މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުޙީއްދީން ޔާސިން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހޮނިހިރު ދުވަހު ވަނީ އެ މަގާމާ އައު ބޭފުޅަކު ހަވާލުވެވަޑައިގެން ހުވާކުރައްވާފައެވެ. ހޮނިހިރު ދުވަހު ބޮޑު ވަޒީރުކަމާ ހަވަލުވެވަޑައިގެން ހުވާކުރެއްވީ ކުރީގެ ބޮޑު ވަޒީރު މުޙީއްދީންގެ ނައިބަކަށް ހުންނެވި އިސްމާޢީލް ސަބްރީ ޔައުޤުބް (ފޮޓޯ) އެވެ.
އުމުރުން 61 އަހަރުގެ އިސްމާޢީލް ސަބްރީ މަގާމަށް އައްޔަންކުރެއްވީ މެލޭޝިޔާގެ ރަސްގެފާނު، އައްސުލްޠާން ޢަބްދުއެވެ. އޭނާ ބޮޑު ވަޒީރުކަމަށް އައްޔަންކުރައްވަން ރަސްގެފާނު ނިންމެވީ ގައުމުގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބޭއްވުމަށް ފަހުއެވެ.
އިސްމާޢީލް ސަބްރީ މަގާމާއި ހަވާލުވެވަޑައިގެން ހުވާކުރައްވާފައިވަނީ ނެޝަނަލް ޕެލަސްގައެވެ. އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރަސްގެފާނާއި ކޯލިޝަންގެ ވެރިންބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުރީގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ ނަޖީބް ރައްޒާޤު ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
އިސްމާޢީލް ސަބްރީ ބޮޑުވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންފައި މި ވަނީ ގައުމުގެ ސިއްހީ ހާލަތު ވަރަށް ދަށްވެފައިވާ ދަނޑިވަޅެއްގައިކަން ރަސްގެފާނު ވަނީ ފާހަގަކުރައްވާފައެވެ.

މެލޭޝީޔާގައި ކޮވިޑް 19ގެ ބަލިމަޑުކަން އާންމުވެ އެ ގައުމު ވަނީ ދެކުނު އިރުމަތީ އޭޝިޔާގައި އެންމެ ގިނަ އަދަދެއްގެ މީހުން މިހާރު ފައްސިވަމުންދާ ގައުމުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައެވެ. މިދިޔަ ހުކުރުދުވަހު އެ ގައުމުގައި 23564 މީހުން ބައްޔަށް ފައްސިވެފައި ވެއެވެ. އެ ގައުމުން މިހާރު ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 1.5 މިލިއަނަށްވުރެ އިތުރުވެފައެވެ.
މެލޭޝިޔާ 2020 ވަނަ އަހަރު ކޮވިޑް 19ގެ ބަލިމަޑުކަމުގެ މާބޮޑު އަސަރެއް ނުކޮށް ސަލާމަތްވެފައިވީ ނަމަވެސް މި އަހަރު އެ ގައުމުގައި ބޭއްވި އިންތިޚާބަށް ފަހު ބައްޔަށް ފައްސިވަމުންދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ލޮކްޑައުންތަކާއި ގަވައިދުތަކަށް ތަބާނުވާ މީހުންނާމެދު އެއްވެސް ހަރުދަނާ ފިޔަވަޅެއް އެޅިފައި ނެތުމާއި، ވެކްސިން ޖެހުމުގެ ކަންކަމުގައި އިންތިޒާމެއް ނެތުމާ އެކު ގައުމުގެ ސިއްހީ އަދި އިގުތިސާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.
ކުރީގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި މައިގަނޑު ސަބަބަކީވެސް ކޮވިޑް-19ގެ ހާލަތު ދިމާވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ނުކުޅެދުމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުމެވެ.
މި ފަދަ ހާލަތެއްގައި ގައުމު ވަނިކޮށް އިސްމާޢީލް ސަބްރީ މަގާމާއި ހަވާލުވެވަޑައިގެންނެވިކަމަށް ވިޔަސް އޮންލައިން ޕެޓިޝަނެއްގައި ބައިވެރިވި 350000 މީހުން ވަނީ އޭނާއަށް އިތުބާރު ނުކުރެވޭނެކަމަށް ބުނެ ވޯޓުލާފައެވެ. މުޙީއްދީން ޔާސީންގެ ދައުރުގައި ޑެޕިއުޓީގެ މަގާމުގައި ހުންނެވި އިރުވެސް އިސްމާޢީލް ސަބްރީއަށް ގައުމުގެ ހާލަތު ރަނގަޅުކުރުމަށް އެކަށީގެންވާވަރަށް މަސައްކަތް ކުރެއްވިފައިނުވާކަން އެމީހުން ވަނީ ފާހަގަކޮށްފައެވެ.
އިސްމާޢީލް ސަބްރީ މަގާމާއި ހަވާލުވެވަޑައިގަތުމާއެކު އެކު ޔުނައިޓެޑް މެލޭ ނެޝަނަލް އޯގަނައިޒޭޝަންއަށް މި ގޮނޑި މިވަނީ ކާމިޔާބުވެފައެވެ. އެ ޕާޓީއަކީ 60 އަހަރުވަންދެން ގައުމުގައި ވެރިކަން ކުރި ޕާޓީއެވެ. އިސްމާޢީލް ސަބްރީ އަކީ 2018 ވަނަ އަހަރުގެ އިންތިހާބަށްފަހު ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާއި ހަވާލުވެލެއްވި 3 ވަނަ ބޭފުޅާއެވެ.