ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތު ކުރުކޮށް، ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އެ ބިލު މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ، ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒެވެ.
އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތު ކުރު ކުރުމަށް ހިމަނައި އެބިލުވަނީ ހުށައަޅައިފައެވެ.
އެގޮތުން އެ ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަސްތެރޭގައި އަލުން އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ވަނީމބުނެފައެވެ. އަދި އެ މަސައްކަތް ފަށަނީ، ޑިރެކްޓާ ޖެނެރަލް (ޑީޖީ) އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ އުސުލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިހާރު ގާނޫނު އޮތް ގޮތުން، އިންތިހާބުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނަށް ފެށޭނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު، އިންތިހާބު ބޭއްވުމަކީ ސިއްހަތަށް ނުރައްކަލެއް ނެތް ކަމެއް ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ކަނޑައެޅުމަށްފަހު އެވެ. ނަމަވެސް މިހާރު ބިލު އޮތް ގޮތުން ޑީޖީގެ އިރުޝާދާއެކު އިންތިހާބު ބޭއްވުމަށް ކޮމިޝަނަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ.
މީގެ އިތުރުން ދެން އިންތިހާބާ ބެހޭ އާންމު ގާނޫނުގައި އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތުތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ޖުމްލަ ހަ ކަމެއްގެ މުއްދަތު ކުޑަކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ.
އިންތިހާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައިވެ އެވެ. ބިލުގައި އެ މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފަ އެވެ.
ވޯޓާސް ލިސްޓު އާންމުކުރުމާއެކު ޝަކުވާ ހުޅުހެޅުމަށް މިހާރު 10 ދުވަސް އޮތް ނަމަވެސް އެ މުއްދަތު ފަސް ދުވަހަށް ކުޑަ ކުރުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި އެ ހުށަހެޅޭ ޝަކުވާއަކާ މެދު ފަސް ދުވަސް ތެރޭ ގޮތެއް ނިންމުމަށް އޮތް އިރު، އެ މުއްދަތު ތިން ދުވަހަށް ކުޑަ ކުރުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.
ވޯޓާސް ލިސްޓަށް ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިމުމެއްގެ މައްސަލަ ހައި ކޯޓަށް ފަސް ދުވަސްތެރޭ ހުށަހަޅަން ޖެހެ އެވެ. އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި 15 ދުވަސް ތެރޭ އެ މައްސަލައަކާ މެދު ހައިކޯޓުން ގޮތެއް ނިންމަން ޖެހޭ އިރު، އެ މުއްދަތުވެސް ވަނީ ހަތް ދުވަހަށް ކުޑަކޮށްފަ އެވެ.
ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށް އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވެ އެވެ. އެ މުއްދަތު ހަތް ދުވަހަށް ކުޑަކުރުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި އެ މައްސަލައަކާ ގުޅިގެން މިހާރު އޮތް ގޮތުން 30 ދުވަސް ތެރޭ ހައިކޯޓުން ގޮތެއް ނިންމަން ޖެހެ އެވެ. ބިލުގައި މިހާރު އޮތް ގޮތުން 15 ދުވަސް ތެރޭ ހައިކޯޓުން ގޮތެއް ނިންމަންޖެހެ އެވެ.
އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވެން އޮތީ، ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު އިސްލާހުކޮށްގެންނެވެ. އެ ގާނޫނު އިސްލާހު ކުރުމަށް ބުދަ ދުވަހު މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެހެން ކަމުން ބިލުގެ ފުރަތަމަ ކިޔުން އިއްވުން އެދުވަހު އޮންނާނެ އެވެ.