ގްރީސްގައި އަލިފާން ރޯވެ އޮލިމްޕިކް ގޭމްސް އެންމެ ފުރަތަމަ ވުޖޫދަށް ގެނުވި ސަރަހައްދަށް ނުރައްކާވާ ވަރަށް އަލިފާންގަނޑު ފެތުރި މުޅި ސަރަހައްދު ދަނީ އަނދަމުންނެވެ.
އެންޝަންޓް އޮލިމްޕިއާ ކައިރީގައި އޮތް ޕެލޯޕޮނިސް އަވަށާ ހިސާބަށް އަލިފާންގަނޑު ފެތުރުމާ ގުޅިގެން މިދިޔަ ބުދަދުވަހުގެ ރޭ ސިޓިޒެންސް ޕްރޮޓެކްޝަން މިނިސްޓަރ، މިކާލިސް ކްރިސޮކޮއިޑިސް ވަނީ ކުއްލިގޮތަކަށް ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަލިފާންގަނޑު ނިއްވާލުމަށް ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް އޭނާ ވަނީ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައެވެ. އަދި މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ގިނަ ދަތިތަކާ ކުރިމަތި ލާން ޖެހިފައިވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބޭއްވުނު އޮލިމްޕިކްސް ކުޅިވަރުތައް ކުޅުމަށް ބޭނުންކުރި ތާރީޚީ ބިނާތައް އަދިވެސް ގްރީސްގެ މި ސަރަހައްދުގައި އެބަ ހުއްޓެވެ. އެހެންކަމުން މި ބިނާތައް ހިމާޔަތް ކުރުމަށްޓަކައި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި އެ ގައުމުން މިހާރު ދަނީ އަވަދިނެތި ހަރަކާތްތެރިވަމުންނެވެ. ހެލިކޮޕްޓަރުތަކާއި ފަޔާފައިޓިންގް ޕްލޭންތަކުގެ އެހީގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރައްވައެވެ.
މި ސަރަހައްދުގައި 2007 ވަނަ އަހަރުވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެފަހަރުގެ ހާދިސާގައި އެތައް ބަޔެއްގެ ފުރާނަވެސް ގެއްލުނެވެ. ނަމަވެސް އާސާރީ ބިނާތަކަށް އަސަރުކޮށްފައެއް ނުވެއެވެ.