އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނާ ދެކޮޅަށް މިހާތަނަށް ހިންގާ އެންމެ ވަރުގަދަ އަދި ”ފުނޑުފުނޑުކޮށްލަނިވި އިގްތިސާދީ އޮޕަރޭޝަން“ އިއުލާނު ކުރައްވާފައެވެ. މިއީ ފަސް މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި، ތެހެރާނަށް ދޭ ޕްރެޝަރު އިންތިހާއަށް އިތުރުކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. ބުދަ ދުވަހު ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް އީރާނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގައި އެ ގައުމު ”ފެއިލްވެފައިވާ“ ކަމަށާއި، ދެން އެ ގައުމަށް ކުރިމަތިލާން ޖެހޭނީ ”މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ ފަދަ ވަރުގަދަ އިގްތިސާދީ ހަނގުރާމައަކާއި އެކަހެރިކުރުމަކާ“ ކަމަށެވެ.
ޓްރަމްޕްގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން އިންޒާރު ދެއްވީ، އީރާނަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ ގައުމެއްގެ ބޭންކުތަކާއި، ވިޔަފާރިތަކާއި، އެއާޕޯޓުތައް ނުވަތަ ސަރުކާރުގެ އިދާރާތަކަށްވެސް ”ބޮޑެތި އިގްތިސާދީ ގެއްލުންތަކަކާ“ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ތެޔޮ ވަގަށް ބޭރުކުރުމާއި، ކަރަންސީ ސްވަޕް ލައިންތަކާއި، ފައިސާ ޓްރާންސްފާކުރުމާއި، މަނީ އެކްސްޗޭންޖުތަކާއި، އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި، އަދި ވަގު ވިޔަފާރި ކުންފުނިތައް (ފްރަންޓް ކޮމްޕެނީތައް) ފާހަގަކުރައްވައި، މި ފިޔަވަޅުތަކަކީ ”އިގްތިސާދީ ޑީ-ޑޭ“ އެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ތެހެރާން އެކަހެރިކުރުމަށް އެމެރިކާގެ ބައިވެރިންނަށް ގޮވާލެއްވިއެވެ.
މި ފިޔަވަޅަކީ ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު ހަނގުރާމަ ފެށުމާއެކު ވޮޝިންޓަނުން ފެށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކެމްޕޭން ކަމަށްވާ ”އޮޕަރޭޝަން އިކޮނޮމިކް ފިއުރީ“ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. އެ ކެމްޕޭނުގެ ދަށުން މިހާރުވެސް ވަނީ އީރާނުގެ ތެލާއި، މުދާ އުފުލުމާއި، މާލީ ދާއިރާތައް ހުއްޓުމަކަށް ގެނެސް، އެ ގައުމުގެ ބަނދަރުތައް ކަނޑުމަގުން ބަންދުކޮށްފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ މި އިންޒާރަށް މާ ބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލާފައެވެ. އައި.އާރު.އައި.ބީ އިން މިކަން ސިފަކުރީ އަސްކަރީ ގޮތުން ދިން ޕްރެޝަރު ފެއިލްވެފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައެވެ. ތަސްނީމް ނިއުސް އިން މިއީ އަލަށް ވީ ކަމެއް ނޫން ކަމަށް ބުނިއިރު، ފާރސް ނިއުސް އިން ވަނީ އީރާން ”ހަލާކުވެ ބިމާހަމަވާން ކައިރިވެއްޖެ“ ކަމަށް ބުނެ އެމެރިކާއިން ތަކުރާރުކޮށް ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ކުށްހީއެއް ކަމަށް ބުނެ ބޭރުކޮށްލާފައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން ތެހެރާނަށް މިހާރު ވަރަށް ރަނގަޅަށް އެނގޭ ކަމަށްވެސް ފާހަގަކުރިއެވެ.
މި އިއުލާނު އައިސްފައިވަނީ އީރާނުގެ މުހިންމު ވިޔަފާރި ބައިވެރިއެއް ކަމަށްވާ ޔޫ.އޭ.އީ އިން، ތެހެރާނާއެކު އޮތް ހުރިހާ މާލީ ގުޅުމެއް ކަނޑާލިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ. ޔޫ.އޭ.އީ އިން ތުހުމަތުކުރާ ގޮތުގައި އީރާނުން ވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. ނަމަވެސް އީރާނުން މިކަން ދޮގުކޮށް، މިއީ އެ ގައުމު ބަދުނާމުކުރުމަށް ރާވައިގެން ހިންގި ”ފޯލްސް-ފްލެގް“ އަމަލެއް ކަމަށް ބުނެފައިވެއެވެ. މެދުއިރުމައްޗާ ބެހޭ އިގްތިސާދީ މާހިރު ނާދިރު ޙަބީބީ ގަބޫލުކުރައްވާ ގޮތުގައި ޔޫ.އޭ.އީ ލައްވައި މި ނިންމުން ނިންމުވީ ސިއްރިޔާތުގައި ވޮޝިންޓަނުން ބާރުއަޅައިގެންނެވެ. އޭނާ މިކަމުގެ ހެއްކެއްގެ ގޮތުގައި ދެއްކެވީ އަންގާރަ ދުވަހު ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި އެމިރޭޓްސްގެ ސެކިއުރިޓީ ޗީފް ޝައިޚް ތަހްނޫން ބިން ޒައިދު ފޯނުން ދެއްކެވި ވާހަކަފުޅެވެ. ދެން މިފަދަ ފިޔަވަޅުތަކެއް އަމާޒުވާނެ ކަމަށް ބެލެވެނީ ޗައިނާ، އިރާގު އަދި ތުރުކީއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އީރާނުގެ ސާފުނުކުރާ ތެޔޮ ގަންނަ އެންމެ ފަހުގެ ބޮޑެތި ކަސްޓަމަރުން ކަމުގައިވާ މިނިވަން ”ޓީޕޮޓް“ ރިފައިނަރީތަކާ ގުޅިފައިވާ ޗައިނާގެ ބޭންކުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. ސަބަބަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯނުލެނބުމަށް ބެއިޖިންގ އިން އެ ގައުމުގެ ކުންފުނިތަކަށް އަންގާފައި ވާތީއެވެ.
ރިސްކް އެނަލިސްޓް ބްރެޓް އެރިކްސަން ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް މި ވަސީލަތްތަކުގެ ބޭނުން ހިފުމަށް ޓްރަމްޕް ފަސްޖެހިވަޑައިގެންފައިވުމުން ދޭހަވަނީ މިކަމުގައި ހުރި ނުރައްކާތެރިކަމެވެ. އެހެންނަމަވެސް، ޔޫ.އޭ.އީ އިން ހަގީގީ މާނައިގައި މިކަން ތަންފީޒުކުރުމާއެކު، ޗައިނާގެ ބޭންކުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ އެއީ ބޭނުންކުރެވެން އޮތް ”އެންމެ ނަތީޖާ ނެރެދެނިވި ބާރު“ ކަމުގައި ވާނެއެވެ. އެހެންނަމަވެސް، އޭނާ އިންޒާރު ދެއްވި ގޮތުގައި ވޮޝިންޓަނަށް އޮތް އެންމެ ބޮޑު ހުރަހަކީ ވަގުތެވެ. ސަބަބަކީ އިގްތިސާދީ ޕްރެޝަރުގެ މުހިންމުކަން ދެއްކުމަށްޓަކައި އަވަސް ނަތީޖާތަކެއް ފެންނަން ޖެހޭތީއެވެ.
އަލްޖަޒީރާގެ ވޮޝިންޓަން ކަރެސްޕޮންޑެންޓް މައިކް ހަންނާ ވިދާޅުވި ގޮތުގައި، މި އިއުލާނަކީ ތެހެރާނަށް ވުރެ ބޮޑަށް، ދިގުލައިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ފޫހިވެ ވަރުބަލިވަމުންދާ އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށްފައިވާ އިއުލާނަކަށް ވުން އެކަށީގެންވެއެވެ.
![]()
