ސިޓީއަކީ ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކުރެވެމުން އައި ސިޓީއަކަށް ވީނަމަވެސް މިހާރު އެޕްލޭން ވަނީ ގަޑުބަޑު ވެ ހަމައެއް ލަމައެއް ނެތިފައެވެ. ހުޅުމާލެ ސިޓީގެ އާބާދީ މިހާރު ލައްކައަކާ ގާތް ކޮށްފައިވާއިރު ހުޅުމާލެ ސިޓީގައި ހުންނަނީ ބޭންކް އޮފް މޯލްޑިވްސްގެ ތިން އޭޓީއެމް އެވެ. މި ތިން އޭޓީއެމް ގައި ހުރީ ހަ މެޝިނެވެ. ސަތޭކައިން ދަށުގެ ނޫޓްނެގޭ ދެ މެޝިން ހުރި އިރު ފަސް ރުފިޔާނެގޭ މެޝިނެއް ނުހުރެއެވެ
ހުޅުމާލޭ ސިޓީގެ ގިނަ ރައްޔިޔުން ވަޒީފާ އަދާކުރަނީ މާލޭގައެވެ. ޒަމާނަށް އައިސްފައިވާ ބަދަލާ ގުޅިގެން މާލޭގައި ހުރި މީހަކު ހުޅުމާލޭގައި ހުރި މީހަކަށް ފައިސާއެއް ފޮނުވިޔަސް އަދި ލިބޭ މުސާރަ އަށް ވިޔަސް އެފައިސާ ލިބެނީ ބޭންކް މެދުވެރިވެގެންނެވެ. އެހެން ކަމުން އެންމެން ވެސް ފައިސާ ނަގަން ދަނީ އޭޓީއެމް ތަކަށެވެ. މިހާރަކަށްއައިސް އޭޓީއެމް ތަކުން ވަރަށްގިނައިން ފައިސާ ހުސްވެ ފުދޭވަރެއްގެ ގިނަ ވަގުތު ފައިސާ ނޭޅި ހޭދަވާތީ ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ އެންމެ ގިނައިން ފައިދާ ލިބޭ އެއްކުންފުންޏެވެ. އެހެނަސް ބޭންކް އޮފް މޯލްޑިވްސްގެ ހުޅުމާލެ ބްރާންޗަށް ވަދެލުމުން އެތާގެ ޙާލަތު ހުރިގޮތް ފެނި ބޯގޮވާނެއެވެ. ކަސްޓަމަރުންނަށް ޚިދުމަތްދޭ ހަތް ކައުންޓަރހުރި އިރު ޚިދުމަތް ލިބެނީ ހަތަރު ކައުންޓަރުންނެވެ. ހަތް ކައުންޓަރުން ޚިދުމަތް ލިބޭނީ މަދުފަހަރަކުއެވެ. ހުޅުމާލޭސިޓީގައި މީހުންނާ ފިހާރަތައް ގިނަވާ ވަރަކަށް ބޭންކުން ދޭންޖެހޭ ޚިދުމަތްތައް ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެހެނަސް ފައިސާއެއް ޖަމާކުރަން ގޮސް އިންނަމީހާގެ މުޅިދުވަސް އެކަމަށް ހޭދަ ކޮށްލަން އެބަޖެހެއެވެ. މިއޮތްފަދަ ތަރައްގީ ޒަމާނެއްގައި ކުރިއަރާފައިވާ ޓެކްނޯލޮޖީގެ ފަސޭހަކަން ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނޭ ޢިމާރާތުގެ ދަތިކަންވެސް އެކުންފުންޏަށް ޙައްލު ކުރެވޭނޭގޮތެއް ދިހަ ބާރައަހަރު މާޒީވެ ދިޔައުރުވެސް ނުވިއެވެ.
ބީ.އެމް.އެލް ހުޅުމާލޭ ބްރާންޗްގެ ސީ.އީ.އޯ އާއި އަޅުގަނޑު ދެތިން ފަހަރެއްގެ މަތިން ބައްދަލު ކުރީމެވެ. އެކަމަނާ ފުރަތަމަ ދުވަހު ވިދާޅުވީ އެ ޢިމާރާތުގެ ކުރިމަތީގައި އެހަދާ ޢިމާރާތަށް އަންނަ އަހަރު ބަދަލުވުމުން ޚިދުމަތުގެ ފެންވަރު ރަނޅުވެގެން ދާނޭ ކަމުގައެވެ. އެހެނަސް އެޢިމާރާތް ހަދައި ނިމުނު އިރު އެޢިމާރާތުން ބޭންކް އޮފް މޯލްޑިވްސްގެ ހުޅުމާލޭ ބްރާންޗަށް ޖާގައެއް ލިބުނު ތަނެއް ނުފެނުނެވެ. އޭގެ ފަހުން ބައްދަލު ވި ދުވަހު ވިދާޅުވީ އައު ޢިމާތެއް ވަރަށް އަވަހަށް ވުޖޫދުވެ އާތަނަށް ބަދަލުވުމުން ނޫނީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ވާނެ ގޮތެއް އަދި ނެތްކަމުގައެވެ.
ސުވާލަކީ ބޭންކަށް ހުޅުމާއިން ބިމެއް ނުވިއްކީ ހެއްޔެވެ؟ ނޫނީ ގަނެވޭނެ ފައިސާ ނެތީހެއްޔެވެ؟ ކޮންމެއަކަސް ހުޅުމާލެ ސިޓީގައި ދިރިއުޅޭ ބީ.އެމް.އެލް ގެ ކަސްޓަމަރުންނަށް ކުރިމަތިވެފައިވާ އޭޓީއެމުން ފައިސާ ހުސްވުމުގެ މައްސަލައަށް ހައްލުނުފެނި ގިނަދުވަސް ވަމުން އަންނާތީ މިކަމަށްއަވަސް ޙައްލެއް ބޭނުންވެފައި ތިބި ކަސްޓަމަރުންނަށް އޭޓީއެމް ތަކުން ހިންގާ ފައިސާގެ މުޢާމަލާތް ތަކަށް ހުއްޓުން ނައަރައި ކުރިއަށް ދެވޭނެ މަގެއް ފަހިކޮށް އިތުރު އޭޓީއެމްތައް ހުޅުމާލެ ސިޓީގައި ގާއިމް ކޮށްދެއްވާނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ކަސްޓަމަރުން ތިބިކަން ފާހަގަ ކުރަމެވެ.