ސައިކަލު މަތީގައި އޮށޯވެ އޮވެގެން ދުއްވި މީހަކު ހައްޔަރުކޮށްފި

Loading

October 5, 2026
profile
Facebook
Twitter
WhatsApp

މަސްތުގެ ހާލުގައި، ސައިކަލު މަތީގައި އޮށޯވެ އޮވެގެން ދުއްވައި، ފުލުހުން މަޑުކުރަން އެންގުމުން ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ކ. މާފުށި، ސްނޯސްކައި، އަޙްމަދު ފާރިޒް (26 އަހަރު) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ފުލުހުން ބުނީ، އޮކްޓޫބަރު 4 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ހެލްމެޓް ނާޅައި، ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭގައި ސައިކަލެއް ދުއްވާފައި ދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން، އެމީހާ ދެނެގަނެ، މާލޭކޮޅު ޓްރެފިކް ލައިޓް ކައިރިން މަޑުކުރުމަށް ފުލުހުން އެންގި ކަމަށެވެ. ނަމަވެސް، އެ އެންގުމަށް ތަބާނުވެ ބޮޑުތަކުރުފާނުމަގުން އޭނާ ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ފިލަން މަސައްކަތްކޮށްފައި ކަމަށާއި، އަދި ފުލުހުންގެ ވެހިކަލް އޭނާގެ ފަހަތުން ގޮސް ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓްވެފައި ވާކަމަށެވެ.

އަދި މި ހާދިސާގައި ފުލުހުންގެ ކާރަށް ގެއްލުންތަކެއް ލިބިފައިވާއިރު، އެކްސިޑެންޓަށްފަހު ސައިކަލު ދޫކޮށް އެ ސަރަހައްދުން އޭނާ ފިލާފައި ވާކަމަށެވެ. ނަމަވެސް، މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ކުރި މަސައްކަތުން، މޫންލައިޓް ހިނގުމުން އޭނާ ހުއްޓުވައި ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި އަޙްމަދު ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވައިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިގޮތުން އޭނާގެ ކުށުގެ ރިކޯޑުތަކުގެ ތެރޭގައި:

  • 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތުން
  • ލައިސަންސް ނެތި ދުއްވުން
  • ވަންވޭގައި އިދިކޮޅަށް ދުއްވުން
  • ބާރު ސްޕީޑުގައި ދުއްވުން
  • ލޯގަނޑު ނުޖަހައި ދުއްވުން
  • ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުން
  • މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުން
  • ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެއެވެ.

މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށާއި، މި މައްސަލަ ދަނީ އިތުރަށް ތަޙުޤީޤުކުރަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް