Skip to content
ޚަބަރު

ތަކުރާރުކޮށް ޓްރެފިކް ގަވައިދާ ޚިލާފުވާ ފަރާތްތައް ހަރުކަށި ފިޔަވަޅު އަޅަނީ

އައިޝާއައިޝާ

ތަކުރާރުކޮށް ޓްރެފިކް ގަވައިދާ ޚިލާފުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިކަން އަންގަވައި އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވަނީ، މިގޮތަށް ނިންމެވީ، ޓްރެފިކް ގަވައިދުތަކަށާއި މަގުމަތީގެ އަދަބުތަކަށް ބޯނުލަނބާ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، އަދި ދޭތެރެއަކުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއީ އެންމެހާ ފަރާތްތަކަށް ރައްކާތެރި އަދި އަމާން ތަނެއްގެ ގޮތުގައި މަގުތައް ބޭއްވުމަށާއި، މަދު ބައެއްގެ ޢަމަލުތަކުގެ ސަބަބުން ހިނގަމުންދާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އަޅުއްވާ ފިޔަވަޅުތަކެއް ކަމަށެވެ.

މި ފިޔަވަޅުތައް މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ތެރޭގައިވެސް އެޅުމަށް ފުލުހުންނަށް އަންގަވާފައި ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމާއެކު، މިކަމުގައި އެންމެހާ ފަރާތްތަކުން ފުލުހުންނަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައާއި، ޚާއްޞަކޮށް މާލޭ ސަރަހައްދުގައި މި ފަހަކަށްއައިސް ބޮޑެތި އެކްސިޑެންޓުތައް ހިނގައި، ނިސްބަތުން ގިނަ އަދަދެއްގެ ފުރާނަ ގެއްލިފައިވާއިރު، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން، އަދި މާލީގޮތުންވެސް ގިނަ ބަޔަކަށް ދަނީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުންނެވެ.

މިފަދަ ބޮޑެތި ހާދިސާތައް ހިނގާއިރު، އެ ކަންކަމާމެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމުގެ ޝަކުވާތައްވެސް އާންމުންގެ ފަރާތުން ތަކުރާރުކޮށް ދަނީ އިވެމުންނެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply