ތާރީޚުން ފިލާވަޅެއް: ފަނޑިޔާރު ރާމާމަކުނުގެ އިންސާފަށް ބިރުވެތިވުން - 3

Loading

Facebook
Twitter
WhatsApp
news maldives

ނޫންނަމަ، ކޯޅި، އަރާރުންވެ އުޅުނު ދެބުޅަލުގެ ބޯކިބާ މަކުނު ފަނޑިޔާރު، ކައި ދިރުވާލި ފަދައިން، އިންޑިޔާގެ އަނގަޔަށް ރާއްޖެލައި ’ދިރުވާނުލައި‘ އޮވެފާނެ ބާވައޭ ވެސް ހިތަށް އަރައެވެ. ސިއްކިމް ވެސް އިންޑިޔާގެ އަނގަޔަށް ލައި ދިރުވާލައި އިންޑިޔާގެ ބަޔަކަށް ހަދާލި ފަދައިންނެވެ.

މިވާހަކަތައް ދެއްކުމުން، ބައެއް މީހުން ބުނާ ވާހަކައެއް އޮވެއެވެ. ’އިންޑިޔާ ބޭނުމިއްޔާ ރާއްޖެ ހިފާފާނެއެވެ‘. މިއީ ޚުދު، ’އަޅުގަނޑުމެންގެ ގާބިލު ދުރު ފެންނަ‘ ދިފާއީ ވަޒީރުގެ ވެސް ހިކުމަތުން ފުރިގެންވީ ބަސްފުޅެވެ. މިމަގާމުގައި ފާހަގަކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބައޮތެވެ. ޝައްކެއްނެތް ގޮތުގައި، ގައުމީ މަސްލަހަތު ނިޔާކުރަނީ އަވައްޓެރި ގައުމުތަކާ ދޭތެރޭ ގާތް ގުޅުން ބަހެއްޓައި، މިގުޅުން ދުވަހުން ދުވަހަށް، އިތުރަށް ތަރައްގީކުރުމެވެ. ނަމަވެސް، މި ގުޅުން ބިނާވާން ޖެހޭނީ އެއްބަޔަކު އަނެއް ބަޔެއްގެ މިނިވަންކަމާއި ސިޔާދަތު ރައްކާކޮށް، އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކުރުމުގެ މައްޗަށެވެ. އަދި، އެއްބަޔަކު އަނެއް ބަޔެއްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަދެ ނޫޅުމުގެ މައްޗަށެވެ. އަވައްޓެރި ގައުމުތަކާ ގާތް ގުޅުން ބެހެއްޓުން، ގައުމުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތު ކޮންޓުރޯލުކުރަން އެގައުމުތަކަށް ދިނުން ލާޒިމެއް ނުކުރުވައެވެ.

ބާރުގަދަ ގައުމުތަކުން އެހެން ގައުމުތަކުގެ ދާޚިލީ މައްސަލަތެރެއަށް ވަދެ، އެގައުމުތައް ހިފަނީ، ހަމަ އެކަނި ބާރުގެ ބޭނުންކޮށްގެންނެއް ނޫނެވެ. ފަހަރެއްގައި ވެސް، މިއީ އެކަން އޮންނަ ގޮތެއް ނޫނެވެ. ދުނިޔޭގައި، ބައެއް ފަހަރު، ’ޖަންގަލީގެ ގާނޫނު‘ -އެއްވެސް ހަމައަކަށް، ބެލުމެއް ނެތި، ބާރު ލިބިގެންވީ ފަރާތް ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުގެ އުސޫލު- ހިންގާލެވޭ ތަން، މަދު މަދުން ފެނުނަސް، މިއީ އާންމު އުސޫލެއް ނޫނެވެ. މިފަދަ އުސޫލެއް ނެތް ކަހަލަ ގޮތަކަށް އެންމެ ފަހުން ފެނުނީ 1948ގައި ސޯވިއެޓުން ޗެކޮސްލަވޭކިޔާއަށް އެރިއެރުމާއި ހަމަ މިމީހުން 1956ގައި ހަންގޭރީއަށް އެރިއެރުމެވެ. އެތަންތަނުގައި ކޮމިޔުނިސްޓު ސަރުކާރުތައް ގާއިމުކޮށް ދެމެހެއްޓުމުގެ ބޭނުމުގައެވެ. ނަމަވެސް، ބާރުގެ ބޭނުންކޮށްގެން ގައުމުތަކަށް އަރައި ނުހިފޭނޭކަން، 1956ގެ ސުއޭޒުގެ ހަނގުރާމައިން ފެނިގެން ދެއެވެ. ސުއޭޒުގެ މި ހަނގުރާމައަކީ ބާރުވެރި އިނގިރޭސިންނާއި ފަރަންސޭސީންގެ އެދުމުގެ މަތިން، އިޒްރާއީލުން މިސުރަށް ދިން އުދުވާނީ ހަމަލާއެކެވެ.

މިހަނގުރާމައިގައި ކާމިޔާބުލިބުނީ އިޒުރޭލަށެވެ. ނަމަވެސް، ސުއޭޒަށް ވެރިވެގަތުމުގެ އެދުމުގައި މިކަން ކުރުވި މީހުންނަށް، ސުއޭޒަށް ވެރިވެގަތުމުގެ ފުރުސަތެއް ނުލިބެއެވެ.  ޔޫ.އެން.ގެ 997 ވަނަ ގަރާރުގެ ދަށުން، އިޒުރޭލަށް ޖެހުނީ ސުއޭޒުން ފައިބާށެވެ. އަދި، އަސްކަރީ ގޮތުން މިސުރު ބަލިވިކަމުގައި ވިޔަސް، ސުއޭޒު ކެނަލް، މިސުރުގެ ބާރުގެ ދަށަށް ގެނެވި، ސިޔާސީ ބޮޑު ކާމިޔާބީއެއް މިސުރަށް ލިބުނެވެ. މިއިން ހެކި ލިބެނީ، ބާރުގަދަ ބައެއް، ހަމަ ހިތަށް އެރުމުން، ބާރުގެ ބޭނުންކޮށްގެން ތަންތަން ހިފައި އުޅުމަކީ އަދުގެ ދުނިޔޭގައި ކަންކަން ހިނގާ އާންމު އުސޫލެއް ނޫންކަމެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތައް ހުރުމާއެކު، މަދަނީ، ތަހުޒީބީ ސަރުކާރުތަކުން އެއީ ކޮށްއުޅޭ ކަމަކަށް ނުވާތީއެވެ. ބާރުގަދަ ފަރާތްތަކުން ތަންތަން ހިފާއުޅެނީ މުޅިން އެހެން ސިފައެއްގައެވެ. ކުރީގައި ނަންގަނެވި ދިޔަ މިސާލުތަކުން ފެނިގެންދިޔަ ފަދައިން، އެކަން ކުރަނީ ގައުމުތަކުގައި އުފެދޭ، އަމިއްލަ އެދުމުން ފުރިފައި ވައިވުމުގެ ސަބަބުން، ތިމާގެ އަމިއްލަ ގައުމަށް ވެސް ޚިޔާނަތްތެރިވާން ކުޑަކޮށް ވެސް ޖެހިލުންނުވާ ޣައްދާރު ޚާއިނުންގެ އެހީގައެވެ.

މަދުން ނަމަވެސް ރާއްޖޭގެ ތާރީޚުން ވެސް، މިކަހަލަ ގައުމަށް ޣައްދާރުވި ޚާއިނުން ފެނިފައިވެއެވެ. މިސާލެއްގެ ގޮތުން، ހަސަން ނުވަވަނަ ނުވަތަ، ނަސާރާ ދީނަށް ވެންނެވުމަށް ފަހު، އޭނާ ޚިޔާރުކުރެއްވި ނަމުން ނަމަ، ޑޮމް މެނުއަލް، ރަސްގެފާނުގެ ސިޔަރަތް ބަލާލާށެވެ. ރާއްޖޭގެ ވެރިކަން، ބޭރުބައެއްގެ އެހީގައި، ހޯއްދެއްވުމަށް އޭނާ މަސައްކަތްކުރެއްވިއެވެ. އަދި ބައެއް މުއައްރިޚުންގެ ނަޒަރުގައި ’އަނދިރި އަނދިރިން‘ ނަކީ އޭނާގެ ވަސިއްޔެގެ (އޭނާގެ ފަރާތުން އޭނާގެ ބަދަލުގައި) ހައިސިއްޔަތުން ވެރިކަން ކުރެއްވި ވެރިއެކެވެ. 1558އިން ފެށިގެން 1573ވަނަ އަހަރާ ހަމައަށެވެ. އާދެ، ރާއްޖޭގައި، އަޅުގަނޑުމެން ދަންނަގޮތުގައި، ޕޯޗުގީޒުންގެ ބަޔަކު ވެރިކަން ކުރި ދުވަސްވަރެވެ. ކޮންމެ އަކަސް ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އެރުމަށް، އެމީހެއްގެ ސަބަބުން، ދިމާވި ޚާއިނެއްގެ ގޮތުގައި ޑޮމް މެނުއަލް ނުވަތަ ހަސަން ނުވަވަނަ ރަސްގެފާނު ފާހަގަކުރެވިފައި ވެއެވެ.

މިފަދަ ޑޮމް މެނުއަލްތައް އަދުގެ ދިވެހި ސިޔާސީ މަސްރަހުން އެބަ ފެނެއެވެ. 2018ގައި ބޭރު ރާއްޖެއެއްގެ ޓީވީއަކުން ފޮނުވި ޕުރޮގުރާމެއްގައި މިއަދުގެ ސަރުކާރުގެ އިސް ވަޒީފާތަކުގައި ހިމެނޭ ބައެއް ބޭފުޅުން، ޑޮމް މެނުއަލް ފަދައިން، ރާއްޖެ ހިފުމަށް ބޭރު އަސްކަރީ ބާރެއްގެ ފަރާތުން އެދިފައިވެއެވެ. (މީގެ ރެކޯޑިންގްއެއް މިލިޔުމުގެ ދެވަނަބައިގާ  ފެންނަން އެއޮތީއެވެ.) މި ފަދަ ވާހަކައެއް، ތަނެއްގެ މުވާތިނަކު، އެތަނާ ބެހޭ ގޮތުން ބުނެ، ގޮވާލައިފި ނަމަ، އެމީހެއްގެ މައްޗަށް ’ވަތަނަށް ޚިޔާނަތްތެރިވިކަމުގެ‘ (ހައި ޓްރީސަންގެ) ބޮޑު ކުށް އުފުލި، ޝަރީއަތްކުރެވި އަދަބު ދެވޭނެއެވެ. ބައެއް ގައުމުތަކުގައި މިކަމުގެ އަދަބަކީ މެރުމެވެ. ނުވަތަ އުމުރަށް ޖަލަށް ލުމެވެ. ކޮންމެ އަކަސް، 1552ގައި، ޑޮމް މެނުއަލް ދިވެހި ގައުމަށް ޚިޔާނަތްތެރިވުމުން، އަލުން ރާއްޖެ އެރުމުގެ ފުރުސަތު އޭނާއަކަށް ނުދެވެއެވެ. ނަމަވެސް، 2008ގައި އަޅުގަނޑުމެންގެ ތެރޭގައި ތައާރުފުކުރެވުނު، ’ހަގިގީ ޑިމޮކުރަސީގައި’، ގާނޫނުތަކަކީ، ބާރުހުރިނަމަ އެމީހަކު އަމިއްލައަށް ބޭނުން ގޮތަކަށް މާނަކޮށް، ގައުމަށް ޚިޔާނަތްތެރިވުމުގެ ފުރުސަތުވެސް ގާނޫނުތަކުން ލިބި، އެއީ ކުށަކަށް ނުވެ ހިނގައިދާނޭ ފަދަ ނަމޫނާ ޑިމޮކުރަސީއެއްކަން މިވަނީ ސާބިތުކޮށްދީފައެވެ. މައްސަލައަކީ ޑޮން މެނުއަލް ފަދަ ޚާއިނުން އުފެދުމުގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ އާންމުންގެ އެތައް ބަޔަކު މިފަދަ ޚާއިނުން ބަލައިގަންނާތީއެވެ. ސޯޅަ ވަނަ ގަރުނުގެ އާންމު ދިވެހިންގެ ވިސްނުމާއި، އެކާވީސް ވަނަ ގަރުނުގެ އާންމު ދިވެހިން ވިސްނުމާ އަޅާބަލާއިރު، ހަރުދަނާވަނީ ކޮންބައެއްގެ ވިސްނުން ބާވައޭ ހިތަށް އަރައެވެ؟ ގައުމަށް ތެދުވެރިވުމާއި އިޚުލާސްތެރިވުން ފަދަ އަގުތަކުގައި ހިފަހައްޓައިގެން، ހަމަތަކާއި އުސޫލުތަކެއްގެ މަތީގައި ތިބިކަމަށް ފެންނަނީ 1552ގެ ދުވަސްވަރު، އާދެ، ސޯޅަވަނަ ގަރުނުގައި، އުޅުނު ދިވެހި އާންމު އަފުރާދުންނޭ ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ.

India Military Base in Maldives

ކޮންމެއަކަސް، ގައުމުތައް ހަލާކުވެ، ނެތިދަނީ ގައުމުގައި އުފެދޭ ޚާއިނުންގެ ސަބަބުންނެވެ. ފަހަރެއްގައިވެސް، ގައުމުތަކުގެ މިނިވަންކަން ގެއްލި، ގައުމުތައް ހަލާކުވެ ނެތިދަނީ، ބޮޑެތި ބާރުތަކުގެ ބާރުވެރި ކަމުގެ ސަބަބަކުން ނޫނެވެ. ޑޮމް މެނުއަލް ފަދަ، ޚާއިނުން، ވެރިކަން ހޯދުމުގެ އެދުމުގައި ނުވަތަ އެމީހުންގެ ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި، އާންމު ރައްޔިތުނަށާއި ތަނުގެ މުއައްސަސާތަކަށާއި އިދާރާތަކަށް އިތުބާރުނުކުރެވޭތީ، އެފަރާތްތަކަށް ދޮގު ބަދުބަސްބުނެ އެފަރާތަކަށް ރައްޔިތުންގެ ހިތުގައި ދެވިފައިވާ ގަދަރާއި އިޙުތިރާމް ކަނޑުވާލައި ބޭރުގެ އެހީ ހޯދަން، އެމީހުންނަށް ޖެހެނީއެވެ. ތަނުގައި އުފެދިދާ ދުޅަހެޔޮ ނޫން، ސިޔާސީ ވާދަވެރިކަން ވެސް، މިކަން މެދުވެރިކުރުމަށް މަގުފަހިކުރެއެވެ. މިކަން، ލޯ ހުޅުވައިގެން ބަލައިފި ކޮންމެ މީހަކަށް ވެސް ފެންނާށެވެ. ބޭރުގެ ބޮޑެތި ބާރުތައް، އެބާރުތަކުގެ އަތްދަށަށް، އެހެން ގައުމުތައް ގެންދަނީ ޑޮމް މެނުއަލް ދަޢުވަތު ދިން ފަދައިން، އެފަދަ ބާރުތަކަށް، އަމިއްލަ ގައުމަށް ޙަމަލާދީ ހިފަން އަންނާށޭ ގޮވާ ޚާއިނުންގެ އެހީގައެވެ. މިކަން އިތުރަށް ފަހިވެގެން ދަނީ، ލޯމަރައިގެން ތިބެ، ޑޮމް މެނުއަލް ފަދަ ޚާއިނުންގެ ހަގީގަތް ނުބަލާ، އެމީހުން ކުރާހާ ކަމަކަށް އަތްތިލަބަޑި ޖަހަން، އާންމު އަފުރާދުން ތިބޭތީއެވެ. ގައުމީ ޖައުހަރީ އަގުތަކަށް – ތެދުވެރިވުން، އިޚުލާސްތެރިވުން، އެކަކު އަނެކަކަށް އިޙުތިރާމުކުރުން، ހެޔޮލަފާވުން އެއްވެސް ހުރުމަތެއް ނުބަހައްޓައި އަދި މި އަގުތައް، އެމަސްދަރަކުން ލިބިގަނެވޭ އަސާސުކަމުގައިވާ ހިމެނޭ އިސްލާމްދީން މުގުރާލައި ފުނޑުފުނޑުކޮށްލާތަންވެސް، އެއްވެސް ޣީރަތްތެރިކަމެއް ނެތި ބަލަންތިބެވޭތީއެވެ.

India Military Maldives India Military Base in Maldives India Military Base in Maldives India Military Base in Maldives

ކޮންމެއަކަސް، މަތީގައި ބަޔާންކުރެވުނު ވާހަކަތަކުން، ފާހަގަކޮށްދޭން ބޭނުންވީ ރާމާމަކުނު ފަނޑިޔާރު ބޯކިބާ އޭގެ އަނގަޔަށްލައި ދިރުވާލި ގޮތަށް، ރާއްޖެވެސް ބޭރު ބާރެއްގެ އަނގައިގެ ތެރެއަށް ވެއްޓިދިޔުމުގެ ނުރައްކަލާއި ބިރު އެބައޮތްކަމެވެ. މިކަން މެދުވެރިވަނީ ގައުމުގައި އުފެދޭ، ޑޮން މެނުއަލް ފަދަ ސިޔާސީ ކަސްބީ ޚާއިނުންގެ ސަބަބުންނެވެ. އަދި، އެފަދަ ސިޔާސީ ކަސްބީ ޚާއިނުން ޖަހާ ބެރަށް، އެއްވެސް އަމިއްލަ ވިސްނުމެއް ނެތި، ނަށަން ތިބޭ ރައްޔިތެއް އޮތުމުންނެވެ. ދެން، މީހަކު ބުނެފާނެއެވެ. ’ތިމަންނައަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟‘ ނޫނީ ’ތިމަންނާ ކުރާނީ ކޮން ކަމެއް ހެއްޔެވެ؟‘ އޭގެ ޖަވާބުގައި ބުނެވޭނީ، ’ކަލޭގެ އަމިއްލަ އަގުހުރި މުދަލެއް ގެއްލެން އުޅޭ ނަމަ، ތިހެން، ތިމަންނާއަށް ކުރެވޭނީ ކޮންކަމެއްހޭ ކިޔާފައި ހިމޭނުން އަތްއުރާލައިގެން ހުންނާނަން ހެއްޔެވެ؟‘ ނުހުންނާނެއެވެ. އެއްވެސް، ޝައްކެއް ނެތް ގޮތުގައި، އެކަމާ މެދު އެޅެން އޮތް ގާނޫނީ ފިޔަވަޅަކީ ކޮބައިތޯ އަދި ގާނޫނު ތަންދޭ ގޮތުގެ މަތިން ކުރެވޭނީ ކޮންކޮން ކަމެއްތޯ އަމިއްލައަށް ހޯދައި، އެ ފިޔަވަޅެއް އަޅަން މަސައްކަތް ކުރާނެއެވެ. އެހެންވެ، ގުނބޯ ނުހެދި، ލީޑަރު ތަސްބީހަ ކިޔުން ދޫކޮށް، ހަމަ އެފަދައިން، މިކަމާ ދޭތެރޭ ކުރެވެން އޮތީ ކޮން ކަމެއްތޯ އަމިއްލައަށް ވިސްނައި ފިކުރުކޮށްގެން އެގޮތް ގޮތް ހޯދަން މަސައްކަތްކުރާށެވެ! ނޫންނަމަ، ދެބުޅަލުގެ ކޯޅުމުގެ ރަނުގެ ފުރުސަތު ބޭނުންކޮށް، ރާމާމަކުނު ފަނޑިޔާރު ބޯކިބާ ދިރުވާލެއްވި ގޮތަށް، އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ، ގައުމުވެސް ވިއްކާލަން ފަސްނުޖެހޭ، ޑޮމް މެނުއަލް ކަހަލަ، ހަށިވިއްކާ ސިޔާސީ ކަސްބީންގެ ކޯޅުންތަކުގެ ސަބަބުން، ބޭރުގެ މަކުނު ފަނޑިޔާރެއް އައިސް، އަންދަލުސްއާއި ފަލަސްތީނާއި ސިއްކިމް ދިރުވާލި ފަދައިން، ދިވެހިރާއްޖެ ވެސް ދިރުވާލައި ގެއްލުވާލަފާނެއެވެ.

-ނިމުނީ –

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް