ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލަކީ ޚުތުބާގެތެރެއަށް ދެގަނޑު ލައިގެން ގެނެވުނު ބަދަލެއްނޫން!
ސިޓީގެ 2 ވަނަ ބަޔާސި ގުޅޭ..
- ކޮންމެއަކަސް حكم އިއްވި ދުވަހުގެރޭ ކ. މާފުށީ ޖަލުގައި 100 މީހުން ތިބި ބިޔަ ގޮޅިއަކަށް ލައިފިއެވެ. އެއީ ކުރީގެ އެސް.ޓީ.އޯ. އިން ހިކިމަސް ރައްކާކުރަން ބޭނުންކުރި ބޯނުގެއެވެ. ވަށައިގެން ހުރީ ޓިނު ޖަހާފައެވެ. މަތީގައި ހުރީ ޓިނެވެ. އެއްވެސް ވެންޓިލޭޝަނެއްް ނެތެވެ. ފަންކާއެއް ނެތެވެ.ކުރިމަތީގައި ހުރީ ގޮޅި ކަނޑާފައިވާ ފެންސަކަށް ވިޔަސް ތަނަކީ ބޯނު ގެއެއްގެ ތެރޭގައި ހުރި ތަނަކަށް ވުމުން ކުރިމަތީގައިވަނީ ބައްދާފައިވާ ޓިނު ފެންސެކެވެ. ތަނުގައި އެގްޒޯސްތް ހަރުކުރެވިފައި ހުއްޓަސް، އެތާނގައިހުރި 5 ( ފަސް ) ގޮޅީގެ 15 އެގްޒޯސްޓްގެ ތެރެއިން އެކަތިވެސް މަސައްކަތެއް ނުކުރެއެވެ. ބޯށާއި ފެންވެރުމަށް 24 ގަދިއިރަށް ދެނީ 5 ލީޓަރ ފެނެވެ. އިތުރަށް ފާޚާނައަށް ދޫކޮށްފައިވާ ފެނަކީ ކުނިވެފައިވާ ކިސަޑުފެނެވެ. 100 މީހުން ބޭނުން ކުރުމަށް ހުންނަނީ 3 ފާޚާނާއެވެ. މި 5 ގޮޅިއަކީ ބޯނު ގެއެއްގެ އެތެރޭަގައި ފާރުތަކަކުން ވަކިކޮށްފައިވާ 5 ގޮޅިއެވެ. 5 ގޮޅިގައި 500 މީހުން ހައްޔަރުކޮށްފައިވާއިރު މި 500 މީހުންތިބީ ހިކިމަސް ރައްކާކުރުމަށް އެސް.ޓީ.އޯ. އިން ބޭނުންކުރި މިގުދަނުގައެވެ. މިތަނުން އޭރުދޭ އަދަބުގެ ވާހަކަ ދެއްކުމަކީވެސް ބިރުވެރިކަމެއް އިޙްސާސްވާ ވަރުގެ ކަމެކެވެ.
މިއަދަބުތައް ދެވިފައިވަނީ ޤައުމުގެ ވެރީންނަށް އެގިގެން، ދަނެގެންނެވެ. ( 2003 ޖޫން 22 ގައި ދޫނިދޫގައި ބަންދުކުރެވިފައިވާ 6 (ހަ) މަސްދުވަހުގެ ތެރެއިން ދުވަހަކު ފުލުސް އޮފީހުގައި ބްރިގޭޑިއަރ އާދމް ޒާހިރުގެ ފައިންޕުޅު ފެނިލުމުގެ ފުރުޞަތު ލިބުނެވެ. ވާހަކައިގެ ތެރޭގައި، އަޅުގަނޑަށް ދެންނެވުނު ޝަކުވާއަކާއި ގުޅިގެން އެމަނިކުފާނު ވިދާޅުވީ ހުރިހާ ކަމެއްވެސް ކުރަމުންދަނީ ރައީސް މައުމޫނުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި ރައީސް މައުމޫނަށް ޚަބަރު ނުކުރައްވާ ކިތަންމެ ކުޑަނަމަވެސް ބޮޑުނަމަވެސް ކަމެއް ނުވާނެ ކަމަށެވެ. އާދަމް ޒާހިރުގެ މިސްޓޭޓްމެންޓުން ޔަޤީން ކުރެވުނީ ހުރިހާ ކަމެއްވެސް ހިގަމުން ދަނީ ރައީސް މައުމޫނަށް އެގިވަޑައިގެން ކަމެވެ. މިއީ ތެދެއްކަމަށް ވަނީނަމަ ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އަދި ޖަލާ ހަވާލުވެ ހުންނެވީ ޑިފެންސް މިނިސްޓްރީގެ އެގްޒެކްޓިވް ޑައިރެކްޓަރ އިސްތަފާ އިބްރާހީމް މަނިކެވެ. އަނިޔާވެރިކަން މުޅި ގައުމަށް މަޝްހޫރުވެފައިވާ ކުރީގެ ސޭފްޓީ މިނިސްޓަރގެ “ އެގްޒެކްޓިވް ޑައިރެކްޓަރ “ އަކަށް ހުންނެވީވެސް އިސްތަފާ އިބްރާހީމް މަނިކެވެ. 100 މީހުން ބޭނުން ކުރުމަށް 3 ފާޚާނާ ހުރުމަކީ ކޮންފަދަ އިންސާނީ މުޞީބާތެއް ތޯއެވެ. 5 ގޮޅީގެ 15 ފާޚާނާ ގުޅާލެވިފައިވަނީ 1 ލަނަކަށެވެ. އެއީ 4 އިންޗީގެ ހޮޅިއެކެވެ. 500 މީހުން މިފާޚާނާތައް ބޭނުން ކުރުމުން ވަރަށް ގިނަ ފަހަރަށް ފާޚާނާ ބްލޮކްވެއެވެ. އާދައިގެ ގޮތެއްގައި ފާޚާނާތައް ހުންނަ އިރުވެސް ހީސްލާން ބޭނުންވާ މީހާވެސް 1 ގަޑިއިރު ކިޔުގައި ހުންނަންޖެހެއެވެ. ގާމާދޫ ޖަލު ރޯކޮށްލުމާއި ގުޅިގެން ޖަލު މާފުއްޓަށް ބަދަލުކޮށް ތަން ހެދިއިރު ފުރަތަމަ ގޮޅިއަކަށް ހެދި އެންމެ ފާޚާނާއެއް ކަމުގައި ވެއެވެ. އެއީ ސިފައިންގެ ބޭކަލެއް ކަމުގައިވާ އާދަމް އިބްރާހީމް މަނިކު ( މަޝްހޫރު ބިލާލޭ ) ގެ ސިދާ ބެއްލެވުމުގެ ދަށުންނެވެ. މިތަނަށް ސިފައިވެސް ކިޔާ ނަމަކީ ގުދަން ފަޅިއެވެ. މިތަނަކީ ވަގުތީ ތަނެއްކަމަށް އަޑުއަރުވާފައިވެއެވެ. ނަމަވެސް އެތަނަށް މީހުންލާތާ 5 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މާފުށީގައި އިންސާނުން ބައިތިއްބަން އެކަށީގެންވާ ރަނގަޅު ތަންތަންވެސް ހުރެއެވެ. ނަމަވެސް އޭރު އެތަންތަން ވަނީ ފުރިބާރުވެފައެވެ. ވީމާ، އެތަނަށް ދިޔުމުގެ ފުރުޞަތު ލިބެނީ ކިއޫގެ ޤަވާއިދުންނެވެ. އެތަނަށް ދެވެނީ 6 (ހަ) މަސް ނުވަތަ 1 (އެއް ) އަހަރު ދުވަހުންނެވެ. ނަމަވެސް އެތާގައި ކުށެއް ކުރެވިއްޖެނަމަ އަނެއްކާވެސް ގުދަން ފަޅިއަށް އަންނަން ޖެހެއެވެ. ނައިން ޓޫ ( ރަނގަޅު ތަނެއް ) ގައި ހުރި މީހަކު ގުދަން ފަޅިއަށް އެއްދުވަހު ގެނެވުނީ އަތްފޯރާ ހިސާބުން ޖޭމް ގަހުން ޖޭމެއް ބިނދެގެންނެވެ. ބޯފެން އިސްކުރު ކައިރީގައި ހުރެގެން ފެންބުއިމަށްފަހު ބޯފެންތައްޓެއް ގޮޅިއަށް ގެންދިޔަ މީހާވެސް ގެންދިޔައީ ގުދަން ފަޅިއަށެވެ. ކަމަކަށް އަވަސްކުރާށޭ ސިފައިން ބުނިއިރު ފާޚާނާގައި ހުރިމީހާ ލަހެއް ނުވެއެއް ނުންތޯއޭ ބުނެގެންވެސް ގެންދެވުނީ ގުދަން ފަޅިއަށެވެ. ސިފައިން ހިތްހަމަ ނުޖެހޭ ކަހަލަ ކިތަންމެ ކުޑަކަމެއް ދިމާވިޔަސް ފޮނުވަނީ ގުދަންފަޅިއަށެވެ. މިގުދަންފަޅިއަކީ އެންމެ އަޛާބު ބޮޑު ތަނެވެ. އެތާތެރޭގައިި ކުރިމަތީގައި ހުރި ފެންސްގެ އެތެރޭގައި 6 (ހަ) ބޮޅު ހުރެއެވެ. އެއީ ދަގަނޑު ހޮޅިތަކަށް ވެލްޑިންގ ކޮށް ހަރުކޮށްފައިވާ ޑައިމެންޝަން 4 އިންޗީގެ ބޮޅެވެ. 4 ފޫޓް އުސްމިނުގައި ހަރުކުރެވިފައިވެއެވެ. ކިތަންމެ ކުޑަކަމެއްވިޔަސް ދެއަތް އެއްކޮށް ބިޑިއަޅުވާފައި ބިޑި މިދެންނެވި ބޮޅާއި އެއްކޮށް އަމުނާލައެވެ. މި 4 އިންޗީގެ ޑައިމެންޝަންހުރި ބޮޅަށް ހަތަރު ފަސްމީހުން ބިޑިއަޅުވާފައި ބައިތިއްބައެވެ. މިގޮތަށް ފެންވެރުމެއް ނަމާދު ކުރުމެއްނެތި 10 (ދިހަ) ނުވަތަ 15 (ފަނަރަ) ދުވަހަށް ބައިތިއްބައެވެ. މިމީހުންގެ ކުށަކީ ކޮބައިތޯއެވެ. އެއް ގޮޅިން އަނެއްް ގޮޅިއަށް ވާހަކަ ދައްކައިގެންނެވެ. ސައިބޯނި ކޮޅަކުން ރާޒުވާ ކުޅިބައެއްގެ ގޮތަށް ސައިބޯނުކޮޅު ތަކެއް ހަދައިގެންނެވެ. ބިޑިއެއް ބޮއެގެންނެވެ. ބާރަށް ހީގެންނެވެ. ދަންވަރު ފާޚާނާއަށް ގޮސްފައި ގައިގައި ފެން ހާކައިގެންނެވެ. ވަގަށް ތާސް ކުޅެގެންނެވެ. މިކަހަލަ ކުދިކުދި ކަންތަކާއި މިހާބޮޑު އަދަބު ދީފާނެ ކަމަށް قبول ކުރަން މިއަދުގެ ތަހްޒީބު ވެފައިވާ ދުނިޔޭގެ މީހުންނަށް ދަތިވެދާނެއެވެ. ނަމަވެސް މިއީ حقيقت އެވެ. މިދެންނެވި ބޮޅުގައި ތިބެގެން ފާޚާނާއަށް ގެންދާމީހާ އަށް ނާދެވި ލަސްވެގެން ގަޔަށް ސީލާ، ގަޔަށް ގޮރުހަނޑާ ހަދަން ޖެހެނީ މަދެއްކޮށެއްް ނޫނެވެ. މިއަދިަބުގެ އިތުރަށް ރޭންޖަށް ނެރެ ތަޅާލާ ހަދައެވެ. މިހެން ތަޅާއިރު ފުރަތަމައިން ބުނާކަމަށް ވަނީ ބޭނުމީ ބުރަކަށީގެ މައިބަދަ ކަމެވެ. ތިމާގެ ދެއަތް ވަށާ ގެންގޮސް ނުޖެއްސޭ ފަލަ ރުށްރުކުގައި ގަދަކަމުން ދެއަތް ކައިރިކޮށްފައި ބިޑިއަޅުވާފައި ބޮލަށް ހަކުރު އަޅާކަމަށް ވެއެވެ. 50 މީހުން ބިޑި ފައްޗަށް އަމުނައިގެން ގެންގޮސް ރޭންޖަށް ނެރެ ތަފާތު އަދަބުތައް ދިނުމަކީ އާއްމު ކަމެކެވެ. ނަފްސާނީ ބޮޑު މިހާސްކަމުގައި ސިހިސިހި އެތަކެއް މަސްދުވަހަށް އުޅެން ޖެހުނެވެ.
- މާޗް 2003 (އެމަހުގެ ދުވަހެއް ހަނދާނެއްނެތް) ވަރަށް ބޮޑަށް ލޮލު ރޯގާ ޖެހިއްޖެއެވެ. ކަރެކްޝަން ޑިޕާޓްމެންޓް މެދުވެރިވެގެން އައި.ޖީ.އެމް.އެޗް. އަށް ގެންދެވުނެވެ. ޑޮކްޓަރ އިމްތިޔާޒް ޗެކްކޮށް ބައްލަވާފައި 4 ދުވަހަށް އެޑްމިޓް ކުރެއްވިއެވެ. އޭރު ބަލި ބޮޑުވެގެން ދެލޯ ވަނީ ނުލާހިކު ބޮޑަށް ދުޅަވެފައެވެ. 4 ގަޑިން 4 ގަޑިން ފިނިފެންކަފަ ލޮލަށް އެޅުމަށް ނަރުހުންނަށް އިރުޝާދު ދެއްވިއެވެ. އަޅުގަނޑު ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވީ ކަރެކްޝަންގެ قواعد ދުން ކަރެކްޝަނުންނެވެ. ބޭސްފަރުވާ ކުރަމުން ދިޔައީ އާއިލާގެ ޚަރަދުގައެވެ. އަޅުގަނޑަށް އެގިފައިވާ ގޮތުގައި ކުށްވެރިން ތިބެނީ ކަރެކްޝަން ޑިޕާޓްމަންޓްގެ ހަވާލުގައެވެ. އެމީހުންގެ ކަންތައް ބަލަހައްޓަނީ ކަރެކްޝަން ޑިޕާޓްމަންޓުން ހަމަޖައްސާ ޤަވާއިދުގެ ދަށުންނެވެ. އަޅުގަނޑު ހޮސްޕިޓަލުގައި އެޑްމިޓްކޮށް 5 ގަޑި އެއްހާއިރު ވީތަނާ އާދައިގެ ކުލަހެދުމުގައި މާފުށީ ޖަލުގައި އަނިޔާ ކުރާ ޖައްލާދުންތައް ހޮސްޕިޓަލުގައި އަޅުގަނޑު އޮތް ކޮޓަރިއަށް ކުއްލިއަކަށް ވަދެއްޖެއެވެ. މިގްރޫޕްގެ ވެރިއަކަށް ހުރީ އަބްދުﷲ އާދަމް (އަބްދުﷲ ޕާޕާ) އެވެ. އިތުރު 6 ސިފައިންނާއެކުއެވެ. އަދި މުޅި ކޮޓަރި ޗެކްކޮށްފައި ނުކުތެވެ. 10 ވަރަކަށް މިނިޓް ފަހުން ކަރެކްޝަންގެ ވެރިޔަކު ގޮވައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އަދި އެންގީ އަޅުގަނޑު އެހެން ތަނަކަށް ބަދަލު ކުރުމަށެވެ. ކިހިނެއްތޯ އެހުމުން ޖަވާބު ދޭން ނުޖެހޭނެ ކަމަށް އެންގެވިއެވެ. މަންޒަރު ބަލާލުމުން އެކަން އެނގެއެވެ. އަޅުގަނޑެކޭ އެއްފަދައިން ކަރެކްޝަންގެ ވެރިންވެސް ވާނީ ސުވާލުކުރުމަށް ނުކުޅެދިފައިކަން އެނގެއެވެ. (އެވަގުތު އަޅުގަނޑު ހިތައް އެރީ، މިރާއްޖޭގައި މިއީ ކޮންހާ މިނިސްޓްރީތަކަކާއި ޑިޕާޓްމަންޓްތަކެއް ބާވައެވެ! ޤައުމުގެ ވެރިންނަކީ މި އަބްދުﷲ ޕާޕާ މެންނެވެ. އާދޭހެވެ. ބުނާގޮތަށް ހެދުން ބުއްދިވެރި ކަމަށް ޤަބޫލު ކުރެވުނެވެ. އޭރު އަޅުގަނޑުވެސް ވަނީ ކުރީގައި ދެންނެވުނު ބޯނުގެ (މަސްގުދަންގެ) ސީ 3 (ސީ ތިނެއް) ( ރޮށި ފިހޭ އުނދުނެއްހައި ހޫނު، ތަހްޤީގް މީހުންނާއި، ހުކުމުގެ މީހުންނާއި (އޭގެ ތެރޭގައި ބޮޑެތި ވަގުންނާއި، ޑްރަގް ޑީލަރުންނާއި އެޑިކްޓުންނާއި، މީހުން މަރައިގެން ޙުކުމް ކުރެވިފައިވާ މީހުނާއި އަދި ބަދްއަޙްލާޤީ އަމަލު ހިންގައިގެން ބަންދު ކުރެވިފައިވާ މީހުން ލާ ފުރިފައިވާ އިންސާނީ ޒުލެއް ކަހަލަ ތަނެއްގައި މިއަނިޔާވެރިންގެ ދަށުގައި ހުރެ ބިރުވެރިކަން ހިތަށް އިޙްސާސް ކުރެވިފައެވެ. ކޮންމެ އަކަށް ކުޑައިރުކޮޅެއް ފަހުން ޑރ. އިމްތިޔާޒު ވަޑައިގެން ލޯ ބައްލަވާފައި، ކުރީގައި ބުނެފައިވާ ގޮތަށް ފަރުވާ ކުރުމަށް ނަރުހުން ކައިރީގައި ބުނެފައި ވަޑައިގަތީއެވެ. ނަމަވެސް 4 ދުވަހަށް އެޑްމިޓް ކުރެވިފައިވާ ވުން ފުލުހުންގެ ޕްރެޝަރުގައި 1 ދުވަހަށް ބަދަލު ވިއެވެ. މިގޮތުން އަޅުގަނޑުގެ ބޭސްފަރުވާއިން އަޅުގަނޑު މަޙްރޫމް ކުރެވުނެވެ. އެހާ ވަރުން ނިމުނީ އެއް ނޫނެވެ. އަޅުގަނޑު މަތީގައިހުރި ކުޑަ ގޮޅިއަކަށް ލާފައި އެތެރޭގައި ގޮނޑިއެއް ބަހައްޓައިގެން އަދި އަނެކަކު ކޮޅަށް ފޯރިމަރަން ފަށައިފިއެވެ. އަދި ބޭރުގައިވެސް ފޯރި މަރަނީއެވެ. ބޭރުގައި ހުންނަ މީހާ 10 މިނިޓުން އެއްފަހަރު ކޮޓަރިއަށް ވަދެއެވެ. މިގޮތަށް ދޮރުގައި ޖެހިގަނެގެން ބޮޑު އަޑުފަށް ގަނޑަކާއެކު ވަދެގަނެއެވެ. ބަލިމީހާއަށް (އަމުދުން ލޯބަލިވެގެން އުޅޭ މީހާއަށް) ލޮލު އެސްފިޔައެއްވެސް ޖެހިޔަ ނުދިނެވެ. ހެނދުނު ވުމުން ޗެކްއައުޓް ކުރަން އޯޑަރ ދިނެވެ. މިވެގެން އުޅެނީ ކިހިނެއްތީއޭ (ބިރުން ހުރެ ނަމަވެސް) ސުވާލު ކުރުމުން ބުނީ “ މިއީ އަހަރެމެންނަށް އަންގާފައިވާ ގޮތް“ ކަމަށެވެ. އެދުވަހަކީ ހުކުރު ދުވަހެވެ. އަޅުގަނޑުގެ ބަލިހާލު ހުރިގޮތުން އާއިލާގެ ފަރާތުން ކަރެކްޝަނާއި ހޯމް މިނިސްޓްރީގައި އާދޭސް ދަންނަވާ ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލުގައި މަޑުކޮށްދެއްވާތޯ އާދޭސް ދެންނެވުންވެސްވީ ބޭކާރެވެ. ނަމަވެސް މާބަރުގަދަ ފަރާތެއްގެ އޯޑަރަށް އަޅުގަނޑު ހޮސްޕިޓަލުން ނެރެވުނެވެ. އަދި ސިފައިންގެ ޙަވާލުގައި މާފުއްޓަށް ގެންގޮސް ކަރެކްޝަން ގާޑުންނާއި حوال ކޮށް ޖަލުގެ 16 D ގޮޅިއަށް ލެވުނެވެ. މިގޮޅިގައި އޭރު ލޮލޮރޯގާ ޖެހިފައިވާ 10 މީހުން ތިއްބެވެ. މިއީ 4 ގަޑިން 4 ގަޑިން ލޮލަށް ފިނިފެން އަޅާ ބޭސްފަރުވާ ކުރުމަށް ޑޮކްޓަރު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ބަލިމީހާއަށް ހަދާލިގޮތެވެ.
22 ޖޫން 2003 ގެ 01:30 ގައި ގާޑަކު އައިސް ބުނީ ފުލުހުންގެ ބޭނުމަކަށް (ސިފައިގޭގައި އެރޭ މަޑުކުރާ ގޮތަށް) މާލެ ދާން ތައްޔާރުވާށެވެ. ފާލަން މަތިން މިލިޓަރީ ޔުނިފޯމްގައި ތިބި ސިފައިންނާއި ހަވާލު ކުރެއްވިއެވެ. ހައިސްޕީޑް ލޯންޗެއްގައި މާލެ ގެންދެވުނެވެ. އެދުވަހަކީ އަޅުގަނޑު ވަރަށް ހުންއައިސްފައިވާ ދުވަހެކެވެ. ހުންއައިސްގެން ބޭސް ކާތާ ދެދުވަސް ވެއްޖެއެވެ. އޭރުވެސް ވަރަށް ހުންގަދައެވެ. އަޅުގަނޑުމެންގެ ބޭސްތައް ޖަލުގެ ޢާއްމު ޤަވާއިދުން ހުންނަނީ މެޑިކަލް ޑިޕާޓްމަންތްގެ ދަށުގައެވެ. އަޅުގަނޑު ބޭސްކޮތަޅު ހޯދައިގެން ދިޔުމަށް އެދުމުން ބުނީ މަތިން އޯޑަރު އައިސްފައިވަނީ އަވަހަށް މާލެ ގެންދިޔުމަށެވެ. ބަލި ޙާލުގައިވާ ތިމާގެ އަޚާއަށް ބަލާލުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫންތާއެވެ. މާލެ ގެންގޮސް ފުލުސް އޮފީހަށް ގެންގޮސްފައި ވިއްސަކަ މިނިޓް ފަހުން ދޫނިދޫއަށް ހައި ސްޕީޑް ލޯންޗެއްްގައި ގެންގޮސް އެކަނި އެކަހެރިކޮށް ބަންދުކުރެއްވިއެވެ. އަޅުގަނޑާއި އެއްކޮށް ސަންދާނު މައްސަލާގައި ހުކުމް ކޮށްފައިވާ އަޙްމަދު އިބްރާހިމް ދީދީވެސް ގެންދެވި އޭނާވެސް އެކަހެރިކޮށް ބަންދު ކުރެއްވިއެވެ. އަޅުގަނޑު އެރޭ އިރާކޮޅު ހުންގަދަ ވެއްޖެއެވެ. ޕެނެޑޯލް ގުޅައެއް ހޯދުމަށް ޑިޔުޓީ ކައިރީގައި ބުނުމުން ބުނަނީ ބުނެފީމެވެ. އެހެން ހުރެ ދެރޭ ދެދުވާ ވީފަހުން 2 ގުޅަ ޕެނެޑޯލް ލިބުނެވެ. އެތަނުގެ މެޑިކަލް އަށް އާދޭސް ކުރުމުން ބުނަނީ ޑޮކްޓަރު ބަލާފައި ބޭސްދޭން އެންގުމުން ނޫނީ ޕެނަޑޯލް ގުޅައެއްވެސް ދިނުމަކީ ޤަވާއިދުން ކުރެވޭ ކަމެއްކަމުގައި ނުވާ ކަމަށެވެ. އަޅުގަނޑަށް ހީވަނީ އިންސާނާގެ ސިކުނޑި ހުންނަނީ ކޮންމެވެސް ކަމަކުހެންނެވެ. އެޤަވާއިދަށް އަމަލުކުރަން ހަދައިގެން ކޮންމެ ކަހަލަ ސީރިއަސް މައްސަލައަކާއި ވެސް ކުރިމަތިލާން ޖެހިދާނެއެވެ. ކޮންމެއަކަސް، ދެދުވަސްފަހުން ދޫނިދޫ ޑިޓެންޝަން ޔުނިޓްގައި ތަހްޤީގު ކުރުމަށްޓަކައި ހައްޔަރު ކުރެވުނު މައްސަލަ އަންގަވާ ސޮއި ކުރުވިއެވެ. އެއީ މާފުށީ ޖަލުން ފިލަން އުޅުމުގެ ތުޙުމަތުގައި ކަމަށް އެންގެވިއެވެ. 3 ވަނަ ދުވަހުގައި ރަސްމީ ތަހްޤީގް ފެށުނެވެ. ޖަލުން ފިލަން އުޅުނިންތޯ ސުވާލު ކުރެއްވިއެވެ. އިތުރަށް ކުރެއްވި ސުވާލަކީ ރާއްޖެއިން ބޭރުގައި ތިބޭ ދަންނަ ބަޔަކީ ކޮބައިތޯއެވެ. 22 ޖޫން 2003 އިން ފެށިގެން އޮގަސްޓް 4 އާއި ދެމެދު ދެތިންފަހަރު ސުވާލު ކުރެއްވިއެވެ. ނުވަތަ ތަހްޤީގަށް ނެރެ ސުވާލު ކުރެއްވިއެވެ. އުމުރަށް ހުކުމް ކޮށްފައި ޖަލުގައި ހުކުމް ތަންފީޒު ކުރަން ސިފައިންގެ ސެކިޔުރިޓީ ބަލަހައްޓަ ޖަލުން، ފިލަން އުޅުމުގެ ޚިޔާލަކީ އެއީ ކުރަން ހިތައް އަރުވާ ވަރަށްވުރެން ބޮޑު އޮޕްރޭޝަނެއް ކަމުގައި ނޫނީ ނުވެއެވެ. ކޮންމެއަކަސް ތަޙުޤީގުން ކުރެއްވި ސުވާލުގެ ޖަވާބުގައި ފިލަން ނޫޅޭ ކަމަށާއި އަދި ޚިޔާލަށް އައި ކަމެއް ނޫން ކަމަށްވެސް ދެންނެވީމެވެ. ދުވަސްވަރަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ. އަޅުގަނޑު ދޫނިދޫއަށް ގެންދެވުނުއިރު، ހަތަރު ފަސްމަސްވެފައިވާ އެތަކެއް މީހުން ދޫނިދޫ ގޮޅިތަކުގައި ތިއްބެވެ. އޭގެ ތެރޭގައި އަޅުގަނޑުވެސް ހިމެނިގެން ދިޔަކަމަށް ބެލެވުނެވެ. އޮގަސްޓް 4 ގައި ތަޙްޤީގު ނިމުމުން އާމުކޮށް ސޮއިކުރުވާ 4 ކޮޕީގައި ސޮއިވެސް ކުރުވިއެވެ. އަދި ތަޙްޤީގް ނިމުކަންވެސް ރަސްމީކޮށް އެންގިއެވެ. ނިމުނީ ކިހިނެއްތޯ ސުވާލުކުރުމުން، ހެއްކެއް ނުވަތަ ޤަރީނާއެއް ނެތުމުން ޘާބިތު ނުވާ މައްސަލައެއްގެ ގޮތުގައި ނިމުނުކަމަށް އެންގިއެވެ. މިހާހިސާބަށް ދިޔައިރު މިތަޙުޤީގް ލަސްވެގެން ޑިފެންސް މިނިސްޓްރީއަށް ތަކުރާރުކޮށް ވަނީ ލިޔެފައެވެ. އަދި އަވަސް ގޮތަކަށް މާފުއްޓަށް ބަދަލު ކޮށްދެއްވުން އެދި ދެންނެވުމުން ޖަވާބުގައި އަންގަވަނީ ”ސިޓީ ލިބިއްޖެއެވެ.“ މިހާރު ތަޙްޤީގު ނިމުމުން މާފުއްޓަށް ބަދަލު ކޮށްދެއްވާނެ ކަމަށް ހީކުރެވުނެވެ. ނަމަވެސް އޮގަސްޓް 4 އިން ފެށިގެން 12 އޮކްޓޯބަރާ ޖެހެންދެން ވާނުވާއެއް ނޭނގި އިންތިޒާރީގައި ދުވަސްތަކެއް ގުނަން އެކަނިވެރިކަމުގައި އެ ކުޑަ ގޮޅީ ޤައިދުގައި ހުރީއެވެ. 12 އޮކްޓޯބަރ ގައި ދޫނިދޫ އޮފީހަށް ޙާޞިރު ކޮށްގެން ތަޙްޤީގް ޓީމުގެ ބޭފުޅެއް ކަމުގައިވާ ޙަބީބް އަޅުގަނޑުގެ މައްސަލަ މުޅީން ނިމި މުޅި އެއްކޮށް ދޫކޮށްލިކަމަށް އެންގެވިއެވެ. ނަމަވެސް حكم ތަންފީޒް ކުރާ މީހަކަށްވުުމުން ޑިފެންސް މިނިސްޓްރީއާއި ހަވާލު ކުރީކަމަށް އެންގެވިއެވެ. ދެން ހީކުރެވުނީ މާފުށީ ޖަލަށް ބަދަލު ކުރައްވާނެ ކަމަށެވެ. ޚަބަރެއް ނުވެގެން ލަސްވަމުން ދާތީ އާއި ޙާލު ދެރަވާގޮތްވެފައި ވުމުން ޝަރުޢީ ކޯޓަކުން ކޮށްފައިވާ حكم ތަންފީޒް ކުރާން ޖެހެނީ ޖަލުގައި ކަމުން ޖަލަށް ބަދަލު ކޮށްދިނުމަށް އެދި ފޮނުވި ސިޓީގެ ޖަވާބުގައި އެންގެވީ ޙުކުމް ތަންފީޒު ކުރުން މިހާރު ހަމަޖެހިފައިވަނީ ދޫނިދޫގައި ކަމަށެވެ. އެގޮތުން ދޫނިދޫ (6ފޫޓް 8 ފޫޓް ގޮޅިއެއްގައި) ބެއިތިއްބީ ކަމަށެވެ. ޙައިރާނެއް ނުވާނެތޯއެވެ. ޑިފެންސް މިނިސްޓްރީގެ 02 ނޮވެމްބަރ 2003 ގައި އެންގެވި އެންގެވުމުގެ ޢިބާރާތް ވަނީ ފަހަތުން މިލިޔާ ގޮތަށެވެ. “ ކިޔަމަންތެރިކަމާއެކު ޙުކުމް ތަންފީޒު ކުރަމުންދާ ނަމަ ރަނގަޅު ގޮތްތައް މެދުވެރި ވަމުންދާނެއެވެ. މިހާރު ހަމަޖެހިފައިވަނީ ދޫނިދޫގައި ބައިތިއްބައިގެނ ހުކުމް ތަންފީޒު ކުރަމުން ގެންދާށެވެ. އެކިއެކި އިނާޔަތްތައް ދެމުން ގެންދެވޭނެއެެވެ.“ މިޢިބާރާތަށް ބަލާލުމުން ކަރެކްޝަނުން އަޅުގަނޑުމެންގެ ޙުކުމް ތަންފީޒު ކުރެއްވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ޤާނޫނީ ބާރާއި ކުށްވެރިންނަށް ލުއި ދެއްވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ޤާނޫނީ ބާރާއި ކުށްވެރިންނަށް ލުއި ދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަށް ޤާނޫނީ ގޮތުން ލިބިގެންވާ އިޚްތިޔާރާއި ބާރުވެސް ޑިފެންސް މިނިސްޓްރީއިން ވަނީ ނަންގަވާފައެވެ. މި ޖަވާބުން މިނޫން މާނައެއް ހަމަކަށަވަރުން އަޅުގަނޑައކަށް ފަހުމްއެއް ނުކުރެވެއެވެ. އަދިވެސް ތަކުރާރުކޮށް ދަންނަވަމެވެ. ކުށްވެރިންގެ ޙުކުމް ތަންފީޒު ކުރުމަށްޓަކައި ތިބެނީ ކަރެކްޝަން ޑިޕާޓްމަންޓްގެ ޙަވާލުގައެވެ. މިއީ އެކަމަށްޓަކައި ސަރުކާރުން ހަދާފައިވާ ޙާއްޞަ ޑިޕާޓްމެންޓް އެކެވެ. ވީމާ ސަރުކާރުގެ ޢާއްމު ޤަވާއިދާ ޚިލާފަށް އަޅުގަނޑުމެން ހިފަހައްޓާ، ކަރެކްޝަނާއި ޙަވާލުނުކޮށް، މީހުން އެއަދަބުތަކަށް ކެތް ނުކުރެވިގެން އަމިއްލައަށް ދަންޖެހި މަރުވާފަދަ ބޮޑު އަދަބުގައި ބެއިތިއްބުމުގެ އިޚްތިޔާރު ޑިފެންސް މިނިސްޓްރީއަށް އޮތް ކަމަކަށް އަޅުގަނޑުގެ ކޮށި ވިސްނުމަކަށް ނުފެނެއެވެ.
އެއިޚްތިޔާރު ޑިފެންސް މިނިސްޓަރީއަށް އޮތްނަމަ ސަރުކާރުން ވަކި ޑިޕާޓްމަންޓްތައް ހަދާ އެކިއެކި ކަންތައްތައް އެކި ޑިޕާޓްމަންޓަތަކާއި ހަވާލުކޮށް އެހަދާ ހެދުމަކީ ސަމާސާ ކޮށްލުންކަން ޔަޤީނެވެ. ތެދު ފުޅެކެވެ. قانونގައި ޖަލު ހުންނަންޖެހޭ ގޮތް ބަޔާންކޮށްފައި ނޯވެދާނެއެވެ. އެކަމަކު ދޫނިދޫގެ ހައްޔަރު ކުރެވޭ ތަނުގެ ނަމަކީވެސް ”ޖަލު“ މިހެން ނޫނެވެ. އެތަނަށް ކިޔައި އުޅެނީ ޕޮލިސް ޑިޓެންޝަން ޔުނިޓެވެ. އުމުރަށް ޙުކުމް ކޮށްފައި ތިބި ބަޔަކު 6ފޫޓް 8 ފޫޓް ގޮޅިއެއްގައި ޢުމުރު ދުވަހުގެ ޙުކުމް ތަންފީޒު ކުރަން ބެއިތިއްބެވި ވެރީންގެ އަދުލުވެރިަކަށް ސާބަހެވެ! އެތަނަކީ މީހެއްގެ ހިލަމެއްވާ ތަނެއް ނޫނެވެ. ރޭގަނޑު ގޮޅިތެރޭގައި ހުންނަނީ ތޭރިތަކުން ފުރޭނިގެން އެތެރެއަށް ވަދެފައިވާ އައްޔެކެވެ. މިއަލިވެސް ހުންނަނީ ގޮޅީގެ އެއް ބައިގައެވެ. ފާޚާނާ ތައްޓާދިމާލަށް އޮންނަނީ އަނދިރިކޮށެވެ. މިތަނަކީ ތަޙްޤީގް މީހުން ބައިތިއްބާ ތަނެކެވެ. 30 ނުވަތަ 40 ދުވަހަށެވެ. އަދި މިވީހާތަނަށް ޙުކުމް ތަންފީޒު ކުރެއްވުމަށް މިތަނުގައި މީހަކު ނުބަހައްޓަވައެވެ. ރާއްޖޭގައި ސްޓޭންޑަޑް ޖަލެއް ހުރެއެވެ. ޖަލު މީހުންނަށް ދޭންޖެހޭ އިނާޔަތްތައް ކަނޑައަޅާ ކޮމިޓީއެއް އޮވެއެވެ. އެތާގައި މީހުން ތިބެނީ ބޮޑު ސިންގާ ތަނަކަށް ދޫކޮށްލާފައެވެ. ޓީވީ ހުރެއެވެ. ކުޅިވަރު ފެންޑާއެއް ހުރެއެވެ. ކާން ތިބެނީ އެންމެން އެއްކޮށް މޭޒުގަޑެއްގެ ކައިރީ ތިބެވާގޮތަށެވެ. ދޫނިދޫގައި ކާންދެނީ ގުރައަށް ކާންދޭހެން ލޯވަޅަކުން ތައްޓަކަށް އެއްޗެހި އަޅާފައެވެ. މި ދެތަނުގެ ތަފާތު ވަރަށް ބޮޑެވެ. ދިވެހިރާއްޖޭގެ ތާރީޚު ކީއްކުރަންތޯއެވެ. ދުނިޔޭގެ ތާރީޚްގައިވެސް މިނޫނީ ޢުމުރު ދުވަހުގެ ޙުކުމެއް ތަންފީޒު ކުރައްވަން، އެކަނި ތަނެއްގައި މީހަކު ބެހެއްޓި ޚަބަރެއް އިވިފައެއް ނުވެއެވެ. އުމުރަށް ޙުކުމް ކޮށްފައި ތިބި ބަޔަކު މިފަދަ ޤައިދެއްގައި ތިބެން ޖެހޭނެކަމަށް ނަފްސާނީ ގޮތުން ވެދާނެގޮތް ޑިފެންސްގެ ވެރިންނަށް ރަނގަޅަށް އެގިވަޑައިގަންނަވާނެއެވެ. އަމުދުން އަހްމަދު އިބްރާހިމް ދީދީ އަކީ ރެޖިސްޓަރޑް ހާރޓް ޕޭޝަންޓެކެވެ. އެކަމަކު މާތް ﷲ ފަޛްލަވަންތަކަން، އަޅުގަނޑުމެންނަށް އެއަށްވުރެ ބޮޑެވެ. އެންމެހާއި ޙަމްދާއި ޝުކުރު ހުރީ އާޚިރަތް ދުވަހުގެ ވެރި އިލާހަށެވެ. މިއީވެސް ޢަދުލު އިންސާފުތޯއެވެ. އެވަގުތަށް ޑިފެންސް މިނިސްޓްރީއިން ނިންމާ ނިންމުން އެއީ ހަމަ ޤާނޫނާއި ޤަވާޢިދަށް ވަނީ ތޯއެވެ. ހިނި ހޮރަކަށް އަޅުގަނޑުމެން ލާފައިވެސް ޙުކުމް ތަންފީޒު ކުރަން ދެން ތިބެންޖެހޭނީ ތިތާނގައޭ ބުނުމުން ހަމަ ތިބެން ޖެހުންނޫން ގޮތެއް ނޯންނާނެ ނޫންތޯއެވެ. އެހެނީ ޑިފެންސް މިނިސްޓަރަކީ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު، މައުމޫން އަބްދުލް ޤައްޔޫމް އެވެ. ވީމާ އިތުރަށް ޝަކުވާ އުފުލާނެ ފަރާތެއް ނެތުމުން ހިތްޕުޅާވާ ގޮތަކަށް ހައްދަވަނީއެވެ. މިހާރު މުސަތަޤްބަލުގައި ހިނި ހޮރަކަށް ޙުކުމް ތަންފީޛް ކުރައްވަން ލާފާނެ ކަމުގެ ބިރުހީވެ ސިހިސިހި ހުރީމެވެ. ހުރިހާ ކަމެއް މާތްﷲ އަށް ވަކީލެވެ.
މިމައްސަލަތައްވެސް އަޅުގަނޑު ތިޔަ ކޮމިޝަނަށް ރަސްމީ ގޮތުން ހުށަހަޅަމެވެ. މިހިރީ މިއަދާއި ހަމައަށްވެސް ބައިނަލް އަޤްވާމީ މުއާހަދާ ތަކުންނާއި ރާއްޖޭގެ ޤާނޫން އަސާސީގެ ދަށުންވެސް ލިބިދޭ ހައްޤުތަކުން އަޅުގަނޑަށް ހޯއްދަވައި ދެއްވުން އެދެމެވެ. ކުށެއްކުރެވި ހުކުމް ކުރެއްވުމަކުން، އިންސާނާ ވަލު ޖަނަވާރަކަށް ބަދަލުވެގެން ނުދާނެއެވެ. ކުށްވެރިޔާގެވެސް، ތުހުމަތުގައި ހުންނަ މީހާވެސް، ޙުކުމް ތަންފީޒުގައި ހުންނަ މީހާގެވެސް ޙައްޤުތައް ހުންނާނެއެވެ. ހުރިހާ ޙާލަތެއްގައިވެސް އިންސާނާގެ އިންސާނީ ޙައްޤުތައް ދެމެހެއްޓެން ޖެހޭނެއެވެ.
ނުނިމޭ …….
7 Responses
މި ހުރިހާ އަނިޔާތަކެއްދީ ޖަލުގައި މީހުންމަރާ ޖަލައްލައި މީހުން ގެއްލުވާލައިފަވާ ބައިގަނޑަށް އެއްވެސް ތަޙުގީގެއް ހިންގި ޢަދުލް އިންސާފުގެ މައްޗަށް ނުގެނަސް އަނެއް ދިވެހިރާއްޖެއަށް ގޮސް ކުރީ ކޮންކަމެއްހެއްޔެވެ. ސީދާ ވެރިކަން ހޯދުމަށް ކުރި މަސައްކަތެއްކަން މިހާރު ވަރަށް ރަނގަޅަށް ސާބިތުވީއެވެ. މުޅިން ޑީލް ހެދުމުގައި ޑިމޮކްރެސީގެ ޗެމްޕިއަން ކަމަށް ހެދިގެން ފޭކް ޖެއްސުން ނޫން ކަމެއްނެތެވެ. ދެން މިހާރު ގަބޫލުކުރަން ޖެހޭ ޙަގީގަތަކީ އާއެކެވެ. ދިވެހިރާއްޖޭގައި އަނިޔައަށް ނޫނެކޭ ބުނެ ގިނަ ބަޔަކު ކުރި މަސައްކަތް މަހާރާޖާ މިވަނީ ޑީލް ހެދުމާއި ފަނި އިންދުމުގެ ތެރެއިން ވިއްކާލާފައެވެ. ދެން ޔަގީނާ ގާތަށް އެނގޭ ޙަގީގަތަކީ މައުމޫނުގެ އަނިޔާ އާއި މުސީބާތުން މި ގައުމުގެ ވެރިކަން ބަޔަކު ފުރާނަ އަތްމައްޗަށްލައިގެން މާލީއެތަކެއް ގެއްލުމެއްވެގެން ބަދަލުކުރި ކުރުން އަމިއްލަ އެދުމާއި މަކަރާއި ޙީލަތުގެ ވެރިޔާ މިވަނީ ޙިސޯރުކޮށް ފައެވެ. ދެން މިހާރު އޭނާ ވީ މިގައުމުގެ ގައުމިއްްޔަތު ބަދަލުކުރާށޯލަ! ދިވެހިން ސުވާލު ދަންނަވަންވި ކޮބާތޯއޭ ދިވެހިންގެ ގައުމިއްޔަތަކީ؟ ކޯއްޗެއް ބަދަލުކުރަންތޯ އެ ފަނި އަޅުވަނީ؟ ކޮން ޑީލް އެއް ކާކާތޯ ނުވަތަ ކޮން ގައުމަކަށްތޯ ހަދަން އެ ފަރިވަނީ ނުނީ ސިއްރުން އެހެދީ؟
އަހަރެން ހަނދާންވޭ ޝަފީގުބެ ގެ ލިޔުމަކުން ދުށް ހަނދާނެއް 111 މީހުން ގެއްލުވާލައިފާވާކަމަށް. ފެނޭތޯ ބަލާލާފައި ސަންދާނަށް އީމޭލް ކޮށްލާނަން. ޝުކުރިއްޔާ.
އަޑު އެހި ގޮތުގައި ސަންދާނުގެ ބައިވެރީން އަތުލައިގަތުމަށް މެލޭސިއާގެ އިންޓެލިޖެންސް ގެ އެހީ ހޯދައި ނަޒީކީ ޒަކީ ގެ މެލާސިއާގައި އުޅެމުން ދިޔަ ޢާއިލާގެ މެމްބަރުންވެސް ވަނި ހައްޔަރުކުވައިފަ. ބިންލާދިން އާއި ގުޅުން ހުރި ނުރައްކާތެރި ފެމިލީއެއްކަމަށް ދޮގު މަޢުލޫމާތު ދީގެން. އެ އޮޕަރޭޝަން ކާމިޔާބުކަމަށްޓަކައި މައުމޫނު އިނާމުދިން މީހުންގެ ތެރޭގައި ﷲރިޔާޒް އަށް ޑަބްލް ޕްރޮމޯޝަން ދިނުމާއި އެހެނިހެން ބަައިވެރިންނަށްވެސް ޢިނާޔަތްތަށް އޮހުނުކަމުގައިވޭ. މެލޭސިއާ ޓީމުގެ ބައިވެރިން ގެ ތެރޭގައި ﷲ ރިޔާޒް. އިބުރާހިމް ދީދީ، ފަޔާ އެފް.އޭ، އަދި ސަންދާނު ފަޅާއަރުވާލުމުގައި އެންމެ ބޮޑު ރޯލްއެއް ކުޅެދިނީ އިބުރާހިމް ދީދީ ކޮއްކޮ ކަޕްޓަން އަޙުމަދު ކަމުގައި އިތުބާރު ހުރި ރަޙުމަތްތެރިއަކު ކިޔައިދިނެވެ. އަޙުމަދަކީ އޭރު ނަޒާކީ މެލޭސިއާ ޝިޕިން އޮޕަރޭޝަންގެ ހެޑް ކަމުގައި ވެއެވެ. މީ ތެދެއްތޯ ޒަކީ ކައިރިން އަހާލަން ބޭނުމެވެ.
ވެރިކަން ބަދަލުކުރަން އުޅެނީއަކީ ގައުމުގެ ރައްޔިތުންނަށްޓަކައެއްނޫނެވެ. އެއީ ވަކިބައެއްގެ މަގްސަދުތަކެއް ޙާސިލުކުރުމަށްޓަކައި ގެންގުޅޭ އުސޫލެކެވެ. މިއަދުގެ ދުނިޔެއިން ވަރަށްރީތިކޮށް މިކަން ފެންނާނެެވެ. ދިވެހިރާއްޖޭގެ ޒަމާންވީ އަމިއްލަވެރިކަން ރައްޔިތުންގެ ވެރިކަމަކަށް ފުރޮޅާލަންކަމަށްބުނެ ކުރި ހުރިހާކަަމަކުން ފެނުނީ އަމިއްލަވެރިކަން އިތުރަށް ބާރުވެރިކުރަން އެޅި ގަދަފަދަ ފިޔަވަޅުތަކެވެ. ހަތަރުލައްކަ މީހުންނާ ނުބައްދަލު މޮޅު ގާނޫނު އަސާސީއެއްހަދައި އޭގެދަށުން އެއަށްވުރެން ބޮޑު ރައްޔިތުންގެ މަޖިލީހަކަށް މަގުކޮށައި، ޕާރޓީ ތަކެއް ހަދައި ފާރޓީކުދިންނަށް ވަޒީފާދިނުމަށްޓަކަ ބައިވަރުނަންކިޔާފާ މަގާމުތައް އުފައްދައި ގައުމުގެ ދަރަންޏަކާ ދަރަންޏެކޭ ބުނާކަހަލަ ގޮތަކަށް އަލުން ވެރިކަން ހިންގަންފެށީއެވެ. އޭރުވެސް އަދި މިހާރުވެސް ދިވެހިން ދިވެހިންގެ ގޮތުގައި ތިބެނީއެވެ. ވެރިންނަކީ ރައްޔިތުން ކަމުގައި އޮންނަނީ ހަމައެކަނި ލިއުމަކަށެވެ. ކަންހިނގަނީ ގާނޫނުގެ ބަހުރުވައިންނަމަ ވެރިންގެ އަޅުން ބޭނުންވާގޮތަކަށެވެ. ސަބަބަކީ ވެރިންނަކީ ރައްޔިތުންކަމަށް ގާނޫނު އަސާސީގައި އޮންނާތީއެވެ.
ދެން މިހާރު ގައުމީލޯބީގައި ތިކަހަލަ ގެއްލުމާއި އަނިޔާއާއި ކުރިމަތިލާނީ މޮޔައެއްނޫންތޯއެވެ. މިހާރު އެމީހަކު ޖެހިގެން ހުރި ކުލައަކަށް ތެދެއް ދޮރެއް އަމައެއް ލަމައެއް ނެތި އަނެއްފަރާތަށް ކުރުދޮށިން ހަޔާތް އަޅާލީމާ އެބަޔަކަށް ވެރިކަމުގެ ބާރުލިބުނީމާ ބޮޑު މަގާމެއް ލިބިދެއެވެ. ޝަރުތަކީ އެނެއްފަރާތުގެ އަބުރު ތެދެއްދޮގެއް ބެލުމެއްނެތި ކަތިލުމާއި ކުނިފުޅަ ގޮވާލުމެވެ. ދެރަވީ ތިބާމެއް ތިވަރުކޮށްގެން އަދި ގޯގޯ ލަތީފުމެންވެސް އެތަކެއް ހެޔޮލަފާ މީހުންގެ ބޮލަށް އެރިގެން ހެޔޮނިޔަތުގައި ކުރި ދަތުރު ފަރަށް އަރުވައިލައި ކައްޕި އުޅަދުން ފުންމާލައި އެނެއް ދިވެހިރާއްޖެ ބިލާހަކަށް ވީތީއެވެ. ދެން ގިނަމީހުންގެ ގޮތަކީވެސް ވާގޮތެއް ބަލަން ތިބުމެވެ. ވަރަށް ސަލާމް!
ހެޔޮވާނި ކިހިނެއް? ޤުރުބާން ިިިިިި މީހުން ވި
އަސްލުވެސް އަންނިއަކީ މަކަރާ ޙިލަތުން ހިނހޫތަނުން ކާލާ ސޮރެއް. ޑީއޯ ސައްޕެ ލައްވާވެސް އެ މަސައްކަތްކޮށްފަ ވެރިކަމަށް އާދެވުނީމަ ސައްޕެމެން ކުރި އެއްވެސް މަސައްކަތެއް އޮތް ކަމަކަށް ނިވި. ހުރިހާކަމެއްވެސް މީނާ. ޚުތުބާގެ ތެރެއަށް ދެގަނޑު ހީރަސް ޖަހައިގެން ލައި އެ ބަހާނެގޮތެއްވެސް ނުވިސްނުނު. މިސްކިތާއި ޚުތުބާ ޙަވާލުކުރީމާ މީނަގެ ގެއަށްބާ ފޮނުވަނީބާ އެބުނާ ދެގަނޑު ހީރަސް ޖަހައިގެން ގެންނަން. ބޯ ސަކަރާތް!