ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަން ވަކި ބަހެއް ކަނޑައަޅައި ނޯންނަކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުއްލާ ވިދާޅުވެއްޖެ އެވެ.
އީވާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަޖެޓުގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްލާ ޖާބިރު އިނގިރޭސިބަހުން ވާހަކަ ދެއްކެވުމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ނިޒާމީ ނުކުތާއެއް ނަންގަވާ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.
ވަހީދު ވިދާޅުވީ ޖާބިރު ދެއްކެވިވާހަކަފުޅު ފަހުމް ނުވިކަމަށާ އެހެން ބަސްބަހުން ވާހަކަ ދައްކާ ކަމަށްވާނަމަ އޭގެ ތަރުޖަމާ ލިބޭނެ ގޮތެއް ހައްދަވައި ދެއްވަން ޖެހޭނެ ކަމަށެވެ.
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އީވާ ވިދާޅުވީ ޖާބިރު ދެއްކެވި ވާހަތަކުގެ ތަރުޖަމާ ލިބޭނެގޮތެއް ހައްދަވާނެ ކަމަށެވެ. ނަމަވެސް ވަހީދު ވެސް މަޖިލީހުގެ ގަވައިދު ރަނގަޅަށް ސާފު ކުރެއްވުމަށް އީވާ އެދިވަޑައިގެންނެވި އެވެ.
”މަޖިލިސް ގަވައިދު އެކުލަވާލެއްވި އިރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަން ޖެހޭ ވަކި ބަހެއް ލިޔެފައެއް ނެތް. އަޅުގަނޑުމެން އެންމެން ވެސް ބޭނުން، އެންމެނަށްވެސް ވިސްނޭ ބަހުރުވަޔަކުން ވާހަކަ ދެއްކެވުން. އެހެން ނަމަވެސް އަޅުގަނޑުގެ ބާރު ހިނގާނީ މަޖިލިސް ގަވައިދު ތަންދޭ މިންވަރުން. “ އީވާ ވިދާޅުވިއެވެ.
މަޖިލިސް ގަވައިދަށް ބަދަލެއް ގެންނަން ބޭނުމިއްޔާ އެ އިސްލާހު ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަށް ވެސް އީވާ އެދިލައްވާފައި ވެއެވެ.
ޖާބިރު އިނގިރޭސި ބަހުން ވާހަކަ ދެއްކެވުމުން ނިޒާމީ ނަންގަވައި ވަހީދު ވިދާޅުވީ ދިވެހި ބަހަށް އިސްކަންދޭން ގާނޫނެއް ފާސް ކޮށްފައި އޮންނައިރު ރަސްމީގޮތުން ދިވެހި ބަހުން މުއާމަލާތް ކުރަން ލާޒިމް ކޮށްފައި އޮންނަކަމަށެވެ. ވަނީ އަދި މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ ޖަލްސާއެއްތޯ ނޫނީ އދ. ގެ ޖެނެރަލް އެސެމްބްލީގެ ޖަލްސާއެއްތޯ ވެސް ވަހީދު ވަނީ ފައްދަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަޖެޓުގެ ބަހުސްގައި ޖާބިރު މުޅިންހެން ވާހަކަ ދެއްކެވީ އިނގިރޭސި ބަހުން ނެވެ. ޖާބިރު ވަނީ މީގެ ކުރިން މަޖިލީހުގައި އިޓަލީ ބަހުންވެސް ވާހަކަފުޅު ދައްކަވާފައި ވެއެވެ.