އެމެރިކާގައި އަލަށް ތައާރުފް ކުރެވޭ 100 ޑޮލަރު ބޭންކު ނޫޓުގައި އެގައުމުގެ 250 ވަނަ މިނިވަން ދުވަހާ ދިމާކޮށް މިހިނގާ ޖުލައިމަހުގެ 3 ވަނަދުވަހު މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޮއިކުރެއްވުމުގެ ޝަރަފް ލިބިވަޑައިގެންފިއެވެ. އާންމުގޮތެއްގައި އެމެރިކާ ޑޮލަރުގައި ސޮއި ކުރައްވަނީ މާލީއްޔަތާ ބެހޭ ވަޒީރާއި ޓްރެޒަރަރއެވެ. މިއީ އެމެރިކާގެ ރައީސަކު އެ ގައުމުގެ ފައިސާގައި ސޮއިކުރެއްވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ދެކިވަޑައިގަންނަވާގޮތުގައި 100 ޑޮލަރ ނޫޓުގައި ރައީސް ޓްރަމްޕް ސޮއިކުރެއްވުމަކީ އެމެރިކާގެ ގޯލްޑަން އޭޖް އިކޮނޮމީ އަލުން އިއާދަކުރުންކަމުގައި ދެބަސް ނުވެވޭނެއެވެ. އަދި އެއީ ރައީސް ޓްރަމްޕްއަށް ލިބިވަޑައިގަންނަވަންޖެހޭ ޝަރަފެކެވެ. އެމެރިކާގެ ކުރިއެރުމަށްޓަކައި ރައީސް ޑޮނާލްޑް ޖޭ ޓްރަމްޕް ކުރައްވަމުންގެންދަވާ ބުރަމަސައްކަތް މި ގައުމުން ބަލާގަތުމަށް މިއައްވުރެން ޝަރަފްވެރި ގޮތެއްވެސް ނޯންނާނެކަމަށްވެސް ބެސެންޓް ވިދާޅުވިއެވެ.
މި 100 ޑޮލަރ ނޫޓު ވަރަށް ކައިރި މުސްތަގްބަލެއްގައި އާންމު ބޭނުންތަކަށް ލިބެންހުންނާނެކަމަށް އުންމީދުކުރައްވާކަން އެމެރިކާގެ ޓްރެޒަރަރ ބްރޭންޑަން ބީޗް ހާމަކުރެއްވިއެވެ.
އެމެރިކާ ތާރީޚުގައި މި ޝަރަފް ރައީސް ޓްރަމްޕް ހާސިލް ކުރައްވާފައިވާއިރު ކޮންގްރެސްގެ މެމްބަރުން ގެންދަވަނީ އެމަނިކުފާނު ގާނޫނުގެ ކުރިމައްޗަށް ގެނެވި އިމްޕީޗް ކުރެވެން ޖެހޭނެކަމަށް ގޮވަމުންނެވެ. ސެނެޓަރ އެޑްވަރޑް މާރކީ ދެކެވަޑައިގަންނަވާގޮތުގައި އެމެރިކާގެ ރައްޔިތުންގެ ނަމުގައި އީރާނުގެ ސިވިލައިޒޭޝަން ނައްތާލުމާއި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގާ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަން ދޭހަވާ މޭރުމަކުން ފާޅުގައި ވާހަކަ ދެއްކުމާއި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލު އާންމު ހިންގާނެކަން އިއުލާންކުރުން މިއިން ކޮންމެ ކަމަކީ ރައީސް ޓްރަމްޕް އިމްޕީޗް ކުރެވި ޝަރީއަތުގެ ކުރިމައްޗަށް ގެނެވެންޖެހޭ ސަބަބުތަކެކެވެ. އެމެރިކާގެ ރައްޔިތުންގެ ނަމުގައި ރައީސް ޓްރަމްޕް ކޮށްފައިވާ ކުށްތަކަށް ޖަވާބުދާރީ ކުރުވުމަކީ ޑިމޮކްރެޓުންގެ ޒިންމާއެއްކަމަށްވެސް މާރކީ ވިދާޅުވެފައިވެއެވެ.
![]()
