ރާއްޖޭގެ ތައުލީމީ ދާއިރާގައި މިއަދު މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނާއި ވަގުތީ ޓީޗަރުން އިތުރުވަމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށާއި، މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފި ނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖޭން ނުލިބުމުގެ ބިރު ބޮޑުވެފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭގެ އިތުރަށް އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ހުރެގެން ވިޔަސް އަދި ރާއްޖޭން ބޭރުން ވިޔަސް، އެކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށެވެ. އެކާވީސް ވަނަ ސައްތައިގެ ތައުލީމުގެ އަމާޒަކީ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖުތަމައަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި ކުރިއެރުންތަކަށް އިޖާބަދެވޭ ފަދަ ދަރިންތަކެއް އުފެއްދުން ކަމަށެވެ.
”އެކާވީސް ވަނަ ސައްތައިގެ ތައުލީމު އަމާޒު ހިފާފައިވަނީ ދަރިވަރުންގެ ހަޔާތުގައި މިހާތަނަށް ނުއުފަންނަ ވަޒީފާތަކަކަށް އެ ކުދިން ތައްޔާރުކޮށްދިނުމަށް،“ އެމަނިކުފާނު ވިދާޅުވި އެވެ.
މެއި/ޖޫން، 2019 ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ރާއްޖޭގެ ގަދަ 10ގެ އެއްވަނަ ލިބުނީ ސީއެޗްއެސްއީގެ ފަސް ދަރިވަރަކަށެވެ.
އެކި މާއްދާތަކުން 33 ދަރިވަރަކު ދުނިޔޭގެ ފެންވަރުގައި އެކި ވަނަތައް ހޯދިއިރު، އެކި މާއްދާތަކުން ރާއްޖެ އިން އެއްވަނަ 12 ދަރިވަރަކު ހޯދި އެވެ.
One Response
Vaanuvaa neygey Raees kon Raees?? IMS