ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ ޢިމާރާތުގެ ބިންގާ އަޅައިފި

Loading

Facebook
Twitter
WhatsApp

 

 

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ ”ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް“ (އޭޕީވީއޭއެކްސް) ގެ ދަށުން ޢިމާރާތްކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފިއެވެ.

އެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީއެވެ.
އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ރައްކާތެރިކަމާއި، ހިންގުންތެރިކަމާއި، ދެމެހެއްޓެނިވިކަމަށްޓަކައި ކުރެވޭ ދުރުރާސްތާގެ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
މި ފެސިލިޓީގެ ސަބަބުން ރާއްޖޭގައި ވެކްސިން ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެގެންދާނެއެވެ. އަދި ވެކްސިނާއި، ބޭހާއި، ސިއްހީ ވަސީލަތްތަކާއި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު އެއްތަނެއްގައި ރައްކާކުރެވޭނެ ހާއްސަ އިންތިޒާމެއް ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ސިއްހީ ތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު ވަރުގަދަވެ، އާންމު ސިއްހީ ހިދުމަތްތަކުގެ އިތުރުން ކުރިމަތިވެދާނެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ފުރިހަމައަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރެވިގެންދާނެއެވެ.
މިޢިމާރާތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިދާރީ އޮފީހުގެ ގޮތުގައިވެސް ބޭނުންކުރެވޭނެ އިމާރާތެކެވެ. މީގެއިތުރުން، މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތަކުގެ އިތުރުން މިނިސްޓްރީގެ އެހެނިހެން މުހިންމު ޓެކްނިކަލް ޑިވިޝަންތައް ހިމެނޭހެން، އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މި އިމާރާތް ބޭނުންކުރެވޭނެއެވެ.
އޭގެ އިތުރުން، މި ފެސިލިޓީގެ ސަބަބުން ބޭހާއި، ވެކްސިން، މެޑިކަލް އިކުއިޕްމަންޓް އަދި ސިއްހީ އާލާތްތައް ރައްކާކުރުމަށް ހާއްސަ ޖާގައެއް ލިބިގެންދާނެއެވެ. މިއާއެކު، ކުއްޔަށް ނަގާފައިވާ ތަންތަނަށް މިނިސްޓްރީން ބަރޯސާވާ މިންވަރު ކުޑަވެ، މަސައްކަތުގެ ހިންގުން ހަރުދަނާވެ، ދިގު މުއްދަތުގައި ހަރަދުތައް ކުޑަކުރެވިގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް