އަހަރެން ކައިވެންޏެއްކޮށް ނުހަނު އުފަލުގައި 45 އަހަރުވިތަނާ އަހަރެންގެ ފިރިމީހާ ކުއްލިއަކަށް މަރު ވީއެވެ.މިފަދަ ކަމަކަށް ހަމަ އެކަކުވެސް ހުންނާނީ ކުރިން ތައްޔާރު ވެގެން ނެއް ނޫނެވެ. ހަޔާތުގެ ހަމަ ކޮންމެ ހިނދު ކޮޅަކުވެސް ކައިރީގައި ހުރި މީހަކު ކުއްލިއަކަށް ނެތުމުން އިންތިހާދަރަޖައިގެ ފަޅުކަމާ ކުރިމަތިލާން އަހަރެންނަށް ޖެހުނެވެ. އެންމެ އުނދަގޫވި ކަމަކީ ވަށައިގެން ހިނގާ ހުރިހާކަމެއްވެސް ކުރިއެކޭ އެއްގޮތަށް ހިނގަމުން ހިނގަމުން ދާތީއެވެ.
އެތައްމަހެއް ވަންދެން އަހަރެންނަށްވެސް ކުރީގެ އާދަތައް ދޫކޮށްލަން އުނދަގޫވިއެވެ.މާގިނައިން ކެއްކުމާއި އެނދުގައި އޮވެފައި އޭނަކައިރީ އެއްޗެކޭ ބުނެލުމަށް އެނބުރުމާއި، ނިދެމުން ނިދެމުން ދާއިރު އޭނަގެ ގައިގައި ޖެހިލުމަށް އުޅުން ފަދަ ކަންތައް ހުއްޓަން ވަގުތު ނެގިއެވެ.
ފިރިމީހާ މަރުވުމުން އަހަރެންގެ ތިން ކުދިންވެސް ވަރަށް ހެވެ. އެންމެ ބޮޑު އަންހެން ދަރިފުޅު ކެރަން ކޮންމެ ހަފްތާ ބަންދަކު އޭންގެ ދެކުދިން ގޮވައިގެން އާދެއެވެ.ފިރިހެން ދަރިފުޅު މައިކަލް ބައްޕަގެ ޖަނާޒާގެ ކަންތައް ވަރަށް ފުރިހަމަޔަށް ނިންމާދިނެވެ.އެންމެ ހަގު ދަރިފުޅު ޑެނީސް ވެސް ކޮންމެ ރެޔަކު ނިދުމުގެ ކުރިން އަހަރެންނަށް ގުޅާނެއެވެ. ނަމަވެސް މިއިން ކޮންމެ ކޯލެއް ނިމޭވަގުތު ގޭތެރޭގެ ހިމޭންކަން އިތުރު ވާހެންހީވެއެވެ.
ޖަނާޒާ ގެކަންކަން ނިމުމަށްފަހު އެހެން އެންމެންގެ ހަޔާތުގެ ކަންކަން ކުރިއެކޭ އެއްގޮތަށް ހިނގަން ފެށިއެވެ.އަހަރެންނަށް ފިޔަވާއެވެ.
މަޑުމަޑުން ކުދިން އައުންވެސް ދުރުވާން ފެށިއެވެ. ފޯން ކޯލްތައް ކުރުވާން ފެށިއެވެ.އެކުދިންގެ ހަޔާތުގެ ކަންތައް ތައް ކުރިޔަށް ދާތީއެވެ.
ކޮންމެ ދުވަހަކު ހެނދުނު އަހަރެން ހޭލަނީ ކުރާނެ ކަމެއްނެތި ދާނެ ތަނެއް ނެތިއެވެ.ބަދިގޭ ކުޑަދޮރު ކައިރީގައި އެތައް ގަޑިއިރެއް ވަންދެން އަހަރެން އިންނަމެވެ. އެހެން މީހުން ހިނގާ ތަން ބަލާށެވެ.ދެވަނަ އިންސާނަކާ ގާތްވެލުމުގެ ގޮތުންނެވެ.
އެހެންމީހަކާ ވާހަކަ ނުދައްކާ ތިންދުވަސް ވެއްޖެކަން އެއްދުވަހަކު އަހަރެންނަށް ފާހަގަ ވިއެވެ. މިކަމާ އަހަރެން ވަރަށް ކަންބޮޑުވިއެވެ. އެހެން ކަމުން މުޖްތަމައުގެ އެކި ގްރޫޕްތަކާ ގުޅުނީމެވެ. އެތަންތާ ތިބޭ ގިނަ މީހުން ވަރަށް ހެވެ. ނަމަވެސް އެމީހުން ގިނައިން ވާހަކަ ދައްކާނީ ކޮންމެވެސް ބައްޔަކާބެހޭ ގޮތުން، ބޭހަކާ ބެހޭގޮތުން ނުވަތަ މަރުވީ ކާކުގެ ފިރިއެއްތޯ މިފަދަ މައުލޫއު ތަކަށެވެ. އެހެން ކަމުން މިފަދަ ބައްދަލްވުން ތަކުން އަހަރެން ގެއަށް އަންނަނީ އިތުރަށް މޮޅިވެ ހުރެގެންނެވެ.
އެއްހޮނިހިރު ދުވަހަކު އަހަރެންފަދަ އުމުރުން ދުވަސްމީހުންނަށް ކޮންމެވެސް ފަރާތަކުން ހެނދުނުގެ ސަޔެއް އިންތިޒާމް ކުރިއެވެ. އަހަރެން ދާން ބޭނުންނުވެ ހުރެފަވެސް އެތަނަށް ދިޔައިމެވެ. އެއީ އަހަރެންގެ ހަޔާތް ބަދަލު ކޮށްލި ސަޔަކަށް ވެގެން ދިޔައެވެ.
އަހަރެންނާއި ސެމިއުލް ބައްދަލްވީ އެތަނުންނެވެ. ސައި ތަށި ގިރުމަށް ހުންނަ ސްޓޭޝަން ކައިރިންނެވެ. މުގުރާފަ ހުރި ހަކުރު ނަގަން އެތަނަށް ކައިރިވެލިތަނާ އެތާހުރި ޕޭންކޭކް ދައްކާލުމަށްފަހު ސެމިއުލް ބުންޏެވެ. ”އެއިން އެއްޗެއް އަތުޖެހެތޯ ބަލާށެވެ. އެއީ މުސްކުޅިން ވަރަށް ބޭނުންވާ އެއްޗެއް ނޫން ހެއްޔެވެ“. އޭނަ އެހެން ބުނުމުން އަހަރެން ގާތަށް ވަރަށް ހިނި އައެވެ. އެގޮތަށް ނުހެވޭތާ އޭރު އެތައް އަހަރެއް ވެދާނެއެވެ.
އެތަނުން ސެމިއުލް އަހަރެންނަށް ތައާރަފް ވިއެވެ. އުމުން 70 އަހަރުގެ، މިހާރު ރިޓަޔާ ކޮށްފައިވާ ކަށީގެ ސަރޖަން އެއްކަމަށް ބުންޏެވެ.އޭނަގެ އަންހެނުން މީގެ އަށް އަހަރު ކުރިން މަރުވެފައިވާއިރު އޭނަގެ ދަރިއަކު ނެތް ކަމަށް ބުންޏެވެ. ވަރަށް އަގަތަޅާ ހިއްވާ މީހެކެވެ. އަދި ސެމިއުލް ހީނލާއިރު މުޅި މޫނަށް ހިނިތުންވުން ފެތުރިގެން ދެއެވެ.
އެދުވަހު އެތަނުގައި ސައިބޯން ދެމީހުން އިށީންގޮތަށް ދެގަޑިއެއްހާރު ވާހަކަ ދައްކަން ތިބެވުނެވެ. މިހެން ތިބި ވަގުތު ތަކުގައި އަހަރެންނަކީ ބަލިކަށި މުސްކުޅި އަންހެނެއްގޮތަށް އެއްފަހަރުވެސް އަހަރެން ނަށް އިހުސާސްވިޔަކަ ނުދެއެވެ. މިއީ އަހަރެންނަށް ވަރަށް މުހިންމު ކަމަކަށް ވިއެވެ.
މުސްކުޅި އުމުރުގައި ފިރިމީހާ މަރުވުމުން އެއީ އަންހެނެއްކަމަށްވެސް ގިނަ މީހުން ނުދެކެއެވެ. އޭގެ ބަދަލުގަ އެއީ ”ފަކީރެއް“ގެ ގޮތުގައި ދެކެއެވެ. ސެމިއުލް އަހަރެންނާ ވާހަކަ ދެއްކީ އަހަރެންގެ ލޮލަށް ބަލަމުންއޯގާތެރިކަމާއި އެކުއެވެ. އަހަރެންގެ ހަޔާތާބެހޭ ގޮތުން އެކި ސުވާލުތައް ކުރިއެވެ.
ސަޔަށް ފަހު، ޖެޒް މިޔުޒިކް އަށް ލޯބި ކުރަންތޯ ސެމިއުލް ސުވާލު ކުރިއެވެ.އަހަރެން ގެ ފިރިމީހާ ޖެޒް މިޔުޒިކަށް ވަރަށް ލޯބި ކުރިކަމަށް އަހަރެން ބުނީމެވެ. މިހެން ބުނުމުން އެލިޒަބަތު ވެސް އެފަދަ މިޔުޒިކަށް ލޯބި ކުރަން ފައްޓަންވީކަމަށް އޭނަ ބުންޏެވެ.
އޭގެ އެއްހަފްތާ ފަހުން އޭނަ ޖެޒް މިޔުޒިކްގެ އައުޓްޑޯ ކޮންސަރޓް އަކަށް އަހަރެންނަށް ދައުވަތު ދިނެވެ. އަހަރެން ފުރަތަމަ އުޅުނީ ނޫނެކޭ ބުނާށެވެ. އެއީ އަހަރެން ކުރަން ވާވަރުގެ ކަމަކަށް ނުވާތީއެވެ. ހުނުމަކީ ނުވަތަ އުފަލުން ހުރުމަކީ، ރީތި ހެދުމެއްލާ ނަލަ ހެދުމަކީ އަހަރެން ކުށްވެރި ވެދާނެ ފަދަ ކަމަކަށް ބެލެނީއެވެ.
އެތަނަށްދާން ލާނެ ހެދުމެއް އިޚްތިޔާރު ކުރަން ނޭގި ދެހެދުން އަތަށް ނަގައިގެން އެތައް އިރަކު އަހަރެން ހުރީމެވެ.
ޖެޒް ކޮންސެޓުން ގެއަށް އައިއިރު އަހަރެން ހުރީ އުފަލުން ހެވިފައެވެ. މައްސަލަ ފެށުނީ އެހާ ހަމައިންނެވެ. އަންހެން ދަރިފުޅު ކެރަން ގެއަށް އައިއިރު ބަދިގޭ މޭޒުމަތީ މާބޮޑިއެއް އޮއްވާ ފެނިގެން މިއީ ކާކު ފޮނުވި އެއްޗެއްތޯ ސުވާލު ކުރިއެވެ. އެއީ ރައްޓެއްސެއްކަމަށް އަހަރެން ބުނީމެވެ.އެވަގުތު ފިރިހެނެއްތޯ ސުވާލު ކުރިއެވެ. އަހަރެން ރަކިގޮތަކަށް ހީލަމުން ބުނީމެވެ.މަންމަ މީ 63 އަހަރުގެ މީހަކީމެވެ. 16 އަހަރުގެ ޒުވާނެއް ނޫނެވެ. ނަމަވެސް އޭނަގާތަކަށް ހިންޏެއް ނައެވެ. އަދި ބުންޏެވެ. ބައްޕަ މަރުވެގެން އަދި ދެއަހަރުވެސް ނުވެއެވެ. އަހަރެން ބުނެދެވޭތޯ އުޅުނީމެވެ. ސެމިއުލް އަކީ ހަމަ ވާހަކަ ދައްކާލާނެ ބައިވެރިއެއްކަމެވެ. އެކަމަކު އޭނަ އިނީ ވަރަށް ދެރަވެފައެވެ.
މައިކަލްއަށް ވެސް ސެމިއުލްގެ ކަންތައް އިނގި އެއްރޭ ފޯނު ކުރިއެވެ. ހުރީ ވަރަށް ރުޅި އައިސްފައެވެ.އަދި މަންމަ ޑޭޓް ކުރަނީތޯ (މީހަކާރައްޓެހި ވީތޯ) އެހިއެވެ.މައިކަލް ކައިރީވެސް އަހަރެން ބުނީމެވެ. އަހަރެންމީ ސިއްރު ސިއްރުން ފިރިހެނުންނާ ބައްދަލް ކުރާ އުމުރު ކަމަށްވާ 16 އަހަރުގެ ޒުވާނެއް ނޫނެވެ.އަދި އަހަރެން ބައެއްރޭރޭ ރޭގަނޑުގެ ކެއުމަށް މީހަކާ ބައްދަލް ކޮށް އެކުގައި ތަންތަނަށް ގޮސްލާހަދާކަމަށް ބުނީމެވެ. މިހެން ބުނުމުން ވަރަށް ފުން މާނޭވާއެއް ލުމަށްފަހު ބުންޏެވެ.ބައްޕަ މުޅި އުމުރު ހޭދަކުރީ މިއާއިލާއަށް ޓަކައެވެ. އެކަމަކު މިހާރު ބައްޕަ މަރުވިތާ އަދި ދެއަހަރު ނުވެގެން އުޅެނިކޮށް ފާޑެއްގެ މީހަކު ގެނެސް ބައްޕަގެ ގޭގަ ބައްޕަގެ ގޮޑީގަ ބޭންދީ ދޯއެވެ؟
މިހެން ބުނި އަޑުއިވިފަ އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.އަދި ބުނާނެ އެއްޗެއްނޭގި އިސްޖަހާލެވުނެވެ. އަހަރެން ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ ސިޓިންގރޫމް މިއުޒިއަމް އަކަށް ހަދަންވީ ހެއްޔެވެ.
އެދުވަހުގެ ފަހުން މަޝްރަހް ވަރަށް ގޯސްވިއެވެ. އޭގެ އެއްހަފްތާފަހުން ކެރަން އެކަނި ގެޔަށް އައެވެ. އަދި އަހަރެން ތާކު ބޭންދުމަށްފަހު ބުންޏެވެ.ތިޔަމީހާ ތިޔައުޅެނީ މަންމަގެ އެކަނިވެރި ހަޔާތުގެ ނާޖާއިޒު ފައިދާ ނަގަން ނޫންކަން ޔަގީން ހެއްޔެވެ؟ ފައިސާޔަށް ކިޔާހެއްޔެވެ؟ އަނެއްކާވެސް ބުނާނެއެއްޗެއް ނޭގި އޭނާޔާ ދިމާލަށް ބަލަހައްޓައިގެން އިނީމެވެ. ނާޖާއިޒު ފައިދާ ނަގަން އުޅޭހޭ އެހިއިރު އަހަރެންގެ ހަޔާތުގައި އިތުރު މީހަކު ބައިވެރި ކުރުމުގެ އުފާ އަހަރެންނަށް ލިބުމަށް އަމިއްލަ ދަރިންވެސް ނޭދެނީ ހެއްޔެވެ؟
އަނެއްކޮޅުން ސެމިއުލް އެންމެ ފަހަރަކުވެސް ”ރަތްރޮނގު“ ހުރަސްކުރާކަށް މަސައްކަތެއް ނުކުރެއެވެ.އެއްފަހަރުވެސް ނުކުރެއެވެ. އޭނަހަމަ އެކަނި އަހަރެން ނާމެދު ހިތްހަމަ ޖެހެނީ އެވެ. އެހެން މީހުންނާ ޚިލާފަށް އޭނަ ގަވާއިދުން އަހަރެންގެ ގެޔަށް އައިސް އަހަރެންގެ ހާލުބަލާ ހަދައެވެ.އަދި ގޭތެރޭގައި ކުރަން ހުންނަ ކުދިކުދި މަރާމާތު ތައް، އަހަރެން ބުނުމަކާނުލާ ކޮށްދީ ހަދައެވެ. އަދި ޑޮކްޓަރަށް ދާން އޮތް ނަމަ ކާރުގަ އަހަރެން އެތަނަކަށް ގެންގޮސްދީ ހަދައެވެ. ރޯގާ ޖެހުމުން ސުޕް ގެނެސްދީ އަދި އަހަރެންނަށް ނިދެންދެން ފޮތް ކިޔާދީ ހަދައެވެ. އޭނާގެ މިއޯގާތެރި އަމަލު ތަކުގެ ސަބަބުން، އެތައް އަހަރެއް ވަންދެން އަހަރެންގެ ވަށާލާފައި އޮތް އެކަނިވެރިކަން މަޑުމަޑުން އަހަރެންނާ ވަކިވާން ފެށިއެވެ.އަހަރެންނަށް ދެވަނަ ފަހަރަށް މީހަކު ދެކެ ލޯބިވާން ފެށުނެވެ.
އުމުރުން 63 އަހަރުގައި މިހެން ވެދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. މުސްކުޅި އުމުރުގަ ވާލޯބީގެ އެހާ ބާރުގަދަ ނުވާނެ ކަމަށް ބައެއްމީހުން ބުނެއެވެ. އެކަމަކު އެހެން ނެއް ނޫނެވެ. އަދި ކީއްހެއްޔެވެ. މިލޯބި މާ ވަރުގަދަ ކަމުގެ އިހުސާސް އަހަރެންނަށް ލިބެއެވެ.އެހެނީ ވަގުތުގެ މުހިންމު ކަންވެސް ތަފާތު ގޮތަކަށް ނެގޭތީއެވެ. ކޮންމެ ހިނދު ކޮޅެއްވެސް މުހިންމު ވީމައެވެ.
އޭގެ އެއްއަހަރު ފަހުން ސެމިއުލް އަހަރެންނަށް ކައިވެނި ހުށައެޅިއެވެ. ބޮޑު އަގޮޓިއެއް އަޅުވާފަ ދިގު ސްޕީޗެއް ދީފައެއްނޫނެވެ. އަހަރުމެން ތިބީ ޕާކްގެ ދިގުގޮޑިއެއްގައި އަސްދޫނިތަކަށް ކާން ދޭށެވެ. އެވަގުތު އަހަރެންގެ އަތުގައި ހިފާލުމަށްފަހު ސެމިއުލް ބުންޏެވެ. ލިޒްގެ(އެލިޒަބަތު ކުރުކޮށްފަ އޭނަކިޔާ ގޮތް) ކުރީގެ ހަޔާތް އަހަރެންނަށް އިޔާދަކޮށެއް ނުދެވޭނެއެވެ. އެކަމަކު ދެން ލިޒްގެ އުމުރުގައި ބާކީ މިއޮތް ދުވަސްތަކުގައި ލިޒްގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އަހަރެން އެދެމެވެ.“ އަހަރެންނަށް ވަގުތުން ރޮވުނެވެ. ދެރަވެގެން ނެއްނޫނެވެ. މީހަކު އަހަރެންނާއެކު މުސްތަޤްބަލެއް ބޭނުންވީމައެވެ.ހުރިހާ އެއްޗެއްޗެއް ގެއްލި ހަޔާތް ނިމުމަކަށް އައި ކަމުގެ އިހުސާސަށް ފަހު މިފަދަ ވާހަކަ އެއް އަޑުއިވުމުން ވީ އުފާ ބުނެދޭންވެސް ނޭގެއެވެ.
އަހަރެން ވަގުތުން ސެމިއުލްގެ ހުށަހެޅުމަށް އާއެކޭ ބުނީމެވެ.
އަހަރެންގެ ކުދިން ކަންތައް ކުރީ ހަމަ އަހަރެން ހީކުރި ގޮތަށެވެ. ކެރަން ދެގަޑިއިރުވަންދެން ރުޔެވެ.އަދި ބައްޕަގެ ހަނދާންތަކަށް އިހްތިރާމް ކުޑަކުރަނީ ކަމަށް ބުންޏެވެ. އަދި އެކައިވެނި ނުކުރުމަށް ވިސްނުމަށް އެދުނެވެ. އަދި ތިއުމުރުގެ މީހުން އަލުން މީހުންނާ އިންނަނީ ކީއްކުރަންތޯ އެހިއެވެ.
ތިޔަ އުމުރުގެ މީހުންނޭ ބުނާއިރު،މިއުމުރުގެ މީހުން އެކަނިވެރި ނުވާނެ ހެއްޔެވެ؟ މުސްކުޅިންނަށް ލޯތްބާއި އޯގާތެރިކަން ބޭނުން ނުވާނެހެއްޔެވެ؟ހޭން ބޭނުން ނުވާނެ ހެއްޔެވެ؟އަނެކާގެ އޯގާތެރި ބީހުން ބޭނުން ނުވާނެ ހެއްޔެވެ؟ އެކުގަ އުޅޭނެ މީހަކު ބޭނުންނުވާނެ ހެއްޔެވެ؟
އެދުވަހުގެ ފަހުން އެންމެ ހަގު ދަރިފުޅު ޑެނީސް އަހަރެންނާ ވާހަކަ ދެއްކުން މުޅިން ހުއްޓާލިއެވެ. މައިކަލް ބުނީ ސެމިއުލް އަކީ މަކަރުވެރިއެއްކަމުގައެވެ. އަދި ބައްޕަގެ ބަދަލުގަ މީހަކު ހޯދީދޯއޭ ބުންޏެވެ. ކާން ތިބެފަ އަހަރެންގެ އަތް ތުރުތުރު އަޅަން ފެށިވަރުން އޫ އަތުން ދޫނުވީ ކިރިޔާއެވެ. އެވަގުތު އަހަރެންގެ ބޮޑުވެފަހުރި ފިރިހެން ދަރިފުޅާ ދިމާލަށް ބަލާލުމަށްފަހު އަހަރެން ބުނީމެވެ. ”އެއްވެސް މީހަކަށް ތިޔަކުދިންގެ ބައްޕަގެ މަގާމު ނުފުރޭނެއެވެ.“
ފުރަތަމަ ފިރިމީހާ މަރުވުމަށް ފަހު އަހަރެން އަލުން މީހަކުދެކެ ލޯބިވުމަކީ އެކުދިންނަށް ގަބޫލު ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.
އަހަރެންނާއި ސެމިއުލްގެ ކައިވެނި ދެފަހަރަށް ފަސްކުރީމެވެ. ކުދިންގެ ރުހުން ލިބޭތޯއެވެ. އެކަމަކު އެކުދިން އެނބުރޭ ގޮތެއް ނުވިއެވެ. އޭގެ އެއްހަފްތާފަހުން ތިން މީހުން އެއްކޮށް އަހަރެންގެ ގެޔަށް ގެނެސް ވާހަކަ ދެއްކީމެވެ. ހަމަ އެކަނި މަންމައެއްގެ ހައިސިއްޔަތުން ނެއް ނޫނެވެ.އަހަރެން ބުނީމެވެ. ”ތިޔަ ކުދިންގެ ބައްޕަ އަކީ އަހަރެންގެ މުޅި ހަޔާތުގައިވެސް އެންމެ ލޯބިވީ މީހާއެވެ. އެކަން ބަދަލް ނުވެ އެގޮތުގައި ދެމިއޮންނާނެއެވެ. ބައްޕަ އަހަރުމެންނާ ވަކިވެގެން ދިޔަނަމަވެސް މަންމަ މިއަދުވެސް މިހުރީ ދިރި ދުނިޔޭގައެވެ. ހަމައެކަނި ތިޔަ ކުދިންގެ ހިއްހަމަ ޖައްސާ ދިނުމަށްޓަކާ، ދެން އޮތް މަދު އަހަރު ތައް، އަހަރެންނަށް ލޯބި، ބައިވެރިޔަކު އަދި އުފާވެރިކަން ބޭނުން ނުވާކަމަށް ހެދިގެން ހުރެ ދުއްވާލާކަށް އަހަރެން ބޭނުމެއް ނޫނެވެ.“ ނަމަވެސް މިވާހަކަ ތައް އަޑުއަހާކަށް އެކުދިން ބޭނުމެއް ނުވިއެވެ. މައިކަލް ސީދާ އަހަރެންނާ ދިމާލަށް ބަލާލުމަށްފަހު ބުންޏެވެ. ”ތިޔަ ކައިވެނި ކޮށްފިނަމަ އަހަރުމެންނާ އެކު އޮތް ގުޅުން ބަދަލުވާނެކަން ހަނދާން ކުރާށެވެ.“
އެމީހުން ދިއުމަށްފަހު އަހަރެންގެ މަރުވި ފިރިމީހާގެ ފޮޓޯ އަށް ބަލަހައްޓައިގެން ގަޑިއެއްހާއިރު އަހަރެންނަށް އިދެވުނެވެ. އަދި ވަރަށް ގިނައިރު ރުއީމެވެ.
ސެމިއުލް ދެކެ މިއަދު އަހަރެން ކިތަންމެ ލޯބިވީނަމަވެސް ކުދިންނާ ވަކިވާން ޖެހިދާނެ ކަމަށްޓަކައި އަހަރެންގެ ހިތް ކުދިކުދި ވާކަހަލަ އެވެ. ސެމިއުލް އަށް ގުޅާފަ ހުރިހާކަމެއް ނިންމާލަންވެސް އަހަރެން އެތައް ފަހަރަކު ހިތަށް އެރިއެވެ. ސެމިއުލް ދެކެ ލޯބި ނުވާތީ އެއްނޫނެވެ. މަގޭކުދިން މަށަށް ގެއްލިދާނެތީއެވެ.
އެވަގުތު ފޯނު ރިންގ ވިއެވެ. ގުޅީ ސެމިއުލް އެވެ. އޭނަގެ އަޑު ޖެހުމާއި އެކު އަހަރެންނަށް ރޮވިއްޖެ އެވެ. އެއަށްފަހު ހުރިހާވާހަކައެއް ކިޔައި ދިނީމެވެ.ވާހަކަތައް އަޑުއެހުމަށްފަހު އެއްޗެއް ނުބުނެ ވަރަށް ގިނަ އިރު އިނުމަށްފަހު ބުނިއެއްޗަކުން އަހަރެންނަށް ވަރަށް ސިހުން ލިބުނެވެ. ”އަހަންނާ ވަކިވުމަކީ ލިޒް ހަގީގަތުގައިވެސް ބޭނުންގޮތްކަމަށް ވާނަމަ ލިޒް ދޫކޮށްލާ ވަރަށް އަހަރެން ލިޒް ދެކެލޯބިވެއެވެ.ނަމަވެސް އެންމެ ވާހަކައެއްއަހާލަން ބޭނުމެވެ. ލިޒް ގެ ފިރިމީހާ ލިޒްދެކެ ހަގީގީ ލޯބިވީނަމަ، ލިޒްގެ ހަޔާތުގެ ބާކީ ބައި އެކަނިވެރިކަމުގައި ހޭދަކުރަން ބޭނުންވީސް ހެއްޔެވެ؟ އެހެން އެންމެންގެ ހިތްހަމަ ޖައްސާދިނުމަށް އަމިއްލަ އުފާވެރިކަން މަޑުޖައްސާލާފައި ބާއްވާނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟“
(ނުނިމޭ)
![]()
