އެއްފަސްކުރުމާއި ލާމަރުކަޒު ކުރުމަކީ އެއް ކަމެއް ހެއްޔެވެ -2

Loading

Facebook
Twitter
WhatsApp

https://sandhaanu.today/68629/  އާއިގުޅޭ…                                                           

ގައުމެއްގެ ޙާލަތު އިސްލާޙު ކުރުމަކީ ވެރިކަމަށް އިސްކުރެވޭ މީހާގެ އަޒުމަކަށް ވާން ޖެހޭނެއެވެ.  އަވަށްޓެރި އިންޑިއާގެ ޓެމިލްނާޑޫއަށް ބަލާލުން މިއީ ވަރަށް މުނާސަބު ވަގުތެއްކަމުގައި ދެކެމެވެ. ފާއިތުވެގެން މިދާ ފަންސާހަކަށް އަހަރު ވަކި ބަޔަކަށް ނޫނީ ވެރިކަން ކުރަން ނޭންގޭނެއޭ ބުނާކަހަލަ ސަރަހައްދެކެވެ. އެކަމަކު ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަން ޖެހޭނެއޭ ބުނާފަދައިން ޓެމިލްނާޑޫގެ ރައްޔިތުންވެސް މިފަހަރު ކެތްތެރިކަން ކޮޅުންލީއެވެ. ފުރިހަމަ ބަދަލެއް ގެނުވީއެވެ.                                                            

ޓެމިލް ނާޑޫއަކީ ހިތްހެޔޮ މީހުން އާދަޔާ ޚިލާފަށް ބަލާގަންނަ ރައްޔިތެއް ދިރިއުޅޭ އިންޑިޔާގެ ބަޔެކެވެ. ފިލްމުސްޓާރުންގެ ތެރޭގައި ހިމެނޭ އެކްޓަރުންނާ ދޭތެރޭވެސް އެމީހުންގެ ވިސްނުމަކީ އެއީއެވެ. އެކްޓްކުރަމުން ގެންދާ މަންޒަރުތަކުން ފެންނަފަދައިން ހެޔޮލަފާމީހަކަށް ވުމެވެ. މި އުސޫލުން ކުރީގެ ޗީފް މިނިސްޓަރ އެމް ޖީ ރާމަޗަންދުރަން އަކީ އާދަޔާ ޚިލާފް މަގުބޫލުކަމެއް ހޯއްދެވި ބޭފުޅެކެވެ. އަދި ފިލްމްސްޓާރ ޖަޔަލަލީތާއަށް މަންމައެއް އިޙްތިރާމް ލިބިގެންދިޔައެވެ. މިއަދު އަނެއްކާވެސް ޓެމިލްނާޑޫގެ ވެލިން ގައުމާއި ރައްޔިތުންގެ ލޯބި ހޯއްދެވި ސިޔާސީ ލީޑަރަކު ރައްޔިތުނަށް އެވަނީ ލިބިފައެވެ. ފިލްމީ ހަޔާތުގައި ވިޖޭ ތަޅަބަދީގެ ނަމުން މަޝްހޫރުވެފައިވާ ރައްޔިތުންގެ ހީރޯއެކެވެ.

ވިޖޭގެ ހިތުގައި ރައްޔިތުންގެ ލޯބި ހޯދައި ރައްޔިތުންގެ ޚާދިމަކަށް ވުމުގެ އަމާޒަށް ވާސިލުވުން އުފެދުނީ ވަރަށް ޒުވާން އުމުރުގައެވެ. ބައްޕައަކީ ފިލްމް ޕްރޮޑިއުސް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހަކަށް ވުމުގެ ސަބަބުން ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އެދުން ބައްޕައަށް ހުށައެޅުމުނު ހިސާބުންނެވެ. ބައްޕަގެ ޖަވާބަކަށްވީ “ ކަލޭ ތިޔަހުރި ސިފައިން ފިލްމްސްޓާރަކަށްވުމުގެ އުންމީދު ދޫކޮށްލާށެވެ. ފިލްމުސްޓާރއަކަށް ވުމުގައި މީހުން ބަލާގަންނަފަދަ ރީތި މީހަކަށްވުން ވަރަށް ބޭނުމެވެ. “                                  

މައިންބަފައިންގެ ފަރާތުން ލިބުނު ނާއުންމީދުގެ ބަސްތަކަށް ޖާގަދޭން ވިޖޭ ބޭނުމެއް ނުވިއެވެ. ދެކުނު އިންޑިއާގެ ފިލްމީ ދާއިރާ އެއްވަނަ ނުވަތަ ދެވަނަ މަގާމު ވިޖޭ ކާމިޔާބުކޮށް އެ މަގާމުގައި ދެމިހުއްޓެވެ. އެއަށްފަހު އޭނާގެ އެންމެ މުހިންމު މަގްސަދު، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއްސުރެން ވިސްނައި ރާވަމުން ގެންދިޔަ ޕްލޭންގެ ދަށުން ސިޔާސީ މައިދާނަށް ނިކުމެ ހަމައެކަނި ދެއަހަރު ދުވަހުގެ ތެރޭގައި ޓެމިލްނާޑޫގައި ތިބި ސިޔާސީ ތަޖްރިބާކާރު ފޭލިކޮށްލުމަށްފަހު ޓެމިލްނާޑޫގެ ޗީފްމިނިސްޓަރކަން ކާމިޔާބު ކުރެއްވީއެވެ. ހުވާކުރި ރަސްމިއްޔާތުގެ އެންމެ ކުރީސަފުން ފެންނަންތިބި ވިޖޭގެ މަންމާއާއި ބައްޕަ ތިއްބެވީ ފެންކަޅިވެ ރޮވިފައެވެ.              

ސިޔާސީ މައިދާނަށް 2024 ވަނަ އަހަރު ނިކުންނެވި ފިލްމްސްޓާރ ޖޯސެފް ވިޖޭ އަކީ އެ މައިދާނުން ފެނިފައިވާ މޫނެއް ނޫނެވެ. އިންޑިއާގެ އެންމެ އަގުބޮޑު ފިލްމީތަރިންގެ ލިސްޓުގެ ކުރީސަފުގައި ހިމެނޭ ވިޖޭ ( ޓެމިލްނާޑޫގައި އޭނާ މަޝްހޫރުވެފައިވާ ނަމުން ބުނާނަމަ ވިޖޭ ތަޅަބަދީ ނުވަތަ ކޮމާންޑަރ ވިޖޭ ) ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގަތީ ފިލްމުތަކުން އޭނާދައްކުވައިދިން ކުލަޖައްސާފައިވާ މަންޒަރުތައް ހަގީގަތަކަށް ހެއްދެވުމަށްކަމަށް ވިދާޅުވެފައިވެއެވެ.                                                           

މިއަހަރު އޭޕްރިލްމަހު ޓެމިލްނާޑޫ ސްޓޭޓްގައި ބޭއްވި އިންތިޚާބުގައި އެ ސްޓޭޓުގެ އެސެމްބްލީގެ 234 ގޮނޑީގެތެރެއިން ހަމައެކަނި ސިޔާސީ މައިދާނުގައި 2 އަހަރުދުވަސްވީ ވިޖޭ ތަޅަބަދީ 108 ގޮޑި ކާމިޔާބު ކުރެއްވިއެވެ. ފަންސާސް އަހަރު ދުވަހު ވެރިކަން ކުރެއްވި ތަޖްރިބާކާރު ވެރިންދެކެ ރައްޔިތުން ފޫހިވެއްޖެކަން ވޯޓުގެ ނަތިޖާއިން ބުނެދީފިއެވެ.                                                  

ތަޅަބަދީ ވިޖޭ ޓެމިލްނާޑުގެ ޗީފްމިނިސްޓަރ ކަމުގެ ހުވާ ކުރެއްވުމާއެކު އެމަނިކުފާނުގެ ފިލްމީ ހަޔާތުގެ ކުލަ މަންޒަރުތައް ހަގީގަތަކަށް ހެއްދެވުމުގެ މަސައްކަތް ފެއްޓެވީ ހަމަވަގުތުންނެވެ. ހަސަބަކަށް ނަސަބަކަށް ބެލުމެއްނެތި ތައުލީމީ ވަޒީރުންގެ މަޖިލީހެއް އެކުލަވާލުމަށްފަހު އެންމެ ފުރަތަމަ ސޮއިކުރެއްވި ގަރާރަކީ އަންހެނުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އަމުރު ކުރައްވާފައިވަނީ ރޭގަނޑު ވަގުތެއްގައި އަންހެނަކު އެކަނި މަގުމަތިން ފެނިއްޖެ ކޮންމެ ހިނދެއްގައި ފުލުހުންގެ ބެލުމުގެ ދަށުންއެ އަންހެންމީ ދާންބޭނުންވާ ތަނަކަށް ގެންގޮސްދިނުމެވެ.                                             

ވިޖޭ ތަޅަބަދީގެ ވެރިކަމުގައި ފާއިތުވެގެންމިދާ ދެމަހެއްހާ ދުވަހުގެ ތެރޭގައި  އޭގެ ކުރިން އާންމު ރައްޔިތުން ހުވަފެނުންވެސް ދެކިފައިނުވާ ބަދަލުތައް އެ ސްޓޭޓަށް ގެންނަމުން ދާތަން ފެނުމުން އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ރައްޔިތުންގެ ތައުރީފްވެސް އޮހެމުން ދާން މިވަނީ ފަށައިފިއެވެ. ވިޖޭއާމެދު ޓެމިލްނާޑޫ ފަޚްރުވެރި ވަމުންގެންދަނީ ކުރައްވާ ވައުދުތައް އަގައިން ބޭރުވުމާއެކު ތަންފީޒުކުރުމުގެ މަރުހަލާ ފެށިގެންދާތީއެވެ.                       

ޓެމިލްނާޑުއަށް ގެންނަން އިއުލާންކުރައްވާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ދީނީ އެއްބައިވަންތަކަން ކަށަވަރުކުރުން ހިމެނެއެވެ. މިސްކިތްތަކުގެ މުއައްޒިނުންނާއި އީމާމުންނަކީ ސަރުކާރުން މުސާރަ ދެވޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. އަޅުކަންކުރަން ބޭނުންކުރާ އެއްވެސް އިމާރާތަކުން ކަރަންޓްބިލް އަށް ފައިސާދައްކަން ނުޖެހޭގޮތަށް ވަނީ ނިންމަވާފައެވެ. ރައްޔިތުންގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ އިތުރު ބަސްތައް ތައާރުފް ކުރައްވައި އެމަނިކުފާނަކީވެސް އާންމު ރައްޔިތުނާއެކު އަގުދީގެން ބަހުގައި އޮފީހަށް ވަޑައިގަންނަވާ ބޭފުޅަކަށް ވެ ވަޑައިގަތެވެ.

ކޮރަޕްޝަން ހުއްޓުވުމާއި އާންމު ރައްޔިތުން ފުލުހުންގެ އޮފީހަށް ހުށައަޅާ ޝަކުވާތަކުގައި އެ ރައްޔިތުންނާ ދޭތެރޭ ކަންތައްވެގެންދާގޮތް ބެއްލެވުމަށްޓަކައި ފޮލިސް ސްޓޭޝަންތަކުގައި ގިނަ އަދަދަކަށް ސީ ސީ ޓީ ވީ ކެމެރާ ހަރުކުރައްވައި ސީދާ އެމަނިކުފާނު އޮފީހަށް ފެންނާނެގޮތަށް ލިންކްކުރެއްވިއެވެ. ރިޝްވަތު ދޭންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެހާލަތު ސީދާ އެމަނިކުފާނަށް އެންގޭނެ ހޮޓްލައިނެއް އާންމު ކުރައްވައި އެ މައްސަލަ ސާބިތުކުރެވިއްޖެނަމަ އެމީހަކު ވަޒީފާއިން ވަކިކޮށް އަދި މައްސަލަ ރިޕޯރޓްކުރިމިހަކަށް އެއްލައްކަ ރުޕީސްގެ އިނާމެއް ދެއްވާނެކަން އިއުލާން ކުރެއްވިއެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ޓެމިލްނާޑު އާއި ގުޅުންހުރި މައްސަލަތައް ބެއްލެވޭނެ އިންތިޒާމް ގާއިމް ކުރެއްވިއެވެ. އަންހެނުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހުނަރުވެރި އަންހެނުންގެ ޚާއްސަ ފުލުހުންގެ ބާރެއް އުފެއްދެވިއެވެ. އެމީހުންގެ މެންޑޭޓްގައި ޚާއްސަކޮށް ރެއިލްވޭ ސްޓޭޝަންތަކާއި ބަސް ހުއްޓާތަންތަނާއި އަދި ގިނައިން އަންހެނުން މަސައްކަތްކުރާ އޮފީސްތައް ހިމެނޭ ސަރަހައްދު ތަކުގައި ޑިއުޓީ ކުރުން ހިމެނިފައިވެއެވެ.  

ސޯޝަލް މީޑިއާގައި ކޮންމެވެސް ވިލެޖެއްގައި ސްކޫލަށްދާ ކުޑަކުދިންނަށް މަގެއް ނެތުމާއި ދުއްވާ އުޅަނދުފަހަރު ނުލިބުން ފާހަގަކޮށް ޕޯސްޓްކޮށްފައިވާ ފޮޓޯތަކެއް ފެނިވަޑައިގަތުމާއެކު ކަމާބެހޭ މުއައްސަސާއަށް އަންގަވައި އެންމެ 3 ދުވަހުގެ ތެރޭގައި އެކުދިން ސްކޫލަށް ދިއުމަށްޓަކައި ރަނގަޅުފެންވަރެއްގެ މަގެއް ހައްދަވާ ނިންމަވާދެއްވިއެވެ.             

ސަރުކާރުގެ ޖެނެރަލް ހޮސްޕިޓަލަކަށް ކުރިން އެންގެވުމަކާނުލައި ކުއްލިއަކަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައި ސަރުކާރުގެ ޖެނެރަލް ހޮސްޕިޓަލްތަކަކީ ޕްރައިވެޓް ހޮސްޕިޓަލް ތަކުން ޚިދުމަތްލިބޭ ފެންވަރުގައި ނުވަތަ އެއްށްވުރެން ރަނގަޅު ފެންވަރުގައި ހިންގޭ ތަންތަންކަމުގައި ހައްދަވަން ސިއްހަތާބެހޭ ވަޒީރަށް އަންގަވައި އެކަމަށް ބޭނުންވާ ފައިސާއާއި އެއްބާރުލުން ސަރުކާރުން ލިބޭނެކަން ކަށަވަރު ކޮށްދެއްވިއެވެ. ހަމައެފަދައިން ސަރުކާރުގެ ސްކޫލްތަކުގެ ފެންވަރު އެއްވެސްގޮތަކުން ޕްރައިވެޓް ސްކޫލްތަކާ ތަފާތުވެގެން ނުވާނެކަމަށާއި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ސިޔާސީބޭފުޅުންގެ ދަރިން ސަރުކާރުގެ ސްކޫލްތަކުގައި އުނގެނުމަށް އަމުރުކުރެއްވިއެވެ. އަދި މިހާރު އެކަންތައް އެގޮތުގެމަތިން ކުރިއަށްދާކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. ޗީފް މިނިސްޓަރ ވިޖޭއަށް މެދުވެރިވި އިއްތިފާގެއްވެސް ޓެމިލްނާޑޫގެ ރައްޔިތިން ފާހަގަ ކުރަމުން ގެންދެއެވެ.  2024 ވަނައަހަރު ސެޕްޓެމްބަރ 5 ވަނަދުވަހު ސިނަމާތަކަށް ނެރުނު ވިޖޭގެ ފިލްމް ދަ ގޯޓް ( ގްރޭޓަސްޓް އޮފް އޯލް ޓައިމްސް ) ގެ ޝޫޓިންގައި އޭނާ ބޭނުންކުރެއްވި ކާރުގެ ނަންބަރ ޕްލެޓްގައިވަނީ ޓީ އެން. ޒީރޯ ސެވެން. ސީ އެމް 2026 އެވެ. އެމަނިކުފާނުގެ ޑްރައިވަރުގެ ފިރިހެންދަރިއަކީ ކުރިމަތި ލެއްވި ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރައްވައި  މިހާރު  ކެބިނެޓްގައި ހިމެނޭ ވަޒީރެކެވެ.                                                   

އަވަށްޓެރި ގައުމުތަކުގެ ސިޔާސަތަށް އަންނަމުންދާ މިފަދަ ހެޔޮބަދަލުތައް ފެނުމުން އަޅުގަނޑުމެންގެ ސިޔާސަތަށްވެސް އަނުރާކުމާރަ ދެސަނަޔަކެ ނުވަތަ ތަޅަބަދީ ވިޖޭ ފަދަ ބޭފުޅަކަށް ކުރެވޭ އުންމީދުތައް ގިނަވާންފަށައިފިއެވެ. ވެރިކަމަކީ ރައްޔިތުންގެ މިލްކެއްކަންހަނދާނުން ފިލުމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ އިޚްތިޔާރުން ބޭރުވެގަތުންކަން ދަންނަންވެސް ޖެހޭނެވެ. ވެރިމީހާއާއި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާ ދިމާލަށް ނުރުހުމުގެ އިނގި ދިއްކުރުމަކުން ނުފެދެއެވެ. އެމީހުން ޒިންމާދާރު ކުރެވޭނެ ގޮތެއް ހޯދަން ޖެހެއެވެ.

ރައްޔަތުންގެ މަންދޫބެއްގެ ގޮތުން ހޮވައިދިނުމުން ނަފުސުވިއްކާލާ ބަޔަކަށް ވާކަމީ ދެރަކަމެކެވެ. ރައްޔަތުންނަށް ހެދެން އޮތްގޮތަކީ ހަމަ ކުރިންވެސް ކަންކުރި ބީދާއިން އަންނަ އިންތިޚާބެއްގައި ހެޔޮލަފާ ބޭފުޅުންނަށް ފުރުސަތު ހޯދައި ދިނުމެވެ. ކުރުކޮށް ބުނެލަންއޮތީ ސްރީލަންކާއާއި ޓެމިލްނާޑޫގެ މިގެނެވުނު ބޮޑުބަދަލުގެ އަލީގައި މިއުޅެނީއަކީ ވެރިކަމުގެ ނިޒާމުގެ މައްސަލައެއް ނޫނެވެ. ރައްޔަތުން ވެރިކަމަށް އިސްކުރާމީހާގެ ނުބައި ނުލަފާކަމެވެ. ކޮންމެ ނިޒާމެއްގެ ދަށުން ހިންގިޔަސް ވަގުކަލޭއަށް އެނގޭނީ ދޮގުހަދާ ވައްކަންކުރާށެވެ. އެއްފަސްކުރުމަކީ ލާމަރުކަޒީ ކުރުމެއް ނޫނެވެ. ފާޑަކަށް އަޅުވެތިކުރުމެވެ.   

Loading

Leave a Reply

ފަހުގެ އަޕްޑޭޓް