ފުރަތަމަ ފިރިމީހާ މަރުވުމަށް ފަހު އަލުން މީހަކުދެކެ ލޯބިވުމަކީ ކުދިންނަށް ގަބޫލު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.

Loading

Facebook
Twitter
WhatsApp

(ދެވަނަބައި)
”އަހަރެންނާ ވަކިވުމަކީ ލިޒް ހަގީގަތުގައިވެސް ބޭނުންވާ ގޮތްކަމަށްވާނަމަ ލިޒް ދޫކޮށްލާ ވަރަށް އަހަރެން ލިޒް ދެކެލޯބިވެއެވެ.ނަމަވެސް އެންމެ ވާހަކައެއްއަހާލަން ބޭނުމެވެ. ލިޒް ގެ ފިރިމީހާ ލިޒްދެކެ ހަގީގީ ލޯބިވީނަމަ، ލިޒްގެ ހަޔާތުގެ ބާކީ ބައި އެކަނިވެރިކަމުގައި ހޭދަކުރަން ބޭނުންވީސް ހެއްޔެވެ؟ އެހެން އެންމެންގެ ހިތްހަމަ ޖައްސާދިނުމަށް އަމިއްލަ އުފާވެރިކަން މަޑުޖައްސާލާފައި ބާއްވާނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟“ މިސުވާލު ވެގެން ދިޔައީ ހުރިހާ ކަމެއް ބަދަލު ކޮށްލި ސުވާލަށެވެ.
އަހަރެން ވިސްނާލާއިރު މިހުރިހާ އަހަރަކު އަހަރެން އުޅެމުން އައިސްފައިވަނީ އަހަރެންގެ އަމިއްލަ އުފަލަށް ވުރެ އެހެން ހުރިހާ އެންމެންގެ އުފާތައް ކުރިޔަށް ނެރެގެންނެވެ.ކުރިން އަހަރެން ދިރި އުޅުނީކީނޫނެވެ.ދިރި ”ތެޅުނީ“ އެވެ.
އަހަރެން ވިސްނަމުން މިއައީ މިކައިވެނި ކޮށްފިނަމަ ކުދިން ހިތަށް އަރާނެ އެއްޗަކަށެވެ.އަވަށްޓެރިން ކިޔާނެ އެއްޗަކާމެދުއެވެ.އަހަރެން ފަސް ދިނުމުން މީހުން ކިޔާފާނެ އެއްޗަކާމެދުގައެވެ.މިކަންކަމުގެ ތެރޭން އަހަރެންގެ ނަފްސާ އެންމެ ސުވާލެއް ކުރަން އަހަރެން ހުރީ ހަނދާން ނެތިފައެވެ. ”އަހަރެން ބޭނުމީ ކޮންކަމެއްހެއްޔެވެ؟“ މިސުވާލެވެ.އަހަރެން ބޭނުމީ އެކުގައި އުޅޭނެ ބައިވެރިއެކެވެ.ކަންކަމާ ހީލާ ހަދާލާށެވެ.ހެނދުނު އެކުގައި ކޮފީބޯނެ ބައިވެރިއެކެވެ.ކަމަކާ މާބޮޑަށް ދެރަވާން ދިމާވެއްޖެ ނަމަވެސް އަހަރެންގެ އަތުގައި ހިފާލާ ހިއްވަރު ދޭނެ ބައިވެރިއެކެވެ.އަހަރެން ބޭނުމީ ސެމިއުލް އެވެ. ސެމިއުލް އާއި ކައިވެނި ކުރާށެވެ.
އަނެއް ދުވަހު ސެމިއުލް ނޯޓަކާ އެކު ހުދު ފިނިފެންމަލުގެ މާބޮޑިއެއް ފޮނުވިއެވެ. ނޯޓު ހުޅުވާލުމާއި އެކު އަހަރެންނަށް ރޮވުނެވެ. ”އަހަރެންނާ ކުދިންނާ ތެރެއިން ވަކި މީހަކު/ބަޔަކު އިޚްތިޔާރު ކުރާކަށް އަހަރެން ލިޒް ކައިރިޔަކު ނުބުނާނަމެވެ.އަހަރެންގެ ހަމަ އެކަނި އުންމީދަކީ ލިޒް އުފަލުން ހުރުމަށް އިޚްތިޔާރު ކޮށްފިނަމަ އެހެން އެންމެން ހިތްހަމަ ނުޖެހޭނެތީ އެކަނި ހުންނަން ނުނިންމުމެވެ.“ މިހެންނެވެ. އެވަގުތު އަހަރެންގެ ދެލޮލުން ފައިބައިގަތް ކަރުނަތަކުން ނޯޓު ފޯވެގެން ދިޔައެވެ.އެނޯޓް އަހަރެން އެދުވަހު ވިއްސަކަށް ފަހަރު ކީމެވެ.ކިޔާ ކޮންމެ ފަހަރަކު ރޮވޭލެއް ބޮޑުވެއެވެ.އެހާ ހަމައިން އަހަރެން ދެކެ ސެމިއުލް ލޯބިވާ ވަރު އަހަރެންނަށް އިހުސާސް ކުރެވުނެވެ. އަހަރެންގެ ހަޔާތުގައި ވަކި ގޮތެއް ނިންމަން އަހަރެންނަށް މަޖްބޫރު ނުކުރަނީ ހަމައެކަނި ސެމިއުލް އެވެ.
އެރޭ އަހަރެން ސެމިއުލް އަށް ގުޅީމެވެ. އޭނާފޯނު ނެގުމަށްފަހުވެސް ދެމީހުން ކުރެއެކަކުވެސް އެއްޗެކޭ ނުބުނެ އިރުކޮޅެއް ވިއެވެ.އެއަށް ފަހު އަހަރެން މަޑުމަޑުން ސުވާލު ކުރީމެވެ. ”އަހަރެން ސެމިއުލް އާ ކައިވެނި ކުރަން ނިންމައިފިނަމަ ދެން ކަންތައް ވެދާނެ ގޮތަކަށް ތައްޔާރު ހެއްޔެވެ؟“ އަހަރެން ބުނި އެއްޗެއްގެ މާނަ ސާފުކޮން އޭނާ އަށް އެނގެއެވެ. ކައިވެނިކޮށްފިނަމަ އަހަރެންގެ އާއިލާތެރޭގައި އުފެދިގެންދާނެ ޓެންޝަން ގެ ވާހަކަ އެވެ. ކުދިން މުޅިން އަހަރެންނާ ދުރަށް ހިނގައިދާނެތީ އެކަމުގެ ހިތާމައެވެ. އެހެން ކަމާއެކުވެސް ވަގުތުން އޭނަޖަވާބުދިނެވެ. އެހުރިހާ ކަމެއް އެގޮތަށް ހުރިނަމަވެސް އެހުރިހާކަމަކާއެކުވެސް އަހަރެންދެކެ ލޯބިވާން ތައްޔާށް ހުރިކަމަށް އޭނަބުންޏެވެ.އަހަރެންނަށް އަނެއްކާވެސް ރޮވުނީއެވެ. އެތައް އަހަރުތަކެއް ވަންދެން މީހަކަށް ނުފެންނަ މީހެއްގެ ގޮތުގައި ހުއްޓާ ބިރެއްނެތި އަހަރެންނާއެކު އުޅެން މީހަކު އިޚްތިޔާރު ކުރީތީއެވެ.
ހަފްތާއެއްހާދުވަސް ފަހުން އަނެއްކާވެސް ގެއަށް ކުދިން އެއްކުރީމެވެ.މިފަހަރު މީހަކަށް ތަނެއްގައި އީށީންނަން ފުރުސަތު ލިބުމުގެ ކުރިންވެސް މަޝްރަޚް ވަރަށް ފިނިކަމުގެ އިހުސާސް ކުރެވުނެވެ. ފިރިހެން ދަރިފުޅު މައިކަލް ފުރަތަމަވެސް އައިސް ހަށަންބަދެލައިގެން ހުއްޓުނެވެ.އެންމެ ކުޑަ ދަރިފުޅު ޑެނީސް ހުރީ އަހަރެންނާ ދިމާލަށް ނުވެސް ބަލަން ގަސްތުކޮށްގެންނެވެ. އެންމެ ބޮޑު ދަރިފުޅު ކެރަން އައިއިރުވެސް ލޮލުން ހުރީ ކަރުނަ ފޭދިފައެވެ.
އަހަރެން ފުން ނޭވާއެއްލުމަށްފަހު ކުދިންނާ ދިމާލަށް ބަލާލަމުން ބުނީމެވެ. ”ތިޔަކުދިން ދެއްކި ހުރިހާވާހަކައެއްވެސް މަންމަ އަޑު އަހައިފީމެވެ.އަދި އެތައް މަހެއްވަންދެން އެކަމާ ވިސްނާ ރޮއި ހަދައިފީމެވެ.މަންމަ އެހެން މީހަކާ އިނދެފިނަމަ ތިޔަ ކުދިންނަށް ކުރާނެ އަސަރު މަންމަ އަށް ރަނގަޅަށް އިގެއެވެ. ތިޔަ ކުދިންގެ ބައްފަޔަށް ވަފާތެރި ކަމުގައި މަންމަ ހުންނަން ބޭނުންވާނެ ވަރުވެސް އިނގެއެވެ. ނަމަވެސް މަންމަ ކައިރީގައިވެސް ބައިވެރިޔަކު ހުންނަން ބޭނުންވެއެވެ.އަދި އެކަމަށް މައާފަށް އެދިއެދި ހަޔާތުގެ ދެން ބާކީ އޮތް ދުވަސްތައް ހުންނާކަށް މަންމަ ބޭނުމެއްނޫނެވެ.“ އަހަރެން މިހެން ބުނުމުން އެކަކު އެކައްޗެއްވެސް ނުބުނެ އެތައް އިރަކު ތިއްބެވެ.އިރުގަނޑަކުން މައިކަލް ބުންޏެވެ. ”އެހެންވީމަ އަހަރުމެންނާ ސެމިއުލްއާ ތެރޭން މަންމަ ތިޔަ ސެމިއުލް އިޚްތިޔާރު ކުރީ ދޯއެވެ؟“ އޭނާ މިހެން ބުނުމުން އަހަރެންގެ ހިތް ކުދިކުދި ނުވީ ކިރިޔާއެވެ. އެހެނީ އެއީ އެއްގޮތަކަށްވެސް ހަގީގަތަކަށް ނުވާތީއެވެ.މަންމަ އަކު އޭނަގެ ދަރިން ދެކެ ލޯބިވުން ހުއްޓާލާނެ ހެއްޔެވެ؟އަހަރެންނަށް އެވަގުތު އެއްޗެއް ވިސްނުނެވެ. އަހަރެން ކޮންމެ ވާހަކައެއްދެއްކިޔަސް މިކައިވެންޏަށް ގަބޫލު ނުވާން ކުދިން ނިންމައިގެން ތިބި ކަމެވެ. ކުދިން ނޫނީ ސެމިއުލް އިޚްތިޔާރު ކުރަން އަހަރެންނަށް ޗޮއިސް އެއް ދީފައިވާ ކަމެވެ. ޑެނީސް ރޯން ފެށުމަށްފަހު ބުންޏެވެ.“ބައްޕަޔަށް ފަހު އެހެން މީހަކުދެކެ މަންމަޔަށް ލޯބިވެވެންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނެއެވެ“.އެވަގުތު އަހަރެންގެ ލޮލުންވެސް ކަރުނަ އައެވެ.އަދި ރޮރޮމުން ރޮމުން އޭނަގެ މޫނުގައި ފިރުމާލަމުން އަހަރެން ބުނީމެވެ. ”މަންމަގެ ލޯބި ލޯބި ސްވީޓްހާޓް އެވެ. ބުނަން ހެއްޔެވެ. ހިތާމައިގެ ވަގުތުގައި އެކަނިވެރިކަން އަދި މާބޮޑަށް މީހަކު ވާށާލައެވެ.ތިމާގެ މައްޗަށް އޯގާތެރިވާނެ، އަޅާލާނެ މީހަކު ބޭނުންވާވަރު، ހިތާމައިގެ ވަގުތުގައި އަދި މާ ބޮޑުވެއެވެ.“
އަހަރެން މިހެން ބުނުމުން އަނެއްކާވެސް ތަނަށް ވެރިވީ ހިމޭން ކަމެވެ.ނަމަވެސް އަދިވެސް އެކުދިންގެ ނިންމުން ބަދަލު ނުކުރާކަން އަހަރެންނަށް އިހުސާސް ވިއެވެ.
އިންތަނުން ފުރަތަމަ ތެދުވަމުން މައިކަލް ބުންޏެވެ. ”ތިޔަމީހަކާ އިދެފިނަމަ އަހަރުންނަކީ މަންމަގެ ހަޔާތުގައި ނެތް ބަޔެއް ކަމަށް ބަލާށެވެ.“މިހެން ބުނުމަށްފަހު ނިކުމެގެން ދިޔައެވެ.ޑެނީސްވެސް އޭނާގެ ފަހަތުން ދިޔައީއެވެ.ކެރަން ދިއުމުގެ ކުރިން އަހަރެންގެ ގައިގައި ބައްދާލި ނަމަވެސް ސިއްރު ސިއްރުން ބުނެލިއެވެ.“މަންމަ ތިޔަކަންތައް ނުކުރާނެނަމައޭ އަހަރެން ހިތަށްއަރައެވެ.“
އެރޭ ނިދަން އުޅެފަ އަހަރެންގެ މަރުވި ފިރިމީހާ ހެންރީގެ ފޮޓޯ އަށް ބަހައްޓެން އަހަރެންނަށް ވަރަށް ގިނައިރު އިދެވުނެވެ.ފޮޓޯ އަށް ބަލަން އިނދެ ރޮމުން ރޮމުން ބުނަމުންގެންދިޔައިމެވެ.“އަހަރެންގެ ހަޔާތުގެ އެންމެ ޒުވާން އެންމެ ތާޒާ އަހަރުތައް އަހަރެން ހެންރީ އަށް ދިނީމެވެ. އަހަރެންގެ ހަޔާތުގެ ދެންބާކީ އޮތް އަހަރުތައް އެކަނިވެރިކަމުގައި އަހަރެން ހޭދަކުރަން ހެންރީ ބޭނުންވާނަން ހެއްޔެވެ؟“
އޭގެ ތިންމަސްފަހުން ކުޑަހަފްލާއެއް ބާއްވާ އަހަރެން ސެމިއުލްއާއި ކައިވެނި ކުރީމެވެ. ކުރިންވެސް ހީކުރި ގޮތަށް އެއްކުއްޖަކުވެސް ކައިވެނި ހަފްލާ އަށް އައިސްފައެއް ނުވެއެވެ.ނަމަވެސް އަހަރެންނަށް ހުރެވުނީ ދޮރާދިމާލަށް ބަލަބަލައެވެ.އެންމެ ފަހު ވަގުތުވެސް ކުދިން ވަދެގެން އައިސްދާނެ ކަމުގެ އުންމީދުގައެވެ.ނަމަވެސް ނާދެއެވެ.
ކުދިން ނައިނަމަވެސް އަހަރެން ހުރީ ހެވިފައެވެ. ސެމިއުލް އަށްޓަކައެވެ. ސެމިއުލް އެގޮތް ބޭނުންވާނެތީއެވެ.ފޮޓޯ ތަކަށް ހެމުން ދިޔައިރު އަހަރެން ހިތަށް އަރަމުން ދިޔައީ ހަޔާތުގެ ފަހު އަހަރު ތަކުގައި އައި އެންމެ އުފާވެރި ދުވަހަކީ އެންމެ ހިތްކުދިކުދި ކޮށްލި ދުވަހަށްވެސް މިވީ ކޮންގޮތަކުންބާއެވެ.
ކައިވެންޏަށްފަހު އަހަރެންގެ ހަޔާތުން އަހަރެންގެ ކުދިން އެއްކޮށް ގެއްލުނު ކަހަލައެވެ.ފުރަތަމަ ހުއްޓުނީ ފޯންކޯލްތަކެވެ.ދެން ޓެކްސްޓް މެސެޖް ތަކެވެ.އުފަން ދުވަސް ވެސް އެއިން ކުއްޖެއްގެ ޚަބަރެއްނުވެ ފާއިތުވެދެއެވެ.އަހަރެން ކުދިންގެ މަތިން ބަހަނާތައް ދައްކަމުން ދިޔައިމެވެ.އަދިވެސް ކުދިން ރުޅިމަޑުނުވަނީއެވެ.އަދިވެސް ވަގުތު ދެމާހެއްޔެވެ.މަޑުމަޑުން އެނބުރި އަންނާނެއެވެ.ނަމަވެސް ކުދިން އެނބުރި ނައެވެ.
ކުރިން މުޅިފެމިލީ އެއްކޮން ފާހަގަ ކުރަމުން އައި އިހުތިފާލެއް ކައިވެނީގެ 2މަސްފަހުން އައެވެ.ފާއިތުވި 46 އަހަރުވެސް އެއިހުތިފާލު ހޯސްޓް ކުރީ އަހަރެންގެ ގޭގައެވެ. އަހަރެންވަނީ ކުދިނަށާ ކުދިންގެ ކުދިންނަށް ކައްކާ ބޮޑު ކެއުންތައް ބާއްވާފައެވެ. އެއާދައިގެ މަތިން މިއަހަރުވެސް އަހަރެން ހަމަ އެންމެނަށް ކެއްކީމެވެ. ހަވީރު ހަތަރެއްޖެހިއިރު ކައްކާނިމިއްޖެއެވެ. ފަހެއްޖެހިއިރު ހުރިހާއެއްޗެއް ހިހޫވެއްޖެއެވެ. ހައެއްޖެހިއިރު އެކަކުވެސް ނާންނާނެކަން އަހަރެންނަށް ޔަގީންވިއެވެ.އެކަކުވެސް ގުޅާވެސް ނުލައެވެ. 46 އަހަރުތެރޭ ފުރަތަމަ ފަހަރަށް މިދުވަހު އަހަރެންގެ ގެ އޮތީ ފަޅުވެފައެވެ.ސެމިއުލްވެސް ވަނީ މުހިންމު ކަމަކު ތަނަކަށް ގޮސްފައެވެ. ހުނުމުގެ އަޑެއް ނީވެއެވެ.މާމަކިޔާ ކުދިން ގޭތެރޭ ދުވާއަޑެއް ނީވެއެވެ.އަދި އެންމެ ފަހު ޕައި ފޮތި ނަގާނީ ކާކުތޯބަލަން ކުދިން ހެމުން ވާ އަރާރުމުގެ އަޑެއް ނީވެއެވެ. މޭޒުފުރާ އަތުރާފައިވާ ކާއެއްޗިއްސަށް ބަލަހައްޓައިގެން އަހަރެން އެކަނި ހުރީމެވެ.
ފޭސްބުކް ޕޯސްޓަކުން ފެނުނު ގޮތުގައި މިއަހަރު ހުރިހާ އެންމެން އެއްވީ މައިކަލްގެ ގެއަށެވެ. ކޮންމެ ފޮޓޯ އަކުންވެސް ފެންނަ ގޮތުގައި އަހަރެން މިހާރު އެމީހުންގެ ހަޔާތަކު ނެތެވެ. މިކަމާ ވީދެރައިން ފާހާނާ ޔަށްވަދެއިނދެ އަހަރެންނަށް ރޮވުނުލެއް ބޮޑުކަމުން އެކަނި ނިކުމެގެން ނުވެސް އާދެވުނެވެ. ސެމިއުލް ގެއަށް އައިސް އަހަރެން ހޯދަމުން ދަނިކޮށް ފާހާނާއިން ރޯއަޑުއިވިގެން ގޮވާ ގަދަކަމުން ނެރުނު އިރުއެވެ.
ދެން އައި އެފަދަ މުނާސަބަތަށްވެސް އަހަރެން ހުރިހާ މާމަ ދަރިންނަށް ހަދިޔާވެސް ގަތީމެވެ.ފަހު ވަގުތު ކޮންމެވެސް އެއްކުއްޖަކު އައިސް ދޮރުގައި ޓަކިޖަހާލާނެ ކަމަށް އުންމީދު ކުރީމެވެ.ނަމަވެސް އެކަކުވެސް ނާދެއެވެ. އެރޭ އެންމެ ފަހުން މައިކަލްގެ ޓެކްސްޓް މެސެޖެއް ލިބުނެވެ.ހާލު ރަގަޅު ކަމަށް ހީކުރާކަމަށް ބުނެފައެވެ.އެނިމުނީއެވެ.ފޯނުވެސް ކޮށްނުލައެއެވެ.އެގެޔަށް ދާން ދައުވަތެއް ނުދެއެވެ. މައިކަލްގެ މެސެޖަށް ބަލަހައްޓައިގެން އަހަރެންނަށް އެތައް އިރަކު އިދެވުނެވެ. އަދި އެތައް އިރެއްވަންދެން ރުއީމެވެ. އަހަރެންނަށް ވިސްނުނު އެއްޗަކީ އަހަރެންގެ ކުދިން އަހަރެންނަށް އަދަބެއް ދެމުން ދާކަމެވެ. އެކަނިވެރިކަމުގައި ބާކީ އޮތް އަހަރުތައް ދުއްވާ ނުލުމަށް ނިންމީތީއެވެ.
ކުދިންގެ ކަންތައް ހުރިގޮތުން އާއިލާގެ އެހެން ބައެއްމީހުންވެސް އަހަރެންނާ ވާހަކަ ދެއްކުން މުޅިން ހުއްޓާލިއެވެ.ސެމިއުލް އަކީ ”ބޭޑް މޭން“ އެއްގެ ގޮތުގައި ކުދިންވަނީ ދުނިޔެއަށް ދައްކާފައެވެ.
އެއަށްފަހު ކަންތައްތައް އަދި ވަކިން ގޯސްވާސް ފެށިއެވެ. އަހަރެންގެ ގެއާމުދަލާއި، ސޭވް ކޮށްފައި ހުރި ފައިސާއާއި އަހަރެންގެ ވަސިއްޔަތާބެހޭ ގޮތުން މައިކަލްގެ ސުވާލުތައް ކުރަން ފެށިއެވެ.ފުރަތަމަ ސުވާލުކުރީ މާއާދައިގެ ގޮތަކަށެވެ. ނަމަވެސް އެއްދުވަހަކު ސީދާ ސުވާލެއް ކުރިއެވެ.“މަންމަގެ އެއްވެސް އެއްޗަކަށް ނޫނީ ކަމަކަށް ގާނޫނީ ގޮތުން އެއްވެސް ބަދަލެއް ގެންނަން ސެމިއުލް މަޖްބޫރު ކުރި ހެއްޔެވެ؟“ އަހަރެންގެ ހިތް ކުދިކުދިވިއެވެ. އެހުރިހާ ގުރުބާނީ އެއްވެގެން ރަގަޅު ކުދިންގެ ގޮތުގައި އަހަރެން ބޮޑެތިކުރި ކުދިންނަށް، އަހަރެންގެ ގޮތް ނޭގުނީތީއެވެ.އަހަރެންނަކީ މީހަކު ހެއްދި ހުރިހާގޮތެއް ހެދިގެން ހުންނާނެ، ހެދޭނުހެދޭ ނޭނގޭ ވަރުވެފައިވާ ބޯދާ މުސްކުޅި އަންހެނެއްކަމަށް އެމީހުން ހީކުރާތީ އަހަރެން ހިތާމަ ކުރީމެވެ.
މީގައި އެންމެ އަސަރުކުރާ ސަބަބަކީ އަހަރެންއަތުގައި ފައިސާ ހުރިވަރަށް ވުރެމާގިނަ ފައިސާ ސެމިއުލް އަތުގައި ހުރީތީއެވެ.އޭނާއަކަށް އަހަރެންގެ ގެއެއް އަހަރެންގެ ފައިސާއެއް އެފަދަ އެހެން އެއްވެސް މާލީ އެހީއެއް އަހަރެންގެ ފުށުން ބޭނުމެއް ނުވެއެވެ. އޭނާއަށް ހަމައެކަނި ބޭނުންވަނީ އަހަރެންނެވެ. އަހަރެންގެ ފުށުން ލިބޭ އޯގާތެރިކަމާ އަޅާލުމެވެ. ލޯތްބެވެ. ކުދިންނަށް ހީވާ ގޮތުގައި ފައިދާއެއް ނެތް ގޮތަކަށް އެމީހުންގެ މަންމަދެކެ މީހަކު ލޯތްބެއް ނުވާނެއެވެ.އެއީ އެއްގޮތަކަށްވެސް ތެދެއްނޫނެވެ.
ސެމިއުލް އެއްވެސް ކަމެއް ކުރާކަށް އަހަރެންނަށް މަޖްބޫރެއް ނުކުރެއެވެ. އަދި ވެސް އޭނަބުނަނީ އޭނަގޮސްގެން ކުދިންނާއެކު އޮތް ގުޅުން އިއާދަވާނެނަމަ އަދިވެސް އޭނަދާން ތައްޔާރަށް ހުރި ކަމުގައެވެ. އަހަރެން ބުނަމުން ގެންދިޔައީ ކުދިން އަހަރެން ދޫކޮށް ނުދާނެ ކަމަށެވެ.
ކުދިންނާއި ދުރުވިނަމަވެސް އަހަރެންގެ މާމަ ކުދިންދެކެ އަހަރެންވާލޯތްބަށް އެކަމުން އަސަރު ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.އެހެން ކަމުން އެކުދިންގެ ހަޔާތުގެ ކަންކަމުގައި ވީއެންމެ ބޮޑަކަށް ބައިވެރިވެވޭތޯ ބަލަމެވެ. އަހަރެންގެ އެއްމާމަ ދަރިފުޅެއްގެ ސްކޫލްގައި އޮތް އެކުދިންގެ ހަރަކާތެއް ބަލާލުމަށް ސާޅީސް މިނިޓް ކާރުގަ ދުއްވާފަ އަހަރެން ދިޔައިމެވެ.ތަންކޮޅެއް ކުރިންގޮސް މަޑުމަޑުން ތަންކޮޅެއް ދުރުގައި އިށީދެ ތިބީމެވެ. ހިނދުކޮޅަކަށް ނަމަވެސް ކުރީގެ ނޯމަލް ހަޔާތް އެނބުރި އައި ކަހަލައެވެ.މާމައެއް މާމަ ދަރިފުޅުގެ ކުޅިވަރު ބަލާލަން އައިސްއިނީއެވެ.
އިރުކޮޅަކުން ކެރަން ވަދެގެން އަންނަތަން ފެނުނެވެ. ނަމަވެސް އަހަރެން ކައިރީ ސެމިއުލް އިންތަން ފެނިފައި މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.މޫނުމަތިން ރުޅިވެރިކަން ފެނިގެން ދިޔައެވެ. ސީދާއައިގޮތަށް އަހަރުން ކައިރިޔަށް އައިސް ގުދުވެފަ އަހަރެންގެ ކަންފަތް ކައިރީ ބުންޏެވެ.“މަންމަ އެކަނި އައިނަމައެވެ.“ އަހަރެންނަށް ކުރި އަސަރު މުޅިހަށިގަޑަށް ފެތުރިގެން ދިޔައެވެ.ނަމަވެސް މަޑުމަޑުން ބުނީމެވެ.ސެމިއުލްވެސް ކާފަ ދަރިފުޅުގެ ކުޅިވަރުތައް ބަލާލާ ހިތުން އައީއެވެ.މީގެ ޖަވާބުގައި ކެރަން ބުންޏެވެ.އެއީ ފެމިލީ މީހެއްނޫނެވެ. ސެމިއުލް އަށްވެސް އެއުޑިއިވި އާދަޔާ ޚިލާފަށް ހިމޭން ވެގެން ދިޔައެވެ.
އަވަގުތު އަހަރެންގެ ހިތް ކުދިކުދިވެ ފައިބައިގަތްއަޑު އެތާތިބި އެންމެނަށް އިވޭނެކަން އަހަރެންނަށް ޔަގީނެވެ. ކެރަންގެ ރާގު ހުރި ގޮތުން ބައެއްމީހުން އަހަރުންނާ ދިމާލަށް އޭރު ބަލަންވެސް ފަށައިފިއެވެ.އަހަރެން އިނީ ވަރަށް ލަދުންނެވެ. މީގައި އެންމެ ދެރަކަމަކީ މިފަދަ ބޭއަދަބީ އަމަލެއް ރައްދުވާންޖެހޭފަދަ އެއްވެސް ކަމެއް ސެމިއުލް ކޮށްފައި ނުވާތީއެވެ. އޭނަ އަހަރެން ގޮވައިގެން ދިޔައީ ރޭގަނޑު ކާރު ދުއްވަން އަހަރެންނަށް އުނދަގޫވީމައެވެ.
ސްކޫލް ޕްލޭ ކުރިޔަށް ދިޔަ ހުރިހާއިރުވެސް އަހަރެން އިނީ ފައިބައިގަންނަން ތައްޔާރަށް ހުރި ކަރުނަތައް ހިފަހައްޓައިގެންނެވެ. އައިޓަމްތައް ނިމުމުން އަހަރެންނަށް ގުޑްބައިވެސް ކިޔާލުމެއްނެތި ކުދިން ގޮވައިގެން ކެރަން ނައްޓާލިތަން ފެނުނެވެ.
އެބުރި ގެއަށް އައި ދަތުރު އެއްޗެކޭ ބުނާނެ ހިއްވަރެއް އެކަކުގެވެސް ނެތެވެ.ސެމިއުލް އެއްއަތުން ހުންގާނުގައި ހިފަހައްޓައިގެން އިންއިރު އަނެއް އަތުން އަހަރެންގެ އަތުގައި މަޑުމަޑުން ހިފާލައިގެން އިނެވެ. ނަމަވެސް އެކަކުވެސް އެއްޗެކޭ ނުބުނެއެވެ.ދެމީހުންވެސް ދެންމެ ހިނގާދިޔަ ކަންތަކާމެދު ވިސްނަން ތިބީއެވެ.
ސެމިއުލް އާއި ކައިވެނި ކުރީއްސުރެ މިހާތަނަށް އަހަރެންގެ އަމިއްލަ ނަފްސާ ނުކޮށް ބާއްވާފައި އޮތް ބޮޑުސުވާލު އަމިއްލަ ހިތާހިތާކޮށްލެވުނެވެ. ”އަލުން މީހަކުދެލޯބިވުމަކީ މަގޭ ފެމިލީ ދޫކޮށްލާފަ ކުރާވަރުގެ ކަމެއްހެއްޔެވެ؟ އަހަރެންގެ އަމިއްލަ އުފަލަށްޓަކައި އަހަރެންގެ އަމިއްލަ އަތުން މިވަނީ އަހަރެންގެ ފެމިލީ ހަލާކުކޮށްލާފައި ހެއްޔެވެ؟“ ތެދަށް ބުނާނަމަ ހިނދުކޮޅަކަށްނަމަވެސް ސެމިއުލްއާއި ކައިވެނި ކުރެވުނީތީ ދެރަވިއެވެ. ސެމިއުލްއަކީ އަހަރެންނަށް ގެއްލުމެއް ދޭނެ މީހަކަށް ވާތީކީ ނޫނެވެ. ނަމަވެސް ދުނިޔޭގައި ހުރެމެ، އަމިއްލަ ދަރިންނާ ވަކިވުމަކީ ދުނިޔޭގައި ހުރި މީހަކު މަރުވެއްޖެ ކަމަށް ބަލާ ހިތާމަ ކުރުންކަހަލަ ކަމަކަށް ވާތީއެވެ.
ކައިވެންޏަށް އަހަރެއް ހާދުވަސް ވީއިރުވެސް ކަންތައް ހަމަޔަކަށް ނޭޅެއެވެ. ދިމާވާ ރައްޓެހިންވެސް އަހަނީ ކުދިން މައާފް ކޮށްފިތޯ އެވެ. މައާފް ކުރާނީ އަހަރެން ކުށެއް ކުރިނަމަ ނޫންހެއްޔެވެ. ކުދިންނާވަކިވެފައިވާ މައްސަލައިގައި ހިތާމަކޮށް ރޯން އިން ދުވަހަކު ސެމިއުލް އައިސް އަހަރެން ކައިރީ އިށީނުމަށްފަހު އަހަރެންގެ އަތުގައި ހިފާލަމުން އަހަރެނަށް ނަސޭހަތް ތެރިވިއެވެ.“ތިޔަގޮތަށް އަބަދު ހިތާމަކޮށް ނުރޯށެވެ. އަމިއްލަ ސިއްހަތަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. ލިޒްގެ ހަޔާތް އުފާވެރިކޮށްދިނުމަށް އަހަރެންނަށް ކޮށްދެވެން ހުރިހާކަމެއް ކޮށްދޭނަމެވެ. ބުނަން ހެއްޔެވެ. ލިޒްއަށް ފެމިލީއާއި ވަކިވާން ޖެހުނީ ލިޒް އަލުން މީހަކުދެކެ ލޯބިވީތީ ނޫނެވެ. އެކަން އެހެންވީ ލިޒްގެ އުފާވެރިކަމާ އެކުދިންގެ ހިތާމަޔާ ދެމެދު ރޮނގުއަޅާ ވަކިކޮށްލަން އެކުދިންނަށް ނޭނގޭތީއެވެ.“
މިހެން ބުނުމުން އަދި އިތުރަށް ދެރަވިއެވެ. ކުދިންނާ ދުރުވުމަކީ އަހަރެންނަށް ބަރުދާސްތު ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ.ޚާއްސަކޮށް އެންމެ ކުޑަދަރިފުޅު ޑެނީސް އެވެ.އޭނަ ކުރިން ކޮންމެ ރެޔަކުވެސް ގުޅާނެއެވެ.އަހަރެންނާ އެންމެ ގާތީވެސް އޭނާއެވެ. މިހާރު ނުގުޅާތާ އެތައްމަހެއް ވެގެން ދަނީއެވެ.
މިގޮތުގައި ދުވަސްތައް ކުރިޔަށް ދަނިކޮށް އެއްދުވަހެއްގެ މެންދުރުފަހު އަހަރެންނަށް ބިރުވެރި ފޯންކޯލް އެއްލިބުނެވެ.ޑެނީސް އޮފީހުގައި ހުއްޓާ ހެޔަށް ގޮތްވެގެން ވެއްޓުނީއެވެ.އޭނަގެ ހުންނަ ހިތުގެ މައްސަލައެއްގެ ސަބަބުންނެވެ.އަހަރެން ފޯނު ބޭއްވިއިރުވެސް ސެމިއުލް ކާރުގެ ތަޅުދަނޑިނަގައިގެން އަހަރެންނާއެކު ހޮސްޕިޓަލަށް ދާންހުރީ ތައްޔާރަށެވެ. އޭނަކައިރީ ކާރުގައި އަހަރެން އިން އިރު އަހަރެން ތުރުތުރު އަޅައެވެ.އެކަމަކު ހިއްވަރުކޮށްފަ ނުރޮއި އިނުމަށް މަސައްކަތް ކުރީމެވެ.ހޮސްޕިޓަލަށް ދިއުމަށްފަހުވެސް ނުވަ ގަޑިއިރުވަންދެން އަހަރެންގެ ކައިރިން ދުރަށް ނުގޮސް އަހަރެންގެ ކައިރީގައި ސެމިއުލް ހުއްޓެވެ. އެންމެނަށް ކޮފީގެނެސްދީ ނަރުހުންނާ އޯގާތެރިކަމާއެކު ވާހަކަ ދައްކާ، ކެރަން ވެއިޓިންގ ރޫމްގައި އިނދެގެން ރޯން ފެށުމުން އޭނަކައިރިޔަށްގޮސް އޭނަޔަށް ހިއްވަރުދީ މިފަދައިން ޖެހުނު ހުރިރިހާކަމެއް ކޮށްދެމުން ގެންދިޔައެވެ.އަހަރެންގެ ކުދިން އޭނަޔާމެދު އެހާ އިހާނެތިކޮށް ކަންތައް ކުރީމައިވެސް އެއްވެސް ފަސްޖެހުމެއްނެތި ކުދިންނަށްޓަކާ ހުރީ އެތަނަށް ގޮހެވެ.
އަހަރުން އެކަކުވެސް ހީނުކުރާ ގޮތަކަށް ކަންތައް ފުރޮޅިގެން ދިޔައެވެ.ޑެނީސް އަށް އަގުބޮޑު ސަރޖަރީ އެއް ބޭނުންވާ ކަމަށް ޑަކްޓަރުން ބުންޏެވެ.އިންޝުއަރެންސް ލިބުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. ސަރޖަރީގެ މުޅި އަގު ވަރަށް ބޮޑެވެ. އެވަގުތު އެއްވެސް މަޑުޖެހުމެއްނެތި ފައިސާދޭން ތައްޔާރަށް ހުރިކަމަށް ސެމިއުލް ބުންޏެވެ. މިކަމާ އަހަރެންގެ ކުދިން ތިބީ ހައިރާން ވެފައެވެ. މައިކަލް ހަމަ ދިމާލަށް ބުންޏެވެ. ”ސެމިއުލް ފައިސާ ދޭންވީ ކީއްވެގެން ހެއްޔެވެ.“ މީގެ ޖަވާބުގައި ސެމިއުލް ވަރަށް ހަމަޖެހިލާފައި ބުންޏެވެ. ”އެއީ ތިޔަކުދިންގެ މަންމަ ތިޔަ ކުދިންދެކެ ލޯބިވާތީއެވެ. އެހެންވީމަ އަހަރެންބަލަނީ ތިޔަކުދިންނަކީ އަހަރެންގެވެސް އާއިލާ ކަމުގައެވެ.“ ސެމިއުލް މިހެން ބުނުމާއި އެކު ކެރަން ވަގުތުން ރޯންފެށިތަން އަހަރެން ދުށީމެވެ.
އަހަރެންނާ ކުދިންނާ ދެމެދު ރޭނިފައި ހުރި ނުފެންނަ ފާރުގައި ލީ ފުރަތަމަ ރެނދަކީ އެއީ އެވެ. ޑެނީސް ރަގަޅުވެގެން ގެއަށް ދިޔަ ހަމައިން މަޑުމަޑުން ކަންކަން ހަމަޔަކަށް އެޅެން ފެށިއެވެ. އެއްރޭ އެއްދުވާލަކުން ނޫނެވެ. ބޮޑެތި ރިހުންތައްވެސް ފަސޭހަ ވަނީ މަޑުމަޑުން ނޫންހެއްޔެވެ.
ކުދިން ކުރިއެކޭ އެއްގޮތަށް އަހަރެންނަށް ގުޅަން ފެށިއެވެ. އަހަރެން ދޫކުރާނެ ވާރުތަ މުދަލާބެހޭ ގޮތުން ސުވާލުކުރުން މައިކަލް ހުއްޓާލިއެވެ. އެއްރޭ ކުއްލި ގޮތަކަށް މައިކަލް އަހަރެންގެ ގެޔަށް އައެވެ.ހުރީ ވަރަށް ވަރުބަލިވެފައެވެ.ތަނަކު އިށީދެ ވާހަކަ ދައްކަން ފެށުމަށްފަހު އަހަރެންގެ މޫނަށް ބަލާލަމުން އޭނަ ބުންޏެވެ.މަންމާ އެވެ. އަހަރެންނަށް މަޢާފް ކުރާށެވެ. ސެމިއުލްއާ ދޭތެރޭ އަހަރެންނަށް ކުރެވުނީ ކުށްހީއެކެވެ.“ އަހަރެންނަށް އަނެއްކާވެސް އުޅުނީ ރޮވޭށެވެ. އެހެނީ މިވީ ދެތިން އަހަރުތެރޭ ވެސް އަހަރެން ހަމަ އެކަނި ބޭނުންވީ ސެމިއުލް އަކީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް ފެންނަގޮތަށް ކުދިންނަށްވެސް ފެންނާށެވެ. ސެމިއުލް އަކީ އެކުދިންގެ ބައްޕަގެ ބަދަލެއް ނޫނެވެ. އެކުދިންގެ މަންމަ ދެކެ ލޯބިވާ ރަގަޅު އޯގާތެރި މީހެއް ކަމެވެ.
މިހާރު އަންނަ މުހިންމު މުނާސަބާތައް އަނެއްކާވެސް އަހަރެންގެ ގޭގައި މުޅި އާއިލާއެއްކޮން ފާހަގަ ކުރަމެވެ.އެފަދަ އެއްދުވަހަކު ކެރަން އަހަރެން ކައިރީ އިށީދެ އިދެ ވާހަކަ ދައްކަމުން ބުންޏެވެ. ”މަންމަ ސެމިއުލްއާ އިންނަން އަހަރެންނަށް ނުރުހެވުނީ އޭގެ މާނައަކީ ބައްޕަދެކެ މަންމަވީ ލޯބި ނިމުނީ ކަމުގެ އިހުސާސް ލިބުނީތީއެވެ.“ އެވަގުތު އޭނަގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެވެ.“މަންމަގެ ލޯބިވާ ދަރިފުޅާއެވެ.ހިތާމަ ކުރަން ޖެހުމަކުން ލޯތްބަށް ނިމުމެއް ނާންނާނެއެވެ.ބައްޕަދެކެ ހަމަ މިހާރުވެސް އޭރު ވީވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް މަންމަ ލޯބިވެއެވެ.“ އަހަރެން މިހެންބުނުމުން އޭނަ ރޯން ފެށިއެވެ.އަހަރެން ވެސް ރޯން ފެށީމެވެ.އިރުކޮޅަކުން ދެމީހުން އެކުގައި ހޭންވެސް ފެށުނެވެ.ރޮމުން ރޮމުން ހެވުނީއެވެ.ދެސޭކުން ފަދައިންނެވެ.
އެތައް އަހަރު ތަކަކަށް ފަހު އަހަރެންގެ ހިތަށް ފުރިހަމަ ހަމަޖެހުން ލިބިއްޖެއެވެ. މާމަ ކުދިން ވަރަށް އަވަހަށް ސެމިއުލްއާ ގުޅިއްޖެއެވެ.މީހުންގެ ކިބައިންފެންނަ ހެޔޮކަން ކުޑަކުދިން ވަރަށް އަވަހަށް ބަލައިގަންނާނެއެވެ. އެކުދިންގެ ހިތް ތައް ބޮޑެތިމީހުން ކަޅުނުކުރާހާ ހިނދަކު، އެއީ މައުސޫމް ބައެކެވެ.
އެއްދުވަހަކު އަހަރެން ބަދިގޭ ދޮރުމަތީ ބަލަހައްޓައިގެން ހުރީމެވެ. ސެމިއުލް ކާފަދަރިއަކަށް ފިހެފައި އޮތް ޓަރކީ އަކުން މަސް ނައްޓާނެގޮތް ދަސްކޮށްދޭތަން ބަލާށެވެ.އޭރު ކައިރީގައި މައިކަލް ހީލަ ހީލާ ހުއްޓެވެ. އެވަގުތު އަހަރެންގެ މަރުވި ފިރިމީހާ މަތިން ހަނދާން ވިއެވެ. އަދި އަހަރެންނަށް ކުރެވުނީ ކުށެއްނޫންކަމާއި އަދި އެކައިވެނި ކުރެވުނީތީ ޝުކުރުވެރިވާކަމުގެ އިހުސާސް އަހަރެނަށް ލިބުނެވެ. އަލުން ލޯބިވުމުގެ މާނައަކީ އަހަރެންގެ ކުރީގެ އުފާވެރި ހަޔާތް ފުހެވިގެން ދިޔައީކީ ނޫނެވެ.އޭގެ މާނައަކީ އަދިވެސް ދުނިޔޭގައި ހުރެ، ހިތްހަޖެހިގެން ހުރުން އިޚްތިޔާރު ކުރުމެވެ. އަހަރެންގެ ވާހަކަ އަދި ނުނިމޭކަމެވެ.
މިހާރު އަހަރެންގެ އުމުރުން 80 އަހަރުވެއްޖެއެވެ.އަދިވެސް އަހަރެންގެ ފުރަތަމަ ފިރިމީހާ ވަރަށް ބޮޑަށް ހަނދާންވާ ފަހަރުތައް އާދެ އެވެ.އޭނާ އަޑުއެހި ބައެއް ލަވަތައް އިވުމުން ރޮވެއެވެ.އެކަކުވެސް ބަލަން ނެތީސް އަދިވެސް އޭނަގެ ފޮޓޯ އާ މުޚާތަބްކޮށް ވާހަކަ ދައްކަމެވެ. ނަމަވެސް އަލުން ލޯބިވުމަކީ އޭނަޔަށް ބޭވަފާތެރިވީކީ ނޫނެވެ.އަހަރެންގެ ނަފްސް އަދި އާއިލާއާއި އެކު އޮތް ގާތްގުޅުންތައް ސަލާމަތްވީ އަހަރެންނަށް އަލުން ލޯތްބެތް ލިބުނީތީއެވެ.
(ނިމުނީ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް