ޕްލީޒް ޕިކަޕް ދަ ކޯލް

Loading

Facebook
Twitter
WhatsApp

އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ވިލާގަނޑު އަނެއްކާވެސް ބާރުގަދަ ތޫފާނަކަށް ބަދަލުވަމުންދާ މިވަގުތުގައި ޑިޕްލޯމެޓިކް ޗެނަލްތަކުން އެންމެ ގިނައިން ފެންނަމުންދާ މެސެޖަކީ “ ޕްލީޒް ޕިކަޕް ދަ ކޯލް “ ކަން ހާމަވެއްޖެއެވެ. ބައެއް ސުރުޚީ ތަކުގައި އެމެރިކާއިން އަމާންދޭން ބޭނުންވާކަމަށް ބުނަމުންދާއިރު އެއީވެސް ހަގީގަތެއް ކަމުގައި ނުބެލެވެއެވެ.

ކަށަވަރު ކުރެވޭ ހަމައެކަނި ޚަބަރަކީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން ސުވިޒަރލޭންޑުގައި އެމެރިކާއާއި އީރާނުން ވެވުނު އެއްބަސްވުމުގައި ގިނަ ރެނދުތަކެއްއަޅައި ކޮންމެ ވަގުތެއްގައިވެސް އޭގެ ބައިތައް ވަކިވަކިވެގެން ހިނގައިދާނެ ކަމެވެ. ގަލްފުގެ ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް އީރާނުން ދެމުންގެންދާ ހަމަލާތައް ފަނާކުރަނިވި ހަމަލާތަކަކަށް ބަދަލު ވަމުންދާއިރު އަހަރެމެންނަށްވެސް ބާރުގެ ބޭނުން ކުރަން އެނގޭކަން ދައްކާލާނަމޭ ބުނެ އެމެރިކާއިން ގެންދަނީ ތަނެއްދޮރެއް ނުބަލައި އީރާނުގެ މަދަނީތަންތަނަށްވެސް ހަމަލާދީ ހަލާކުކުރަމުންނެވެ. އެމެރިކާގެ ނައިބު ރައީސްގެ މި ބަސްފުޅަކީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށާއި މެދު އިރުމަތީގައި ހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް އީރާނުން ދެމުންގެންދާ ބާރުގަދަ ހަމަލާތަކަށް ރައްދު ދިނުމެކެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަކީ މިހާރަކު ފެށުނުކަމެއް ނޫނެވެ. 1979 ގެ އިންގިލާބަށްފަހު ހައްދެއްނެތި އެމެރިކާއިން އީރާނަށް ކުރިމަތި ކުރަމުންގެންދިޔަ ދަތިކުރުމުގެ ފިޔަވަޅުތަކާއި ސިޔާސީގޮތުން ކުރިމަތިކުރަމުން ގެންދިޔަ އުދަނގޫތަކާއި ރައްދުގައި އީރާނުން އެމެރިކާގެ މިލިޓްރީވަސީލަތްތަކަށް ދެމުންގެންދިޔަ ހަމަލާތަކަކީ މި ދެކޮޅުވެރިކަމުގެ ފެށުން ކަމުގައި ބެލެވިދާނެއެވެ. 2020 ވަނައަހަރު އެމެރިކާއިން ހަމަލާދީ އީރާނުގެ ބާރުގަދަ ޖެނެރަލް ގާސިމް ސުލައިމާނީ ޝަހީދުކޮށްލުމާއި ރައްދުގައި އީރާގުގައި ހުންނަ އެމެރިކާގެ މިލިޓްރީވަސީލަތްތަކަށް އީރާނުން ހަމަލާދިނުން ފަހުގެ ތާރީޚުން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު އެމެރިކާގެ ފުރިހަމަ މަދަދާއެކު އިސްރާއީލުން އީރާނަށް ދެމުންގެންދާހަމަލާތަކާއި އެ ހަމަލާތަކުގައި ޝަހީދުކޮށްލެވިގެންދާ އީރާނު މިލިޓްރީގެ އިސްވެރިންގެ ނަންފުޅުތައްވެސް ހަނދާންކުރަން ޖެހެއެވެ. އަދި އެންމެފަހުން 2026 ވަނައަހަރު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ވާހަކަތައްވެސް ހަނދާނުން އަދި ނުފިލައެވެ.
މިއަދު އެމެރިކާއާއި އީރާނުގެ ދެކޮޅުވެރިކަން މި ވަނީ އަނބުރާ ނުގެނެވޭ ހިސާބަށް މާ ކަނޑުގެ ތެރެއިން ބޭރަށް ގޮސްފައެވެ. އެއްގައުމުން އަނެއްގައުމަށް ތުހުމަތުގެ އިނގިލިދިއްކުރުމާއެކު އެންމެ ފަހުން އީރާނުން ދިން ހަމަލާތަކުގައި ކުވާތާއި ބަހްރައިން އަދި ޖޯރޑްންގައި ގާއީމް ކޮށްފާހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަގުރާމައިގާދުނިޔޭގެ އިގްތިސާދު އިނދަޖެހެމުން ދިއުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުސީބާތަކަށް ވެއްޖެއެވެ. ދުނިޔޭގެ ގައުމުތަކަށް ބޭނުންވާ ތެލާއި ގޭހުގެ ވިހި އިން ސައްތަ އެކްސްޕޯރޓް ކުރެވޭ ހަމައެކަނި ކަނޑުއޮޅި “ ސްޓްރެއިޓް އޮފް ހޮރްމުޒް “ އީރާނުން އެވަނީ ބަންދުކޮށްލާފައެވެ. މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސިޔާސީގޮތުން ކުރެވޭ މަސައްކަތްތަކަށް އަދިވެސް އަލި މަގެއް ނުފެނެއެވެ. ސިޔާސީ ގޮތުން ކުރެވެމުންދާ ފޯނުކޯލްތަކުން ރަނގަޅު ނަތީޖާއަކަށް މަގު ހުޅުވިދާނެކަމަށް ދުށުން މިހާތަނަށް ވެގެންމިދަނީ ހަމައެކަނި އުންމީދެއް ކަމަށެވެ. ކުރިއަށް އޮތް ކައިރި މުސްތަގްބަލެއްގައި މެދުއިރުމަތީގެ ހާލަތު މުޅިން އެހެން ގޮތަކަށް ފުރޮޅިގެން ދިއުމަކީވެސް ދުރު ކަމެއް ނޫނެވެ.
ގަލްފުގެ ގައުމުތަކަށް އީރާނުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއްދީފައިވީނަމަވެސް އެ ގައުމުތަކުން އީރާނާއެކުއަލުން ގުޅުން އުފެއްދުމުގެ ވިސްނުން ގެންގުޅޭކަން މީޑިއާތަކަށް ވަނީ އެނގިފައެވެ. މުސްތަގްބަލްގައި އީރާނުން ގަލްފް ކޯޕަރޭޓިވް ކައުންސިލްގެ ގައުމުތަކަށް ހަމަލާނުދެވޭނެފަދަ ވެއްޓެއް އުފައްދައި އަވަށްޓެރި އީރާނާއެކު އިގްތިސާދި ގުޅުންތަކާއި އަދި އެކުގައި ހިއްސާކުރެވޭ އިލެކްޓްރިސިޓީގެ ވަސީލަތްތައް ގާއިމްކުރުމުގެ ވިސްނުން އެ ގައުމުތަކުން ގެންގުޅޭކަންވެސް ވަނީ ހާމަވެފައެވެ. އީރާނާއެކު މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރަން ބޭނުންނުވާކަން ހާމަކުރަމުން ގެންދާ އަދި އިސްރާއީލާއެކު އެންމެ ގާތް ގުޅުމެއް އޮންނަ އެމިރޭޓްސް އިންވެސް މި ކަންކަމާ ގުޅޭގޮތުން މިހާރު ގެންދަނީ އީރާނާއެކު މަޝްވަރާކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް