ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މާބަނޑު އަންހެނުންނާއި، އަލަށް އުފަންވާ ކުދިންނާއި، އަދި މިހާރުވެސް ނާޒުކު ފައްތަރެއްގައި އޮތް ސިއްހީ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކު، ދުވަސް ނުފުރާ އުފަންވާ ކުދިން ދިރިތިބުމަށްޓަކައި ކުރަންޖެހޭ ހަނގުރާމަ ދަނީ ދުވަހުން ދުވަހަށް އުނދަގޫވަމުންނެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކާނާގެ މިންވަރު މަދުވުމާއި، ނަފްސާނީ ބަލިމަޑުކަމާއި، ގެދޮރު ދޫކޮށް ދާންޖެހުމުގެ އިތުރުން މާބަނޑު ދުވަސްވަރު ލިބެންޖެހޭ ފަރުވާ މަދުވުމަކީ ދުވަސް ނުފުރާ ކުދިން އުފަންވުމާއި، އުފަންވާއިރު ބަރުދަން ލުއިވުން އިތުރުވާ ސަބަބުތަކެވެ.
ޣައްޒާގެ މެދުތެރޭގައިވާ ދައިރުލް ބަލަހްގެ އަލްއަޤްޞާ މާޓިއަރސް ހޮސްޕިޓަލުގައި، އުމުރުން 30 އަހަރުގެ ނޫރު ސާލިމް އިންތިޒާރު ކުރަމުންދަނީ އޭނާގެ ތުއްތު ދަރިފުޅު ޔަޒަން އަލްޚާލިދީއަށް އިންކިއުބޭޓަރެއްގައި ފަރުވާ ދެމުންދާ މަންޒަރު ބަލާށެވެ. ޔަޒަން އުފަންވީ ނޫރުގެ މާބަނޑު ދުވަސްވަރުގެ އަށްވަނަ މަހުގައެވެ. އަދި އުފަންވުމާއެކު ނޭވާލުމުގެ ސީރިއަސް މައްސަލަތަކެއް އޭނާއަށް ކުރިމަތިވިއެވެ.
ވިހެއުމަށްފަހު ދަރިފުޅު އަތަށްލުމުގެ ބަދަލުގައި، ޑޮކްޓަރުން އެ ކުއްޖާގެ ހާލަތު ބަލަމުންދާއިރު ނޫރަށް ޖެހިފައިވަނީ އިންކިއުބޭޓަރުގެ ބޭރުން ދަރިފުޅަށް ބަލަހައްޓައިގެން ހުންނާށެވެ. 2025 ވަނަ އަހަރު ޣައްޒާއަށް ކުރިމަތިވި ބޮޑު ބަނޑުހައިހޫނުކަމުގެ ތެރޭގައި، ވިހޭތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނޫރުގެ އެހެން ދަރިއަކު ވަނީ މަރުވެފައެވެ. އެހެންކަމުން ޔަޒަން އުފަންވުމަކީ އޭނާއަށް ނުހަނު ބިރުވެރި ކަމަކަށް ވިއެވެ.
”އަހަރެން މާބަނޑު ދުވަސްވަރު މުޅިންވެސް ހުރީ ބިރުން. އެއީ ކުރިންވެސް އަހަރެންގެ ދަރިއަކު ގެއްލިފައިވާތީ“ ކުރިން ކުރިމަތިވި ހިތާމަވެރި ހާދިސާ އަލުން ތަކުރާރުވެދާނެތީ ހުރި ބިރުވެރިކަން ކިޔައިދެމުން ނޫރު ބުންޏެވެ.
ޔުނިސެފުން ހާމަކުރާ ގޮތުގައި ޣައްޒާގައި އަލަށް އުފަންވާ ކޮންމެ ފަސް ކުއްޖަކުން އެކަކަށް އިންޓެންސިވް ކެއަރ ނުވަތަ ހޫނުމިން ހިފަހައްޓައިދޭ ފަރުވާ ބޭނުންވެއެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން މައިންނާއި ތުއްތު ކުދިންނަށް ކުރިމަތިވާ ނުރައްކާތައް ވަނީ އިތުރުވެފައެވެ. މާބަނޑު އަންހެނުންނަށް ތަކުރާރުކޮށް ގެދޮރު ދޫކޮށް ދާންޖެހުމާއި، ކާބޯތަކެއްޗާއި ސާފު ބޯފެނަށް ޖެހުމާއި، ދާއިމީ ބިރުވެރިކަމާއި، އަދި ސިއްހީ ފަރުވާ ލިބުމުގައި ހުރި ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ޔޫ.އެން.އާރު.ޑަބްލިއު.އޭ އަދި އަލްޢައުދާ ހެލްތު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ އަންހެނުންގެ ބަލިތަކާބެހޭ ޑޮކްޓަރު އަފްނާން އަބޫ ޙަސަބަﷲ ވިދާޅުވި ގޮތުގައި، ބޮޑު ނަފްސާނީ ފިއްތުންތަކާއި، އެކަށީގެންވާ ކާނާ ނުލިބުމާއި، ވަރުބަލިކަމަކީ ދުވަސް ނުފުރާ ވިހެއުމަށް މަގުފަހިވާ ކަންކަމެވެ. ކާނާގެ މިންވަރު ދަށްވުމުގެ ސަބަބުން ލޭމަދުވުމާއި، މާބަނޑު ދުވަސްވަރުގެ ނުރައްކާތަކާއި، ބަނޑުގައިވާ ދަރިފުޅު ހެދިބޮޑުވުމަށް ހުރަސްއެޅި، ކުއްޖާގެ ބަރުދަން ލުއިވުމާއި އިންޓެންސިވް ކެއަރ ބޭނުންވުމުގެ ފުރުސަތު ބޮޑުވެއެވެ.
ހޮސްޕިޓަލްތަކަށް އޮތް ބާރު ވަރަށް ބޮޑެވެ. ރިޕޯޓްތައް ބުނާގޮތުގައި އަލްއަޤްޞާ މާޓިއަރސް ހޮސްޕިޓަލަކީ ޣައްޒާގެ މެދުތެރޭގައި ތުއްތު ކުދިންނަށް ފަރުވާދޭ ޔުނިޓެއް ހުރި ހަމައެކަނި ތަނެވެ. އެތަނުން އެތައް ހާސް މާބަނޑު އަންހެނުންނަކަށް ހިދުމަތް ދެމުންދެއެވެ. ސިއްހީ މުވައްޒަފުންނަށް އިންކިއުބޭޓަރުތަކާއި، ވެންޓިލޭޓަރުތަކާއި، ބޭހާއި އަދި އަސާސީ ތަކެތީގެ ދަތިކަން ކުރިމަތިވެފައިވާއިރު، ތަކުރާރުކޮށް ކަރަންޓާއި ތެޔޮ ކެނޑުމުގެ މައްސަލަވެސް ދަނީ ކުރިމަތިވަމުންނެވެ.
ދުވަސް ނުފުރާ އުފަންވާ ކުދިންނަށް މެދުނުކެނޑި މޮނިޓަރ ކުރުމާއި، އޮކްސިޖަނާއި، ނޭވާލުމަށް އެހީތެރިވެދޭ ވަސީލަތްތަކާއި، އެކަށީގެންވާ ކާނާ ބޭނުންވެއެވެ. މި ވަސީލަތްތައް ނެތްނަމަ، އެ ކުދިންނަށް ނޭވާލުމުގެ މައްސަލަތަކާއި، އިންފެކްޝަންތަކާއި، ހަށިގަނޑުގެ ހޫނުމިން ދަށްވުމާއި، އަދި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވުމުގެ ނުރައްކާ ބޮޑުވާނެ ކަމަށް ޑޮކްޓަރުން އިންޒާރު ދެއެވެ.
ހޮސްޕިޓަލުން ދޫކޮށްލުމަށްފަހުވެސް ދަތިތައް ކުރިމަތިވެއެވެ. ގެދޮރު ގެއްލިފައިވާ ގިނަ އާއިލާތަކަށް ނެޕީ، ކުޑަކުދިންގެ ކިރު، ސާފުތާހިރުކުރާ ސާމާނު, ބްލޭންކެޓްސް، އަދި ސާފު ބޯފެން ފަދަ އަސާސީ ތަކެތި ގަތުމުގެ ތަނަވަސްކަމެއް ނެތެވެ.
އެހީދޭ ޖަމިއްޔާތަކުން ދަނީ މި ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. ”ޤުޠޫފުލް ޚައިރު ފައުންޑޭޝަން“ އިން މާބަނޑު އަންހެނުންނާއި އަލަށް އުފަންވާ ކުދިންނަށް ވިޓަމިން، ކާނާގެ ބާވަތްތައް، ބޭސް އަދި ސިއްހީ ސާމާނު ފޯރުކޮށްދެއެވެ. ނަމަވެސް، އެ ޖަމިއްޔާގެ ވެރިޔާ އަކްރަމް އަބޫ ޖިއާބް ވިދާޅުވާ ގޮތުގައި، އެހީއަށް ބޭނުންވާ މިންވަރު ހުރި ވަސީލަތްތަކަށްވުރެ މާ ބޮޑެވެ.ނޫރު ފަދަ މައިންނަށް، މި ހަނގުރާމައަކީ އަސާސީ ފަރުވާ ހޯދުމަށްވެސް ނުހަނު ދަތިވެފައިވާ މިފަދަ ހާލަތެއްގައި، އެކަނބަލުންގެ ދަރިން ދިރިތިބޭނެ ގޮތެއް ހޯދުމަށް ކުރާ ވަރުގަދަ ޖިހާދެކެވެ.
![]()
