ގަދަ ހޫނުގެ ސަބަބުން ޔޫރަޕުގައި ހަފްތާއެއްތެރޭ 16،000 މަރު!

Loading

Facebook
Twitter
WhatsApp

ޔޫރަޕިއަން މޯޓަލިޓީ މޮނިޓަރިންގ ނެޓްވޯކުން ހާމަކުރި ގޮތުގައި، ޖޫން މަހުގެ ތެރޭގައި ކުރިމަތިވި އިންތިހާއަށް އެންމެ ހޫނުގަދަވީ ހަފްތާތެރޭ މުޅި ޔޫރަޕުގައި މީހުން މަރުވި ނިސްބަތް ތާރީޚީ މިންވަރަކަށް މައްޗަށް ދިޔައެވެ. އަދި މި މުއްދަތުގައި އާންމުކޮށް މަރުވާ އަދަދަށްވުރެ ގާތްގަނޑަކަށް 16،000 މީހުން އިތުރަށް މަރުވެފައިވާ ކަމަށް ވަނީ ރެކޯޑުކުރެވިފައެވެ. މަރުވި މީހުންގެ އަދަދު ސައިންސްވެރިން ލަފާކުރި މިންވަރަށްވުރެ އިތުރުވެފައިވާއިރު، ފިނި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތަކުގައި މަރުވާ މީހުންގެ އަދަދަށްވުރެ ވެސް މި އަދަދު ވަނީ މައްޗަށް ގޮސްފައެވެ. މިއީ އާދަޔާ ޚިލާފު ބަދަލެކެވެ. ސަބަބަކީ އާންމު ގޮތެއްގައި ގިނަ މީހުން މަރުވަނީ ފިނި މޫސުމުގެ ވައިރަލް ބަލިތަކުގައެވެ.

މި ހޫނުގެ އަސަރު އެންމެ ބޮޑަށް ކުރި ޤައުމުތަކަކީ މިފަދަ ގަދަ ހޫނަކަށް ފަރިތަވެފައިވާ ޤައުމުތަކެއް ނޫނެވެ. ފްރާންސް، ބެލްޖިއަމް އަދި ޖަރުމަނުގައި ފިނިހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔުމުން، އެ ޤައުމުތަކަށް ވަނީ އޭގެ އެންމެ ބޮޑު ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ. ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚާއްޞަކޮށް ހުޅަނގު އުތުރު ޔޫރަޕުގައި މީހުން މަރުވި ނިސްބަތް ކުއްލިއަކަށް މައްޗަށް ދިޔައީ، އެ ސަރަޙައްދުގެ އުމްރާނީ ވަސީލަތްތަކާއި ޢާންމު ޞިއްޙަތުގެ ނިޒާމުތަކަކީ ހޫނަށް ތައްޔާރުކޮށްފައިވާ ނިޒާމުތަކަކަށް ނުވާތީއެވެ. މިއީ ޒަމާނުއްސުރެ ގަދަ ހޫނާ ކުރިމަތިލަމުން އަންނަ ދެކުނު ޔޫރަޕާ މުޅިން ތަފާތު ޙާލަތެކެވެ. އުތުރުގެ ޤައުމުތަކުގައި އެއާކޮންޑިޝަން ބޭނުންކުރާ މިންވަރު މަދުވުމުގެ މައްސަލައަކީ މިހާރު ސިޔާސީ ގޮތުން ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ.

މިއީ ހަމައެކަނި އެއްފަހަރު ދިމާވި ކަމެއް ނޫނެވެ. ޖުލައި 2022 ގައި ސްޕެއިންގެ ފިނިހޫނުމިން 46 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަ ހޫނުގަދަ ރާޅެއްގައި، އާންމު މިންވަރަށްވުރެ 16،000 އަށްވުރެ ގިނަ މީހުން އިތުރަށް މަރުވި ކަމަށް ރެކޯޑުކުރެވުނެވެ. އޭގެ ކުރިން ޔޫރަޕަށް މިފަދަ ނުރައްކާތެރި ހޫނު ރާޅެއް ކުރިމަތިވީ 2003 ވަނަ އަހަރުއެވެ. އެ ފަހަރުވެސް އެތައް ހާސް ބަޔަކު މަރުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ވެސް ޙާލަތު ގޯސްވާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެއެވެ.

އެ ލަފާކުރުންތައް ކަށަވަރުކޮށްދެމުން، އެ ބައްރަށް މިހާރު ވެސް ދަނީ އިތުރު ހޫނު ރާޅެއް ކުރިމަތިވަމުންނެވެ. މިއީ މި ހޫނު މޫސުމުގައި އިނގިރޭސިވިލާތަށް ކުރިމަތިވި މިފަދަ ފަސްވަނަ ހޫނުގަދަ ދުވަސްވަރެވެ. އިނގިރޭސިވިލާތުގެ މެޓް އޮފީހުން ވަނީ، ފިނި އަދި މެދުމިންވަރެއްގެ މޫސުމަކަށް ޢުމްރާނީ ވަސީލަތްތައް ބިނާކޮށްފައިވާ އެ ޤައުމުގެ އުތުރަށް، 35 ޑިގްރީ ސެލްސިއަސްގެ މެދުމިނަށް ފިނިހޫނުމިން އުފުލި ފެތުރިގެންދާނެ ކަމުގެ އިންޒާރު ދީފައެވެ. ފްރާންސްގެ މެޓިއޯ-ފްރާންސް އިން ވަނީ އެ ޤައުމުގެ ދެކުނު އިރުމަތީގައި ފިނިހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ބުނެފައެވެ. އަދި ބުދަ ދުވަހާއި ހުކުރު ދުވަހާ ދެމެދު މުޅި ޤައުމަށް ގާތްގަނޑަކަށް މި ގަދަ ހޫނު ފެތުރިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މިހާރު ވެސް ކޯރުތަކުގެ ފެންގަނޑު ވަނީ ރެކޯޑު މިންވަރަކަށް ތިރިވެފައި އަދި އެ ސަރަޙައްދުގައި ވަނީ ޖަންގަލިތަކުގައި އަލިފާން ރޯވާން ފަށާފައެވެ. މެޓިއޯ-ފްރާންސް އިން އިންޒާރު ދީފައިވާ ގޮތުގައި، ކުރިއަށް އޮތް ހޫނު މޫސުންތަކަކީ މިހާތަނަށް ތަޖުރިބާކުރި މޫސުންތަކަށްވުރެ ޢާންމު ގޮތެއްގައި މާ ހޫނުގަދަ މޫސުންތަކަކަށް ވާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް