އެމެރިކާގެ ފްލެގްޝިޕް އެއާރކްރާފްޓް ކެރިއަރ މެދުއިރުމަތީގައި އިތުރު 9 މަސްދުވަސް ހޭދަކުރަންޖެހުމުން އެ އުޅަނދުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިފައިން ބޯގޮވައި އަމިއްލައަށް މަރުވަން ކަނޑަށް ފުންމާލަން މަސައްކަތް ކުރަމުން އަންނަކަން ޔޫ އެސް މީޑިއާއިން ރިޕޯރޓް ކޮށްފިއެވެ. ކާ ބޯ އެއްޗެހި ރޭޝަންކޮށްފާ އޮތުމާއި ފާޚާނާތައް ހަލާކުވެ ތާހިރުވެވެން ނެތުމާއި ފެނަށްޖެހި ފެންވަރާ ގައިންތާހިރުވޭވެނެ ގޮތެއްވެސް ނެތްކަން އެނގިފައިވާކަމަށް ގަލްފު ސަރަހައްދުގައި ތާށިވެފާއޮތް އެއާރކްރާފްޓް ކެރިއަރ ގައި މަސައްކަތްކުރާ ސިފައިންގެ މީހުންގެ އާއިލާތަކުން މީޑިއާތަކަށް ކިޔާދީފައިވެއެވެ. 1989 ވަނައަހަރު ޔޫ އެސް އެސް އަބްރަހަމް ލިންކަން ބަނުމަށްޓކައި 2.2 ބިލިއަން އެމެރިކާޑޮލަރ ޚަރަދުކޮށްފައިވާކަމަށް ވެއެވެ.
ނަމަވެސް އެވަރުގެ ބިޔަ އުޅަނދުފަހަރަކީ ގަލްފް ސަރަހައްދުގައި ބޭނުންގޮތަކަށް އަނބުރާ ހޭރިޔާ ކުރެވޭނެ އުޅަނދުފަހަރަށް ނުވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންވެސް ވަނީ ޖެހިފައެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގާ އީރާނުގެ މިސައިލްތަކަށް ބިރުން ޔޫ އެސް އެސް ޖޯރޖް ވޯޝިންގޓަން ވަނީ އީރާނުގެ ސަރަހައްދު ދުރަށް ގެންދަން ޖެހިފައެވެ. އަދި ހޫތީ މުޖާހިދުންގެ އަތުގައި އެއާރކްރާފްޓް ކެރިއަރ ނެތް ކަމުގައިވިޔަސް އެ ޖަމާއަތުން ދެމުންގެންދިޔަ ހަމަލާތަކަށް ބިރުން ރެޑް ސީގައި ހަރަކާތްތެރިވަމުންގެންދިޔަ އެމެރިކާގެ މަނަވަރުތައްވެސް ވަނީ ވަރަށް ދުރަށް ގެންދަން ޖެހިފައެވެ.
5000 އަށްވުރެން ގިނަ ސިފައިންނާއެކު ޔޫ އެސް އެސް އަބްރަހަމް ލިންކަން ހަރަކާތްތެރިވަމުންގެންދަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުގައެވެ. އެއާރކްރާފްޓް ކެރިއަރ އޭޝިއާ އާއި ޕެސިފިކް އަދި މެދުއިރުމަތީގެ ދިގު ދަތުރަކަށް ހޯމްޕޯރޓް ސެން ޑައާގޯއިން ނައްޓާލީ 21 ނޮވެމްބަރ 2025 ގައެވެ. އޭގެފަހުން އެއުޅަނދު ބަނދަރެއްގައި މަޑުކޮށްފައިވަނީ ހަމައެކަނި އެންމެ ދުވަހަކަށް ޑިސެމްބަރ މަހު 11 ން 12 ށް ގުއާމްގެ ނޭވަލް ބޭސް ގައެވެ.
އީރާނުގެ ބަނދަރުތަކަށް ބޯޓުފަހަރު ދަތުރުކުރުން މުއްދަތެއް ނެތް ގޮތުގައި ބަންދުކޮށްފައިބާއްވާނެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި ދިފާޢީ ވަޒީރު ޕީޓް ހެގްސެތު އިއުލާންކުރައްވާފައިވާއިރު އެއާރކްރާފްޓް ކެރިއަރ ބޭނުންކޮށްގެން އެކަން ކުރާނީ ކިހެނެއްތޯ މީޑިއާތަކުގައި އުފެދިފައިވާ ސުވާލުތައް ވަރަށް ގިނައެވެ.
އެމެރިކާގެ މިލިޓްރީ ހަރަކާތްތައް ރިޕޯރޓް ކުރަމުންގެންދާ ނޭވީ ޓައިމްސް އަދި ސްޓާރ އާއި ސްޓްރައިޕްސްގެ ހާމަކުރުން ތަކަށްބަލާއިރު އެ އުޅަނދުގައި މަސައްކަތްކުރަމުންގެންދާ ސިފައިންގެ ސިއްހީ ފެންވަރު ދަށްވެ އެ މީހުން ބޯގޮވައި އަމިއްލައަށް މަރުވުމުގެ ވިސްނުން އަށަގެންފައިވާކަން މިދިޔަ ހަފުތާގައި އާއިލާ ތަކުން ވަނީ ކިޔާދީފައެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ސަރުކާރަށް ކުރަމުންގެންދާ ފިއްތުންތަކާހުރެ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް އަބްރަހަމް ލިންކަންގެ ހާލަތު ދެނެގަތުމަށްޓަކައި ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރ މިހާރު އެ އުޅަނދަށް ވަޑައިގެންފިއެވެ. އެ އުޅަނދު ކަނޑުމަތީގައި ހޭދަކޮށްފައިވާ ދިގު މުއްދަތުގައި ފަޅުވެރިން ދިން އެއްބާރުލުމަށް އެޑްމިރަލް އުފާކުރާކަން ވަނީ ހާމަކޮށްފައެވެ. އަދި އެމެރިކާގެ ނޭވީގައި އޮތް 11 އެއާރކްރާފްޓް ކެރިއަރ ގެ ތެރެއިން އެންމެ މަދުން މިވާބަތުގެ މައްސަލަ އުފެދުނު އުޅަނދަކީ ޔޫ އެސް އެސް އަބްރަހަމް ލިންކަން ކަމުގައި ފާހަގަ ކުރިއެވެ.
ޔޫ އެސް އެސް އަބްރަހަމް ލިންކަންގެ ފަޅުވެރިންނަށް ދިމާވެފައިވާ ބޯ ގޮވުމުގެ މައްސަލައަކީ މާބޮޑުކަމަކަށް ނުހަދާ ދޫކޮށްލުމުން ދިފާއީވަޒީރު ހެގްސެތުއަށް ޑިމޮރެޓުންނާއި ރިޕަބްލިކަން މެމްބަރުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަބްރަހަމް ލިންކަން ކަނޑުމަތީގައި ވަރަށް ގިނަ ދުވަސް ހޭދަކޮށްފިތޯ ރައީސް ޓްރަމްޕް އަށް މިދިޔަ ހަފުތާގައި ނޫސްވެރިން ދެންނެވުމުން އަދި އެހާ ގިނަ ދުވަހެއް ނުވާކަމަށް ވަނީ ޖަވާބު ދެއްވާފައެވެ. އެހެންނަމަވެސް ޔޫ އެސް އެސް އަބްރަހަމްލިންކަން ގެ ބަދަލުގައި މިދިޔަ ހަފުތާގައި ޔޫ އެސް އެސް ޖޯރޖް ވޯޝިންގޓަން ގަލްފު ސަރަހައްދަށް ދިއުމަށް ދަތުރު ފަށައިފިކަމަށްވެއެވެ. ނިއުކްލިއަރ ހަކަތައިން ދުއްވާ އުޅަނދުފަހަރުގައި ގާއިމްކޮށްފައިހުންނަ އެންމެ ފަހުގެ ވަސީލަތްތައް ކަނޑުމަތީގައި އުޅަނދު އޮންނަ ދުވަސްވަރު ރަނގަޅަށް މަރާމާތު ނުކުރެވޭނެކަމަށާއި އެކަމަށް އެއްގަމުގެ ވަސީލަތްތައްވެސް ބޭނުންވާނެކަމަށް ކިލޯވަން ގްރޫޕްގެ ރައީސް ހާރލަން އުލްމަން އަލްޖަޒީރާއަށް ކިޔާދީފައިވެއެވެ.
މީގެކުރިން ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ބައެއް އެއާރކްރާފްޓް ކެރިއަރ ދިގު މުއަދަތެއް ކަނޑުމަތީގައިވަނީ ހޭދަކޮށްފައެވެ. އެކަމަކު އޭގެ ސަބަބުން ފަޅުވެރިން ހަރަކާތްތެރިވުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރިކަން ފާހަގަ ކުރެވިފައި ވެއެވެ.
![]()
