ދިވެހި ސިންގާސަނާއަށް ވެރިވެގަތް ސިޔާސީ ޕާރޓީތަކުގެ ފިކުރު

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެއަކީ ތާރީޚުން އެނގޭ ހިސާބުންފެށިގެންވެސް އަމިއްލަވެރިކަމެއް ކުރަމުން އައި އަމިއްލަ ވަންތަ އަމިއްލަ ގައުމެކެވެ. އެންމެ ފުރިހަމަ މާނާއިގައެވެ. ވެރިކަމުގައި ހުންނަމީހެއްގެ ނުވަތަ ވެރިކަމުގައި ތިބި ބައެއްގެ އަމިއްލަ ވެރިކަމެކެވެ. ރުހުނަސް ނުރުހުނަސް މިކަމާމެދު ރައްޔިތުންނަށް ކުރެވޭނެ އެއްވެސްކަމެއް މާޒީގައި ނެތޭބުނުމަކީ ތާރީޚުން ހެކި ލިބެން އޮތް ހަގީގަތެކެވެ. ދިވެހިރާއްޖޭގައި ކުރެވޭނެ އެންމެބޮޑު ކުށަކީ ސިޔާސަތާ (ވެރިކަމުގެ ބާރު އޮތްބަޔަކު ކަންކުރާގޮތާއި) ބެހުމެވެ.

ސިޔާސަތާބެހުމޭ ކިޔާއުޅުނީ ވެރިކަމުގެ ފަރާތުން ކުރާކަންތަކާއި އިދިކޮޅަށް ވާހަކަ ދެއްކުމަށެވެ. ނުވަތަ އިދިކޮޅު ވިސްނުމެއް ގެންގުޅުމަށެވެ. ކުށް ސާބިތުކުރުމަށް ބޭނުންވަނީ ހަމައެކަނި ވެރިކަމުގެ ފަރާތަށް އެ އަޑު އިއްވުމެވެ. އެހިސާބުން އެ ވާހަކަ ދެއްކިމީހަކު ނުވަތަ ބަޔަކު ތިބޭނީ ކުށްވެރިވެފައެވެ. އެމީހަކަށް ނުވަތަ ބަޔަކަށް ދެން ދުވަސްތައްގުނަންޖެހޭނީ އަށިގޭގައި ނުވަތަ ހުރަގޭގައެވެ.

ޒަމާންތައް ފާއިތުވަމުންގޮސް ދިވެހިރާއްޖެވެސް ވަކިހިސާބަކުން ދުނިޔޭގައިހިނގާ ތަފާތު ވިސްނުމާއި ފިކުރުގެ އޮއިވަރުތަކުގައިޖެހި ބެހިގެންދާތަން ފެންނާން ފެށިއެވެ. ހަމައެއާއެކު ފާޅުކުރެވުނު ޚިޔާލަކާ ގުޅިގެން މި ފަހުގެ ތާރީޚުގައިވެސްް އެއްބަޔަކު ހުރަގެއަށްލެވިގެން ދިޔަތަން ވެސް ފެނުނެވެ. ދުނިޔެ ދައްކަމުންދިޔަ ތަސައްވުރަކުން ނުވަތަ ތަޢުލީމީ ޒުވާނުންތަކެއް ދިވެހިރާއްޖޭގައިވެސް އުފެދުމަކުން އައިބަދަލެއް ނުފެނުނެވެ.

އެއްވެސް ކަމަކީ ދާއިމަށް އެއްގޮތަކަށް ދެމިގެން ދާނޭ ކަމެއް ނޫނޭ ބުނާ ފަލްސަފާގެ މަތިން ދިވެހިރާއްޖޭގެ ޙާލަތުވެސް ބަދަލުވުން މަޖުބޫރުކުރުވައިފިއެވެ. 1990 ގެ އަހަރުތައް ފެށުނުއިރު ވެރިކަންކުރާމީހެއްގެ ނުވަތަ ބައެއްގެ އަމިއްލަވެރިކަމެއްގެ ބަދަލުގައި ރައްޔިތުންގެ ވެރިކަމެއް ކުރުމަށްމަގުފަހި ކުރުމުގެ ޙަރަކާތްތަކުގައި ދެން ނުފޮހެވޭ މިންވަރަކަށް ކުލަޖެހިއްޖެއެވެ. އޭރުވެސް ރައްޔިތުންތިބީ ވެރިކަމުގެފަރާތުން ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނަންގުވާފައިވާ ސިޔާސަތާ ބެހުމުގެ ބިރުވެރިކަމާހުރެ އަނގަހުޅުވާލަން ނުކެރޭފަދަ ޙާލަތެއްގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ރައްޔިތުންގެ ވެރިކަމަކަށް މަގުފަހިކުރަން ނިކުތް 60 ވަރަކަށް ޙަރަކާތްތެރިންގެ ތެދުވެރިކަމާއި އަމާނާތްތެރި ކަމާމެދު ޢާންމުރައްޔިތުން ސުވާލުކުރާކަށް ބޭނުން ނުވި ކަހަލައެވެ. އޭރު ކުރެވެމުންދިޔަ ދިގު ތިރީސް އަހަރުގެ ވެރިކަމަށް ދިވެހިންތިބީ ފޫހިވެފައެވެ. އެހެންކަމުން ބަދަލުގެނައުމުގެ ނަމުގައިފެށިގެންއައި މިޙަރަކާތަށް ރައްޔިތުންގެ ތަރުޙީބު އޮއްސިގަތެވެ. ކަމުގެ ބާވަތުން މާބޮޑަކަށް ނިކުމެދާނެ މިފައިނަލް ނަތީޖާއަކަށް ވިސްނާކަށް ރައްޔަތުން ބޭނުމެއްނުވިއެވެ. ނަމަވެސް ދިގުދެމިގެންދިޔަ އެ ވެރިކަން ނިމުމަކަށް ގެނެސް އަލުން ފަށާގަތް ރައްޔިތުންގެ ވެރިކަން ކުރަމުންގެންދާ ގޮތާމެދު ރައްޔިތުންގެ މޫނުމަތިން ހަމަގައިމުވެސް މިހާރު ފެންނަނީ މާޔޫސްކަމެވެ.

ރަނގަޅަށް ވިސްނާ ފިކުރު ކުރުމަކާނުލައި އަޑުގަދަ ބައެއްގެ އެދުމާއެއްގޮތަށް ގައުމު ދީއްލާލުން މިއީ ދިވެހިން ބޭނުންވިގޮތެކޭ މިހާރަކު ބުނެވޭކަށް ނެތެވެ. އެމީހުންގެ ބޭނުންތަކާ އެއްގޮތަށް ގާނޫނުއަސާސީއެއް ފަރުމާކޮށް އެ ގާނޫނުއަސާސީ މާނަކޮށް ފާސްކުރަން ފަސޭހަވާނެ ހުރިހާމަަގުތަކެއް ކޮށައި މަޖިލީހުގެ ރިޔާސަތުވެސް ބަދަލުކޮށް އެކަން ކޮށް ނިންމާލައިފިއެވެ. ސިޔާސީޕާރޓީތަކެއް އުފައްދައި ރައްޔިތުންގެ ޚަޒާނާއިން ބޮޑެތި މުސާރަތައް ލިބޭނޭހާ މަގާމުތައް އުފައްދައި ޕާރޓީ އިސް ސަފުތައް ތަރުތީބު ކޮށްފިއެވެ. އެ ޚަރަދުތަށް ކުރުމަށް ރައްޔަތުންގެ އަތުން އެކިނަންނަމުގައި ޓެކްސްތައްވެސް ނެގޭނެ އެންމެ ހުނަރުވެރި ގޮތްތައްރާވައި މީރާ އިން ތަންފީޒުކުރަނީއެވެ.

ރައްޔިތުންގެ ކުރިމައްޗަށް ހުށައެޅުނީ ހަމައެކަނި ވެރިކަމުގެ ނިޒާމެއް ޚިޔާރުކުރުމަށެވެ. އަވަސްއަރުވާލައިގެން ގާނޫނު އަސާސީ ނިންމާލިއިރު ވެރިކަން ކުރާނެގޮތެއް އޮތީ ހަނދާނުން ކައްސާލާފައޭ މިހާރު ބުނެވިދާނެއެވެ. އެއީ މަޖިލީހުގެ ރައިސްގެ ވިސްނުމާއި އޭނާގެ މެޖޯރެޓީއޮތް މަޖިލީހުގައި ދެކެވޭ ވާހަކަތަކަށް ބަލާފައެވެ.

ކޮންމެއަކަސް އެއޮތީ ރައްޔިތުން އާނ ބަސްދިނީ ރިޔާސީ ނިޒާމެއް އެޕްރޫވް ކޮށްދީފައެވެ. އެހިސާބުންވެސް މަބުނާގޮތް ނޫންއެހެންގޮތެއް ރަަނގަޅުނުވާނެކަމުގެ ރައްދުދިނުން ފެށިއްޖެއެވެ. ކުރިންބުނަމުންއައި ރައްޔިތުންގެ އަޣްލަބިއްޔަތުން ކަނޑައެޅި ގޮތާމެދު ނުރުހުން ފާޅުކޮށް އަދި ވަކިމީހަކު އެދޭގޮތް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތަން ފެންނާން ފަށައިފިއެވެ. ތާރީޚުން އެނގެން އޮތްް ވެރިކަމުގެ ޢާއިލީ ދެބަސްވުންތައް މިފަހަރު ފެށިގެން މިދިޔައީ ސިޔާސީ ޕާރޓީ ތަކުގެ ތެރޭގައެވެ. ތަމެން ކުރާ ކަންތައް މަމެންނަކަށް ކަމުދާގޮތެއް ނުވިއެވެ. އެންމެފަހުން ގައުމުގެ ރައީސުންނާއި ދިފާޢީ ވަޒީރުންނަށް ޖަލުގެ ގޮޅިތަކުން ޖާގަދޭން ފަށައިފިއެވެ.

ޚާއިނުންނާއި ޓެރަރިސްޓުންގެ ނަމުގައެވެ. އިއްޔެގެ ގާޒީ މިއަދުގެ ޚާއިނަކަށްވާ ގޮތަށެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންތިބި ފައުޖުތަކުގެ އިސް ވެރިންނަށް އިތުބާރު ނުކުރެވޭތީ ކޮންމެ ޕާރޓީއެއްގެ ވެރިކަމުގައި އެމީހުންނަށް އިތުބާރުކުރެވޭ ބަޔަކަށް އެ މަގާމުތައް ޚާއްސަކުރެވެން ފަށައިފިއެވެ. ގައުމުގައި ހެދި ޢަމަލުކުރަމުން އަންނަ އުސޫލުތަައް މުގުރައި ތިމާމެން ބޭނުންވާގޮތް އެއީ އެންމެރަނގަޅުގޮތް ކަމުގައި ދެކެފިއެވެ.

މިހާރުތޯއެވެ. މިހާރު ދެން މިހުރިހާކަމެއް ބަލަން ރައްޔިތުންގެ މަޖިލީސް އެބައޮވެއެވެ. އެނގެން ބޭނުން ނުވާކަހަލަ ގޮތެއްގައެވެ. ގައުމު ހިންގުމުގެ ބާރުވެސް މުށުތެރަށް ލައިފިއެވެ. މަޖިލީހުގެ ތެރޭން ފެންނަ މަންޒަރުތަކުން މިނޫން އެއްޗެއް ހިތަކަށް ނުވިސްނެއެވެ. އެތަނުގެ ހައިބަތާ ކަރާމާތަށް ޙުރުމަތްތެރިކޮށް ހިތާތަނެއް ނުފެނެއެވެ. މަޖިލީހަށް ހާޒިރުވުމަކީ ބައެއް މެމްބަރުންނަށް ލިބިފައި އޮންނަ އިޚްތިޔާރެއް ކަމަށް ދެކެފިއެވެ. މެމްބަރުންތައް ޕާރޓީއަށް ނިސްބަތްވާތީ ފިޔަވަޅުއެޅޭނެގޮތަކަށް އެއްވެސް އިރެއްގައި ގަވައިދެއްވެސް އެކުލަވާ ނުލެވެއެވެ.

ރައްޔިތުންނާ މާކަބޮޑު ގުޅުމެއްނެތި މަދުމީސްކޮޅެއް އަޑުގަދަކޮށްގެން އުފެއްދި ސިޔާސީ ޕާރޓީތައް ދިވެހިރައްޔިތުންނަށް މުސީބާތަކަށް ވެއްޖެއޭބުނާ އެތަކެއް ރައްޔަތުންނެއް އެބަތިއްބެވެ. ރިޔާސި ނިޒާމު ޚަރާބުކޮށް ދަލުބޭރުން ޕާޓީސިސްޓަމެއް ގެނެސް މުޅި ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ސެޓްކޮށްފިއެވެ. އެކުލަތަކުގައި ޖެހި އެއްބަނޑު އެއްބަފާ މީހުންގެތެރޭގައި ދެބަސްވުން ޢާންމުކޮށްފިއެވެ. ޢާއިލާތައް ބައިބައިކޮށް ރައްޓެހި ރަޙްމަތްތެރިން ސިޔާސީ މި މުސީބާތުގެ ތެރެއިން ދުޝްމަނުންނަށް ބަދަލުކޮށްފިއެވެ.

ދިވެހިންނަށް ދިމާވެފައިމިވާ ސިޔާސީޕާރޓީތަކުގެ ނުފޫޒުން ސަލާމަތްކުރުމުގެ ބޮޑު މަސްއޫލިއްޔަތު އެޅިފައިވާ ރައްޔިތުންގެ މަޖިލީހަކީ ފައިސާގެ ނުފޫޒުން ބާރުވެރިވެ ޕާރޓީން ކޮންޓްރޯލު ކުރާތަނަކަށްވެ ނިމިއްޖެއެވެ. އެބޭފުުޅުން ދެކިވަޑައިގަންނަވާ ގޮތުގައި އެބޭފުޅުން ޖަވާބުދާރީ ވާންޖެހޭނީ ޕާރޓީއަށް ކަހަލައެވެ. މަޖީލުހެގެ މެމްބަރުކަމުގެ ހުވާގައި އެއްވެސް ވަަރަކަށް ޕާރޓީއެއްގެ ވާހަކަ ނެތްކަން ހަނދާނެއް ނުހުރެއެވެ. މާތްﷲ ގަންދީ ހުވާކުރާއިރު މާތްﷲ އަޑުއައްސަވާކަމާއި ބައްލަވާވޮޑިގެންވާކަމެއް ހަދާންނުވާ ވަރަށް ޖާހިލުވެއްޖެއެވެ. ކޮންމެގޮތެއް ވަރިހަމަވެއްޖެކަހަލައެވެ.

ހާލަތާއި ދޭތެރޭ ވިސްނައި ޙައްލެއް ހޯދުމުގެ ފިކުރުގައި ވިސްނާލާއިރު ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ގައުމުގެ ޙާލަތު ތެދުވެރިކަމާއެކު ހާމަކުުރުމުގައި ނޫސްވެރިންގެ މަސްއޫލިއްޔަތުވެސް ކުޑައެއްނޫނެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ ވެއްޓެއް ނެތެވެ. ސަބަބަކީ ނޫސް ނެރެވޭނެމަގަކީވެސް ކޮންމެވެސް ފައިސާވެރިއެއްގެ ކުރިމަތީގައި ކުރުނީސްކުރުން ކަމުގައިވާތީއެވެ. ޚަރަދުތަކަށް ބޭނުންވާފައިސާއަށްޓަކައި އިޝްތިހާރެއް ހޯދުމަށެވެ. ފައިސާވެރިންނާއި ސިޔާސީ ދާއިރާގެ ގިނަ ބޮޑުންނަކީ ވަކިނުވެވޭވަރަށް އަމިއްލަ އިންޓަރެސްޓްއޮތް ގާތް ރަޙްމަތްތެރިނެވެ. އެހެންކަމުން އާޚިރު ނަތީޖާއަކަށް މިވަނީ ވެރިކަމުގައިތިބި ބަޔަކު ބުނި އެއްޗެއް ނޫނީ ރައްޔިތުންނާ ހަމަޔަށް އަންނާނެ މަގުތައްވެސް ނެތިދިއުމެވެ. ނަމަވެސް ގައުމު ހެޔޮމަގަށް އެޅުމުގައި ނޫސްވެރިކަމަކީ އަމާނާތްތެރިކަމާއިއެކު ކުރަންޖެހޭ ބޮޑު މަސްޢޫލިއްޔަތެއްކަމާއިމެދު ޝައްކެއްނެތވެ. ދިވެހި ތިބާއަށްކޮށްދޭނީ ކޮންކަމެއްތޯ ނާހާށެވެ. ތިބާ ގައުމަށްކޮށްދެވޭނީ ކޮންކަމެއްތޯ އަމިއްލައަށް ސުވާލުކުރާށެވެ.

 

Loading

One Response

  1. ނޫސްތަކުގައި ލިޔަންވާނީ މީހުން ގިނައިން ކިޔާހިތް ވާކަހަލަ ލިއުންތަކެވެ. ކޮންމެވެސް ފިލްމުކުޅޭމީހަކު ބަލިވެއިން ވާހަކަ ވަރަށް ކިޔާލާހިތްވާނެއެވެ. ގައުމަށް ދިމާވެފާއިވާ މިކަހަލަ މައްސަލަތަކުގެ ވާހަކަ ދައްކާނީ މީހުންނަށް އަޑުނީވޭވަރަށް ސިއްުރުންނެވެ. އަދިވެސް ދިވެހިން މިތިބީ ހަމަ ކުރީގެގޮތަށް މިކަހަލަ ލިއުމެއް ކިޔަސް ކުއްވެރިވެދާނެކަމުގެ ބިިވެރިކަމުގައެވެ. ހަމަޔަކަށް އެޅެން ދުވަސް ނަގާނެއެވެ. ލިޔަމުން ގެންދާށެވެ.

Leave a Reply to އަލީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް