މީސްމީޑީޔާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްއަކީ ޕާކިސްތާނުގެ އިޖްތިމާއީ ގަވައިދުތަކާއި މިންގަނޑުތަކާ ޚިލާފު ކަންކަން ކުރުމަށް މަގުފަހިވާ ވަސީލަތެއްކަމަށް ނިންމައި ޓިކްޓޮކް ބޭނުންކުރުން މަނާ ކުރުމަށް ޕިޝާވަރު ހައިކޯޓުން ހުކުމްކޮށްފިއެވެ. މިހުކުމް ކޮށްފައިވަނީ ޓިކްޓޮކާ ދެކޮޅަށް ހުށަހަޅާފައިވާ ޕެޓިޝަންގެ އަޑުއެހުންތަކެއްގެ ތެރެއިންނެވެ. ހުކުމް އިއްވާފައި ވަނީ އެކޯޓުގެ އިސް ފަނޑިޔާރު ޣައިޘަރް ރަޝީދް ޚާންއެވެ.
ޓިކްޓޮކްގައި ޕާކިސްތާނުގެ އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފުވާ މައްސަލަތައް ގިނަކަން ފާހަގަ ކުރައްވައި މި މައްސަލަތައް ހައްލުކުރެވެންދެން އެގައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ޚާން ވަނީ މިދިޔަ ބުރާސްފަތިދުވަހު ކުރިއަށްދިޔަ އަޑުއެހުމެއްގައި ހުކުމްކޮށްފައެވެ. މިކަމާގުޅިގެން އެގައުމުގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީގެ ތަރުޖަމާނު ޚުއްރަމް މަހްރާން، އަލް ޖަޒީރާ ނޫހަށް ދީފައިވާ ބަސްދީގަތުމެއްގައި ކޯޓުގެ އަމުރު ތަންފީޒުކުރަން ފަސްނުޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
މިކަމަށް ރައްދުދީ ޓިކްޓޮކުން ނެރުނު ބަޔާނެއްގައި ޓިކްޓޮކަކީ މީހުންގެ ހުނަރުތައް ދައްކުވައި ކުރިއެރުވުމަށް މަގުފަހި ކުރުމަށް އަމާޒުކުރެވިފައިވާ ޕްލެޓްފޯމެއްކަމަށާއި އެމީހުންގެ ޕްލެޓްފޯމުގައި ހުންނަ އެއްޗެތި ވަކި ގަވައިދެއްގެ ދަށުން މޮނިޓާރ ކުރަމުން ދާކަމަށް ބުނެފައިވެއެވެ. އަދި އަދި ޕާކިސްތާނުގައި މިގަވައިދުތައް ތަންފީޒުކުރުމަށްޓަކައި ޓީމެއް ކަނޑައަޅާފައިވާނެ ކަމަށްވެސް ޓިކްޓޮކުން މައުލޫމާތު ދީފައިވެއެވެ.
ފާއިތުވި އަހަރުގެ އޮކްޓޯބަރުމަހުވެސް ޕާކިސްތާނުގެ ކޯޓަކުން ހަމަ މިފަދައިން ޓިކްޓޮކް އެގައުމުގައި ބޭނުންކުރުން މަނާކޮށް ހުކުމްކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް އޭގެ 10 ދުވަސް ފަހުން އެހުކުމް ވަނީ ބާތިލުކޮށްފައެވެ.
އޭޝިޔާ ބައްރުގައި ޓިކްޓޮކްވަނީ ގިނަ ބަޔެއްގެތެރޭގައި މަގުބޫލުކަން ހޯދާފައެވެ. 220 މިލިއަން މީހުން މި އެޕްލިކޭޝަން ބޭނުންކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.