ރާއްޖޭގައި ބިންބޮޑު ރަށްތައް ފަޅަށް ނުބަހައްޓައި އެރަށްތަކުގައި ރައްޔިތުން އާބާދުކޮށް ތަރައްގީ ކުރުމަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޙައްލުވެގެން ދާނެ ކަމެކެވެ. ރާއްޖޭގައި ބިންބޮޑެތި ރަށްރަށާއި ބިމާއި ފަޅު ބޮޑެތި ރަށްރަށް ހުރި އިރު އެރަށްތައް ފަޅުވާން ދޫކޮށްލުމަށްފަހު މާލެ ސަރަހައްދަށް ރައްޔިތުން ޖަމާކުރުމުގެ ސަބަބުން މާލެ ސަރަހައްދު ވެގެން މިދަނީ އިންސާނީ މުޞީބާތަކަށެވެ.
އިޖްތިމާޢީ މައްސަލަތަކުގެ ބިރުވެރި ހާއްޔަކަށެވެ. ވެރިކަން ކުރާ ސިޓީގެ ފަސޭހަ ދިރިއުޅުން މުޞީބާތަކަށް ބަދަލުވެގެން މިދަނީ ވެރިކަމުގެ ފަރާތުން ގައުމާ މެދު ހެޔޮވިސްނުމަކުން ނުވިސްނާތީ ކަމަށް ބެލެވެއެވެ.
ރާއްޖޭގައި ބިމާއި ފަޅު ބޮޑެތި ރަށްތަކުގައި ކުރިއަށް އޮތް ސަތޭކަ އަހަރު ރައްޔިތުން ވަޒަންވެރި ކުރެވޭނެ ޖާގައެބައޮތެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލް ތަކުން ރަށްތައް ތަރައްގީކޮށް އެރަށްތަކުގައި ރައްޔިތުން ވަޒަންވެރިކޮށް ރަށްރަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރަން ވެއްޖެއެވެ. މާލެ ސަރަޙައްދުގައި ބިމުގެ ޖާގައަށް ވުރެ ގިނަ މީހުން ދިރިއުޅެން ފެށުމުން ކުރިކަތިވާ އިޖްތިމާޢީ ބިރުތަކާއި އުފެދޭ ބަލިތައް ގިނަވުމާއި މަގުމަތީގެ އަމާންކަން ގެއްލިގެން މިދާ ދިއުމާ މެދު ދައުލަތުން ވިސްނާވަޑައިގެން މާލޭގައި ތިބި ރަށްރަށުގެ މީހުން އެމީހުންގެ އުފަންރަށްތަކުގައި ވަޒަންވެރިކޮށް އެތަންތަނުން ހުރިހާޚިދުމަތެއް ލިބޭނެ ގޮތެއް ހަމަޖައްސަވާދެއްވަން ވެއްޖެއެވެ.
މިފަހަކަށްއައިސް މާލެ ސަރަޙައްދުގައި ތަފާތު ގިނަބަލިތައް ދަނީ ފެތުރެމުންނެވެ. ހުޅުމާލޭގެ އާބާދީ ވެސް އެކުލަވާލި ޕްލޭނާ ޚިލާފަށް ބޮޑުވަމުން މިދަނީ ވެރިކަމުގެ ފަރާތުގެ އިހުމާލުން ކަން ފާހަގަކުރަމެވެ. ކުރީގެ ވެރިކަމުގައި ޢިމާރާތް ކޮށްފައިވާ 16 ޓަވަރުގައި އެކަނިވެސް 50 ހާސް މީހުނަށްވުރެ އަބާދީ ގިނަވާނެއެވެ. އެއީ މިވަގުތު ފޭސް ދޭއްގައި ދިރިއުޅޭނެ މީހުންގެ ޖުމްލައެވެ. ތަފާތު ރަށްރަށުގެ ތަފާތު ވިސްނުން ހުންނަ ގިނަބަޔަކު އެއްތަން ވުމަކީ އިޖްތިމާޢީ މުޞީބާތެކެވެ.
ރާއްޖޭގެ ރަށްރަށުން މާލެއައިސް ދަފްރަރުގައި ރަޖިސްޓަރީ ވެ ދަފްތަރުގައި ރަޖިސްޓްރީ ވާ މީހުންނަކީ މާލޭގެ ރައްޔިތުންކަމުގައި ހަދައި މާލޭ ރައްޔިތުންގެ ޙައްލު ހަނިވެ އެފަރާތްތަކަށް ފްލެޓާއި ބިން ދިނުމަކީ އިންޞާފެއް ނޫނެވެ. ރަށްރަށުން މާލެއައިސް ވަޒަންވެރިވާން އުޅެނީ ރަށުގައި ދިރިއުޅެވޭނެ ވަސީލަތެއް ނެތުމުންނެވެ! ބޭސްފަރުވާ އާއި ވަޒީފާގެ ފުރުޞަތާއި ގެދޮރު ބިނާކުރުމުގެ ތަނަވަސް ކަން ހުރިނަމަ މާލެ އަންނާކަށް ނުޖެހޭނެއެވެ.
މިސާލަކަށް ހުވަދޫ އަތޮޅު އުތުރުބުރީ ކޮނޑެއަކީ ބިން ބޮޑު އަދި ފަޅު ބޮޑު ރައްޔިތުން އާބާދުކުރަން ރަނގަޅު ރަށެކެވެ. އެހެނަސް ދިރިއުޅެވެން ނެތިގެން އެރަށުގެ ތިންބައިކުޅަ އެއްބައި މީހުން މިހާރު ވަނީ ރަށް ދޫކޮށް މާލެ ސަރަޙައްދަށް ހިޖުރަކޮށްފައެވެ. ތަޢުލީމާއި ވަޒީފާގެ ފުރުޞަތާއި ބޭސްފަރުވާގެ ޚިދުމަތުން މަހުރޫމު ވާތީ ރަށުގައި ނުއުޅެވިގެންނެވެ. މިކަންކަން މާޒީވެ ދިޔަ ސަރުކާރުތަކުންނާއި މިހާރުގެ ސަރުކާރުން ވިސްނާވަޑައިގެން ކަންކަން ނުކުރެއްވުމުގެ ސަބަބުން ހުރިހާ ނިކަމެތި ކަން ލިބިގެން އެދަނީ ދެރަ ނިކަމެތީންނަށެވެ.
ކޮނޑެއާ ޖެހިގެން އޮތް ދިޔަދޫ އަކީ ރައީސް މައުމޫނުގެ ވެރިކަމުގައި މީހުން ބަދަލުވާން އެދިގެން އެހެން ރަށްރަށަށް މީހުން ބަދަލުކޮށްފައިވާ ރަށެކެވެ.
ކޮނޑޭ، ދިޔަދޫ މީހުންނަކީ ބިމުން ކައިބޮއި އުޅުނު ބައެކެވެ. ދެރަށުން ވެސް މީހުން ބަދަލު ކުރެވުނެވެ. އެހެނަސް ކޮނޑޭ މީހުން އެނބުރި ރަށަށް ހިޖުރަކުރަން ބޭނުންވުމާ އެކު އެ ފުރުޞަތު ސަރުކާރުން ދެއްވިއެވެ. މިހާރު ރަށުގެ އާބާދީ ހާހަކާ ގާތް ކުރަމުން އަންނަ އިރު ދިރިއުޅެވޭނެ އަސާސީ ޚިދުމަތް ރަށުން ލިބޭނެ ގޮތެއްނެތެވެ.
ކޮނޑޭ އަކީ ބިންބޮޑު ފަޅު ވެސް ނުހަނު ބޮޑު ރަށަކަށް ވާތީ އެރަށުގައި ގެދޮރު އަޅައި ކައިރި ރަށްރަށުގެ މީހުން އާބާދު ވާން ފުރުޞަތު ހުޅުވާލައިފި ނަމަ އާބާދީ ބޮޑުތަނުން އިތުވެގެންދާނެއެވެ. ކޮނޑޭގައި މަތީ ތަޢުލީމާއި އެކަށޭނެ ސިއްހީ ފަރުވާ އާއި ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފިނަމަ ވަކިވެގޮސްފައި ވާ، އާއިލާތައް ބަދަހިވެ އެއްތަނަކަށް ދިރިއުޅުން ބަދަލުކޮށް އުފައު ފާގަތި ކަމާއެކު ދިރި އުޅޭން ފަށާނެއެވެ. މިފަހަރު ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން ބައެއް މީހުންނަކީ މާލެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށްފަހު މާލޭގައި ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން ރަށުގައި ދިރިއުޅޭ މީހުނެވެ. މާލެ އައީ ފްލެޓް ލިބުމުންނެވެ. މީގެ ތެރެއިން ބައެއް މީހުން އެމީހާގެ ފުލެޓް 16000 ރުފިޔާއަށް ކުއްޔަށް ދިނުމަށްފަހު މިހާރު ވަނީ އަނބުރާ ރަށަށް ގޮސްފައި ކަން ފާހަގަކުރަމެވެ.
ހަމަ އެހެންމެ ހުވަދޫ އަތޮޅު އުތުރު ބުރީ ގެމަނަފުށީ ގެ ފަޅަކީ ވެސް ބޮޑު ފަޅެކެވެ. ރަށާއި ގުޅިގެން އެއްފަޅެއްގައި ތިރީހަކަށް ފަޅުރަށް އޮވެއެވެ. ހިއްކައިގެން ގޯތިދޭން ބެލި ކަމުގައި ވިޔަސް 200 އަހަރު ވަންދެން ގޯތި ދެވޭނެ ޖާގަ އެބައޮތެވެ.
ރާއްޖެ ތަރައްގީ ކުރުމަކީ މާލެ ސަރަހައްދު ތޮއްޖައްސާލުން ކަމުގައި ނުހައްދަވާށެވެ. ރައްޔިތުންގެ ހާލަތާއި ގައުމުގެ އަމަންއަމާން ކަމާއި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެއްދެވުމަށް ސަރުކާރުތަކުން މަސައްކަތް ކުރެއްވި ނަމަ މާލެ އަށް މިހެން ނުވީހެވެ.
ކޮނޑެއާ ޖެހިގެން އޮންނަ ދިޔަދޫގެ ގިނަ މީހުން ބަދަލުވީ ގެމަނަފުށްޓަށެވެ. ކޮނޑެއަށް ބަދަލުވީ އެންމެ ޢާއިލާ އެކެވެ. އެޢާއިލާގެ ގިނަ މެންބަރުން ވަނީ މާލެއަށް ހިޖުރަކޮށްފައެވެ.
ރާއްޖެތެރެ ފަޅުވަމުން ދިއުމުގެ ސިއްރަކީ ދައުލަތުގެ ދޯހަޅި ސިޔާސަތެވެ. އިންސާނުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދިރިއުޅުމުގެ އަސަސީ ހައްގުތައް ލިބެން ނެތުމަކީ ދައުލަތުން ރައްޔިތުންގެ މައްޗަށް އެއްވެސް އިޙުތިރާމެއް ނެތްކަން ހާމާވެގެން ދާ ސަބަބެކެވެ.
އާބާދީ ބޮޑުކުރުމާއި ރަށްރަށުގައި އަސާސީ ޚިދުމަތްތައް ތަރައްގީ ކުރުމަކީ ދައުލަތުގެ އެންމެ އިސް ވާޖިބެވެ.
އެހެން ކަމާއެކު ސަރުކާރަށް މި ގޮވާލަނީ ހަމަހަމަ ކަމާއެކު އެންމެނަށް އަސާސީ އެންމެހައި ހަގުތައް ކަށަވަރު ކޮށް ދިނުމަށެވެ.