މެލޭޝިޔާގެ ސިޔާސީ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ބޮޑުވަޒީރު މުޙީއްދީން ޔާސީން ހޯމަދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން މެލޭޝިޔާއަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް މަގުފަހިވެގެންދާނެއެވެ.
މަގާމުން އިސްތިއުފާދެއްވުމަށް އެދިވަޑައިގެން ބޮޑުވަޒީރު ރަސްގެފާނަށް ހުށަހެޅުއްވިޔަސް އެހެން ބޭފުޅަކާ ސަރުކާރެއް އެކުލަވާލައްވަން ރަސްގެފާނު ހަވާލުކުރައްވަންދެން ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވާނީ މުޙިއްދީނެވެ.
މުޙިއްދީނަށް ޕާލަމެންޓުގައި އޮތް އިތުބާރު ގެއްލުނީ ގައުމަށް ދިމާވެފައިވާ ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާތީއެވެ. އެކަމާ ގުޅިގެން ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް އިދިކޮޅު މެންބަރުން ވަނީ އެތައް ފަހަރަކު ގޮވާލައްވާފައެވެ. ދެކުނު އޭޝިޔާގައި ކޮވިޑް-19ގެ ހާލަތު އެންމެ ނާޒުކު ގައުމުތަކުގެ ތެރޭގައި މެލޭޝިޔާ ހިމެނެއެވެ.
ހޯމަ ދުވަހު މެންދުރު 12:30ގައި ރަސްގެފާނާ ބައްދަލު ކުރެއްވުމަށްފަހު މުޙީއްދީން ވަނީ މެލޭޝިޔާގެ އެންމެހާ ރައްޔިތުންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެ ވާހަކަފުޅުގައި އޭނާ ވަނީ މިފަދަ ގޮތަކަށް މަގާމުން ވަކިވާން ޖެހުނީތީ ގައުމުގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ. އަދި ގައުމުގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން އައު ބޮޑުވަޒީރެއް މަގާމާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ވާހަކަވެސް އޭނާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
ހޯމަދުވަހުން ފެށިގެން ބޮޑުވަޒީރާ އެކު ހަމަޖެހިފައިވާ އެޕޮއިންޓްމެންޓްތައް ވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. އެއީ ރަސްގެފާނު އައު ބޮޑުވަޒީރެއް މަގާމަށް އައްޔަނުކުރައްވަންދެނެވެ.
މުޙިއްދީން ވެރިކަމަށް ވަޑައިގަތީ 2020 މާރިޗު މަހުގެތެރޭގައި ހަނި އަޣުލަބިއްޔަތަކުންނެވެ. ސަތާރަމަސްދުވަސް ފަހުން އޭނާ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ސަބަބުތަކުގެތެރޭގައި އޭނާގެ ޕާޓީގެ ބޭފުޅުން ހިންގަވާފައިވާކަމަށް ޝައްކުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ވެސް ހިމެނެއެވެ.
ބޮޑުވަޒީރުގެ ނައިބުކަމުގެ މަގަމުގައި ހުންނެވި އިސްމާޢީލް ސަބްރީ ޔައުޤޫބަށް ނޫންނަމަ ގާނޫނު ހަދާ މަޖލީހުގެ ދުވަސްވީ މެންބަރެއްކަމުގައިވާ ޓެންގްކޫ ރަޒާލީ ހަމްޒާއަށް މެލޭޝިޔާގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. އެ ދެ ބޭފުޅުންނަކީވެސް އަމްނޯގެ ބޭފުޅުންނެވެ.