އިސްރާއީލް ސަރުކާރުން ޚަރަދުކޮށްގެން ހިންގި މުވާޞަލާތީ އޮޕަރޭޝަނެއްގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިގެ ނިޒާމުތަކުން އިސްރާއީލާއި ފަލަސްޠީނާ ބެހޭ މަޢުލޫމާތު ފޯރުކޮށްދޭ ގޮތަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ޙަވާލާދީފައިވާ ތަޙުޤީޤުތަކުން ހާމަވެއްޖެއެވެ.
މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ”ހެނޯވަރ އިންސްޓިޓިއުޓް ފޯ ޕަބްލިކް ޕޮލިސީ“ ގެ މައްޗަށެވެ. އެއީ އެމެރިކާގެ ތިންކް ޓޭންކެއްގެ ގޮތުގައި ދައްކައިގެން އުޅުނު ނަމަވެސް، ފެންނަން ހުރި އެއްވެސް އޮފީހެއް، ޢިލްމުވެރިންނެއް ނުވަތަ ފާހަގަކޮށްލެވޭ ފަދަ މުއައްސަސާއެއްގެ ސިފައެއް ނެތް ތަނެކެވެ. ތަޙުޤީޤުކުރި ފަރާތްތަކުން ބުނާ ގޮތުގައި އެ ޖަމާޢަތަކީ ސާޗް އިންޖީނުތަކުގެ ނަތީޖާތަކަށާއި، އޭއައި އިން އުފައްދާ ޖަވާބުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އުފައްދާފައިވާ ތަނެއް ކަމަށް ބެލެވެއެވެ.
އެމެރިކާގެ ފޮރިން އޭޖެންޓްސް ރަޖިސްޓްރޭޝަން އެކްޓްގެ ދަށުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، މި ކެމްޕޭނަށް ފައިސާ ޚަރަދުކޮށްފައިވަނީ އިސްތިހާރުކުރާ އަދި ޕަބްލިކް ރިލޭޝަންސް ކުންފުނިތައް މެދުވެރިކޮށް، އިސްރާއީލުގެ ދަޢުލަތުގެ އިސްތިހާރު އެޖެންސީ ކަމަށްވާ ”ލަޕާމް“ އިންނެވެ. އަދި ނިއުޔޯކަށް ނިސްބަތްވާ ”ޕީރޯ އިންކް“ ކުންފުނިން މަސައްކަތް ކުރަމުން ދިޔައީ އިސްރާއީލުގެ އެކައުންޓާ ގުޅިފައިވާ 900،000 ޑޮލަރުގެ ޑިޖިޓަލް ކޮމިއުނިކޭޝަންސް އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހެނޯވަރގެ ވެބްސައިޓުގައި އެންމެ ނުވަ ދުވަހުގެ ތެރޭގައި އެކަޑެމިކް ފެންވަރުގެ 124 ރިޕޯޓެއްގެ ގޮތުގައި 560،000 އަށް ވުރެ ގިނަ ބަސް ޝާއިޢުކޮށްފައިވާ ކަމަށް ވެއެވެ. މި ލިޔުންތަކުގައި އަލިއަޅުވާލާފައިވަނީ އޭއައި ނިޒާމުތަކާ ޢާންމުކޮށް ކުރެވިދާނެ ކަމަށް ބެލެވޭ ސުވާލުތަކަށެވެ. އޭގެ ތެރޭގައި ޣައްޒާ އޮތީ ބަނޑަށްޖެހުމުގެ ޙާލަތުގައިތޯ އަދި އިސްރާއީލުގެ އަސްކަރިއްޔާއަކީ ”ދުނިޔޭގެ އެންމެ އަޚްލާޤީ ލަޝްކަރު“ ތޯ ކުރެވޭ ސުވާލުތައް ހިމެނެއެވެ.
ޕީރޯ އިން މި ސްޓްރެޓެޖީއަށް ނަންދީފައިވަނީ ”އޭއައި ސްޓޯރީ އޮޕްޓިމައިޒޭޝަން“ ގެ ގޮތުގައެވެ. މިއީ ސާޗް އިންޖީނުތަކަށް އެ ލިޔުންތައް ފަސޭހައިން ފެންނާނެ ގޮތް ހެދުމަށާއި، އޭއައި ނިޒާމުތަކަށް އެ މަޢުލޫމާތުތައް ދިރާސާކޮށް ބޭނުންކުރުން ފަސޭހަކުރުމަށް ފަރުމާކޮށްފައިވާ އުކުޅެކެވެ.
މި ރިޕޯޓުތަކުގައި ތަފާސްހިސާބުތަކާއި، ޗާޓުތަކާއި، ގްރާފްތަކުގެ އިތުރުން އަސްލު ލިޔެކިޔުންތަކަށް ޙަވާލާދީފައިވީ ނަމަވެސް، ހެކިތައް ހުށަހަޅާފައިވަނީ ވަކި ކަންކަން ހޮވާލައިގެން ކަމަށް ބުނެވެއެވެ. ”ޕޮލިޓިކޯ“ އިން ހެދި ޓެސްޓުތަކުން ދައްކާ ގޮތުގައި، ޣައްޒާއާއި، އެންޓި-ޒަޔަނިޒަމާއި، އަދި އެންޓި-ސެމިޓިޒަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޗެޓްޖީޕީޓީ އަދި ޕާޕްލެކްސިޓީ އިން ވަނީ ހެނޯވަރގެ ލިޔުންތަކަށް ޙަވާލާދީ ޖަވާބު ދީފައެވެ.
މި މައްސަލައިގެ ސަބަބުން، އޮންލައިންކޮށް ރޭވުންތެރިކަމާއެކު ގިނަ ޢަދަދެއްގެ މަޢުލޫމާތު ފަތުރައިގެން، އޭއައި އިން އުފައްދާ މަޢުލޫމާތުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުތަކަށާއި ސިޔާސީ ޖަމާޢަތްތަކަށް ލިބެމުންދާ ފުރުޞަތުތައް އިތުރުވަމުންދާތީ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
އަދި މީގެ އިތުރުން، އޭއައި އިން ދޭ ޖަވާބުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށާއި، މިނިވަން ނުވަތަ އިތުބާރު ހުރި މަޢުލޫމާތުގެ ގޮތުގައި ދައްކާ ވާހަކަތަކުގެ އަސްލު މަޞްދަރުތައް ދިރާސާކޮށް ބެލުމުގެ މުހިންމުކަން ވެސް މި ކަމުގެ ސަބަބުން ވަނީ ހާމަވެގެން ގޮސްފައެވެ.
![]()
