ލޯބީގެ މަންޒިލު-11

Loading

Facebook
Twitter
WhatsApp

http://sandhaanu.today/16298/އާ ގުޅޭ

”ދޮރު ހަލާކުކޮށްލައިގެން ނަމަވެސް ހުޅުވޭތޯ އަހަރެން އެބަ ބަލަން.“

”ތި ދައްކަނީ ކޮންކަހަލަ މޮޔަ ވާހަކައެއް؟“ ސުޝީލާ ވާހަކަ ދެއްކިއެވެ. ”އަޑެއް ނީވޭ ގޮތަށް ދޮރު ހަލާކުކޮށެއް ނުލެވޭނެ. އާންމުކޮށް ނީވޭ އަޑެއް އިވެން ފަށާއިރަށް އެ އިވެނީ ކޮން އަޑެއްތޯ ބަލަން މީހުން ބޭރަށް ނިކުމެ ތިބޭނެ. ދޮރު ހަލާކުކޮށް ބޭރަށް ކަލޭ ނިކުންނަ އިރު މީހުން ބޯދިއްކޮށްގެން ބަލަން ތިބޭނެ. އޭރުން އަހަރެންގެ އެއްވެސް އަގެއް ހުރުމަތެއް ނޯންނާނެ.“

”ދެން ހަދަންވީ ކިހިނެއް؟“

”އަހަރެންގެ ޑްރައިވަރު ވަރަށް އަވަހަށް އަންނާނެ. އޭނާ އަންނަންދެން މަޑުކޮށްލާ!“

ސަރޫޕު މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އަދި ތުރުތުރުލާ އަޑަކުން ބުންޏެވެ. ”އަހަންނަކަށް ނުހުރެވޭނެ!“

”ނުހުރެވެންވީ ކީއްވެ؟ އަހަންނަކީ ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައި ހުރި މީހަކީތަ؟“ ސުޝީލާ ހީލާފައި ވާހަކަ ދެއްކިއެވެ. ”ކަލޭ ވެސް ނިކަން ވިސްނާލަބަލަ! ދޮރު ނުހުޅުވައި ބޭރަށް ނިކުމެވޭކަށެއް ނެތް. ދޮރު ހަލާކުކޮށްލައިގެން ނިކުންނަން އުޅެފިއްޔާ ދެ މީހުން ވެސް ބަދުނާމު ވާނެ! އަހަރެންގެ އަބުރު ގެއްލި މަލާމާތް ރައްދުވާނެ.“

”އަހަރެންގެ ބޮލަށް މިއުޅެނީ އެނބުރުން އަރައިގަނެގެން.“

”ވަރަށް ބޮޑަށް އަރާމު ކުރަން ކަލެއަށް ވަނީ ޖެހިފައި. ހިނގާ އިރުކޮޅަކަށް ނަމަވެސް އޮށޯވެލަން.“

ސުޝީލާ ސަރޫޕުގެ އަތުގައި ހިފިއެވެ. ނަމަވެސް ސަރޫޕު ފޮޅުވާލާފައި އަރިއަޅަމުން ކަހަލަ ގޮތަކަށް ގޮސް އެނދުމައްޗަށް ވެއްޓިއްޖެއެވެ. އޭނަގެ ދެލޯ ވަނީ މެރިފައެވެ. އޭނާއަށް ނޭވާ ލެވެނީ ވަރަށް ފުންކޮށްނެވެ.

ސުޝީލާ އަވަސް އަވަހަށް އެނދު ކައިރިއަށް ޖެހިލިއެވެ. އަދި ސަރޫޕުގެ އަތުގައި ހިފައި ތަޅުވާލަމުން އޭނާއަށް ގޮވަން ފެށިއެވެ.

ޖަވާބެއް ނުލިބުމުން ސުޝީލާ ހަމަޖެހުމުގެ ފިނި ނޭވާއެއް ލިއެވެ. ދެން އޭނާ މޭޒު މަތީގައި ހުރި ތަށި ނަގައި ތަށީގައި ހުރި އެއްޗެއް ބޮއި ހުސްކޮށްލިއެވެ. އަދި ތަށި ފުރެންދެން ފުޅިން އެޅުމަށް ފަހު ވަރަށް ބާރަށް ހީގަތެވެ. ދެން އޭނާއަށް ލިބުނު ކާމިޔާބީގެ އުފަލުގައި އަމިއްލަ ނަފުސާ ވާހަކަދައްކަން ފެށިއެވެ.

”މިއަދު މި ލިބުނީ ވަރަށް އަރާމު ޒުވާނެއް.“

ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާ ލައިގެން ހުރި ކަޅުކުލައިގެ ހައުސް ކޯޓު ބާލައި އެއްފަރާތަކަށް ހޫރާލިއެވެ. ހަމައެކަނި ކަޅު ކުލައިގެ ޖަނގިޔާއެއް ލައިގެން ހުރި އިރު އޭނާގެ ފިނިފެންމާ ކުލައިގެ ހަށިގަނޑު ފެންނަނީ މެދުގައި ކަޅުކުލަ ޖައްސާފައިވާ ފިނިފެންމަލެއް ހެންނެވެ.

ސަރޫޕު އޮތީ އުއްޑުން އެނދުމައްޗަށް ވެއްޓިފައެވެ. އޭނާގެ މޫނު ހުރީ ދޮރާ ދިމާއަށް އެނބުރިފައެވެ. ދެ ލޯ މިހާރު ވަނީ ހުޅުވިފައެވެ. އޭނަގެ ބޮލުގައި ގަދަފަދަ ވޭނެއް އެޅިކަމުގައި ވިޔަސް ސުޝީލާގެ ހުރިހާ ހަރަކާތެއް އޭނާއަށް ސާފުކޮށް ފެނެއެވެ.

ސުޝީލާ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެ އިރުއިރުކޮޅުން ތަށީގައި ތުން ޖަހައި ބޮމުންދިޔައެވެ. އަދި ސަރޫޕާ ދިމާއަށް ޝިކާރަވެރިޔަކު ޝިކާރައަކާ ދިމާއަށް ބަލަމުންދާ ގޮތަށް ބަލަމުންދިޔައެވެ.

ތަށިން އެންމެ ފަހު ކޯވަރު ބުއިމަށްފަހު އޭނާ ތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ސަރޫޕު އޮތް އެނދާ ދިމާއަށް މަޑުމަޑުން ދާން ފެށިއެވެ. ސަރޫޕަށް ހީވީ މީހަކު އޭނާގެ ބޮލުގައި މަރުތޭލައެއް ފަދަ އެއްޗަކުން އެތިފަހަރެއް ޖެހި ހެންނެވެ. އަދި އަލިފާން ގުޅައެއް އޭނާ އަންދާލަން އޭނާއާ ދިމާއަށް އަންނަހެން ވެސް އޭނާއަށް ހީވިއެވެ. އޭނާގެ ހިތުގެ ވިންދު ހުއްޓެން އުޅޭހެން ވެސް އޭނާއަށް ހީވާން ފެށިއެވެ. ކުއްލިއަކަށް އޭނާގެ ހޭވެރިކަން އަނބުރާ

އަތުވެއްޖެއެވެ. ތިޔައީ ސުންޕާ އަންހެނެކޭ މީހަކު ގޮވާހެން ވެސް ހީވިއެވެ. އަދި ހިލޭ އަންހެނެއްގެ ގައިގައި އަތްލުމަކީ

ފާފައެކޭ ބުނާހެން ވެސް އޭނާއަށް ހީވިއެވެ.

ސުޝީލާ އެނދު ކައިރިއަށް އައިސް ހިނދުކޮޅެއް ވާނދެން ސަރޫޕަށް ބަލަހައްޓައިގެން ހުރުމަށް ފަހު ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. އަދި ފާޚާނާއަށް ވަދެ ދޮރު ލެއްޕިއެވެ. އެ ވަގުތު ސަރޫޕު ގާތު މީހަކު ބުނާހެން އޭނާއަށް ހީވިއެވެ.

”މިތަނުން އަވަހަށް ފިލައި ރައްކާވޭ! ފާފައެއް ކުރުމާ ދުރުހެލިވާން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ!“

ހަމައެ ވަގުތު ސަރޫޕުގެ ޚިޔާލަށް ސުޝީލާގެ ރީތި ނަލަނަލަ ހަށިގަނޑު ވެރިވެގެން ދިޔައެވެ. އޭނާގެ ހިތް ދެފަރާތަށް ކިރެން ފެށިއެވެ. ސަރޫޕު އެންމެ ފަހުން ގޮތެއް ނިންމިއެވެ. ބޯ ދެފަރާތަށް ތަޅުވާލާފައި އޭނާ އެނދުން ތެދުވެއްޖެއެވެ. ދެން އޭނާ ވަރަށް މަޑުމަޑުން، ސިއްރުސިއްރުން ހިނގާފައި ދޮރުކައިރިއަށް ގޮސް ދޮރުގެ ތަންޑު އޭނާ ނައްޓަން ހިފުމާއެކު ތަންޑު ނެއްޓުނެވެ. އަދި ވަރަށް މަޑުމަޑުން ދޮރުފަތް ހުޅުވަން ހިފިއެވެ. ވަރަށް ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. އޭނާގެ އަތްފައި ތުރުތުރު އަޅަމުން ދިޔައެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް