އަލަށް އަޅާ ފްލެޓް ސަރަހައްދު ކަނޑައަޅަން ވާނީ ރައްޔިތުންގެ ޚިޔާލު ލިބިގެން - މޭޔަރ މުޢިއްޒު

Loading

Facebook
Twitter
WhatsApp

ކުރީ ސަރުކާރުގެ ހައުސިން މިންސްޓަރު މިހާރު މާލޭ މޭޔަރުކަމަށް ހޮވިފައިވާ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވަނީ ސަރުކާރުން މާލޭގެ ދެ ސަރަހައްދެއްގައި އިމާރަތްކުރުމަށް ނިންމާފައިވާ 14 ބުރީގެ ފްލެޓް އަޅަން މިހާރު ކަނޑައަޅާފައިވާ ސަރަހައްދުތަކާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދާފައި ނެތުމުން މާލޭގެ އިންތިޚާބީ މޭޔަރު، ގެ ޙައިސިއްޔަތުން ކަންބޮޑުވުންތަކެއް ހުރިކަމުގައެވެ. މިފަދަ ބޮޑެތި ނިންމުންތައް ނިންމަންޖެހޭނީ ރައްޔަތުންނާއި ގާތުން ޚިޔާލުބަދަލުކުރެވި ރައްޔަތުން އެދޭ އެންމެ ރަނގަޅުގޮތަކަށް ކަމަށެވެ. އަޅުގަނޑަށް ފެނިގެން ދިޔަ މިސަރުކާރު ފެށުނުއިރު މިއައްވުރެ މާ ކުދިކުދި ކަންތަކުގައިވެސް ރައްޔަތުންގެ ޚިޔާލުހޯއްދަވައި ކަންކަން ނިންމަވަން ފެއްޓެވި މަންޒަރު. މިހާރު މިފަދަ ޔޫޓާންއެއް ނެގުނީ ކީއްވެގެންކަމެއްނޭގެ‘ މުއިއްޒު ވިދާޅުވިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރަށް މޭޔަރ މުއިއްޒު ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މާލޭގެ ދެ ސަރަހައްދެއްގައި ގެދޮރު ބިނާކުރުމަށް ނިންމާފައިވާ އެ މަޝްރޫއަކީ މާލޭގެ ރައްޔިތުންނާ ސީދާ ގުޅިފައިވާ ހައްސާސް މައްސަލައެއް ކަމަށެވެ. އަދި މާލޭގައި ގެދޮރު ބިނާ ކުރާނެ ސަރަހައްދުތައް ކަނޑައަޅަނީ މާލޭގެ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމާއި މާލޭގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ މާލެ ސިޓީ ކައުންސިލްގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމުން އެ ފުރުސަތު ސިޓީ ކައުންސިލަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.

އެފްޑީސީ އަށް ފޮނުއްވެވި އެސިޓީގައި ޑރ. މުއިއްޒު އެދިވަޑައިގަތީ މާލެ ސިޓީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަރުޙަލާއެއް ސިޓީ ކައުންސިލާ ވެސް ގުޅިގެން ކުރިއަށް ގެންގޮސްދިނުމަށް ފަހު މަޝްރޫޢު ކުރިއަށް ގެންދިއުމަށް އަވަސްގޮތްތަކެއް ނިންމުމަށެވެ. އަދި އެ މަރުޙަލާ ކުރިއަށް ގެންދެވެން ދެން މަޝްރޫއު މަޑުޖައްސާލުމަށްވެސް އޭނާ އެދިވަޑައިގެންފަ އެވެ. މާލޭގެ މޭޔަރުގެ ބައިވެރިވުން ކޮންމެހެންވެސް ބޭނުން. އެހެނީ އެހާ ބޮޑު އަޣުލަބިއްޔަތަކުން މާލޭ ރައްޔަތުން އަޅުގަނޑު ހޮވުމަކީ އެރައްޔަތުންނާއި ބެހޭކަންކަމުގައި އަޅުގަނޑު ޒިންމާނަންގަވައި އެކަމެއްގައި އޮތް އެންމެ ރަނގަޅުގޮތް ހޯދައިދިނުން ކަމުގައި ގަބޫލުފުޅު ކުރައްވާކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އެގޮތުން މިހާރުވެސް މާލޭގެ ރައްޔަތުންނާއި ބައްދަލުކޮށް މަޝްވަރާކުރަމަށްވެސް މިގެންދަނީ އިންތިޒާމު ކުރަމުން. މުއިއްޒު ވިދާޅުވިެއެވެ.

މާލޭގައި ފުލެޓްތައް އަޅާ ސަރަހައްދު ވަކިކުރުމަށް ނަން ދީފައި ވަނީ ޕްރޮޖެކްޓް އޭ އަދި ބީ ގެ ގޮތުގައެވެ. އެގޮތުން ޕްރޮޖެކްޓް އޭ ގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭގެ ބްލޮކް ނަމްބަރު 307 އެކެވެ. މި ސަރަހައްދުގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 231،000 އަކަފޫޓެވެ. ޕްރޮޖެކްޓް ބީ އަށް ކަނޑައަޅާފައިވަނީ މާލޭ ބްލޮކް ނަމްބަރު 319 ކަމުގައި ބުނެއެވެ. މި ސަރަހައްދުގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 173،000 އަކަފޫޓް ކަމުގައިވެއެވެ. މި ދެ ބިމަކީ އަމީނީމަގުގައި ހުރި ބާއި ޢިމާރާތް އެމްއެންއެސްއެލް ޕްލާޒާގެ ފްލެޓް އިމާރާތްހުރި ދެ ބިމެކެވެ.

މި ދެ ބޮލޮކް ފްލެޓް އެޅުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތަކަށް ދެ މަޝްރޫއަށް ވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމުގައި ވަނީ ބުނެފައެވެ. ދެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފަހު ވަގުތަކަށް އަދި ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހަށެވެ. ޑރ. މުއިއްޒު މާލޭ މޭޔަރުކަމަށް އަންނަ ހަފުތާގައި ހުވާކުރަށްވާނެއެވެ.

 

Loading

One Response

  1. އާދޭހާއެކު ދަންނަވަން..މާލޭ ރަޢިއްޔަތުންނަށް އަމާޒުކޮށްގެންވިކަމަށްވިއަސް، 14،15، ބުރި ބުރީ ޢިމާރާތް ކުރުމަށް ، އަދުގެ ސަރުކާރުން މާލޭގައި ޢިމާރާތްކުރުމަށް ވިސްނުމުގެ ބަދަލުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިއުމަކީ ،ތޮއްޖެހިފައިވާމާލެއަށް ލިބިގެންދާނެ ވަރަށްބޮޑުލުޔެއްކަމަށް ޤަބޫލުކުރެވޭ..އަދި ބޮޑުވަޒީރު ފަދަ މަޤާމްތަކަށް އިސްވުމަށް އެދޭ ބޭބޭޕުޅުންވެސް މިފަދަ ދެކޮޅުގުޅިންދާ ވިސްނުމަކުން ވިސްނައިދީ ، ނަމެއްގެ ބަދަލުގައި ކަން ކުރެވޭތޯ ބަލަންވެއްޖެކަމަށް ފެނެއެވެ.

Leave a Reply to އާދޭސް.? Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް