ފާފަތަކާ އުރެދުންތަކުގެ އަސަރުތައް: ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާ!

Loading

Facebook
Twitter
WhatsApp

ހަމަކަށަވަރުން ފާފަޔާއި އަދި އުރެދުންތައް އެކަންތަކާ ގުޅިގެން އަދި އާޚިރަތުގެ ކުރިން ދުނިޔޭގައި އެކަމުގެ އަސަރުތައް ފެނެއެވެ.

އަދި އޭގެ އަސަރުތަކުގެ ތެރެއިން އަހަރުމެންގެ ރަސޫލާ އަގަވާފައިވާ ޙަދީޘުފުޅުގައިވަނީ މިފަދައިންނެވެ. إِنَّ الصُبْحَةَ تَمْنَعُ الرِّزْقَ وَإِنَّ الْعَبْدَ لَيُحْرَمُ الرِّزْقَ بِالذَّنْبِ يُصِيْبُه (فيض القدير: 2/455)

މާނައީ: ހަމަކަށަވަރުން ހެނދުނުގެ ވަޤުތުގައި ނިދުމަކީ ރިޒުޤު ބަންދުވާކަމެކެވެ. އަދި ހަމަކަށަވަރުން އަޅާ ކުރާ ފާފައިގެ ސަބަބުން ވެސް އޭނާ ރިޒުގުން މަޙްރޫމްވެއެވެ.

އިބްނުލް ޤައްޔިމު رحمه الله تعالى ވިދާޅުވިއެވެ. ހަމަކަށަވަރުން ރަނގަޅުގޮތް މެދުވެރިވުން މަދު އަދި ޚިޔާލު ފަސާދަވުމާއި، އަދި ހިތްތައް ފަސާދަވުމާއި، ޒިކުރުކުރުމުން އެއްކިބާވުމާއި ވަގުުތުތައް ބޭކާރުކޮއްލުމާއި، އަދި އަޚްލާޤު ނެތިދިއުމާއި، އަދި އަޅާއާ ހެއްދެވިފަރާތާ ދެމެދު އޮންނަންޖެހޭ ގުޅުން ގޯސްވުމާއި، އަދި ދުޢާ އިޖާބަ ނުކުރެއްވުމާއި، އަދި ހިތް ހަރުކަމާއި އަދި ރިޒްޤުގައްޔާއި ޢުމުރުގެ ބަރަކާތް ކެނޑުމާއި އަދި ޢިލްމު އުނގެނުމުން އެއްކިބާވުމާއި، އަދި ހިތް ނުތަނަވަސް ވުމާ އަދި ވަގުތުތައް ނަގާލާ ހިތްތައް ފަސާދަވެފައިވާ ނުބައި އެކުވެރީންގެ މަޅީގައި ޖެހި އިމްތިޙާނުވުމާއި އަދި ދަތިއުނދަގޫ ދިރިއުޅުން މެދުވެރިވަނީ ފާފަކުޅައުމާ މާތް الله ހަނދުމަ ކުޅައުމުން އެއްކިބާވުމުގެ ސަބަބުތަކުގެ ތެރެއިންނެވެ.

އެކަމުގެ މިސާލަކީ ގޮވާންކުރާ ގަސްތައް ފެނުން ހެދޭފަދައިން އަދި އަލިފާނުން އަނދާ ފަދައިންނެވެ. އަދި މިހުރިހާ ކަންތައްތަކުގެ އިދިކޮޅަކީ ކިޔަމަންތެރިކަން މާތްالله އަށް އަދާކުޅައުމެވެ. (الفوائد ص: 60)

އަދި ފަހަރެއްގައި ފާފަކުޅައުމާއި އުރެދުމުގެ އަސަރުތައް މާނަވީ އެއްޗަކަށް ވެދާނެއެވެ. އަދި އެއީ ޙިއްސީއެއްޗަކަށް ނުވެދާނެއެވެ. ފަހެ، އުރެދޭ މީހާއަށް އަދި ފާފަކުރާ މީހާ އެކަމުގެ އިޙްސާސް ނުވެދާނެއެވެ.

އިބުނުލް ޖަވްޒީ رحمه الله تعالى ވިދާޅުވިއެވެ. ފަހަރެއްގައި الله އަށް އުރެދޭމީހާ އޭނަގެ މުދަލާ އަދި ސިއްޙަތު ސަލާމަތުން ހުރުމުން ފަހެ، އޭނަޔަށް ހީކުރެވެނީ އޭނަގެ މައްޗަށް ޢުޤޫބާތެއް ނުވާކަމެވެ. (ޔަޢުނީ: ދަތިއުނދަގޫކަމެއް ނުވާކަމެވެ. އަދި އޭނަޔަށް ޢުޤޫބާތް އަތުވެދާނެކަމުން ޣާފިލުވެގެން ހުރުމީ ޢުޤޫބާތެކެވެ. އަދި ފަހަރެއްގައި ވެދާނެއެވެ. މާނަވީ ގޮތެއްގައި ވަރަށް އަވަހަށް ކުރިމަތިވާ ޢުޤޫބާތަކައްވެސް،، ބަނީ އިސްރާއީލުންގެ ތެރޭގައި ހިމެނޭ ބައެއް އަޙްބާރުން (ދީނީ ޢިލްމުވެރީން) ބުނާފަދައިންނެވެ. ”އޭ! ހަދަވައި ގެންގުޅުއްވާ އިލާހުއެވެ! އިބަ اللهއަށް އަހަރެން ކިހާވަރަކަށް އުރެދެފިންތޯއެވެ؟ އަދި އިބަ الله އެކަމަކުން ޢުޤޫބާތް ނުދައްކަވާ؟ ފަހެ، އޭނާޔަށް ބުނެވުނެވެ. ތިމަން الله ކަލެޔަށް ނޭގި ކިތައް ޢުޤޫބާތް ދެއްކެވިންތޯއެވެ؟ ކަލޭނުވޭހޭ ތިމަން اللهއަށް ދެންނެވުމާއި އަދި ތިމަން اللهއަށް ކިޔަމަންތެރިކަން އަދާކުޅައުމުން މަޙްރޫމްވެފައި؟ މީސްތަކުންގެ މިވައްތަރު ޢުޤޫބާތްތަކަށް ވިސްނުން ހިންގާލާފި ކޮންމެ މީހަކަށް ފާރަވެރިކަމުގެ މަގު ފެނިއްޖެއެވެ.

وهب بن الوردފަދަ ބޭފުޅުން ވިދާޅުވެފައި ވަނީ މިހެންނެވެ. އަދި އޭނަޔާ ސުވާލުކުރެވުނެވެ: ތިމަން الله އަށް އުރެދޭމީހާ ކިޔަމަންތެރިކަމުގެ ފޮނިކަން ދެކި ބަލާށެވެ؟ ފަހެ، ވިދާޅުވިއެވެ. ފާފައެއްކުޅައުމަށް ހިތަށް އެރުވިޔަސްތޯއެވެ؟ ފަހެ ޢުޤޫބާތް އެއީ މާނަވީ އެއްޗަކަށް ވެފައި އަދި ޙިއްސީ އެއްޗަކަށް ނުވެއްޖެއްޔާ އެއީ ޢުޤޫބާތްތަކުގެ ތެރެއިން އެންމެ ވަރުގަދަ ޢުޤޫބާތެވެ. އޭގެ ސަބަބެއް ކަމުގައިވާ އަޅާ އޭނާ ހެއްދެވިފަރާތާ ދުރުވުމާ އަދި އޭނާ ޢަފްލަތުތެރިކަން އިތުރުވުމާ މަތިވެރި إله ގެ ރަޙްމަތުން އޭނާ ދުރަށް ދާތީއެވެ.

އަދިވެސް އިބްނުލްޖަވްޒީ ވިދާޅުވިއެވެ. ބުއްދިވެރިއަކަށް އެކަށީގެންވަނީ އޭނާކުރާ ފާފައިގެ މައްޗަށް ބިރުވެތިވެ، އަދި އެފާފަޔަށް ތައުބާވެއްޖެއްޔާ އެފާފަކުރެވުނު ކަމުގެ މައްޗަށް ރުއިމެވެ. އަދި ތައުބާއަށްފަހު ބިރުވެތިވުމަށް ބާރުއެޅުމެވެ.

ބުޚާރީގައި ވާރިދުވެގެން އައިސްފާވާފަދައިން: ހަމަކަށަވަރުން މީސްތަކުން (އާދަމުގެ ދަރީން) އައިސް އާދަމުގެފާނުގެ އަރިހުގައި ދަންނަވާނެތެވެ. އަޅަމެންނަށް ޝަފާޢަތްތެރިވެދެއްވާށެވެ! ފަހެ އާދަމުގެފާނު ދަންނަވާނެތެވެ. މިއަޅާގެ ފާފައެވެ، އަދި ހަމަ އެގޮތަށް ނޫޙްގެފާނާއި އަދި އިބްރާހީމްގެފާނާ އަދި މޫސާގެފާނު ވެސް ދަންނަވާނެތެ އަޅަމެންގެ ފާފައެވެ. ޔަޢުނީ ކުށެއް ކުރެވިފައިވާތީ މާތް اللهގެ ޙަޟްރަތުގައި ޝަފާޢާތްތެރިވުމަށް ދަންނަވަން ނުކެރޭނެއެވެ. ފަހެ، މިބޭބޭކަލުން ފާފައޭ ވިދާޅުވުމުން އެބޭކަލުންގެ ކުއްތައްބެލެވެނީ ޙަޤީޤަތުގައި ގިނަފާފައެއްގެ ގޮތުގައެއް ނޫނެވެ! ދެން އެހެންވިޔަސް އެބޭކަލުން އެކަމުގެ ސަބަބުން ޢުޛުރުޤަބޫލުކޮށް ހަމަކަށަވަރުންވަނީ ތައުބާވެފައެވެ. އަދި އެބޭކަލުން ވަނީ އެކަމުގެ މައްޗަށް ބިރުވެތިވުން ދުރުނޫން ބައެއްގޮތުގައެވެ. (صيدالخاطر لإبن الجوزى 321)

ތައުބާއާއި އަދި ފާފަތައް ނިގުޅައިގަތުން

ހަމަކަށަވަރުން ފާފަ ހުށަހެޅިގެން އަންނަނީ އަޅާގެ ކިބައިންނެވެ. އަދި އެކަމަކީ ވަރަށް ބޮޑަށް ދިމާވުން އެކަށީގެންވާ ކަމެކެވެ. މާތްالله ރުއްސުންލެއްވި އަބޫހުރައިރާ ކީރިތި ރަސޫލާ صلى الله عليه وسلم ކިބައިން ޙަދީޘްފުޅުކުރެއްވި ކަމަށް ވިދާޅުވެއެވެ. وَالَّذِي نَفْسِى بِيَدِهِ، لَوْلَمْ تَذْنَبُوا لَذَ هَبَ اللهُ بِكُمْ ، وَلَجَاءَ بِقَوْمِ يَذْنِبُوْنَ، فَيَسْتَغْفِرُونَ اللهُ ، فَيَغْفِرُ اللهُ لَهُمْ (صحيح مسلم باب التوبه 2749) މާނައީ: ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވަމެވެ. ތިޔަބައިމީހުން ފާފަނުކުރާނަމަ، ހަމަކަށަވަރުން ތިޔަބައިމީހުން الله ގެންދަވާފާހުއްޓެވެ. އަދި ހަމަކަށަވަރުން ފާފަކުރާނޭ އެހެންބަޔަކު ގެންނަވާފާނެތެވެ. ފަހެ، އެމީހުން الله ފާފަފުއްސެވުން އެދި ދަންނަވާނެއެވެ. ފަހެ، އެމީހުންނަށް ފާފަ ފުއްސަވާނެތެވެ.

އަދި އެދެބޭކަލެއްގެ މައްޗަށް الله ރުސުންލެއްވި އިބްނު ޢައްބާސުގެ އަރިއަހުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ރިވާކުރައްވަތެވެ. مَامِنْ عَبْدٍ مُؤمِنٍ إِلاَّوَلَدَ ذَنبٌ يَعْتادَهُ الْفَينَةُ بعد الْفَينَةِ أَو ذَنبٌ هُوَ مُقِيمٌ عليه لا يُفَارِقُه حَتى يُفَارق الدُّنيَا ، وإن المؤمن خَلْقٌ مُفْتِنًا، تَوَّابًا نَسَّاءً ، إِذَكَّرَ ذَكَر (رواه الطبرانى وقال الألباني رحمه الله تعالى- إسناده صحيح السلسلة الصحيحة: 2276)

މާނައީ: އެއްވެސް މުއުމިނު އަޅަކުނުވޭ އޭނާ ހިނދުކޮޅަކަށް ފަހު ހިނދުކޮޅެއްގައި އޭނާ ފާފަ ކުޅައުމަށް އާދަނުވާ، ނުވަތަ ފާފައެއް އޭނާ އޭގެ މައްޗަށް ދެމިހުންނަ، އޭނަޔާ އެފާފައެއް ވަކިވެގެންނުދާނެއެވެ. ދުނިޔެއިން އޭނާ ވަކިވުމަށް ދާންދެން، އަދި ހަމަކަށަވަރުން މުއުމިނާ އުފެދުނީ އިމްތިހާނުކުރެވޭ މީހެއްގެ ގޮތުގައެވެ؛ ހަނދާން ނެތޭ ގިނަގިނައިން ތައުބާވާ، ހަނދުމަކޮށްދެވިއްޖެއްޔާ ހަނދާންވާ މީހެއްގެ ގޮތުގައެވެ.

ފަހެ، އެންމެ މޮޅަށް ޙިިކްމަތް ދެނެވޮޑިގެންވާ ފަރާތަކީ الله سبحانه وتعالى އެވެ. ހަމަކަށަވަރުން އިންސާނާއަކީ ކުށަށްހުށަހެޅިދާނެ އަދި މަގުން އެއްކިބާވެދާނެ ފަދަ މީހެކެވެ. އަދި ފާފަކުޅައުމުގެ މައްޗަށް ލެނބުމާ އަދި އެކަމުގެ ތެރެއަށް ވެއްޓުންފަދަ ކަންކަން ހިމެނެއެވެ. އަދި އެހެންކަމުން އެފާފަތަކާ އުރެދުންތަކުން ޖެހޭނީ ތައުބާވެގަންނާށެވެ. “ كُلٌّ إبْنِ آدَم خَطَّاء وخير الخَطَّائين التوابون “ (رواه الترمذى وأحمد وإبن ماجه وهو حديث حسن) މާނައީ: ކޮންމެ އާދަމުގެ ދަރިޔަކީ ކުށްކުރާމީހެކެވެ. އަދި އެކުށްކުރާމީހުންގެ ތެރެއިން ރަގަޅު މީހުންނީ ތައުބާވާމީހުންނެވެ.

އަދި އެހެނެއްކަމަކު، އަޅާގެ މައްޗަށް ވާޖިބުވެގެންވަނީ ފާފަޔާ އަދި އުރެދުންތަކުގެ ތެރެއަށް ނަފްސު ނުވެއްޓުމަށްޓަކާ ގަދައަޅާ މަސައްކަތްކުރުމެވެ. ފަހެ، އެފަދަކަމެއްގެ ތެރެއަށް ވެއްޓިއްޖެއްޔާ ފަހެ، އޭނާގެ މައްޗަށް އޮތީ الله سبحانه وتعالىގެ ޙަޟްރަތަށް ރުޖޫޢަވެ އެކަމަށް ތައުބާވުމެވެ.

އިބްނުލް ޤައްޔި رحمه الله ވިދާޅުވިއެވެ.: އާދަމް عليه السلام މައްޗަށް ހިނގި މައްސަލަ، ގަހުން ފަރިއްކުޅުއްވުމާއި އަދި ސުވަރުގެއިން ބޭރުވުމާ، އޭގެ މުރާދަކީ لَوْ لَمْ تَذنِبُوا (الفوائد63) މާނައީ: ތިޔަބައިމީހުން ފާފަނުކުޅަނަމައެވެ.

ހަމަކަށަވަރުން ބަހުގައި ތައުބާ މިލަފްޛުގެ މާނައީ: އެނބުރިއައުބެމެވެ. އެ ބުނެވެނީ تَابَ واَبَ وأنَابَ – މި 3 ލަފްޛުގެ މާނައަކީވެސް އެނބުރިއަތުވެއްޖެ، މިހެންނެވެ. އަދި ތައުބާގެ މުރާދަކީ އެއީ ފާފައަކުން އެނބުރިއައުމެވެ.

އަދި ތައުބާގެ 3 ރުކުން ނުވަތަ 3 ޝަރުޠު ހިމެނެއެވެ.

1- ކޮށްކޮށްހުރި ފާފަ ދޫކޮށްލުން

2- ފާފަކުރެވުނު ކަމުގެ މައްޗަށް ހިތާމަކުރުން

3- ދުވަހަކުވެސް އެފަދަ ފާފަޔަކަށް އަރާނުގަތުމަށް ޢަޒުމު ކަނޑައެޅުން

ފަހެ، އެފާފައަކީ އާދަމުގެ ދަރިއެއްގެ ޙައްޤަކާ ގުޅިފައިވާ ފާފައެއް ކަމުގައިވާނަމަ، 4 ރުކުން ނުވަތަ ޝަރުޠު ހިމެނެއެވެ.

4- އެކަމަކީ އެޙައްޤަށް އަރާގަތް މީހާގެ ކިބައިން ހިތްޙަލާލުހޯދުމެވެ. މާނައަކީ މަޢާފުހޯދުމެވެ.

އަދި ހުރިހާ ފާފަތަކަކުން ތައުބާ ވަގުތުން ވުމީ ވާޖިބުކަމެކެވެ. އަދި އެކަންތައް ފަސްކުރުން ނުވަތަ ލަސްކުރުމީ ކިތަންމެ ކުޑަ ނުވަތަ ބޮޑު ފާފައެއްކަމުގައި ވިޔަސް ހުއްދަވެގެންވާ ކަމެއްނޫނެވެ. (صحيح مسلم بشرح الننوى 9/23)

އިބުނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.: ހަމަކަށަވަރުން ފާފަކުރާމީހާ ފާފައިން ތައުބާވުމަށް ވަގުތުން އަވަސްވެގަތުމަކީ އޭނާގެ މައްޗައްވާ ފަރްޟެކެވެ. އެކަން ލަސްކުރުން ހުއްދަވެގެންނުވެއެވެ. އެކަން ލަސްކުޅަމީހާ ފަހެ، އޭނާ ފާފައިން ތައުބާ ވިޔަސް ލަސްކުޅަކަމަށްޓަކާ اللهގެ އަމުރުފުޅަށް އުރެދިއްޖެއެވެ. އަނެއްކާ އެހެން ތައުބާއެއް އޭނަގެ މައްޗަށް އޮންނާނެއެވެ. އަދި އެތައުބާއަކީ ކުރީތައުބާ ތައުބާނުވެ ލަސްކުރި ކަމުގެ ތައުބާއެވެ. އަދި ތައުބާވާ މީހާގެ ސިކުޑީގެ ވިސްނުން އެކަމަށްޓަކާ މަދުވެފައި އަދިކިއެއްތަ އޭނާގެ މައްޗަށް އެހެންއެއްޗެއް ވަގުތުން ނުއޮއްނާނެއެވެ. އަދި ހަމަކަށަވަރުން ތައުބާނުވެ ލަސްކުރިކަމުގެ ތައުބާ މިކަމުން ސަލާމަތްވާނީ އޭނާޔަށް އެނގިގެންނާއި ނޭގި ކުރެވޭ ފާފަތަކަށް ޢާއްމުތައުބާއެއް ވެގެންނެވެ. ފަހެ، އެހެނީ އަޅާ ނޭނގި ކުރެވޭފާފަތަކަށްވުރެ އެނގިގެންކުރެވޭ ފާފަތައް ގިނައެވެ. އަދި އޭނާޔަށް ނޭގިކުރެވޭ ކުށްތަކަކަށް މާތް ﷲ ނުހިއްޕެވުމަކީ އެކަމުން އޭނާޔަށް ފައިދާ އޮތްކަމެއްނޫނެވެ. އޭނަޔަށް އެކަން ރަނގަޅަށް އެނގޭ ކަމުގައިވަންޏާ ފަހެ، ހަމަކަށަވަރުން އެނގުމާ އެކަމަށް ޢަމަލުކުރުން ދޫކޮށްލިކަމަށްޓަކައި ފާފަވެރިވާނެއެވެ. އަދި ފާފަ އޭނަގެ ޙައްޤައްބަލާއިރު އެކަން ނޭގުމަށްވުރެ ގަދަފަދަވެގެންވެއެވެ. (مدارج الساكلين 1/347)

އަދި އަޅާގެ ފާފަގިނަވި ކަމުގައި ވިޔަސް ފަހެ، الله سبحانه وتعالى އަށް ތައުބާވެ ރުޖޫޢަވާ މީހާއަށް އެކަލާނގެ ފުއްސަވާނެތެވެ.

އަލްއިމާމު އަންނަވަވީ رحمه الله ވިދާޅުވަނީ: ހަމަކަށަވަރުން އޭނާގެ ފާފަ 100 ފަހަރު ނުވަތަ 1000 ނުވަތަ އެއަށްވުރެން ގިނަފަހަރު ތަކުރާރުވިނަމަވެސް އޭނާ ކޮންމެ ފަހަރަކު އެކަމަށް ތައުބާވުމުން އެކަން ޤަބޫލުކުރެވޭނެއެވެ. އަދި އޭނާގެ ފާފަ ނެތިދާނެއެވެ. އަދި ހުރިހާ ކުށަކަށް ނުވަތަ ފާފަޔަކަށް އެންމެ ތައުބާއެއްވި ނަމަވެސް އެކަން ޞައްޙަވެދާނެއެވެ.

އައްޝައިޚް އަލްޢައްމާމާ ޢަބްދުއްރަޙްމާން އައްސަޢްދީ رحمه الله، الله سبحانه وتعالى ގެ އަންނަނިވި ބަސްފުޅާއިގުޅިގެން ވިދާޅުވަނީ: “ قُلْ يَاعِبَادىَ الَّذِينَ أسْرَفُوا عَلَى أنفُسِهِم لاَ تَقْنَطُوا مِن رَحْمَةِ الله إِنَّ الله يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوالْغَفُورُ الرَّحِيْمُ (الزمر: 53) “

މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ”އޭ ތިމާމެންގެ އަމިއްލަ ނަފްސުތަކުގެ މައަޗަށް (ފާފަކޮށް) އިސްރާފުކޮށްފައިވާ، އަހުރެންގެ އަޅުތަކުންނޭވެ! الله ގެ ރަޙްމަތާއި މެދު އުންމީދު ކަނޑައިނުލާ ހުށިކަމެވެ! ހަމަކަށަވަރުން الله، (އަޅަމެންގެ) ހުރިހާ ފާފަތައް، އެކަށް ފުއްސަވައިލައްވަތެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ، މާތްރަސްކަލާނގެއެވެ!

الله سبحانه وتعالى އެކަލާނގެ އަޅުންގެތެރެއިން އިސްރާފުޅަމީހުން އެކަލާނގެ ތަނަވަސް ވެގެންވާ ދީލަތިކަމުގެ ވާހަކައިގެ ޚަބަރު އަންގަވަމުން އަދި އެމީހުން އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވުމަށް ހިތްވަރުދެއްވަމުން އަދި އެމީހުންގެ އެކަމަށް ކުޅަދާނަ ނުވެފައިވަނިކޮށް ފަހެ، ވަޙީކުރެއްވިއެވެ. (قُلْ) ކަލޭގެފާނު ވިދާޅުވާށެވެ! މިއަމުރުގެ މާނައަކީ އެކަލޭގެފާނަށްފަހު اللهގެ ދީނަށް ގޮވާލާ ދުޢާތުންނަށްވެސް އެކަލޭގެފާނު ހުންނެވި މަޤާމު އެމީހުން ހައްދަވާ ގެންގުޅުއްވާ إلهގެ ޙަޟްރަތުން އަންގަވާފައިވާ ޚަބަރުތައް އެންގެވުމާއި، އަދި އެބައިމީހުން ނަފްސުތައް ގޮވާލާ ކަންތައްތައް ފާފަކުރުންފަދަކަންތައްތައް ޣައިބު އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތް ކަމުގައިވާ الله سبحانه وتعالى އަންގަވަނީ ފާފަކުރެވުމުން އެކަމުން ނާއުއްމީދު ނުވުމަށާއި ފަހެ، ތިޔަބައިމީހުންގެ އަތްތަކުން ހަލާކުތެރެޔަށް އެއްލާނުލުމަށެވެ. އަދި ތިޔަބައިމީހުން ބުނާށެވެ! އަހަރުމެންގެ ފާފަތައް ހަމަކަށަވަރުން ގިނަވެއްޖެއެވެ. އަދި އަހަރުމެންގެ ޢައިބުތައް ތޮއްޖެހިއްޖެއެވެ. ފަހެ، މިކަން (ފާފަކުރުން) ފޮހެލާނެ އަދި އެކަންތަކުން ދުރައްދާނެ އެއްވެސް މަގެއްނެތެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އުރެދުމާ ރަޙްމާންވަންތަ الله ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ކޯފާ އެކަމުގެ ސަބަބުން އިތުރުވެދާނެ ކަންތައްތަކެކެވެ. އަދި އެހެނެއްކަމަކު، ތިޔަބައިމީހުން ދަންނަންވީ ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހުގެ ދީލަތިކަމާ އޯގާވަންތަކަމަށް ދަލީލުކުރާ އެކަލާނގެ އިސްމުފުޅުތަކުގެ މައްޗަށް ނަޒަރުހިންގައި ވިސްނުމެވެ. އަދި ދަންނަންވީ އެކަލާނގެއީ ޝިރުކު އަދި ޙައްގަކާއި ނުލާ މީހުންމެރުން އަދި ޒިނޭ އަދި ރިބާ އަދި އަނިޔާވެރިކަން އަދި މިހެންގޮސް ބޮޑުފާފަތަކާ އަދި ކުދިފާފަތައް ހުރިހާ ކަމެއް ހިމެނޭ ގޮތުގައި ފުއްސަވާދެއްވާ ދީލަތިވަންތަ ރަސްކަލާނގެކަމެވެ. (تفسير ابن سعدى 727)

އަދި އެކަން އެގޮތައް އޮތުމުން ކޮންމެ މުސްލިމަކަށް ވެސް އެކަށީގެންވަނީ ހެޔޮކަންތައްތައް ކުރުންގިނަކުރުމެވެ. ސަބަބަކީ ހެޔޮކަންތައްތަކަކީ ނުބައިކަންތައްތައް ފޮހެވުމާއި ހަމަޔަށް ގެންގޮސްދޭ އެންމެ ބޮޑު ވަސީލަތްކަމުގައިވުމުންނެވެ. މާތް الله ވަޙީކުރެއްވަނީ: إن الحسنات يذهبن السيئآت (هود 114)

މާނައީ: ހަމަކަށަވަރުން ހެއުކަންތަކީ ނުބައިކަންތައް ފުހެލައި ނެތިކޮށްލާކަންކަމެވެ.

އަލްއިމާމު އަންނަވަވީ رحمه الله ވިދާޅުވިއެވެ. މިބަސްފުޅުން ސީދާ އެނގެނީ ހަމަކަށަވަރުން ހެޔޮކަންކަމީ ނުބައިކަންކަން ފޮހެލާ ކައްފާރާއެކެވެ. އަދި ޢިލްމުވެރިން (بِا لحَسَناَتِ) މިތަނުގައި ހެޔޮކަންކަމޭ ބުނާބަހުގެ މުރާދާމެދުވަނީ ތަފާތު ގޮތަކަށް ބުނެފައެވެ. މިގޮތުން ތަފްސީރު ޢިލްމުވެރިއެއްކަމުގައިވާ =އައްޘަޢްލަބީ= ކިބައިން ނަޤްލުވެގެން އައިސްފައިވަނީ ހަމަކަށަވަރުން ގިނަ ތަފްސީރުޢިލްމުވެރީން ދެކެވަޑައިގަންނަވަނީ އެ ބަހުގެ މުރާދަކީ ހަމަކަށަވަރުން ފަރްޟު 5 ނަމާދު އަދާއާލައިގެން ކުރުމެވެ. އަދި މި ބަސްފުޅަކީ އިބުނު ޖަރީރު އަދި އެހެން އިމާމުންގެ ބަސްފުޅެވެ.

އަދި މުޖާހިދު ވިދާޅުވިއެވެ. އެއީ، އަޅާ ދުލުންކިޔާ ”سُبْحان الله، والْحَمْدُلِلَّهِ ، ولَاإِلَهَ إِلاَّ اللهُ ، وَاللهُ أكبر “ މިކަލިމަތަކެވެ. އަދި ހެޔޮކަންކަމުގެ މުރާދު ކަޑައެޅިގެން އެކަންތަކަށްވެދާނެއެވެ. (صحيح مسلم شرح النووي 9/83)

ނިންމުން

ހަމަކަށަވަރުން الله سبحانه وتعالى އަކީ އެކަލާނގެ އަޅުންނަށް އޯގާވަންތަ ރަސްކަލާގެއެވެ. ހަމަކަށަވަރުން ރަޙްމަތް އެކަލާނގެ ޢަޛާބާ އަދި ޢިޤާބުގެ ކުރިޔަށް އިސްކުރައްވާފައިވެއެވެ.

 

Loading

One Response

  1. މާޝާﷲ، ހެޔޮޮބަސް ބުނާ ހޮބަސް ގަބޫލުކޮށް ޢަމަލުކުރާ ބަޔަކުކަމުގައި އަޅަމެން ލައްވާށިއެވެ. – އާމީން ޔާރައްބު!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް