ހަމައެއް ނުޖެހޭނެ. މަ މިދަނީ އޭނާ ފެނޭތޯ.“

”ދުވާލު ހަތަރުދަމު ހިނގަހިނގައި ވަރުބަލިވެފައި ހުރެ އޭނާ ގެއަށް އަންނައިރު ކަލޭ ގޭގައި ނެތިއްޔާ އޭނާއަށް ޖެހޭނީ ކަލޭ ހޯދަން ނިކުންނަން. އޭނާ ހޯދަން ކަލޭ ދާނީ ވެސް ކޮންތާކަށް؟“

”ހަދާނެ އެއްވެސް ގޮތެއް މަގޭ ބޮލަކަށް ނުވަދޭ.“

”ކަންބޮޑުވެ ހާސްވުމުގެ ބޭނުމެއް ނެތް.“ ދުރުގާ ބުނެލިއެވެ.

”ބައްޕާ!“ ޕްރީތީ ބުންޏެވެ. ”ބޮޑުދައިތަ އެ ބުނީ ރަނގަޅު ވާހަކައެއް. ބައްޕަ އަދި ކަންބޮޑުވެ ހާސްވާކަށް ނުޖެހޭ. ޖިޔޯތީ ކަމަކަށް ބޭނުންވެގެން އެދިއްޖެނަމަ މިއަދާ ހަމައަށް އެކަމެއް ކާމިޔާބު ވެފައި ވާކަން ބައްޕައަށް ވެސް އެނގޭނެ.“

ރާމްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ދޮރު ހުޅުވާލާފައި ސަރޫޕު އެތެރެއަށް ވަދެއްޖެއެވެ.

ޕުރީތީއަށް އުފަލުން ހަޅޭލަވައިގަނެވުނެވެ. ”ބޭބެ އަތުވެއްޖެ.“

މަރުނާލުނީ ވެސް އުފަލުން އަވަސްއަވަހަށް ކޮޅަށް ތެދުވެއްޖެއެވެ. ދުރުގާވެސް އާދައިގެމަތިން ކުޑަކޮށް ހީލާފައި ކޮޅަށް ތެދުވެއްޖެއެވެ. ރާމް އޭނާގެ އަތުގައި އޮތް އަސާ މައްޗަށް އުފުލައި ދަތްކުނޑި ވިކައިގެން ހުރެ ސަރޫޕާ ދިމާއަށް ހިނގައިގަތެވެ. އަދި ވަރަށް ބޮޑަށް ނުރުހިފައި ހުރެ ސުއާލުކުރިއެވެ.

”ކަލޭ ތި އައީ ކޮންތާކު އުޅެއުޅެފައި؟“

ސަރޫޕު އޭނާގެ ބައްޕަ އަސާއިން ޖެހުމުގެ ކުރިން މަންމަގެ ފުރަގަހަށް ވަދެ ހުރެ ބުންޏެވެ. ”މިކަހަލަ ދުވަސްދުވަހު ބައްޕަގެ އައު އަސާ އަތުނުޖެހޭ ހިސާބުގައި ފޮރުވާފައި ބާއްވާށޭ އަޅުގަނޑު ބުނީމެއްނު! އެ އަސާއިން ޖެހުމުން ވަރަށް ބޮޑަށް ތަދުވާނެ.“

”ބަލަ މޮޔަގަނޑާ! ކަލެއަށް ވީ ގޮތެއް ނޭނގިގެން ކަލޭގެ ބައްޕަ ދެރަވެފައި ހުރި ވަރު ކަލެއަކަށް ނޭނގޭތަ؟ އޮފީހުން އައިގޮތަށް އަދި އެހުރީ ހެދުން ވެސް ބަދަލުނުކޮށް.“

”އޭނާއަށް ހެއު ދުއާ ކުރޭ! މިއަދަކީ އަހަރުމެން އެންމެންނަށް ވެސް ކިހާ އުފައުވެރި ދުވަހެއް؟“ ދުރުގާ ބުނެލިއެވެ.

މަރުނާލުނީ ސަރޫޕުގެ އަތުގައި ހިފައި ކުރިއަށް ޖައްސަމުން ބުންޏެވެ. ”އަވަހަށް ގޮސް މާފަށް އެދޭ!“

ސަރޫޕު ބިރުން ހުރެ ކުރިއަށް ފިޔަވަޅެއް އަޅަމުން ޕުރީތީއާ ދިމާއަށް ބަލާލާފައި ބުންޏެވެ. ”ބައްޕަގެ އަތުގައި އޮތް އަސާ އަވަހަށް ކަލޭ އަތުލާ!“

އެއްވެސް ހިފެހެއްޓުމެއް ނެތި ރާމްއަށް ހީގަނެވިއްޖެއެވެ. އަދި ސަރޫޕު ދުރުގައި ހުއްޓާ ކައިރިއަށް ޖެހި އޭނާގެ އަތުގައި ހިފައި ދަމާ ގެނެސް މޭގައި ޖައްސާލިއެވެ. އެ ވަގުތު އޭނާގެ ލޮލުން އުފައުވެރިކަމުގެ ކަރުނަ ނީރަންފެށިއެވެ.

އެ މަންޒަރު ބަލަން ހުރި ދުރުގާ ހިނދުކޮޅެއް ފަހުން ހިނިތުން ވެލާފައި ބުންޏެވެ. ”އެނާއަށް އަނގައިން ބުނުމުގެ ފުރުސަތެއް ވެސް ނުދޭނަންތަ؟“

”ނޫނޭ.“ ސަރޫޕުގެ މޫނުގައި ދެއަތުން ހިފަހައްޓަމުން ރާމް ބުންޏެވެ. “ މިއަދު އަހަރެން ވެސް އަހަރެންގެ ދަރިފުޅާއެކު ސައިބޯނަން. ކަލޭމެން އެންމެން ވެސް އަހަރަމުންނާއެކު ސައިބޯންވާނެ. ދަރިފުޅާ ޕްރީތީ! އެންމެންނަށް ސައިހަދައިގެން ގެނޭ! ޖިޔޯތީއަށް ވެސް ހެދިކާ އާއި ސައި ގެންގޮސްދީ!“

* * * *

ސަރޫޕުގެ ދެ ލޯ ހީވަނީ ރަތް އަނގުރު އަލިފާންގަނޑެއް

ހެންނެވެ.

ނުނިމޭ

 

Loading

One Response

  1. ހާދަ ކުރުވެފައި އަޕްލޯޑްކުރުންވެސް ބަސްތައް ފުނޑިފާ. ކަމަކަށް ކަމެއް ކޮށްލާހެން ދޯ ތިލޯބިވެސް ގެނެސް ދެނީ؟ ނޯ ގުޑް…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް