ތެޔޮ ހުސްވެ ކިއުބާގެ މުޅި ގައުމުން ކަރަންޓު ކެނޑިއްޖެ

Loading

Facebook
Twitter
WhatsApp

ކިއުބާގެ މުޅި ގައުމުން ކަރަންޓު ކެނޑުމުގެ ދެވަނަ ހާދިސާއެއް އެއް ހަފުތާ ތެރޭގައި ހިނގައިފިއެވެ. މިއާއެކު އެ ގައުމުގެ ހަކަތައިގެ މައްސަލަ އިތުރަށް ގޯސްވެ، އެތައް މިލިއަން ރައްޔިތުންނެއް ކަރަންޓާ ނުލައި ތިބެންޖެހި، ގައުމުގެ ބާވެފައިވާ އިންފްރާސްޓްރަކްޗަރާއި ތެލުގެ ދަތިކަމާ މެދު ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ދައުލަތުގެ ކަރަންޓު ކުންފުނި، ޔޫނިއަން އިލެކްޓްރިކާ ޑި ކިއުބާއިން ބުނި ގޮތުގައި، އެންމެ ފަހުން ކަރަންޓު ކެނޑެން ފެށީ ހުކުރު ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 4:30 ހާއިރުއެވެ. އިރުއޮއްސުމުގެ ކުޑަވަގުތުކޮޅެއް ކުރިން މުޅި ގައުމުން ކަރަންޓު ކެނޑި، ގައުމުގެ ބޮޑު ބައެއް އަނދިރިވިއެވެ. މިކަން ދިމާވި ސަބަބެއް އޮފިޝަލުން ވަގުތުން ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ ހޯމަ ދުވަހު މުޅި ގައުމުން ކަރަންޓު ކެނޑުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. މިއީ 2026 ވަނަ އަހަރު ފެށުނު ފަހުން ކިއުބާގެ މުޅި ރަށުން ކަރަންޓު ކެނޑުނު ހަތަރުވަނަ ފަހަރެވެ. މީގެ އިތުރުން މާރިޗު މަހުވެސް ދެ ފަހަރަކު މުޅި ގައުމުން ކަރަންޓު ކެނޑިފައިވެއެވެ.

ކިއުބާގެ ބާވެފައިވާ ކަރަންޓު ނެޓްވޯކުގެ ސަބަބުން ކަރަންޓު ކެނޑުމަކީ ކުރިންވެސް ދިމާވާ ގޮންޖެހުމެއް ނަމަވެސް، އެމެރިކާއިން އަޅާފައިވާ އާ ހުރަސްތަކާއެކު މިއަހަރު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް މާހިރުން ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު، ކިއުބާއަށް ބޭރުން ލިބޭ ތެލުގެ ސަޕްލައި ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުއްވިއެވެ. ޖެނުއަރީ މަހު އޭނާގެ ސަރުކާރުން އިޢުލާނުކުރި ގޮތުގައި، އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއްގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުން ދުރުކުރުމާ ގުޅިގެން، ދެން ވެނެޒުއޭލާއަކަށް ކިއުބާއަށް ތެޔޮ ނުވަތަ މާލީ އެހީތެރިކަން ފޯރުކޮށެއް ނުދެވޭނެއެވެ.

އެ މަހުގެ ފަހުކޮޅު، ޓްރަމްޕް ވަނީ ކިއުބާއަކީ އެމެރިކާއަށް އޮތް ”ޣައިރު އާދައިގެ އަދި އާދަޔާޚިލާފު ނުރައްކަލެއް“ ކަމަށް ކަނޑައަޅުއްވައި، އެ ރަށަށް ތެޔޮ ފޯރުކޮށްދޭ ގައުމުތަކަށް ބޮޑެތި ޓެރިފްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އޭގެ ފަހުން ކިއުބާއަށް ތެޔޮ ހިފައިގެން ދިޔައީ ރަޝިޔާގެ އެންމެ ތެޔޮ ޓޭންކަރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ މާރިޗު މަހުގައެވެ.

މި ހުރަސްތަކުގެ ސަބަބުން ކިއުބާގެ ކަރަންޓު ނިޒާމަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ބުނާ ގޮތުގައި، އެ ގައުމަށް ބޭނުންވާ ތެލުގެ ތެރެއިން އުފެއްދެނީ އެންމެ 40 އިންސައްތައެވެ. އެހެންކަމުން ކަރަންޓު އުފައްދާ މަރުކަޒުތައް ހިންގުމަށް އެ ގައުމު ބޮޑަށް ބަރޯސާވަނީ އިމްޕޯޓްކުރާ ތެލަށެވެ.

އިންސާނީ އެހީދޭ ޖަމިއްޔާތަކާއި އދ. ގެ އޮފިޝަލުން ދަނީ ތެލުގެ ދަތިކަމުގެ ސަބަބުން ކިއުބާގެ އާންމު ރައްޔިތުންނަށް ކުރާ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު ވޮލްކާ ޓާކް އިންޒާރު ދެއްވި ގޮތުގައި، ތެލުގެ ހުރަސްތައް ވަރުގަދަކުރުމާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ސީދާ އަސަރު ކުރަމުންދެއެވެ. އޭނާ ވިދާޅުވި ގޮތުގައި ތެލުގެ ދަތިކަމުގެ ސަބަބުން ދަތުރުފަތުރާއި ސިއްހީ ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޮސްޕިޓަލްތަކަށް ބޭނުންވާ މުހިންމު ބޭހާއި ސިއްހީ ސާމާނު ހޯދުމަށް ވަނީ ދަތިވެފައެވެ. އަދި ފާއިތުވި މަސްތަކުގައި ތުއްތު ކުދިން މަރުވާ ނިސްބަތް ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވާ ކަމަށްވެސް ޓާކް ފާހަގަކުރެއްވިއެވެ.

ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން މި މައްސަލައިގެ ޒިންމާ އެމެރިކާގެ ސިޔާސަތުތަކުގައި އެޅުވުން ގަބޫލެއް ނުކުރެއެވެ. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ކަރަންޓު ކެނޑެނީ މައިގަނޑު ގޮތެއްގައި ކިއުބާ ސަރުކާރުގެ މެނޭޖްމަންޓް ދަށްވުމުގެ ސަބަބުން ކަމަށެވެ.

މި ދަނޑިވަޅުގައި، ކިއުބާއިން ދަނީ ޗައިނާގެ ޓެކްނޮލޮޖީގެ އެހީގައި ސޯލާ ޕަވަރ ފަދަ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ފުޅާކޮށް، އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.ނަމަވެސް، މިހާރު އެ ޤައުމުގައި އުފައްދާ ކަރަންޓުގެ ފަސްބައިކުޅަ އެއްބަޔަށްވުރެ މަދު މިންވަރެއް އިއާދަކުރަނިވި ހަކަތައިން ހިއްސާކުރާއިރު، ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހަކަތައިގެ ކާރިސާއާ ކުރިމަތިލާއިރު، އެ ގައުމު އަދިވެސް ބޮޑަށް ބަރޯސާވެފައިވަނީ ތެލަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް