ހުރިހާ ބޯޓުފަހަރުގެ ދަތުރުތައްރައްކާތެރިކުރުމަކީ އެމެރިކާ ކުރަންޖެހޭ ކަމެއް ނޫން: ރޫބިއޯ

Loading

Facebook
Twitter
WhatsApp

އީރާނާދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާއިން ބޭނުންވަނީ ސިޔާސީގޮތުން މަޝްވަރާކޮށްގެން ހައްލު ހޯދަން ކަމަށާއި އީރާނުގެ ސުލޫކު ހުންނަގޮތުން ކާމިޔާބު ނުކުރެވިގެން އުޅެނީކަމަށް މެނީލާގައި އާސިއާން ކޮންފަރެންސް އަށްފަހު އާދީއްތަދުވަހު ހަވީރު އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ. އަދި އެ މަސައްކަތް ހުއްޓާ ނުލައްވާނެކަމަށްވެސް ވިދާޅުވިއެވެ.


ހޮރްމުޒް ކަނޑުއޮޅިން މިހާރުވެސް ބޯޓުފަހަރަށް ދަތުރުކުރެވެނީ އެމެރިކާއިން ރައްކާތެރިކަން ފޯރުކޮށް ދެމުންގެންދާތީއެވެ. އެމެރިކާގެ އެހީތެރިކަމާއެކު އެ ކަނޑުއޮޅިން ދަތުރުކުރެވޭނެ މަގު ހަމަޖެހިފައި އޮންނާތީވެ އެކަމަށް އެމެރިކާއަށް އުޖޫރައެއް ލިބެން ޖެހޭނެކަމަށް ރައީސް ޓްރަމްޕް ދައްކަވާ ވާހަކަފުޅުގެ މަތުލަބަކީ އެއީއެވެ. އެމެރިކާއިން އުފުލަމުން މި ގެންދަނީ ވަރަށް ބޮޑު ބުރައެކެވެ. އެއިން އެއްވެސް ބޯޓަކީ އެމެރިކާގެ ދިދައިގާ ދަތުރުކުރާ ބޯޓެއް ނޫނެވެ. އެމެރިކާ ސިފައިން ރޭގަނޑު ނުނިދާ ތިބެގެން ފޯރުކޮށްދޭ އެ އަގުބޮޑު ޚިދުމަތަށް އަގެއް ލިބެން ޖެހޭނެކަމަށް ކޮންމެ މީހަކުވެސް އެއްބަސްވާނެއެވެ.
އެމެރިކާއިން ބޭނުންވެގެން މި އުޅެނީ އީރާނުން ގަސްދުކޮށްފައިވާގޮތަށް އެ ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުން ޓޯލް ފީއެއް ނަގާކަށް ނޫނެވެ. މިހާރު އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަވެސް ނިމުމަކަށް އަންނާނެއެވެ. އެހާ ހިސާބުން އެ ކަނޑުއޮޅިން މިނިވަން ކަމާއެކު ކޮންމެ ގައުމެއްގެ ބޯޓަކަށްވެސް ދަތުރުކުރެވޭނެއެވެ. އީރާނުން ބޭނުންވާގޮތަށް އެ ކަނޑުއޮޅި މުށުތެރެއަށް ލުމަށް ބައިނަލް އަގްވާމީ ގާނޫނު ތަނެއް ނުދޭނެއެވެ. އެމެރިކާއިން އެކަމަށް ބޭނުންވާ ހުރިހާ މަގުތަކެއް އަމާންކޮށްދޭނެއެވެ. އެކަމަކު އެކަމަށް ކުރަންޖެހޭ ޚަރަދުތައް އެ ކަނޑުއޮޅި ބޭނުންކުރާ ގައުމުތަކުން އެމެރިކާއަށް ދޭންޖެހޭނެއެވެ.
ޚާރިޖީވަޒީރު މާރކޯ ރޫބިއޯގެ ވާހަކަފުޅު ކުރިއަށް ގެންދިޔައިރު އީރާނުން ވަނީ އެ ގައުމުގެ ގަވައިދުތަކާ ޚިލާފަށް ޚޮރްމުޒް ކަނޑުއޮޅީގެ ތެރެއިން ދަތުރުކުރަމުން ގެންދިޔަ 2 ޓޭންކަރ ހިފާއްޓާފައެވެ. އީރާނުން ބުނެފައިވަނީ މީގެފަހުން ޚޮރްމުޒް ކަނޑުއޮޅިން ގަވައިދާ ޚިލާފަށް ދަތުރުކުރާ އުޅަނދު ފަހަރަށް އީރާން މާގިނައިން ހަމަލާ ދެމުންގެންދާނެ ކަމަށެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގާ ސެނޭޓުގެ ސުވާލުތަކަށް އެމެރިކާގެ ދިފާއީ ވަޒީރު ފިތެމުންދާއިރު ބައިނަލް އަގްވާމީ މީޑިއާތަކަށް އެމެރިކާއިންދޭ ޚަބަރުތައް ތަޖްރިބާކާރުން ވިދާޅުވާ އެއްޗަކާ ދިމާނުވެއެވެ.
އެމެރިކާއިން ވިއެޓްނާމާ ދެކޮޅަށް ކުރި ހަނގުރާމަ ނިމިގެންދިޔަ ގޮތަށް ބަލައި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިން މިސާލު ނެގިދާނެކަމާއި އަދި އެމެރިކާ ވެއްޓެމުންދާ ވަޅުގަނޑުގެ ފުންމިން އަންދާޒާ ކުރެވިދާނެކަމށް ރައީސް އޮބާމާގެ ރިޔާސަތުގައި ދިފާއީ ވަޒީރުކަމާއި އަދި ސީ އައި އޭ ގެ ވެރިޔަކަށްވެސް ހުންނެވި ލިއޯން ޕަނެޓާ މައުލޫމާތު ދީފައިވާކަމަށް ސީ އެން އެން އިން ބުނެފައިވެއެވެ. ޕަނެޓާ ބުނެފައިވާގޮތުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައަކީ އެއްވެސް ހަރުދަނާ ސިޔާސަތެއްގެ މައްޗަށް ބިނާވެފައިނެތް އެ ދުވަހަކު ހިތަށްއަރާގޮތަކަށް ކުރަމުން ގެންދާ ހަނގުރާމައެއްކަމަށް ސިފަކުރެވޭ ކަމަށެވެ. ހަނގުރާމައިގެ ނަތީޖާ ފެންނަ ގޮތަކާބެހޭގޮތުން ސީ އެން އެން އިން ސުވާލުކުރުމުން ޕަނެޓާ ބުނެފައިވަނީ އެއްވެސް ހަނގުރާމައެއް އަބަދަކު ބޭނުންހާގޮތަކަށް ނުނިމޭނެކަން ދަންނަން ޖެހޭނެއެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގާ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި އެމެރިކާގެ ރައްޔިތުންގެ ޖީބު ހުސްވެ އެއްޗެހީގެ އަގުތައް އުޑާ ހަމަޔަށް އުފުލެމުންދާކަން އެންމެ ފުރަތަމަ ފާހަގަކުރަން ޖެހެއެވެ. ފެންނަ ފެނުމަށް ހަނގުރާމައިގެ ނިމުންވެސް ވަރަށް ބަނަކމަގައި ބުނަން ޖެހެއެވެ. ހަތަރު ފަސްހަފުތާއަކުން ނިންމާލެވޭނެކަމށް ރައީސް ޓްރަމްޕް ޔަގީންކަން ދެއްވި ހަނގުރާމަ ދިގުލައިގެންގޮސް މިހާރު އެމަނިކުފާނު އެއިންނެވީ ނިކުމެވިދާނެ ގޮތެއް ނެތިފައެވެ.
މިހާރު ހަނގުރާމަ ގޮސްފައިވާ ހިސާބުން ރައީސް ޓްރަމްޕް އަށް އެޅުއްވިދާނެ ހަމައެކަނި ރަނގަޅު ފިޔަވަޅަކީ ކޮންމެ ގޮތެއް ހަދައިގެންވެސް މަޝްވަރާގެ މޭޒުން ގޮތެއް ނިންމެވުމެވެ. ކުރެވެން އޮތް ހަމައެކަނި އުންމީދަކީ އެއީއެވެ. މި ހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އީރާނުގެ ހަމަލާ ތަކުގައި އެމެރިކާގެ ސަތޭކަވަރަކަށް ސިފައިން ޒަޚަމްވެފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު ގެއްލުން ނުލިބޭނެކަމަށް ބަލައިގެން ނުވާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް