ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން ވަޅުލުމުގެ ހުއްދަ ސަރުކާރުން ދީފި

170

ސްރީލަންކާގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުން ވަޅުނުލައި އަންދަން ސަރުކާރުން މިދިޔަ އަހަރު ނިންމާފައިވާ ނިންމުން ބަދަލުކޮށް އެމީހުން ވަޅުލެވޭގޮތަށް ސަރުކާރުން ބުރާސްފަތި ދުވަހު ހަމަޖައްސައިފިއެވެ. މިއީ އެގައުމުގެ މުސްލިމުންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެކެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުން ވަޅުނުލައި އަންދަން ސަރުކާރުން ކަނޑައަޅާފައިވާ ނިންމުން ބަދަލުކުރިކަން މީޑިއާއަށް އެންގީ ހެލްތު މިނިސްޓްރީގެ ތަރުޖަމާނެވެ.

ލަންކާ ސަރުކާރުން ކުރިން ނިންމާފައި ވަނީ ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދައި އަޅިއަށް ހެދުމަށެވެ. އެކަމާގުޅިގެން ދުނިޔޭގެ ފެންވަރުގައި ޚާއްޞަކޮށް މުސްލިމު ދުނިޔެއިން އެކަމާ ދެކޮޅަށް އަޑު އުފުލައި ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ލަންކާގެ މުސްލިމުން އެތައް މުޒާހަރާއެއް ކޮށްފައިވެއެވެ.

ސަރުކާރުން ބުނަމުން އައީ ކޮރޯނާ ވައިރަސް ޖެހޭ މީހުން ވަޅުލުމުން ވައިރަހުގެ އަސަރު ފެނަށްކޮށް، ފެނުގެ ޒަރީއާއިން އެހެން މީސްމީހުންނަށް ބަލިޖެހުމުގެ ފުރުސަތު ތަނަވަސްވެގެން ދާނޭކަމަށެވެ. މުސްލިމުން ބުނަމުން ދިޔައީ އެއީ ގަބޫލުކުރުން ދަތި އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެކަމަށް ބާރުލިބޭ ސައިންޓިފިކް ހެއްކެއް ދުނިޔޭގެ އެއްވެސްތަނަކުން ހޯދިފައި ނުވާކަމަށެވެ.

ލަންކާއިން ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މުސްލިމުންގެ އާއިލާތަކުގެ ނުރުހުމުގައި ބައެއް މީހުން އަންދާލާފައިވެއެވެ. އެކަމާގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި މުސްލިމު ގައުމުތަކުން ލަންކާގެ މުސްލިމުން ދީނީހަމަތަކުގެމަތިން ވަޅުލެވޭނެ ގޮތް ހަދައިދިނުމަށް އެދިފައިވެއެވެ. އަދި ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުން ވަޅުލުމަކީ މައްސަލައެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވެސް ބުނެފައިވެއެވެ.

ބައިނަލް އަގުވާމީ ބައެއް މީޑިއާތަކުން ޚަބަރުދޭގޮތުގައި މިދިޔަ ހަފުތާގައި ލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާނު ވެސް ވަނީ މުސްލިމުން އަންދާ މައްސަލައިގައި ލަންކާ ސަރުކާރުގެ އިސްވެރިންނާ ވާހަކަފުޅުދައްކަވައި އެކަމަށް ހައްލެއް ހޯއްދެވުމަށް މަސައްކަތްޕުޅުކުރައްވާފައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ