އިހުގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައި ބޮލި ރައްކާކޮށްފައިވާ ބޮލި ވަޅެއް ބޭންކް އޮފް މޯލްޑިސްގެ ހޮޅުދޫ ބްރާންޗްގެ ދޮރު ކުރިމަތިން ފެނިއްޖެ އެވެ.
އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ކުދި ބޮލި ވަޅުލާފައިވާ ދުވަސް ވީ މި ބޮލިވަޅު ހުރި ސަރަހައްދަކީ ކުރީ ޒަމާނުގައި އެރަށުގެ ކާޑު ގުދަން ހުރި ސަރަހައްދު ކަމަށް އެ ރަށު ދުވަސްވީ މީހުން ބުނެއެވެ.
ބިމުގެ ދެ ފޫޓެއްހައި އަޑިން ފެނުނު މި ބޮލިވަޅު ފެނުނީ ބެންކް ކުރިމަތިން ކަރަންޓް ކޭބަލް ވަޅުލުމަށް ކޮންނަމުން ދިޔަބަޔަކަށެވެ.
ބޮޅިވަޅު ފެނުމުން އޭގެއިން ބައެއް ބޮލިތަށް އެ ސަރަހައްދުގައި ތިބި މީހުން ނަގާފައިވާއިރު ރަށު ކައުންސިލުން ބުނީ މި މިބޮލިތައް ނެގި ސަރަހައްދުގައި އަނެއްކާވެސް ބޮލިތައް ވަޅުލާފައިވާނެކަމަށެވެ. އެތަނުގައި އެބޮލިތަށް ވަޅުލީ މިހާރު އެތަކެތި ރައްކާކުރާނެ ތަނެއް ނެތުމުން ކަމަށް ރަށުކައުންސިލުން ބުނެއެވެ.
ކުރީ ޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުންކުރާ ބޮލިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަމުން ދެއެވެ. ނަމަވެސް މިއީ އެއް ވަޅަކުން މިހާ ގިނަ އަދަދެއްގެ ބޮލި ފޮރުވާފައި ހުއްޓާ ފެނުނު ފުރަތަމަ ފަހަރެވެ.