މާލެ ކައިރީ ސަރަހައްދުން ޕިކްނިކަށްދާނެ ރަށެއް ތަރައްގީކުރުމުގެ ގޮތުން ފަސްމަސް ތެރޭ ކުޑަގިރި ފަޅު ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެގްރިމެންޓުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ.
މި މަޝްރޫއަކީ ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދުކުރމަށް ހަމަޖައްސާފައިވާ މި މަޝްރޫއުގެ ދަށުން އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ވެސް ހިމެނެ އެވެ.
ޕިކްނިކް ދާ ރަށެއްގެގޮތުގައި ތަރައްގީކުރުމަށް ހަމަޖައްސާފައިވާ ބިން ހިއްކުމުގެ މި ޕްރޮޖެކްޓްގައި ކުޑަގިރި ފަޅުން ދެ ރަށް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އެއީ ދަތުރުދިއުމަށް އަށް ހެކްޓަރުގެ ރަށަކާއި، ފިނޮޅެއްގެ ގޮތުގައި ހަދާ 1.5 ހެކްޓަރުގެ ރަށެވެ.
ކުޑަގިރި ފަޅަކީ މާލެއާއި 10.5ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅެކެވެ. އެއީ ފެރީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި 10 ވަރަކަށް މިނެޓުން ދެވޭ ހިސާބެވެ.
މާލެ އަތޮޅު އެތެރެވަރިން ވެލިނަގައިގެން ހިއްކުމަށް ހަމަޖައްސާފައިވާ މި ޕްރޮޖެކްޓް ނިންމަން 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ ކަމަށް ބަލާފައިވެއެވެ.
ޕިކްނިކަށް ދާނެ ރަށެއްގެ ގޮތުގައި ތަރައްގީކުރާ ކުޑަގިރި ބިން ހިއްކުމުގެ މަޝްރޫއާ މެދު އާންމުންގެ ހިޔާލު ހޯދަން ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.