”ފޯނު ކޯލެއް ބްރޯޑްކާސްޓްކުރާނަމަ އެފަރާތަކަށް އެކަން އަންގަންޖެހޭނެ“

Loading

Facebook
Twitter
WhatsApp

މީޑިއާ އިދާރާތަކާއި، ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފޯނު ކޯލްތަކާއި، އިންޓަވިއުތަކާއި، އަދި އެހެނިހެން މުޢާމަލާތްތައް (ލައިވް ޕްރޮގްރާމްތައް ހިމެނޭހެން) ބްރޯޑްކާސްޓްކުރުމުގައި، ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ސުލޫކީ މިންގަނޑުތަކާއި އަދި ފަންނީ ހަމަތަކަށް ރިޢާޔަތްކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.


މީޑިއާ ކޮމިޝަނުން މިހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ، ދާދިފަހުން ރާއްޖޭގެ ޓީވީ ޗެނަލަކުން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ގުޅައި އެފޯނު ކޯލު ލައިވް ކުރުމުގެ ކަންބޮޑުވުން ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މީޑިއާ ކޮމިޝަނުގެ ބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ (ޒާތީ ދިރިއުޅުން) ގައި، ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުޢާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށާއި، މި ޙައްޤުތަކަށް އެންމެހައި ފަރާތްތަކުން ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ބަޔާންކޮށް، ކޮންމެ ފަރުދެއްގެވެސް އެފަދަ ޙައްޤުތަކުގެ ރައްކާތެރިކަން ވަނީ ކަށަވަރުކޮށްދީފައި ކަމަށެވެ.

ހަމައެއާއެކު، ޤާނޫނު ނަންބަރު: 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 38، 39، 40 އަދި 41 ވަނަ މާއްދާގައި، ބްރޯޑްކާސްޓަރުންނާއި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކުގެ ޤާނޫނީ އޮނިގަނޑު ވަރަށް ތަފްޞީލުކޮށް ކަނޑައަޅާފައިވެއެވެ. ޚާއްޞަގޮތެއްގައި، އެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ރ) ގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ޙުރުމަތް ރައްކާތެރިކުރުން ލާޒިމުކޮށްފައިވާއިރު، އެ މާއްދާގެ (ބ) ގައި އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމުކުރުމަށް ވަނީ ބާރުއަޅާފައެވެ.

އަދި މީގެ އިތުރުން، އާންމު މަޞްލަޙަތުގައި މަޢުލޫމާތު ހޯދުމާއި، ހޯދި މަޤްޞަދަށް އެކަނި ބޭނުންކުރުމާއި، މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމާއި، ޒާތީ މަޢުލޫމާތާއި މަސްދަރުތައް ރައްކާތެރިކޮށް ސިއްރު ދެމެހެއްޓުން މި އޮނިގަނޑުގެ ތެރެއިން ބަޔާންކުރެއެވެ.

ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި، ޢަމަލުކުރަންޖެހޭ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތަކުގައި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންޓަވިއުތަކާއި، ރެކޯޑިންގތައް އަދި މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުމާ ގުޅޭގޮތުން ފަންނީ ޒިންމާތަކެއް ކަނޑައަޅާފައިވެއެވެ.

އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުޢާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ، އެ މުޢާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރުމަށާއި، ފޯނު މުޢާމަލާތެއް ވަގުތުން ބްރޯޑްކާސްޓްކުރަން (ލައިވްކުރަން) ގަސްދުކުރާނަމަ، އެ ފޯނު ކޯލަކީ ވަގުތުން ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށާއި ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، ކަރާމާތް ރައްކާތެރިކުރުމާއި އަދި އިންސާފުވެރިކަމާއެކު މުޢާމަލާތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންވާނެ ކަމަށް މީޑިއާ ކޮމިޝަނުން ބުނެފައި ވެއެވެ.

މީގެ އިތުރުން، އެ ކޮމިޝަނުން ބުނީ އެ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންގތަކާއި މަޢުލޫމާތުތަކާ މެދު ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. މިފަދަ ތަކެތި ބޭނުންކުރަންވާނީ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި އެއްގޮތްވާ ގޮތުގެ މަތިންކަންވެސް ވަނީ ހަނދާންކޮށްދީފައެވެ.
ވީމާ، ޒިންމާދާރު އަދި ފަންނީ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި، ކަރާމާތާއި އަދި ޙައްޤުތައް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުން އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް