ހަނގުރާމައިގެ ތިން އަހަރުގެ ތެރޭގައި ޣައްޒާގެ ދިރިއުޅުން މުޅިން ބަދަލުވެ، ގެދޮރާއި، އިޤްތިޞާދާއި، ތަޢުލީމީ ނިޒާމާއި، ޞިއްޙީ ނިޒާމު އަދި އަސާސީ އުމްރާނީ ވަސީލަތްތައް ސުންނާފަތިވެފައިވާ ކަމަށް އަލްޖަޒީރާ އާއި، އދ. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، 7 އޮކްޓޯބަރު 2023 ގައި ޙަމާސް އިސްވެދިން ޙަމަލާއާ ގުޅިގެން އިސްރާއީލުން ފެށި ހަނގުރާމައިގައި، މިހާތަނަށް ފަލަސްޠީނުގެ 74,245 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޮކްޓޯބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމަށް އިޢުލާންކުރި ނަމަވެސް، އޭގެ ފަހުން ވެސް ފަލަސްޠީނުގެ އިތުރު 1,462 މީހުން ޝަހީދުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިންސާނީ ކާރިސާގެ ސަބަބުން ޣައްޒާގެ އާބާދީގެ 94 އިންސައްތަ މީހުން ވަގުތުން ވަގުތަށް ބޯހިޔާވަހިކަމާއި އަސާސީ ގެވެށި އެހީތެރިކަމަށް ބޭނުންވެފައިވާއިރު، ސެޕްޓެމްބަރު މަހާ ހަމައަށް 65 އިންސައްތަ ޢާއިލާތައް ދިރިއުޅެމުން ދިޔައީ ފޭލިގެތަކުގަޔާއި ވަގުތީ ހިޔާތަކުގައެވެ. ފެނުގެ ރައްކާތެރިކަން ކަށަވަރުނުވުމުގެ މައްސަލަ ވެސް ވަނީ އިތުރަށް ގޯސްވެފައެވެ. އެގޮތުން އޮގަސްޓް މަހު ހާލަތު ބެލި ޢާއިލާތަކުގެ ތެރެއިން 91 އިންސައްތަ ޢާއިލާއަކުން ދިޔައީ ފެނުގެ ދަތިކަން މެދުމިންވަރަކުން ފެށިގެން ބޮޑު މިންވަރަކަށް ތަޙައްމަލު ކުރަމުންނެވެ.
އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޤްތިޞާދީ މަރުކަޒުތަކުގެ 92 އިންސައްތަ ވަނީ ހަލާކުވެފައެވެ. ނުވަތަ ސުންނާފަތިވެފައެވެ. އަދި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ 78 އިންސައްތައަށް އަރާފައެވެ. ތަޢުލީމަށް ވެސް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. ސްކޫލްތަކުގެ ގާތްގަނޑަކަށް 98 އިންސައްތަ ހަލާކުވެ ސުންނާފަތިވެފައިވާއިރު، ގާތްގަނޑަކަށް 700,000 ކުދިންނަށް ވަނީ ސުކޫލަށް ހާޒިރުވެގެން އުނގެނުމުގެ ފުރުޞަތު ގާތްގަނޑަކަށް ތިން އަހަރު ދުވަހަށް ގެއްލިފައެވެ.
ޣައްޒާގެ ޞިއްޙީ ނިޒާމު ވެސް ވަނީ ހުއްޓުމަކާ ދިމާއަށް ގޮސްފައެވެ. އެގޮތުން ޣައްޒާގައި ހުރި ހުރިހާ ހޮސްޕިޓަލަކަށް ގެއްލުން ލިބިފައިވާއިރު، މިހާރު ޚިދުމަތް ދެވެނީ އެންމެ 19 ހޮސްޕިޓަލުގައެވެ.
![]()
