ޔަމަނުގެ ކާރިސާގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ނުރައްކާވަނީ

Loading

Facebook
Twitter
WhatsApp

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ހޯދަމުންދާ އައު ކުރިއެރުންތަކާއެކު، ސްޓްރެޓީޖިކް ގޮތުން މުހިންމު ކަނޑުދަތުރުފަތުރުގެ މަގެއް އެމީހުންގެ ބާރުގެ ދަށަށް ގޮސް، ދުނިޔޭގެ އިޤްތިޞާދަށް އިތުރު ލޮޅުމެއް އަރައިފާނެކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.

ހަނގުރާމަވެރިން ވަނީ ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ބައެއް ސަރަޙައްދުތަކުން ސަރުކާރުގެ ސިފައިން ފަހަތަށް ޖައްސައި، ދެކުނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ޢަދަން ދިފާޢުކުރުމަށް ސަމާލުކަން ދޭން އެ ސިފައިންނަށް މަޖުބޫރު ކުރުވާފައެވެ. މި ކުރިއެރުންތަކާއެކު، ރަތްކަނޑާއި ގަލްފް އޮފް އޭޑަން ގުޅުވައިދޭ ހަނި ކަނޑުއޮޅި ކަމަށްވާ ބާބުލް މަންދަބްގެ ސަލާމަތާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

އާންމު ގޮތެއްގައި ދުނިޔޭގެ ވިޔަފާރީގެ ގާތްގަނޑަކަށް 12 އިންސައްތަ މި ކަނޑުއޮޅި ހުރަސްކުރާއިރު، ދުވާލަކު 70 އާއި 150 އާ ދެމެދުގެ އަދަދަކަށް އުޅަނދުފަހަރު މި މަގު ބޭނުންކުރެއެވެ. މި މަގަށް އެއްވެސް ބުރޫއެއް އަރައިފިނަމަ، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށާއި، ތެލުގެ ސަޕްލައި އަދި އަގުތަކަށް އޭގެ އަސަރު ފޯރާނެއެވެ.

ދުނިޔޭގެ އިޤްތިޞާދަށް މިހާރުވެސް އެމެރިކާ އާއި އީރާނުގެ ހަމަނުޖެހުންތަކުގެ ސަބަބުން ޕްރެޝަރު ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މި ޙާލަތަކީ ވަކިން ޚާއްޞަކޮށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ހުރަސްއެޅި، ހަކަތައިގެ އަގުތައް ވަނީ އުފުލިފައެވެ.

ޔަމަނުގައި ހުންނެވި އިނގިރޭސިވިލާތުގެ ކުރީގެ ޑިފެންސް އެޓާޝޭ، ކާނަލް އިއަން ސްމައިލްސް އިންޒާރު ދެއްވި ގޮތުގައި، ހޫތީން ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބުން ތެލުގެ އަގު އަނެއްކާވެސް އުފުލި، ސަރަޙައްދީ ސަލާމަތަށް ފުޅާ ދާއިރާއެއްގައި ނުރައްކާ ކުރިމަތިވެދާނެއެވެ.

މި ދަނޑިވަޅުގައި، މުޙައްލިލުން އިންޒާރު ދެއްވާ ގޮތުގައި ހޫތީންގެ ބާރުގެ ދަށަށް ޢަދަން ހިނގައިދާނެ ކަމަށް ބެލެވޭ ބެލެވުމަކީ، މި ކާރިސާ އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެކެވެ.
އަސްކަރީ ގޮތުން ވަރުގަދަކޮށް ބަލަހައްޓަމުންދާ އެ ހިސާބު ހިފުމަކީ އުނދަގޫ ކަމަކަށް ވީނަމަވެސް، ޔަމަނުގެ އައްސޭރިފަށުގެ މައްޗަށް ހަނގުރާމަވެރިންގެ ބާރު ގަދަވަމުން ދިޔުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިއަށާއި އިޤްތިޞާދީ ހަމަޖެހުމަށް އޭގެ ނޭދެވޭ ސީރިއަސް އަސަރުތަކެއް ކޮށްފާނެ ކަމެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް